" މަންމާ!! އަހަރެން އޭނަ ދެކެ ހާދަ ލޯތްބެއް ވެޔޭ.. އަހަރެންގެ ހިތުން އޭނާ ނުފޮހެވުނު.. މަންމާ އަހަރެން އޭނަ ބޭނުން.. އަހަރެންގެ ހިތް މުޅިން ހަލާކުވެއްޖެ!! އޭނަ އަހަރެންނަށް ގެއްލިއްޖެ..!! " ލޫކަން ރޮމުން ކިޔަމުން ދިޔަގޮތުން ދުންޔާއަށްވެސް ރޮވުނެވެ. ފެންނަމުން މިދަނީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ފެނިފައިވާ ނުވާ މަންޒަރެކެވެ. ލޫކަން އެގޮތަށް ރޯނީ އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހިގެންކަން ދުންޔާއަށް އެނގެއެވެ. ދަރިފުޅުގެ ހިތާމަތައް ލުއިކޮށްދެން އެވަގުތު ބުނާނެ އެއްޗެއް ދުންޔާއަށް ނޭނގުނެވެ. ލޫކަންގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައީ އޭނާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އިނދެއެވެ.
*************
ކާރުގައި އިން ދުއާ އަށް ރޮވެނީއެވެ. އާރަވް ކިޔައިދިނުމުން އެރޭ ވީ ހުރިހާ ކަމެއް ދުއާގެ ހަނދާނަށް އަންނަން ފަށައިފިއެވެ. ލޫކަން ކިޔަވަން ބޭރަށް ގޮސް ހުރި ދުވަސްވަރު ދުއާ އާ އެންމެ ގާތް ކޮށް އުޅުނީ އާރަވްއެވެ. ލޫކަން ދިޔަފަހުން ލޫކަންގެ ފަރާތުން ދުރުކަމެއް އިހުސާސް ކުރެވި އެދުވަސްކޮޅު ދުއާއަށް ހުރެވެނީ ދެރަވެފައިނަމަވެސް އެވާހަކަތައް އެހެން މީހުންނަށް ސިއްރުކުރިއެވެ. ކިރިޔާވެސް ދުއާއަށް ހަމަޖެހުމެއް ލިބެނީ އާރަވްއާ އެކު ވަގުތު ހޭދަކޮށްލެވި ވާހަކަދައްކާލެވުމުންނެވެ. ޕާޓީ އޮތް ދުވަހު ދުއާ ރިތިވުމަށްފަހު ލޫކަންއަށް ފޮޓޮއެއް ފޮނުވިއެވެ. އެމެސެޖު ބަލާފައިވެސް ލޫކަން ޖަވާބެއް ނުދިނުމުން ދުއާ އިންތިހާއަށް ދެރަވިއެވެ. އޭގެ ފަހުން އެތައް ފަހަރަކު ލޫކަންއަށް ގުޅަން ދުއާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ލޫކަން ފޯނެއް ނުނެގިއެވެ. ޕާޓީ ތެރޭގައި މާބޮޑަށް ލޫކަން މަތިން ހަނދާންވެ އެކަނިވެރިކަން އިހުސާސްކުރެވެން ފެށުމުން ދެރަވެ ރޮވެން ފެށުމުން ދުއާ ނިކުތީ ބޭރަށެވެ. އެތަނުގައި ހުރި ހިލަ ގޮނޑިއެއްގެ މަތީގައި އިނދެ އެތައް އިރެއްވަންދެން ދުއާ ރުޔެވެ. އާރަވް އައީ ދުއާ އެތަނުގައި އިންދައެވެ. އަނެއްކާވެސް އާރަވްގެ ފުށުން ދުއާއަށް ލިބުނީ އަޅާލުމާއި އޯގާތެރިކަމެވެ. އޭގެ ފަހުން ވީ ހުރިހާ ކަމެއްވީ ނޭނގުމެއްގެ ތެރޭގައި އިޙްތިޔާރުން ބޭރުގައެވެ.
ގެކައިރިއަށް ކާރު މަޑުކޮށްލިކަންވެސް ދުއާއަށް އެނގުނީ ޑްރައިވަރު އެވާހަކަ ބުނުމުންނެވެ. ދުއާ އެވަރަށް ރޯތީ ޑްރައިވަރުވެސް އިނީ ހައިރާންވެފައެވެ. ލާރި ދިނުމަށްފަހު ކާރުން ފައިބާ ގެއަށް ވަންނަން ދުއާ ދިޔައެވެ. އަމިއްލަ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ދުއާ މިސްރާބު ޖެހީ ރިޒާ އޮތް ކޮޓަރިއާ ދިމާލަށެވެ. އެކޮޓަރީގެ ދޮރު ހުޅުވާލުމާއެކު މެޝިންތަކުގެ އަޑުއިވެން ފެށިއެވެ. ދުއާ ގޮސް އިށީނީ ރިޒާ އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައެވެ. އެނދުމަތީގައި އޮތް ރިޒާގެ އަތުގައި ދުއާ ހިފައިލިއެވެ.
" ކާފާ!! ކާފަ ޕްލީޒް ދެން ތެދުވަން އުޅެބާ!! އަހަރެންނަށް މާފު ކުރޭ ކާފާ!! އަހަރެންނަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެ.. ނޭނގުމެއްގެ ތެރޭގައި ނަމަވެސް އަހަރެންނަށް ލޫކްއަށް ބޭވަފާތެރި ވެވިއްޖެ.. ދެން ކިހިނެއް އަހަރެން ހަދާނީ.. ؟ " ދުއާ ރޮމުން ރޮމުން ރިޒާގެ އަތުގައި ނިތްކުރި ޖައްސައިލިއެވެ.
" އަހަރެންނަށް މިވާގޮތެއް ބުނެދޭކަށް ނޭނގޭ.. !! ލޫކްއާ ކައިވެނިކުރަން އަހަރެން ބޭނުންވިވަރު ކާފައަށް ސިއްރުވެފައެއް ނޯންނާނެ.. އެކައިވެންޏަށް މިހާރު އެއްވެސް ހުރަހެއް ނެތް.. އެކަމަކު ކީއްވެ އަހަރެން ކައިވެނިކުރަން އެއްބަސް ނުވެވިގެން މިއުޅެނީ.. އާނ އަހަރެން ބުނަން އެމީހުން ކައިރީ ކާފަ ހޭއެރި ދުވަހަކުންނޭ ކައިވެނިކުރާނީ.. އެކަމަކު އަހަރެންގެ އެބަހުގައި އެއްވެސް ތެދެއް ނުވާކަމުގެ އިހުސާސް ކުރެވެނީ ކީއްވެ؟ އެ ބަހަކީ ޙުދު އަހަރެން ބުނާ ބަހެއް ނޫންތަ؟ ކާފާ!! މިރޭ ތަފާތު ވާހަކައެއް އަހަރެންގެ ހިތް ބުނަން ފަށައިފި.. އެވާހަކައަށް އަހަރެންގެ ހިތާ ސިކުނޑިވެސް ތާއީދު އެބަކުރޭ.. އެކަން އެގޮތަށް ވެދާނެތީ އަހަރެން ބިރުގަނޭ..! އޭނަގެ އެއްވެސް ކުށެއް ނެތް.. ލޫކްގެވެސް ކުށެއް ނެތް........ ހުރިހާ ކުށެއް ކުރެވުނީ އަހަރެންނަށް.. ހުރިހާ ކުށެއް ކުރީ އަހަރެންނާއި އަހަރެންގެ ބާސްނާހާ ހިތް.. ކާފަ ތެދުވެބަލަ!! ހަދަންވީގޮތެއް އަހަރެން ކައިރީ ބުނެބަލަ...!! އަހަރެންނާ އޭނާއާ ދެމެދު ވީ ކަންތައް ލޫކް ކައިރީ ނުބުނެ ކައިވެނިކޮށްފިނަމަ އެވާނީ އޮޅުވާލުމެއް ކަމުގައި.. އެއީ ލޫކްގެ އެންމެ ގާތް އެކުވެރިޔާ... އަހަރެން ގޮތް ހުސްވެއްޖެ ކާފާ!! !! " ވޭނީ ގިސްލުމަކާއެކު ދުއާ ކިޔަމުން ދިޔައެވެ.
*************
ދެފަރާތަށް ކުޑަދޮރުގެ ފަރުދާ ކަހާލައިގެން ބޭރު ބަލަހައްޓައިގެން ދުންޔާ ހުއްޓެވެ. އޭނާގެ ސިކުނޑި ހިޞާރު ކޮށްފައިވަނީ ހުރި ހަމައެކަނި ދަރިފުޅާމެދު ކުރެވޭ ފިކުރުންނެވެ. ލޫކަން އެހެން އަންހެންކުއްޖެއް ދެކެ އެހާ ލޯބިވާއިރު ދުއާ އާ ކައިވެނިކޮށްގެން އުފަލުގައި އުޅެވިދާނެ ހެއްޔެވެ؟ އާއިލީ މަޖުބޫރީއެއްގައި ބަނދެވި ލޫކަން އަމިއްލަ ދިރިއުޅުން ހަލާކުކޮށްލާތަން ބަލަން އޭނާއަށް ހުރެވިދާނެ ހެއްޔެވެ؟ ލޫކަން ދުއާ އަށް ގޮތެއް ނުހަދާނެކަން ޔަގީނެވެ. އެހެނަސް އެހިތުގައި އެހެން މީހެއްގެ ލޯބި ރަނިކަން ކުރަމުން ދަނިކޮށް ދުއާއަށް އެލޯބި ދެވިދާނެ ކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތެވެ. ދުއާ އާ ކައިވެނި ނުކުރިނަމަވެސް ލޫކަންއަށް ލިބޭނެ އުފަލެއް ނެތްކަން މިރޭ ލޫކަން ދެއްކި ވާހަކަތަކުން އެނގިއްޖެއެވެ. ލޫކަން އެބުނީ އެމަންޖެ އޭނާއަށް ގެއްލުނު ވާހަކައެވެ. އެއްކޮޅަކުންވެސް އޭނާގެ ދަރިފުޅަށް އުފާވެރިކަމެއް ނެތްކަން އެނގި ދުންޔާގެ ހިތް ރޯލިއެވެ. އެފަދަ ބަދުނަސީބު ކުއްޖަކު މިދުނިޔެމަތީގައި ވެދާނެ ހެއްޔެވެ؟ އެހެން މީހުންގެ އުފަލަށްޓަކައި ދިރިއުޅޭމީހުންގެ އަމިއްލަ ހަޔާތުގައި ގިނަ ފަހަރަށް އުފާވެރިކަމެއް ނުވެއެވެ. އޭނާގެ ދަރިފުޅަށްވެސް މިވީ އެފަދަ ގޮތެކެވެ.
***********
ހުކުރު ދުވަސްކަމަށް ވުމާއެކު ފަތިސް ނަމާދަށްފަހު ރާނީ ބޭނުންވީ ނިދާލާށެވެ. ނަމަވެސް ނިދައިފިނަމަ ހެނދުނުގެ ސައިގެ ގަޑިއަށް ނުހޭލެވިދާނެތީ ވާހަކަ ފޮތެއް ނަގައިގެން ސޯފާގައި ކިޔަން ޖައްސާލިއެވެ. ފޮތް ހުޅުވައިގެން އިން ނަމަވެސް އެންމެ ފޮޅުވަތެއްވެސް ރާނީއަށް ފަޙުމުވާގޮތެއް ނުވިއެވެ. ރޭގައި ހިނގައިދިޔަ ކަންތައް އެއްގޮތަކުން އޭނާގެ ހިތާއި ސިކުނޑިން ނުފިލައެވެ. ލޫކަން ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ؟ ރާނީ އޭނާގެ އަމިއްލަ ނަފްސަށް ކުދި ކިޔައިލިއެވެ. އޭނާގެ ބަލިކަށިކަން ހިތަށް އަރާފައެވެ. ލޫކަންގެ ބޭވަފާތެރިކަމަށް ފަހުވެސް އޭނާ ގާތް ވެލާއިރަށް ރާނީއަށް އެވާ ގޮތެކެވެ. އަދިވެސް ލޫކަންގެ ކޮންމެ އަމަލަކަށް އެހިތް ލެނބެމުންދަނީ ކީއްވެ ހެއްޔެވެ؟ ލޫކަންއަށް ނަފްރަތު ނުކުރެވެނީ ކީއްވެހެއްޔެވެ؟ މިފަދަ ވިސްނުމެއްގައި އިންދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑަށް ރާނީ އެދިމާލަށް ބަލައިލިއެވެ. އެއަށްފަހު ފޯނުން ގަޑި ބަލައިލިއެވެ. އަށެއް ޖަހަން ގާތް ވަނީއެވެ. އަނެއްކާ ސައިބޯން ދިޔުން ލަސްވެގެން ބަލާ އައީބާއޭ ހިތަށް އަރާފައި ރާނި ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީގައި ހެވިލާފައި ހުރީ ރަފާއެވެ. ކަޅުލުކައިގެ ޓީޝާޓަކާ ފުޅާ ހަރުވާޅެއްގައި ހުރި ރަފާގެ ބޮލުގައި ތޮތްޕެއް އޮތެވެ. ބަލާބެލުމަށް ހީވަނީ ކޮންމެވެސް ތަނަކަށް ދާން ތައްޔާރުވެގެން ހުރި ހެންނެވެ. ގޭތެރޭގައި ކޮންމެވެސް ވަރަކަށް އަޑުގަދަވެފައިވާކަންވެސް އެވަގުތު ރާނީއަށް އިހުސާސްކުރެވުނެވެ. ޔާނިޝްގެ އަތުގައި އޮތް ބޯޅައެއް އަތުލަން އަނޫޝާ އުޅުނުއިރު ނީޒާއާއި ސާރާވެގެން ފޮށިގަނޑެއް ތައްޔާރުކުރަން އުޅެއެވެ.
" އަނެއްކާ ކޮންކަމެއް ލައިގަތީ؟؟" ހައިރާންވެފައި ހުރެ ރާނީ އެހިއެވެ.
" މިއުޅެނީ ދަތުރުދާންވެގެން... ރާނީ ކައިރީގައި ނުބުނެވޭ ދޯ.. އެހެންވާނީ ރާނީ އުޅުނީ ޕާޓީއަށް ތައްޔާރުވުމުގަ އަވަދިނެތި ވިއްޔާ.. ދެންވެސް ދޭބަލަ އަވަހަށް ރެޑީވާން.. " ރާނީގެ އަތުގައި ހިފައިގެން އެކޮޓަރިއަށް ވަންނަމުން ރަފާ ބުންޏެވެ.
" ދަތުރޭ؟؟ ކޮންތާކަށް.. މިގޭ މީހުން ދަތުރުވެސް ދޭތަ؟ " ރާނީ އެހެން ބުނި ގޮތުން ރަފާ ހޭން ފެށިއެވެ.
" މިގޭ މީހުންނަށް ދަތުރު ނުދެވޭނެތަ؟ ރާނީ ހީކުރީ ކީކޭ؟ " ރަފާ ހެމުން ބުންޏެވެ.
" ނޫން އެހެންނެއް ނޫން.. މާމަގެ ހުއްދަ އޮވޭތަ އެކަހަލަ ކަންތައް ކުރަން.؟ " ރާނީ ތަންކޮޅެއް މަޑުން އަހައިލިއެވެ.
" މިދަތުރަކީވެސް ހަމަ މާމަ ބޭނުންވެގެން ދާ ދަތުރެއް.. އާއިލާއާއެކު ހޭދަންކޮށްލަން ލިބޭ މިދެދުވަހުގަ އާންމުކޮށް މިކަހަލަ ދަތުރުތައް ރާވާލާނެ..!! މާމަވެސް ދާނެ.. ދެންވެސް ވާހަކަ ނުދައްކާ ދޭބަލަ ރެޑީވާން.. އޯވަރ ނައިޓަކަށް އިނގޭ ދަނީ.. މާދަން ހަވީރު އަންނަގޮތަށް.. އެބައިންތަ ބޭގެއް؟ " ރާނީ އަލަމާރި ހުޅުވައިލުމުން ރަފާ ބުންޏެވެ. ރާނީ ބޯޖަހައިލިއެވެ. ޖޯޝާއެކު އަވަސްކުރަން އުޅެގަތެވެ. ހުދު ރާނީވެސް އެހުންނަނީ ބޯ ހަމަޖައްސާލުމަށް އެފަދަ ދަތުރަކަށް ބޭނުންވެފައެވެ.
**************
އެނދުގައި އޮތް ދުއާ ކަންނެތްކަމާއެކު ތެދުވިއެވެ. ދެލޯ ކައިރި ރަތްވެ ވަޅުވަދެފައި ހުރިގޮތުން ނިންޖަށް ބޭނުންވެފައި ހުރިކަން އެނގެއެވެ. ނަމަވެސް ލޯމަރާއިލާއިރަށް އޭނާއަށް ސިފަވަނީ އާރަވްއާ އެކު ހޭދަވި އެވަގުތުކޮޅެވެ. ލޫކަންއަށް ބޭވަފާތެރިވެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރެވި ރުޅި އާދެވެއެވެ. ލޫކަން ކައިރީގައި ހުރިހާ ވާހަކައެއް ތެދު ތެދަށް ކިޔައި ނުދެވެނީސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ހިތްވަރުކޮށްލާފައި ދުއާ ތައްޔާރުވެލިއެވެ. ދަބަސް އަޅުވާލައިގެން ކޮޓަރިން ނިކުތްއިރު ކުރިމަތީގައި ހުރި ޒިލާލް ފެނި ސިހުމެއް ލިބުނެވެ.
" ހޭލާ ދޯ ތިއުޅެނީ؟ ތަނަކަށް ދަނީތަ؟ " ޒިލާލް އަހައިލިއެވެ. ހައިރާންވީވަރުން ބުނާނެ އެއްޗެއް ދުއާ އަށް ނޭނގުނެވެ. ހުވަފެނެއްބާއޭވެސް ހިތަށް އެރިއެވެ. އިތުރު އެހެން މީހަކު އެތާ ހުރިތޯ ދެފަރާތާއި ފަހަތްވެސް ބަލައިލެވުނެވެ. އުމުރުގެ މިހާ ހިސާބަށް ދިޔައިރު ޒިލާލް އެހެން އަހާލާފައެއް ނުވެއެވެ. އެވެސް އެހާ ގާތް ގޮތަކަށެވެ.
" ހިނގާ ސައިބޯން..." އަނެއްކާވެސް ޒިލާލް ބުނެލިއެވެ. ހައިރާންކަމުގެ މައްޗަށް ހައިރާން ކަމެކެވެ.
" ތީ ހަމަ ބައްޕަތަ؟ " ހައިރާންވެފައި ހުރެ ދުއާ އަހައިލިއެވެ.
" ދެން؟؟ އެހެން ސިފައެއްގަތަ ފެންނަނީ..؟ ހިނގާ ސައިބޯން... " ދުއާއަށް ފަސްދެމުން ޒިލާލް ބުންޏެވެ.
" އަހަރެން މިދަނީ ލޫކްމެން ގެއަށް........ " ދުއާ އެހެން ބުނި އަޑަށް ގޮސް ގޮސް ހުރި ޒިލާލް ހުއްޓި އެނބުރި ބަލައިލިއެވެ.
" ސައިބޮއެގެން ދާން މަޑުނުކުރެވޭނެތަ؟ " ޒިލާލް އަހައިލިއެވެ. ދުއާ ބޯޖަހައިލުމަށްފަހު އަވަހަށް ބެލީ ޒިލާލްގެ ކުރިމަތިން ދެވޭތޯއެވެ. ޒިލާލް އަށް އެއައި ކުއްލި ބަދަލު ދެނެގަންނަން ދުއާ އަށް އުނދަގުލެވެ. އޭނާގެ ދަންތުރައެއްގައި ދުއާ ޖައްސަން އުޅެނީކަމުގައި ބުނެ އޭނާގެ ސިކުނޑި އިންޒާރު ދިނުމާއެކު ދުއާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. ކާރަށް އަރާ އިށީނުމަށްފަހު ދުއާ ފުންނޭވައެއް ދޫކޮށްލިއެވެ. ކުރިމަތިލާން އުޅޭ އިމްތިހާނާމެދު ވިސްނާލާފައެވެ. އެއިމްތިހާނުން ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އެކަން ޤަބޫލުކުރުން ނޫން ގޮތެއް ނެތެވެ. މިވީހާ ދުވަހު އެކުގައި އުޅުނު ރަޙުމަތްތެރިންނާއި އެމީހުންގެ ރަހުމަތްތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން ޔަގީނެވެ. އެހެނަސް ލޫކަން ކައިރީ އެވާހަކަ ބުނުން ދުއާ އަށް މަޖުބޫރެވެ. ނޫނީ ދުވަހަކުވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 24 ޖުލައި ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް