ވާހަކަ: މަންޒިލް ތިޔޭ – ތޭވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ތި ވާހަކައެއްނު މިދައްކަނީ.. އެރޭ ދުއާއަށް އަހަރެން ވޯން ކުރިން ގްރޭޕް ޖޫސް ނުބޮން.. އޭގެއަށް މިތާ އުޅުނު ފަސްޓް އިޔަރ ކުދިން ބޭހެއް އަޅާފަ ހުރީ.. އަހަރެންނަށްވެސް އެނގިގެން އެ...

19 Jul 2022 | 16:05

ކުރީގެ އަދަދާއި ގުޅޭ...

ތި ވާހަކައެއްނު މިދައްކަނީ.. އެރޭ ދުއާއަށް އަހަރެން ވޯން ކުރިން ގްރޭޕް ޖޫސް ނުބޮން.. އޭގެއަށް މިތާ އުޅުނު ފަސްޓް އިޔަރ ކުދިން ބޭހެއް އަޅާފަ ހުރީ.. އަހަރެންނަށްވެސް އެނގިގެން އެޅީ.. ފަހުން ކަޑަވި... އެކ.." ހަމަދްއަށް ބުނެވުނީ އެވަރަށެވެ. އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ އާރަވްގެ އަތުގެ ހޫނު އެތިފަހަރެކެވެ. އެދެލޮލުން ފެންނަމުން ދިޔައީ އަނގުރު އަލިފާން ކަހަލަ ރުޅިއެވެ.

" މޮޔަވީތަ؟ " ހަމަދް ކައިރިއަށް އައި ރުޅި މަތީގައި ބުނެވުނީ އެހެންނެވެ.

" އެނގޭތަ ކަލޭމެން މަޖަލަކަށް ހަދާފަ ތި ކުރި ކަމަކުން ގެއްލުންވީ ވަރު.. އެހެންމީހުންގެ ދިރުއުޅުމަށް ކުރި ނޭދެވޭ އަސަރު.... ތިކުރެވުނީ ކިހާ ދެރަ ކަމެއްކަން އިހުސާސްވެސް ކުރެވޭތަ؟ " އާރަވް ބުންޏެވެ.

" ތިބުނާ ކަހަލަ ބޮޑުކަމެއް ވި ނަމަ އަހަރެންނަށްވެސް އެނގުނިސް.. އެކަން އެމީހުން ކުރިއިރު ކަމެކޭ ހީނުކޮށް ހުރެވުނީތީ އަހަރެން ވަރަށް ދެރަވި.. އެވަރު ކަމަކާ ތިހާ ބާރަށް ޖަހަން ޖެހޭތަ؟ އެވެސް މީގެ އަހަރުތަކެއް ކުރިން ވީ ކަމަކާ.. " ކޮލުގައި ފިރުމައިލަމުން ހަމަދް ބުންޏެވެ. އޭނާއަށް ޖަވާބު ދޭކަށް އާރަވް ނޫޅުނެވެ. ބޭނުންވި ދުއާ ވީ ތަނެއް ހޯދުމެވެ. ކުއްލިއަކަށް ދޮރާ ދިމާލަށް އާރަވް ދުއްވައިގެންފިއެވެ.

********

ތާރާއާ އެކު ފާހާނާ ބަރިއާ ދިމާލަށް ގޮސް ގޮސް ހުރެފައި ރާނީ ހުއްޓުނީ ފޯނެއް އައިސްގެންނެވެ. އެބަދަމޭ ބުނުމަށްފަހު ފޯނު ދައްކާލަމުން އަތުގެ އިޝާރާތުން ތާރާ ކައިރީ ދިއުމަށް ބުންޏެވެ. ބޯޖަހައިލުމަށްފަހު ތާރާ ގޮސް ފާހާނާއަށް ވަނެވެ. ރާނީއަށް ފޯނު ނުނެގެނިސް ކުއްލިއަކަށް ކޮންމެސް މީހަކު ރާނީގެ އަތުގައި ހިފާ ދަމައިގަތެވެ. ލޫކަން ރާނީގެ އަތުގައި ހިފައިގެން ގޮސް ވެއްދީ އެތަނުގައި ހުރި ކޮޓަރިއަކަށެވެ. އޭރުވެސް ރާނީ ލޫކަންގެ އަތުން ސަލާމަތްވުމަށް ގަދަ ހަދަމުން ދިޔައެވެ. ކޮޓަރީގައި ތަޅުލުމަށްފަހު ލޫކަން ރާނީގެ އަތުން ދޫކޮށްލިއެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ..؟ ވާން އުޅޭ އަނބިމީހާ އިންތިޒާރުގައި ބައިންދާފައި އައިސް އެހެން އަންހެނެއްގެ އަތުގައި ހިފައި ގެނެސް ކޮޓަރިއަކަށް ވައްދަން ލަދެއް ނުގަނޭތަ؟ " ރާނީ ހަޅޭއްލަވައިގަތެވެ. ލޫކަންގެ ދެލޮލުން ފެންނަމުން ދިޔައީ ކޮންކަހަލަ އަސަރެއް ކަމެއް ބުނެދޭކަށް ނޭނގުނެވެ. ކުއްލި ހަރަކާތަކާއެކު ރާނީގެ ދެކޮނޑުގައި ހިފިއެވެ. އެވަގުތު ކޮންޓްރޯލް ނުވެ ރާނީ ގޮސް ޖެހުނީ ދޮރުފަތުގައެވެ. ލޫކަންގެ މޫނު ރާނީގެ މޫނުގައި ނުޖެހި ހުރީ ކިރިޔާއެވެ. ރާނީއަށް ލޫކަންގެ ފުންނޭވާގެ އަޑުއިވެމުން ދިޔައިރު ރާނީގެ ހިތުގެ ތެޅުމުގެ އަޑު ލޫކަންއަށް އިހުސާސްވަމުން ދިޔައެވެ.

" އަހަރެންގެ ގައިން ދޫކޮށްލާ!! އެހެންނޫނީ ބާރަށް ހަޅޭއްލަވަން ފަށާނަން.. " ލޫކަންގެ އަތް ދުރަށްލަން މަސައްކަތް ކުރަމުން ރާނީ ބުންޏެވެ.

" އަހަރެން އަތްލީމަ ހާދަ ރުޅިއެއް ތިއަންނަނީ..؟ އާރާވް ނޫންވީމަތަ؟ " ރުންކުރު ގޮތަކަށް ލޫކަން ބުންޏެވެ.

" ތިހިރީ މޮޔަވެފަ..! " ދަތްކުޑިވިކައިލަމުން ރާނީ ބުންޏެވެ.

" އާނ!! އަހަރެން މިހިރީ މޮޔަވެފަ... އެހެންމީހަކު ރާނީ ގައިގައި އިނގިލީ ކުރި ޖައްސާލަންވެސް އަހަރެން ނޭދެން.. އެފަދަ މަންޒަރެއް ބަލާކަށް އަހަންނަކަށް ކެތެއް ނުވޭ! ތިދެމީހުން ޖެހި ސަކަރާތް އަހަރެންނަށް ފެނުނޭ.... ތި އަތްތިލައިގަ އޭނަ ބޮސްދިނުމުން ވަރަށް އުފާވި ދޯ.. އޭރު އަހަންނާއެކު އުޅުނުއިރު މީހުން ތެރޭގައި އެހެން އުޅެން ލަދުން އުޅުނީ އަހަރެންނަށް ދެއްކެންވެގެން ދޯ.. އަހަރެން ދެކެ ލޯބިވެޔޭ ކިޔައިގެން ހެދީ ހުސް ދޮގު ދޯ.. އެހެންވެއެއްނު އޭނަ ކޮންމެ ކަމެއް ކުރިޔަސް ހެވި ދިލިފަ ހުންނަނީ.. " ލޫކަން މޮޔައަކު ފަދައިން ކިޔަމުން ދިޔައެވެ.

ރާނީ ކައިރިއަށް އައިރުޅިމަތީގައި ލޫކަންގެ ކޯތާފަތުގައި ވިހެލައިފިއެވެ. އެވަރުންވެސް ރާނީ ގައިން ދޫކޮށްލާކަށް ލޫކަން ނޫޅުނެވެ. ބަދަލުގައި އިހުނަށްވުރެވެސް ބޮޑަށް ރާނީއާ ކައިރިވެލިއެވެ. އެހާ ކައިރިން ލޫކަންގެ މޫނު ފެނި އޭނާގެ ނޭވާގެ އިހުސާސްވާން ފެށުމާއެކު ރާނީ ހުރިތަނަށް ގަނޑުވެއްޖެއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އިރުކޮޅަކު ހުރެވުނެވެ. ފަހަރަކަށްވުރެ ފަހަރެއް ލޫކަން ރާނީއާ ގާތްވަމުން ދިޔައިރު ރާނީގެ ހިތުގެ ހިނގުން އޮބި ނޯންވަރަށް އަވަސްވެއްޖެއެވެ. ކުރެވުނީ ހިތުގެ ލަގަން ލޫކަންގެ އަތްމައްޗަށް ދޫވަމުން ދިޔަ ކަހަލަ އިހުސާސެކެވެ. ލޫކަން އަތުން ސަލާމަތްވުމަށް ގަދަ ހެދުން ހުއްޓާލެވިއްޖެއެވެ. ލޫކަންއަށް މަރުޙަބާ ކިޔަމުން ދެލޯ މަރައިލެވުނީ ބޭއިޙްތިޔާރުގައެވެ. ލޫކަންވެސް ރާނީގެ އަތުގައި ހިފާފައިވާ އަތް މަޑުމަޑުން ތިރިކޮށްލާ އޭނާގެ އުނަގަނޑުގައި އަޅުވާލައިފިއެވެ. ތަނަށްވެރިވެފައިވާ ހަމަހިމޭންކަމުގައި ހަމައެކަނި އިވެމުން ދިޔައީ ދެމީހުންގެ ހިތުގެ ތެޅުމުގެ އަޑެވެ. ރާނީގެ ސިކުނޑީގައި ދުއާގެ ތަސްވީރު ކުރެހުނީ ކުއްލިއަކަށެވެ. އެއާއެކު ހަމަހޭވެރިކަންވެ ތެޅިގެންފައި ލޫކަންގެ މޭގައި ދެއަތް އަޅާ ދުރަށް ކޮއްޕާލައިފިއެވެ.

" ކީކޭ ހިތަށް އަރައިގެން ތިއުޅެނީ..؟ އަހަރެން މީ ލޫކަން ބޭނުންވީމަ ކުޅެލަން ހުރި ބުދެއްކަމަށްތަ ހީކުރީ.. ތީ ކިހާވަރެއްގެ މީހެއްކަން މިރޭ އެނގި ފެނިއްޖެ.. ލޫކަން އަހަރެންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކޮށްފައިވީނަމަވެސް އަހަރެންގެ ހިތުގައި ލޫކްއަށްޓަކައިވީ ލޯތްބާއި އިޙްތިރާމް.. އެލޯތްބަށް އަހަރެންގެ ހިތަށް ބާރެއް ނުފޯރުވުނަސް ކުރި އިޙްތިރާމް ގެއްލިއްޖެ.. ތީ މީހަކު އިޙްތިރާމް ކުރާވަރުގެ މީހެއް ނޫން.. އެހެންނޫންނަމަ ވާން އުޅޭ އަނބިމީހާއަށް ވަފާތެރިވެ އެހެން އަންހެނުނަށް އިޙްތިރާމް ކުރާނެ.. އަހަރެން ހާދަ ބޭނުން އެބަވެޔޭ ކަލޭދެކެ ނަފްރަތުކުރަން.. އެކަމަކު އަހަރެންގެ މި ބާސްނާހާ ހިތް އެކަމަށް އެއްބާރުލުމެއް ނުދޭ.. " ފަހު ޖުމްލަ ބުނެލިއިރު ރާނީގެ ދެލޯ ފެންކަޅިވެއްޖެއެވެ. " ހަނދާން ކުރާތި.!! މީގެ ފަހުން އަހަރެންގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ދުއާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. ކަލޭދެކެ އަހަރެން ކިތަންމެ ލޯބިވިޔަސް ހީނުކުރާތި އަހަރެން މީ ނުކެރޭ މީހެކޭ.. " މިހެން ބުނެ ދެލޯ ފޮހެލަމުން އެތަނުން ދިއުމަށް ދޮރު ހުޅުވާލަން ރާނީ އުޅުނެވެ.

" ލޯބި މައި ފުޓް... " ލޫކަން ބުންޏެވެ. " ތީ އެއްވެސް ހަޤީޤަތެއް ނެތް ވާހަކައެއްކަން ފެންނަމުންދާ މަންޒަރުތަކުން އެނގޭ.. ތިހާ ކެރޭ މީހެއް ވިއްޔާ ކީއްވެތަ އާރަވްއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ބުނަން ނުކެރިގެން ތިއުޅެނީ.. "

" ތިހާ އަޑުއަހަން ބޭނުމިއްޔާ އަޑުއަހާ.. އާނ!! އަހަރެން އުޅެނީ ރެވްއާ ރައްޓެހިވެގެން.. ކޮންމެ ގޮތަކުން ބެލިޔަސް އެއީ ކަލެއަށް ވުރެ އެތައް ގޮތަކުން ރަނގަޅު މީހެއް.. " މިހެންބުނެ މަޑުނުކޮށް ރާނީ އެތަނުން ނިކުމެއްޖެއެވެ. އެހުރި ފިޔަވަޅުމަތީގައި ހުއްޓި ހުރެ ޖީބަށް އަތްޖަހާލައި މަތިބަލައިލަމުން ލޫކަން ފުންނޭވައެއް ދޫކޮށްލިއެވެ.

*************

އާރަވް ނިކުމެ ދުއާ ހޯދަން ފެށިއެވެ. ހަޤީޤަތް ނުބަލާ އެތައް ދުވަހެއް ވަންދެން ދުއާއާ މެދު ކަންތައް ކުރެވުނު އެކި އެކި ގޮތް ހަނދާންވެ އެހިތަށް ކެތްވަނީއެއް ނޫނެވެ. ދުއާ ބުނިހެން ކުރެވުނު ކަމެއް ނޭނގުމަކީ އެފަދަ ބުއިމެއްގެ ސަބަބުން ވެދާނެ ކަމެކެވެ. އެރޭ ދުއާ ފަރާތުން ފެނުނު އެފަދަ އަމަލުތަކެއްގެ ސަބަބުން ވީއުފަލާއެކު އާރަވްއަށް ހަޤީޤަތަކީ ކޮބައިކަން ނޭނގުނީއެވެ. ދުއާ އިނީ ހަމަހޭގައި ނޫންކަން ދެނެ ނުގަނެވުނީއެވެ. އާރަވް ހޯދަމުން ދަނިކޮށް ދުއާ ފެނުނީ މީހުންނާ ތަންކޮޅެއް ދުރަށް ދުރުގައި ފެންއަރުވާ ވަޑާމަށް ނަޒަރު ހުއްޓާލައިގެން ހުއްޓައެވެ. އާރަވް މަޑުމަޑުން ހިނގަމުން ގޮސް ދުއާގެ ފަހަތުގައި ހުއްޓުނެވެ. އެއްދިމާލަކަށް ބަލަން ގެއްލިފައި ހުރި ދުއާއަށް ބަލަހައްޓައިގެން އެތައް އިރެއްވަންދެން އާރަވްއަށް ހުރެވުނެވެ. ގޮވާލަން ބޭނުންވެފައެވެ. މައާފަށް އެދެން ބޭނުންވެފައެވެ. އެހެން ހުއްޓާ ދުއާ ފަހަތަށް އެނބުރިލައިފިއެވެ. ކުރިމަތީގައި ހުރި އާރަވް ފެނުމާއެކު ލިބުނީ ސިހުމެކެވެ. ދުއާގެ ދެލޯ ހުއްޓުނީ ފެންކަޅިވެފައިވާ އާރަވްގެ ދެލޮލަށެވެ. އެދެލޮލުން އެތައް ވާހަކައެއް ބުނެދޭފަދައެވެ. އެދެލޮލުގައިވާ ބެލުމުގެ ބާރުގަދަކަމުގައި ޖެހި ދުއާއަށްވެސް ބަލަހައްޓައިގެން ހުރެވުނެވެ. އެގޮތުގައި މާގިނައިރަކު އާރަވްއަށް ނުހުރެވުނެވެ. ކުއްލި ހަރަކާތަކާއެކު ދުއާ ގެނެސް އޭނާގެ އަތުތެރެއަށްލާ ބޮނޑިކޮށްލެވިއްޖެއެވެ. ދުއާގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. ލިބުނު ސިހުމުގައި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ހުރެވުނެވެ. ކުއްލިއަކަށް އާރަވްއަށް މިވީ ކީއްތޯ ހިތަށް އެރިއެވެ. އަނެއްކާވެސް އެރޭ ފަދައިން ބޭސްކެއީ ބާއޭވެސް ހިތަށް އެރިއެވެ. މިފަދަ ވިސްނުމެއްގައި ހުއްޓާ އާރަވް ވާހަކަ ދައްކަން ފަށައިފިއެވެ.

" ސޮރީ ދުއާ.. ވަރަށް ވަރަށް ބޮޑަށް ސޮރީ... އަހަރެންނަށް މާފުކުރޭ.. އަހަރެންނަށް ދުއާ ދޭތެރޭގައި ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫން.. ހަމަދްގެ ފަރާތުން ދުއާ ދެއްކީ ތެދު ވާހަކަތަކެއްކަން އެނގި ހާމަވެއްޖެ.. އަހަރެންނަށް މާފުކުރޭ ދުއާ.. ދުއާ ދެއްކި ވާހަކަތައް ޤަބޫލު ނުކުރެވުނީތީ.. އަހަރެންވެސް ހިތުގައި ޖެހިފައި ހުރިވަރުން ހެޔޮ ވިސްނުން ނުލިބުނީ.. " އާރަވްގެ އަޑު ކުރެހިއްޖެއެވެ. ދުއާ މަޑުމަޑުން އާރަވްއާ ދުރުވެލިއެވެ. އާރަވްގެ ދެލޮލުން އޮހިފައިވާ ކަރުނަ ފެނި ބުނާނެ އެއްޗެއް ނޭނގުނެވެ. އާރަވްއަށް މާފުކޮށްފީމޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން މިވީހާ ދުވަހު އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލުކުރަން ބޭނުންވިއެވެ.

" އާރަވް އަހަރެންދެކެ އެހާ ރުޅި އައީ ނޭނގުމުގެ ތެރޭގައި އަހަރެން ކުރެވުނީ ކޮންކަމެއް؟ ބުނެބަލަ ޕްލީޒް! އަހަރެން ބޭނުން އެނގެން.. " ދުއާ ބުންޏެވެ. އެވާހަކަ ދައްކަން އާރަވް ފަސްޖެހުނެވެ. ދުއާ ޤަބޫލުނުކޮށްފާނެތީއެވެ. ނޫނީ އެކަމުގެ ސަބަބުން ދުއާ ލަދުގަންނާނެވަރު ހިތަށް އަރާފައެވެ.

" ޕްލީޒް ރެވް!! އަހަރެންނަށް އެނގޭ އަހަރެންގެ އެއްވެސް ކުށެއްނެތި ރެވް އަހަރެންދެކެ އެހާ ބޮޑަށް ރުޅި ނާންނާނެކަން.. އެރޭ ވީކަންތައް ހަނދާންކުރަން އަހަރެން ބޭނުން.. ޕްލީޒް ކިޔާދީބަލަ.. ޕްލީޒް.. " ދުއާ އާދޭސްކުރަން ފެށިއެވެ. އެންމެ ފަހުން އާރަވް އެވާހަކަ ކިޔައިދޭން ފަށައިފިއެވެ. ވަކި ހިސާބަކަށް ދިއުމާއެކު އާރަވްއާ ކުރިމަތިލައިގެން ހުންނަން ނުކުރި ދުއާ ފަސް އެނބުރުނެވެ. އޭނާ އޭ ކިޔައިގެން އާރަވް އެވަރުގެ ބޮޑެއް ދޮގެއް ނުހަދާނެކަން ޔަގީނެވެ.

" އެރޭ އަހަރެން ގެއަށް އައީ އިންތިހާއަށް އުފަލުން ހުރެ.. ކީއްވެގެން ކަން އެނގޭތަ؟ ދުއާއަށް ނޭނގުނަސް ސުކޫލް ދައުރުން ފެށިގެން އަހަރެން ދުއާދެކެ ވަރަށް ލޯބިވޭ.. އެންމެ ފުރަތަމަ އަހަރެމެން ދެމުގައި ރަޙުމަތްތެރިކަމުގެ ގުޅުން އުފެދުނީއްސުރެން އަހަރެންނަށް ދުއާ ވަރަށް މުހިންމު މީހަކަށް ވެއްޖެ.. އެރޭ އަހަރެން ގެއަށް އައީ އެއީ ވަގުތީ އުފަލެއްކަމުގައި އިހުސާސްނުވާ ހާލު.. އަނެއްދުވަހު އަހަރެން ދުއާ އާ ބައްދަލުކުރަން އަންނަން އުޅެނިކޮށް މަންމައާއި ބައްޕަ އަދި ކޮއްކޮ އެކްސިޑެންޓް ވީ.. އަހަރެންގެ އާއިލާގެ ޖަނާޒާ އޮތް ދުވަހު އަހަރެން ހުރީ ދުއާ އަންނާނެ އިރެއްގެ އިންތިޒާރުގައި.. އަހަރެން ބޯއަޅައިގެން ރޯލަން ދުއާގެ ކޮނޑުދޭން އަންނާނެކަމަށް.. އެކަމަކު އެދުވަހު ދުއާ ލޫކަންގެ އަތުގައި ހިފާލައިގެން ވަންތަން ފެނި އަހަރެންގެ ހިތާމަތަކަށް އިތުރުވި ކަމެއްކަމުގައި އެކަންވި.. ދުއާ ލޫކަން މެރީ ކުރަން އުޅޭ ވާހަކަވެސް ބުނީ އޭގެ އަނެއްދުވަހު.. އެދުވަހު ފެށިގެން އަހަރެން ބޭނުންވީ ދުއާދެކެ ކިތަންމެ ލޯބިވީ ނަމަވެސް އެކަން ފޮރުވައިގެން ހުންނަން.. ބޭނުންވީ ދުއާއަށް ނަފްރަތުކުރާކަން ދައްކަން.. ދުއާ އަށް އަހަރެންނަކީ އެހާ ހިތްވަރުދެރަ މީހެއް ނޫންކަން އަންގަން.. " އާރަވް ކިޔައިދީ ނިމުނުއިރު ދުއާ އަނގަމަތީގައި އަތް އަޅާލައިގެން ހުއްޓެވެ. އެހެން ހުއްޓާ އާރަވް ދުއާއަށް ގޮވާލައިފިއެވެ. އެނބުރި ބަލާލާނެ ހިތްވަރެއް ދުއާއަކަށް ނުލިބުނެވެ. އިވިގެން އެދިޔައީ އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. ކުއްލިއަކަށް އެތަނުން ދިއުމަށް ދުއާ ދުއްވައިގަތެވެ. ދުއާގެ ފަހަތުން ވަކި ހިސާބަކަށް އާރަވްވެސް ދިޔައެވެ. އާރަވް ހުއްޓުނީ އެތަނުން ދިޔަ ޓެކްސީއަކަށް އަރައިގެން ދުއާ ދިޔުމުންނެވެ.

*****************

ދުންޔާއަށް ގޭގެ ދޮރު ހުޅުވައިލި އަޑުއިވުނީ ފެންބޮއެގެން ކޮޓަރިއަށް ވަންނަން އުޅެނިކޮށެވެ. އެއްއަތުގައި ކޯޓު އަޅުވާލައިގެން ހުރެ އަންނަމުން ދިޔަ ލޫކަން ފެނި ދުންޔާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ޕާޓީއިން އެހާ އަވަހަށް ލޫކަން އެއައީ ކީއްވެބާއޭ ހިތަށް އެރިއެވެ. ލޫކަން އަށް ދުންޔާ ގޮވާލުމުންވެސް އެއަޑު އޭނާއަށް އިވުނުހެން ހިޔެއް ނުވެއެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން އޭނާ ގޮސް ސޯފާގައި އިށީނެވެ. ދެކަކުލުގައި އުޅަބޮނށި ވިއްދައިގެން މޫނުގައި އަތް އަޅައިލި ގޮތުން ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ދުންޔާއަށް އެނގުނެވެ. ބާރަށް ހިނގާފައި ގޮސް ލޫކަން ކައިރީ ސޯގާފައި އިށީންނަމުން ދުންޔާ ގޮވައިލިއެވެ. ތިން ހަތަރު ފަހަރު ގޮވައިލުމުންވެސް ލޫކަން އިސްއުފުލައި ނުލިއެވެ.

" ލޫކް ދަރިފުޅާ ހެޔޮނުވާނެ ބުނެބަލަ ކިހިނެއްވީ.. މަންމަ ވަރަށް ބިރުގަންނަން ފަށައިފި.. " ދުންޔާއަށް ރޮވުނެވެ. އެހިނދު ލޫކަން އިސްއުފުލާލާއި މަޑުމަޑުން ދުންޔާއަށް ދިމާއަށް ބަލައިލައިފިއެވެ.

" މަންމާ................ " ކަރުނައިން ފުރިފައިވާ ރަތް ދެލޮލުން ދުންޔާއަށް ބަލައިލަމުން ކުރެހިފައިވާ އަޑުން ލޫކަން ކިޔައިލިއެވެ. ދުންޔާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލޫކަން ދުންޔާގެ އުނގުގައި ބޯއަޅައިލިއެވެ.

" މަންމާ!! އަހަރެން އޭނަ ދެކެ ހާދަ ލޯތްބެއް ވެޔޭ.. އަހަރެންގެ ހިތުން އޭނާ ނުފޮހެވުނު.. މަންމާ އަހަރެން އޭނަ ބޭނުން.. އަހަރެންގެ ހިތް މުޅިން ހަލާކުވެއްޖެ!! އޭނަ އަހަރެންނަށް ގެއްލިއްޖެ..!! " ލޫކަން ރޮމުން ކިޔަމުން ދިޔަގޮތުން ދުންޔާއަށްވެސް ރޮވުނެވެ. ފެންނަމުން މިދަނީ މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ފެނިފައިވާ ނުވާ މަންޒަރެކެވެ. ލޫކަން އެގޮތަށް ރޯނީ އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހިގެންކަން ދުންޔާއަށް އެނގެއެވެ. ދަރިފުޅުގެ ހިތާމަތައް ލުއިކޮށްދެން އެވަގުތު ބުނާނެ އެއްޗެއް ދުންޔާއަށް ނޭނގުނެވެ. ލޫކަންގެ ބޮލުގައި މަޑުމަޑުން ފިރުމަމުން ދިޔައީ އޭނާ ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން އިނދެއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 21 ޖުލައި ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް