ވާހަކަ: މަންޒިލް ތިޔޭ – ބާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެ އާރަވްއާ އެކުކަން ޔަގީން.. " ޔާނިޝް ހިތާހިތުން ކިޔައިލިއެވެ. ފާއިތުވި ދުވަސްތަކުގައި ޔާނިޝްއަށް އާރަވް ކޮންމެ ދުވަހަކުހެން ފެނެއެވެ. ރާނީ ބަލާވެސް ލާންވެސް އަންނަނީ އޭނައެވެ...

18 Jul 2022 | 03:09

ކުރީގެ އަދަދާއި ގުޅޭ...

އެ އާރަވްއާ އެކުކަން ޔަގީން.. " ޔާނިޝް ހިތާހިތުން ކިޔައިލިއެވެ. ފާއިތުވި ދުވަސްތަކުގައި ޔާނިޝްއަށް އާރަވް ކޮންމެ ދުވަހަކުހެން ފެނެއެވެ. ރާނީ ބަލާވެސް ލާންވެސް އަންނަނީ އޭނައެވެ. އެކަމުގެ ސަބަބުން އާރަވްއަށް ޓަކައި އެހިތުގައިވާ ހަސަދަވެރިކަން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދިޔައެވެ. ފާއިތުވި ދުވަސް ތަކުގައި އޭނާއަށް އެއް ކަމެއް ޔަގީންވެއްޖެއެވެ. އޭނާއަށް ރާނީ ދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ. އިއިހުސާސްތައް ހިތުގައި ފޮރުވައިގެން ހުންނަން އޭނާއަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ.

***********

އާރަވްއާއި ރާނީ ވަދެގެން ދިޔައިރު ގިނަބައެއްގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. އެތެރެއިން ކަޅުކުލައިގެ ގަމީހަކާއެކު ހުދުކުލައިގެ ޓަކްސިޑޯ އެއް ލާފައި ހުރިއިރު އާރަވް ފެންނަލެއްވެސް އެހާމެ ހިތްގައިމެވެ. ވަދެގެން ގޮސް އެމީހުން ހުއްޓުނީ އެކުގައި މަސައްކަތްކުރާ އެހެން ޑޮކްޓަރުންތަކެއް ކައިރީގައެވެ. އެމީހުންނާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އާރަވްގެ ލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. މާ ގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ވަދެގެން އަންނަ ދުއާ ފެނުމާއެކު އާރަވްގެ ދެލޯ ވިދައިގަތެވެ. އެންމެ ފުރަތަމަވެސް އާރަވްގެ ލޮލުގައި އަޅައިގަތީ ކަޅުކުލައިން ފަވާލާފައިވާ ބޮޑު ދެލޮލެވެ. އެއަށްފަހު ރަތް ލޭ ކޮޅެއް ފަދަ ތުންފަތެވެ. އެތުންފަތުގައިވާ ހިތްތައް ކަތިލާ ފަދަ ހިނިތުންވުމެވެ. ލައިގެން ހުރީ ކަށި މައްޗާ ހަމައަށް އަންނަ ލޭސް ފޮތީގެ ކަޅު ހެދުމެކެވެ. އަތްދިގުކޮށް ފަސްބަޔަށް ފުޅާކޮށް ހުރި އެ ހެދުމުގެ އެކި ހިސާބުގައި ވަނީ ހުދުކުލައިގެ ވިދުމެއް ހުރި މިނާފުށްތަކެއް ހަރުކޮށްފައެވެ. ހެދުމުގެ ފަސްބަޔާއި އަތުކުރީގައިވަނީ ރިހިކުލައިގެ ރޭނދާއެވެ. ވަދެގެން އައި ދުއާގެ ނަޒަރުގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި އާރަވްވެސް އަޅައިގަނެއްޖެއެވެ. އާރަވްގެ ބެލުމުގައިވީ ތޫނު އަސަރަކުން ދުއާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އޭނާވެސް އެހުންނަނީ އާރަވްގެ ދެލޮލާއި މޫނުން ނަޒަރު ވަކިކޮށް ނުލެވިފައެވެ. ސިހިފައި ބަލައިލެވުނީ ލޫކަން އައިސް ފަހަތުން ދުއާގެ އުނަގަނޑުގައި އަތް އަޅުވައިލުމުންނެވެ. އާރަވްގެ ނަޒަރު މަޑުމަޑުން ދުއާގެ އުނަގަނޑުގައިވާ ލޫކަންގެ އަތަށް ދަތުރުކޮށްލުމާއެކު އެމޫނު ބަނަވެގެން ދިޔަތަން ދުއާއަށް ފެނުނެވެ. ވަގުތުން އާރަވްގެ މޫނު ފުސްވެއްޖެއެވެ. ކުރިން ހުރި ގޮތަށް ކައިރީގައި ތިބި މީހުންނާ ވާހަކަ ދައްކަން ފަށައިފިއެވެ.

ދުއާ ގޮވައިގެން ކުރިއަށް ހިނގައިގަތް ލޫކަންއަށް ރާނީ ފެނިއްޖެއެވެ. ހީހީފައި އެތާ ތިބި މީހުންނާ ރާނީ ވާހަކަ ދައްކަމުން ދިޔަ ގޮތުން ލޫކަންގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. އެގޮތަށް ރާނީ ހިނިތުންވެލައިގެން ހުއްޓާ އޭނާއަށް މިފެނުނީ އެތައް ދުވަހެއް ފަހުންނެވެ. ދެން އާރަވްއަށް ބަލައިލެވުނީ ރާނީ ހީހީފައި ވާހަކަ ދައްކަމުން ދިޔަ އާރަވްއަށެވެ. ރާނީގެ ތުންފަތްމަތީގައި އެވާ ހިނިތުންވުމުގެ ސިއްރަކީ އާރަވް ހެއްޔޭ ހިތަށް އެރިއެއެވެ. އެއްއިރެއްގައި އެހިނިތުންވުން ރާނީގެ ފުށުން ފެނުނީ އޭނާގެ ސަބަބުންނެވެ. ނަމަވެސް މިހާރު ސަބަބު ބަދަލުވެއްޖެއެވެ. އެހެން ހިތަށް އެރުމާއެކު ލޫކަންގެ ހިތް ރޯލިއެވެ. ހިންދިރުވައިލަމުން އެހެން ދިމާލަކަށް ނަޒަރު ހުއްޓައިލިއެވެ.

މޭޒެއް ކައިރީގައި ދުއާ ބޭންދުމަށްފަހު ބޯނެ އެއްޗެއް ހިފައިގެން އެބަ އަންނަން ކަމުގައި ބުނެ ލޫކަން ދުރަށް ހިނގައިގަތެވެ. އާރަވް ދިއުމުން މޭޒުމަތީގައި ކްލަޗް ބޭއްވުމަށްފަހު ދެއަތް ޖޯޑުކޮށްލުމަށްފަހު މޭޒުމަތީގައި އަތް އަޅުވައިލިއެވެ. އެއާއެކު އަނެއްކާވެސް ދުއާގެ ނަޒަރު އާރަވްއަށް ދަތުރުކޮށްލިއެވެ. އިޙްތިޔާރުން ބޭރުން އޭނާއަށް މިވާ ގޮތް ގޮތާ މެދު ދުއާއަށް ވިސްނައިލެވުނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނާއަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން ޔަގީނެވެ. ލޫކަންގެ މަންމަގެ އުފަންދުވަހުގެ ޕާޓީ އޮތް ރޭގައި އޭނާއާ އާރަވްއާ ދެމެދު ހިނގާ ދިޔަ ކަންތަކަށްފަހު އެއްގޮތަކަށް އާރަވްގެ އޭނާގެ ސިކުނޑިން ނުފިލާވެއެވެ. އާރަވް ފެނުމުން އޭނާގެ ހިތް އާދަޔާ ހިލާފަށް ތެޅިލައެވެ. އޭނާ ރުޅި އައުމުން ދުވަހަކު ނުވާ ވަރަށް ދެރަވެއެވެ. އެހެން އަންހެނަކާ އެކު ފެނުމުން ހިތަށް އުނދަގޫވެއެވެ. އެއިހުސާސްތަކަށް ދޭނެ ނަމެއް އޭނާއަކަށް ނޭނގުނެވެ.

" ލޯބި ވެވުނީތަ؟؟ " ކުއްލިއަކަށް ދުއާގެ ހިތަށް އެރި އެއްޗަކުން އެހިތުގެ ހިނގުން އަވަސްވެލިއެވެ. ހިތާ ދިމާލުން މޭގައި އަތް އަޅާލައި ފުންނޭވައެއް ދޫކޮށްލެވުނެވެ. އާރަވްގެ ދެކެ ލޯބިވެވެނީނަމަ ދެން ލޫކަން އެއީ ކާކު ހެއްޔެވެ؟ އެންމެ ކުޑައިރުން ފެށީގެންވެސް ދުއާ ބޭނުންވީ ލޫކަންއެވެ. ވީއިރު މިހާރު އޭނާގެ އިޙުސާސްތައް ބަދަލުވާންވީ ކީއްވެ ހެއްޔެވެ؟

ދުއާ ބަލަން އިންދާ އާރަވް ރާނީގެ އަތުގައި ހިފައިގެން  ދުރަށް ހިނގައިގަތެވެ. މީހުންތަކުގެ ތެރެއިން ގޮސް އާރަވް ރާނީ ގޮވައިގެން ގޮސް އިށީނީ އެކިކަހަލަ ބުއިންތައް ހުރި ކައުންޓަރުގައި ކައިރީގައި ހުރި ސްޓޫލްތަކުން ސްޓޫލެއްގައެވެ. އެމަންޒަރު އެތަނުގައި ޑްރިންކަކަށް އޯޑަރު ކޮށްގެން ހުރި ލޫކަންއަށްވެސް ފެނުނެވެ. ނަމަވެސް އެމީހުން ތިބީ ލޫކަންއާ ތަންކޮޅެއް ދުރުގައެވެ.

" ރެވް ތިހެން އުޅޭތީ އޭ މީހުން އެކަހަލަ ވާހަކަ ދައްކާނީ.. ؟" ބުއިމަކަށް އޯޑަރު ކުރުމަށްފަހު ރާނި ބުނެލިއެވެ.

" ކިހިނެއް އުޅޭތީ ކީކޭ ކިޔަނީ.. ؟ " އާރަވް އެހިއެވެ.

" ރެވް ތިހެން އަހަރެންގެ އަތުގައި ހިފައިގެން އައިތަން މީހުން ބަލަން ތިބީ.. ނޭނގޭތަ މިހާރުވެސް މީހުން އަހަރެމެން ދެމީހުން އަޅުވާ ކިޔާވަރު.. " ރާނީ އެހެން ބުނުމުން އާރަވްގެ އޭނާގެ ވަށައިގެން ބަލައިލިއެވެ. އެބުނާހެން ބައެއް މީހުންގެ ނަޒަރު އެމީހުންނަށް ހުއްޓެވެ. އެތަނުންވެސް އާރަވްއަށް ފާހަގަވީ ދުއާގެ ނަޒަރެވެ. ކުއްލިއަކަށް ހިތަށް އައި އެއްޗަކުން އާރަވް ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ކުއްލިއަކަށް ރާނީގެ އަތްތިލައިގާ ހިފުމާއެކު ސިހިފައި ރާނީ އާރަވްއަށް ބަލައިލިއެވެ.

" ކިހިނެއްވީ..؟ " ހައިރާންވެފައި އިނދެ ރާނީ އަހައިލިއެވެ. ލޫކަން ވަކި ޖަވާބެއް ނުދީ ރާނީގެ އަތްތިލައިގާ ހިފާ އުފުލައިލިއެވެ. މަޑުމަޑުން ގުދުވެލުމަށްފަހު ރާނީގެ އަތްތިލައިގާ ބޮސްދެން އުޅުނު ވަގުތު ރާނީ އޭނާގެ އަތްދަމައިގަންނަން އުޅުނެވެ. ނަމަވެސް އެކަމަށް ހުޝިޔާރުވެ އިން އާރަވް ރާނީގެ އަތްތިލައިގާ ހިފަހައްޓައިގެން އިނީ އެއަށްވުރެ ބާރަށެވެ. ފެނުނު މަންޒަރު ދުއާގެ ހިތަށް ހެރުނީ ރުވާފައި ދޫކޮށްލި ތީރެއް ފަދައިންނެވެ. އިސާހިތަކު އޭނާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގެންފިއެވެ. ޑްރިންކްސް ހިފައިގެން އެމީހުން ހުރަސްކޮށް ދާން އުޅުނު ލޫކަންއަށްވެސް އެމަންޒަރު ފެނި ހުއްޓެވުނެވެ. ހިތަށް ކުރި ފުންއަސަރާއެކު އަތުގައިވާ ތަށި ތިރިއަށް ވެއްޓި އޭގެ އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ. ރާނީ ސިހިފައި ބަލައިލިއެވެ. ލޫކަން އެހުރި ގޮތަކަށް އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ރާނީ އާރަވް އަތުން އޭނާގެ އަތް ދަމައިގަތެވެ. އެނބުރި ލޫކަންއަށް ބަލައިލިއިރު ޖެހުނުތާ ލަކުނުވެސް ފެންނާކަށް ނެތެވެ. އާރަވް ބަލަބަލާ ހުއްޓާ ދުއާ އިންތަނުން ތެދުވެގެން އެތަނުން ނިކުންނަން ދުއްވައިގަތެވެ.

" ކީއްތިކުރީ ރެވް! ޑޯންޓް ކްރޮސް ޔޯ ލިމިޓް.. " ރާނީ ހިތްހަމަނުޖެހޭ ގޮތް ވިއެވެ.

" ސޮރީ.. މީހުންނަށް ވާގޮތް ބަލައިލީ... " ލާނެތް ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން އާރަވް ބުންޏެވެ.

" މަޖަލެއް ނޫނޭ.. " ރާނީ އަދިވެސް އިނީ ހިތްހަމަނުޖެހިފައެވެ.

" ދެން މަޖަލެއް ނޫނަސް އެހެރަ ދިމާލަށް ބަލައިލަބަލަ.. " ވަންނަ ދޮރާ ދިމާލަށް ބަލަހައްޓައިގެން އިން އާރަވް އެހެން ބުނެލި އަޑަށް ރާނީވެސް ބަލާލައިފިއެވެ. ރާނީގެ ނަޒަރު ހުއްޓުނީ ތާރާއާ އެކު ވަދެގެން އައި ފިރިހެންމީހާއަށެވެ. ކުރިން ދުވަހަކުވެސް ފެނިފައިނުވާ އެމީހާގެ އަތުގައި ތާރާ ހިފަހައްޓާލައިގެން ހުރި ގޮތުން ކާކުކަން ރާނިއަށް އެނގިއްޖެއެވެ.

" އެއީ ދޯ ތާރާގެ ލޯބިވެރިޔާ ހަމަދް.. މިރޭ ތާރާ ހުންނާނީ ވަރަށް އުފަލުން ދޯ.. " ރާނީ ބުންޏެވެ. ތާރާ އާއި ހަމަދް އައިސް ހުއްޓުނީ އެމީހުން ކައިރިއަށެވެ.

" ކިހިނެއްވެގެން ދުއާ އެދިޔައީ.. ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެން ހީވަނީ.. " ތާރާ ބުނެލިއެވެ.

" އާނ އަހަރެން ގޮވާލުމުން އަހަރެންނާ ދިމާލަށް ބަލައިލާފަ ކަޅި އަޅައިލިގޮތުން އަހަރެން ނުފިހުނީ ކިރިޔާ.. " ހަމަދް ބުނެލިއެވެ. ތާރާ ހަމަދްގެ ކޮނޑުގައި ޖަހައިލިއެވެ. އާރަވް ހަމަދްއާއި ސަލާމް ކޮށްލަމުން ލުއި ގޮތަކަށް ބައްދައިލިއެވެ.

" މީ ކޮންކުއްޖެއް.. ރެވްގެ ބިޓު މަންޖެތަ؟ " ރާނީއަށް ބަލައިލުމަށްފަހު ސަމާސާ ރާގެއްގައި ހަމަދް އަހައިލިއެވެ.

" ތިހެން ކަންނޭނގެ.. ދޯ ރެވް.. " ތާރާވެސް ހަމަދްއާ އެއްބައިވެލިއެވެ. ރާނީ ރަކިވެ އިސްޖަހައިލިއެވެ. އެމަންޒަރު ފެނި އާރަވް ދެރަވެއްޖެއެވެ.

" ސާބަސް ކަލޭމެންނަށް.. ތަނަކު އަންހެނަކާ ފިރިހެނަކު ވާހަކަ ދައްކަން ތިބިއްޔާ އެވީ ބިޓުންނައްތަ؟ " އާރަވް ބުނެލިއެވެ.

" ރާނީ ހިނގާބަލަ އަހަރެންނާ އެކު ވޮޝްރޫމަށް.. " ރާނީ އެތަނުން ދާން ބޭނުންވެފައި ހުރިކަން އިހުސާސްވެ ތާރާ ބުންޏެވެ. ރާނީ އަވަސް އަވަހަށް ބޯޖަހައިލުމަށްފަހު ކައުންޓަރު މަތީގައި އޮތް ކްލަޗް ހިފައިގެން ތާރާ އާ އެކު ހިނގައިގަތެވެ.

" ޔަގީނޭ އެދިޔައީ މޭކަޕް ކުރަންކަން.. " ކުރިން ރާނީ އިން ގޮނޑީގައި އިށީންނަމުން ހަމަދް ބުންޏެވެ.

" މިފަހަރު ތިއައީ ހުރިހާ ކަމެއް ނިންމަން ދޯ.. ތާރާވެސް ގޮވައިގެން ތަ އެކޮޅަށް ދާނީ.. " އާރަވް ބުނެލިއެވެ.

" ތާރާ ބޭނުމިއްޔާ އޭނަވެސް ދާންވީ.. އެކަމަކު ދެން އެންމެ އަހަރެއްނު އޮތީ.. އޭރުން އަނެއްކާވެސް އައިސް ޖޮއިންވާން އިނީ މިހޮސްޕިޓަލް.. " ކައުންޓަރު މަތީގައި ހުރި މޮހީޓޯ ތަށިން ކޯވަރެއް ބޯލުމަށްފަހު ހަމަދް ބުންޏެވެ. އެއީ ރާނީ އޭނާއަށް އޯޑަރު ކުރި މޮހީޓޯ ތައްޓެވެ.

" ރެވް އަދިވެސް ނޫޅެންތަ އެކަހަލަ ކަމަކާ.. ރާނީތަ އެމަންޖެއަށް ކިޔަނީ.. ރެވްއާ ވަރަށް ގުޅޭ.. އެކަމާ އުޅެންވީނު.. " ހަމަދް ބުންޏެވެ.

" ބުނީމެއްނު ދުއާ ދިޔައީ ކަޅި އަޅައިގެންފައޭ.. އެއީ ކީއްވެގެންނޯ.. " އާރަވް އަހައިލިއެވެ.

" ތާރާ ބުންޏޭ ދުއާއަށް ކިޔައިދިން ވާހަކަ ހުރިހާ ވާހަކައެއް..  އެހެންވެ ކަންނޭނގެ.."

" ތިހެން ބުނީމަ އަހަރެންވެސް ހަމަދް ކުރެން ވާހަކައެއް އަހާލަން ވެފަ އެބައޮތް.. " ކަމެއް ހަނދާންކޮށްލަމުން އާރަވް ބުންޏެވެ.

" އަހާބަލަ.. " ހަމަދް ބުންޏެވެ.

" މީގެ ދެއަހަރު ކުރިން ޕާޓީގަ... " އާރަވްއަށް ފުރިހަމަ ނުކުރެވެނީސް ހަމަދް ވާހަކަ ދައްކަން ފަށައިފިއެވެ.

" ތި ވާހަކައެއްނު މިދައްކަނީ.. އެރޭ ދުއާއަށް އަހަރެން ވޯން ކުރިން ގްރޭޕް ޖޫސް ނުބޮން.. އޭގެއަށް މިތާ އުޅުނު ފަސްޓް އިޔަރ ކުދިން ބޭހެއް އަޅާފަ ހުރީ.. އަހަރެންނަށްވެސް އެނގިގެން އެޅީ.. ފަހުން ކަޑަވި... އެކ.." ހަމަދްއަށް ބުނެވުނީ އެވަރަށެވެ. އޭނާގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔައީ އާރަވްގެ އަތުގެ ހޫނު އެތިފަހަރެކެވެ. އެދެލޮލުން ފެންނަމުން ދިޔައީ އަނގުރު އަލިފާން ކަހަލަ ރުޅިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 19 ޖުލައި ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް