"އާ ޔޫ ސީރިއަސް.. އެއްބަސްވީތަ ތި.. ހަހަހަ.. މިދަނީ އަވަހަށް ދުއާއަށް ގުޅާފައި ބުނަން.. އޭރަށް އޭނަގެ މޫޑު ބަދަލުވެދާނެ ކަންނޭނގެ.. އެނގޭތަ މިއަދު ވަރަށް ހޫނު ފައިޓެއް ދިޔައެއްނު.. " ތާރާ މިއަދު ކަން ހިނގާ ދިޔަ ގޮތް އާރަވްއަށް ކިޔައިދިނެވެ. ދުއާ ރުއި ވާހަކަ ބުނުމުން އާރަވްގެ ހިތަށް އަސަރުކުރިނަމަވެސް މޫނުމަތިން އެކަމެއް ނުދެއްކިއެވެ. އާރަވް އިތުރު ވާހަކައެއް ނުދެއްކުމުން ތާރާ ފޯނުން ދުއާއަށް ގުޅަމުން ކޮޓަރިއަށް ވަނެވެ.
**********************
ރިޒާ ކައިރީގައި އިނދެފައި ދުއާ ކޮޓަރިއަށް އައީ ނުވައެއް ޖަހަން އުޅެނުކޮށެވެ. ބަނޑުގައި އަތް ހާކައިލެވުނީ ކުރެވުނު ބަނޑުހައި ކަމުގެ އިހުސާސުންނެވެ. ސޭންޑްވިޗަކަށް އޯޑަރު ކުރުމަށްފަހު ދުއާ ވަނީ ފެންވަރާށެވެ. ފެންވަރައިގެން ނިކުތްއިރު ސައިޑް ކަބަޑުމަތީގައި އޯޑަރު ކުރި ސޭންޑްވިޗާއި ޖޫސްތައްޓެއް ހުއްޓެވެ. ކިތަންމެ ބަނޑުހައިވެފައި ހުރިނަމަވެސް ދުއާއަށް ހުސްކުރެވުނީ ސޭންޑްވިޗްގެ އެއްބައެވެ. މިއަދު ޒިލާލް ކަންތައް ކުރަން އުޅުނު ގޮތް ހިތަށް އެރިޔަސް އޭނާގެ ގައިން ހީބިހި ނަގައިގެން ދެއެވެ. ކޮންމެ މީހަކީވެސް މަރުވާނެ މީހެއްކަން ދުއާއަށް ވިސްނެއެވެ. އެހެންނަމަވެސް އެނގިހުރެ ގަސްދުގައި މަރާލުމަކީ ކުރެވޭ ބޮޑު ފާފައެކެވެ. އެވާނީ ގަތުލެއް ކަމުގައެވެ. ރިޒާއަށް އަމިއްލައަށް ނޭވާ ނުލެވުނުކަމުގައިވިޔަސް އޭނާގެ ހިތުގައި ވިންދު ހުރިހާ ހިނދަކު ދުއާ އުއްމީދު ކަނޑާލާކަށް ބޭނުމެއް ނުވެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ އެކަލާނގެ ރަޙުމަތުން އުއްމީދު ކަނޑައިނުލުމަށެވެ.
ތެތްވެފައިވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން އެކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ދުއާ ނިކުތެވެ. ޖެހެމުން ދިޔަ ލުއި މަޑު ވައިރޯޅިތައް ހަށިގަނޑުގައި ބީހިލުމާއެކު ދުއާ އަށް ހަށިފުރާ ނޭވައެއް ދޫކޮށްލެވުނެވެ. ރެއިލިންގެ ގައި އަތް އަޅުވައިލަމުން ދުއާގެ ނަޒަރު އުޑުމަތީގައިވާ ބުރުހަމަ ހަނދަށް ހުއްޓައިލިއެވެ. އެހަނދުގެ ފުރިހަމަ ކަމާމެދު ހިތާ ހިތުން ތަޢުރީފު ކޮށްލެވުނެވެ. ޖަވާހިރުކޮޅުތަކެއް ފަދައިން ވިދަމުން ދިޔަ ތަރިތައް ނިސްބަތުން މަދެވެ. އެހެންނަމަވެސް އޭގެ ސަބަބުން ހަނދުގެ ފުރިހަމަކަށް ވަކި ބަދަލެއް ނާދެއެވެ. އެކަނިވެރިކަމެއް ލިބިފައިވަނީ ދުއާގެ ހިތަށެވެ. ދުއާ އަށް ނޭނގުނީ އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެހިސާބުގައި މީހަކު ހުރިކަމެވެ.
*************
އާރަވް ސައިކަލު މަޑުކޮށްލީ ދުއާގެ ގެޔާ ތަންކޮޅެއް ދުރުގައެވެ. އެހިސާބުގައި ސައިކަލު ޕާކު ކޮށްލުމަށްފަހު އާރަވް އެގެއަށް ވަންނަން ދިޔައެވެ. ގޭޓު ކުރިމައްޗަށް ހުއްޓުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ. އެހިސާބަށް އޭނާ އެއައީ އެކަމަށް އޭނާގެ ހިތްއެދި ގޮވާވަރުންނެވެ. ބޭނުންވަނީ އެންމެ ފަހަރަކު ނަމަވެސް ދުއާ ދެކިލުމަށެވެ. އާރަވް ފެނުމުން ދޮރުވާނަށް އެއީ ކާކުކަން ވަރަށް ފަސޭހައިން އެނގި ގޭޓު ހުޅުވާލަދިނެވެ. ހިނިތުންވެހުރެ ޝުކުރުއަދާ ކުރުމަށްފަހު އާރަވް އެތެރެއަށް ވަނެވެ. ވަކި ހިސާބަކަށް ދެވުނުތަނުން ބެލްކަނީގައި ހަނދަން ބަލަހައްޓައިގެން ހުރި ދުއާ އާރަވްގެ ލޮލުގައި އަޅައިގެންފިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އާރަވްއަށް ނޭޅުނެވެ. ދުއާގެ ރީތިކަމުގެ ޖާދޫގައި ޖެހި އޭނާގެ ދެފައިގައި ކަސްތޮޅު އެޅުވުނު ފަދައެވެ. ހަނދުހެން އަލިވެފައިވާ އެމޫނަށް އާރަވްއަށް ބަލަހައްޓައިގެން ހުރެވުނީ އާގަމަވެފައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ކުރެހުންތެރިއެއްގެ މޮޅު ކުރެހުމެއް ފަދައެވެ. އެރީތި ތަސްވީރު އާރަވްގެ ހިތުގައި ކުރެހުނީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ. ހަނދަށް ބަލަން ހުރެފައި ދުއާ އިސްޖަހައިލިތަން އާރަވްއަށް ފެނުނެވެ. އޭނާއަށް އާރަވް ފެނުމުގެ ކުރިން ނިވައިވެލަން ބޭނުންވިއެވެ. އެހެނަސް އޭރު މާ ލަސްވެއްޖެއެވެ. ދުއާގެ ނަޒަރު އާރަވްއަށް އަމާޒުވީ ހިނދު ދުއާއަށް ލިބުނީ ހައިރާން ކަމެކެވެ. އާރަވްގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރިއިރު ލޮލާ ލޮލުން އެތައް ވާހަކައެއް ދައްކަމުން ދިޔައެވެ. ދެމީހުންގެ ހިތުގައިވެސް ވީ ޝަކުވާއެވެ. ކުރިން އިސްޖަހައިލީ އާރަވްއެވެ. އެތަނުގައި އެންމެ ހިނދުކޮޅަކުވެސް ހުރެފިނަމަ އިހުސާސްތަކަށް ބާރު ނުފޯރުވި އޭނާ ބޭޒާރުވެދާނެއެވެ. ޖީބަށް އަތް ޖަހައިލަމުން އެނބުރި ދާން ހިނގައިގަތެވެ. ދުއާއަށް އަތް ދިއްކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ދެތުންފަތް ފޫއަޅުވާލާފައި ނިކުތީ އާރަވްގެ ނަމެވެ. ނަމަވެސް އެއަޑު ޙުދު ދުއާއަށްވެސް އިވުނީ ކިރިޔާއެވެ. ދިއްކޮށްލެވިފައިވާ އަތްގެނެސް ދުއާ މޭގައި ޖައްސައިލިއެވެ. ހިތުގެ ހިނގުން އަވަސްވެފައިވީތީ ހަމަޔަކަށް އަޅުވައިލުމަށް އެމޭގައި ފިރުމައިލެވުނެވެ. ދުވަހަކު ނުކުރެވޭ ފަދަ އިހުސާސްތަކެއް މިކުރެވެނީ ކީއްވެގެންބާއޭ ހިތަށް އެރިއެވެ. އޭނާ ބަލަބަލާ ހުއްޓާ އާރަވް އެގެއިން ނިކުމެގެން ގޮސްފިއެވެ. އާރަވް އެގެއަށް އައީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ. އޭނާއަށް އާރަވް އެފެނުނީ އެތަނުގައި ހުންނަތާ ކިހާއިރެއްފަހުން ބާއޭވެސް ހިތަށް އެރިއެވެ.
**************
ހޮސްޕިޓަލް ކުރިމައްޗަށް އާރަވްގެ ސައިކަލު މަޑުކޮށްލުމާއެކު ޝުކުރު އަދާކުރަމުން ރާނީ ފޭބިއެވެ. ޕާކު ކޮށްފައި އެބަ އަންނަން ކަމަށް ބުނެ އާރަވް ކުރިއަށް ދުއްވައިލިއެވެ. ހޮސްޕިޓަލަށް ވަންނަން ދިޔަ ރާނީގެ ކުރިމައްޗަށް ލޫކަން އެރީ ކުއްލިއަކަށެވެ. އެއާއެކު ސިހިފައި ރާނީ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
" ހާދަ އުފާވެފަ ހުރިހެން ހީވެޔޭ.. ލޯބިވެރިޔާއާ އެކީ އާދެވުނީމަތަ؟ " ލޫކަން ބުނެލިއެވެ.
" އެކްސްކިއުޒްމީ؟؟؟ " ނިތަށް ރޫއަރުވައިލަމުން ރާނީ އަހައިލިއެވެ.
" ހީކުރީތަ ނޭނގޭނެކަމަށް.. ތިދެމީހުންގެ ގުޅުން ނޭނގޭ މީހެއް މިހާރު މަދުވާނެ.. އެހާ އަވަހަށް ކުރީގެ ލޯބިވެރިޔާ މަތިން ހަނދާން ނެތުނީތަ؟ " ލޫކަންގެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ.
" އޮޅުވާލާ މަކަރުހެދީ ކާކުކަން ވަރަށް ރަނގަޅަށް އެނގެއެއްނު.. ތިކަހަލަ ބޭކާރު ވާހަކަދައްކަން ހުންނާކަށް އަހަރެން ބޭނުމެއްނޫން.. " މިހެން ބުނެ ރާނީ އެތަނުން ހިނގައިގަތެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ހިތަށް ކުރި އަސަރުންނެވެ. ލޫކަން އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކޮށްފައިވިޔަސް އަދިވެސް އޭނާގެ ހިތުގައި ލޫކަން އަށްޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ. ލޫކަން ދުލުން އެހެން މީހަކާ އަޅުވާ ކިޔުމުން އެހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު ރާނީ ލިފްޓަށް އެރިއެވެ. އަނެއްކާވެސް ސިހުމެއް ލިބުނީ ފަހަތުން އައިސް ލޫކަންވެސް ލިފްޓަށް އެރުމުންނެވެ. ލޫކަން ލިފްޓަށް ވަނުމަށްފަހު އިތުރު މީހަކު ވަނުމުގެ ކުރިން ލިފްޓް ކްލޯޒް ކޮށްލިއެވެ. ރާނީ ލޫކަން އާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އޭނާގެ ކަރުނުން ފުރިފައިވާ ދެލޯ ލޫކަންއަށް ސިއްރެއް ނުވިއެވެ. މުތީތަކެއް ފަދައިން އެދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނި ލޫކަންގެ ހިތް މަޑުކަފަކޮޅަކަށް ވެއްޖެއެވެ. ލޫކަން ރާނީއާ ކައިރިއަށް ޖެހިލިއެވެ. ރާނީގެ އަތްތިލައިގާ މަޑުމަޑުން ހިފައިލިއެވެ. ރާނީއަށް އެއަތަށް ބަލައިލެވުނެވެ.
" ބިހޭވް ޔޯ ސެލްފް ލޫކަން.. ތީ ދުއާގެ ވާން އުޅޭ ފިރިމީހާ.. " ލޫކަންގެ އަތުތެތެރެއިން މަޑުމަޑުން އަތް ދަމައިގަންނަމުން ރާނީ ބުންޏެވެ. އެވަގުތު ފަސްވަނަ ފަންގިފިލާއަށް ލިފްޓްގެ ދޮރު ހުޅުވުނެވެ. އެއާއެކު ރާނީ އެތަނުން ނިކުމެގެން ގޮސްފިއެވެ. ފުންނޭވައެއް ދޫކޮށްލަމުން ލޫކަން އޭނާގެ އިސްތަށިގަނޑުގައި މައްޗަށް އަތް ފުނާ އަޅައިލިއެވެ. ކުށްވެރިކަމުގެ އިހުސާސް ކުރެވުނީ އިންތިހާއަށެވެ. ރާނީ ކައިރީގައި ހުންނައިރު އޭނާގެ އަމަލުތައް އިން ފަހަނައަޅާ ދަނީ ބޭއިޙްތިޔާރުގައެވެ.
***********
ބްރޭކް ގަޑީގައި ތާރާ އާއި ދުއާ އަދި ރާނީ ކެންޓީނަށް ދިޔައީ އެކީގައެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް އެމީހުން ގޮސް އެތަނުން މޭޒެއް ކައިރީގައި އިށީނެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ލޫކަން އާއި އާރަވް ތިއްބެވެ. ދުއާއަށް އިރުއިރުކޮޅާ އެދިމާލަށް އަވަސް ނަޒަރެއް ދެވެއެވެ. އެދިމާލަށް ނުބަލަން ރާނީ ހުވައި ކޮށްގެން އިން ކަހަލައެވެ. ލޫކަންގެ ތޫނު ނަޒަރު އޭނާއަށް އަމާޒުވަމުން ދާކަން ރާނީއަށް އެނގެއެވެ.
" އޭ އިނގޭތަ މިއަދު ހުރީ ދިވެހި ކެއުން.. މިއަދު ވާނެ ކެއުމަށް ހަދާލަން.. އެބަ އަންނަން އޯޑަރު ދީފަ.. ދުއާ އާއި ރާނީ ކޯންޗެއް ކާނީ... " ތާރާ ބުނެލިއެވެ.
" ތާރާ އަށް އެނގެއެއްނު އަހަރެންނަށް އެންމެ މީރު ކެއުން.. ބަނބުކެޔޮ ބަތާ ރިހާކުރު ދިޔަ. ތެލުލި ހިކި މިރުހާ ތެލުލި ފަތްވެސް.. " ދުއާ ޖޯޝާއެކު ބުންޏެވެ.
" އެއީ ދުއާގެ އެންމެ މީރު ކެއުންތަ؟ އަހަރެންގެ މަންމައަށްވެސް.. ހަފްތާއަކު އެއްދުވަހު ނަމަވެސް އެކެއުން ނުކައި މަންމައަށް ނުފުދޭނެ.. " ރާނީ ބުނެލިއެވެ.
" އެހެންތަ؟ އެކަމަކު އެކޮޅުން ކިހިނެއް ރިހާކުރު ލިބެނީ.. " ތާރާ އަހައިލިއެވެ.
" މަންމަގެ ކޮންމެވެސް ރައްޓެހި މީހެއް ލައްވާ ގެންނާނެ.. ގޭގަ ހުސްނުވާނެ ރިހާކުރު.. މަންމައަށް ރިހާކުރާ ނުލާ ނޫޅެވޭނެ..ހެހެހހެ. " ރާނީ ކިޔައިދިނެވެ. " އަހަރެންނަށްވެސް އެކެއުން ތާރާ... "
" ތާރާ ބުނި ރާނީ އެހެން ގެއަކަށް ބަދަލުވާ ވާހަކަ..؟ އާއިލާ ބައެއް ދޯ.. " ތާރާ ދިޔުމުން ދުއާ އަހައިލިއެވެ. އެޙަބަރު ލިބުމުން އެންމެ ބޮޑު އުފަލެއް ލިބުނީ ދުއާ އަށެވެ. ކީއްވެކަމެއް ނޭނގެއެވެ. ރާނީ އެގެއިން ދާތީ ދުއާ ހުރީ ހިތްހަމަޖެހިފައެވެ.
" ހުމްމްމް.. އެގޭގަ ހުރެލަން ކަމަށް.. އެކަމަކު އިތުރު މީހެއް ކައިރީގައި އެވާހަކަ ނުބުނައްޗެ.. އަހަރެންގެ މަންމައަށްވެސް ނޭނގޭނެ އަހަރެން އެގެއަށް ބަދަލުވާކަމެއް.. މަންމައާ އެމީހުންނާ އެހާ ގުޅުމެއް ނޯންނާނެ.. އަހަރެން އެމީހުން ކައިރީގައި އުޅެލާ ހިތުން.. " ރާނީ ކިޔައިދިނެވެ. އެންމެ ބޮޑު ސިއްރުތައްވެސް ދުއާއާ ހިއްސާ ކުރެވެނީ ކީއްވެ ކަމެއް ރާނީއަކަށް ނޭނގެއެވެ. ދުއާ އާ ވާހަކަދެކެވުމުން އިހުސާސް ކުރެވެނީ ވަރަށް ގާތް ގޮތެކެވެ.
" އެކަމަކު މަންމަގެ ނުގަބޫލުގަ ކަންތައްތައް ކުރާކަށް ނުވާނެއްނު.. މަންމަ ދެރަވާ ކަހަލަ ކަންތައް ކުރީމަ ކިހާ ދެރަވާނެ.. އަހަރެން ނަމަ މަންމައަށް އޮޅުވައެއް ނުލާނަން.. " ދުއާ ބުނެލިއެވެ.
" ވެދާނެއްނު މަންމައަށް ރަނގަޅަށް ކަމަށްވެސް އަހަރެން މިގޮތަށް ކަންތައް ކުރަނީ؟ " ރާނީ ބުންޏެވެ. " ވާހަކައެއް އަހާލަންތަ؟ "
" އަހާލަބަލަ.."
" ދުއާގެ މަންމަ ކޮބާ؟ " ރާނީ އަހައިލިއެވެ.
" އަހަރެން ވަރަށް ކުޑައިރު މަންމައާއި ބައްޕަ ޑިވޯސް ވެއްޖެ.. " ދުއާ ބުނެލީ ހަމައެކަނި އެވަރަށެވެ. އިތުރު ސުވާލެއް ކުރާކަށް ރާނީއަށް ނުކެރުނެވެ. ކާއެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ތާރާ އައިސް އެމީހުން ކައިރީގައި އިށީނެވެ. ދެން ދެކެވެން ފެށުނީ ހަމަދް އަންނަން އުޅޭ ވާހަކައެވެ. އޭނާ އައުމުން ކައިވެނި ކުރަން ހަމަޖެހިފައިވާ ވާހަކައެވެ.
" އަންނަ ހަފްތާ ބުދަ ދުވަހަކީ ބޮޑު ދުވަހެއްނު.. ރާނީ ހެނދުން ފަހަފައިންތަ؟ " ތާރާ އަހައިލިއެވެ.
" ހޮސްޕިޓަލުގެ އަހަރީ ދުވަސް ދޯ.. ކޮންމެ އަހަރަކުވެސް ވަރަށް ބޮޑު ޕާޓީއެއް އޮންނަ ވާހަކަ އަޑުއެހިން.. " ރާނީ ބުންޏެވެ.
" އާނ ވަރަށް ކުލަގަދަ ކޮށް ފާހަގަ ކުރާނެ.. މިފަހަރު ޕާޓީ ތީމްއަކީ ހުދާއި ކަޅު ދޯ.. " ތާރާ ބުންޏެވެ. އެވަގުތު ދުއާގެ ފޯނު ރިންގުވާން ފެށިއެވެ. ރިޒާގެ ނަރުސްގެ ނަން ސްކްރީނުން ފެނުމާއެކު ދުއާ އަވަސް އަވަހަށް ފޯނު ނެގިއެވެ. އެންމެ ފުރަތަމަވެސް ހިތަށް އައިސް ވަނީ ޒިލާލްއާއި އޭނާގެ ނުބައި ރޭވުމެވެ.
" ވަޓް.. " އެހެން ބުނަމުން ދުއާ ތެދުވީ ކުއްލިއަކަށެވެ. ތާރާ އާއި ރާނީއަށް ލިބުނީ ސިހުމެކެވެ. ދުރުގައި ތިބި ލޫކަން އާއި އާރަވްގެ ނަޒަރުވެސް އަމާޒުވެފައިވަނީ ދުއާ އަށެވެ. ވީކިހިނެއްތޯ ތާރާ އަހައި ނުލެވެނިސް ވައިސޫރިއެއްހެން ދުއާ އެތަނުން ނިކުމެގެން ގޮސްފިއެވެ. އެއާއެކު ލޫކަންއާއި އާރަވްވެސް އިންތަނުން ތެދުވެއްޖެއެއެވެ. ވީކިހިނެއްތޯ ބަލަން ތާރާވެސް ތެދުވެގެން ދިޔައެވެ. ތާރާއަށްވުރެ ކުރިން އެތަނުން ނިކުތީ ލޫކަންއެވެ. އެމަންޒަރު ފެނި ރާނީއަށް ހިތިގޮތަކަށް ހިންދިރުވައިލެވުނެވެ. އެކަމުން ރާނީއަށް ދޭހަވީ ލޫކަން ދުއާ ދެކެ ލޯބިވާ ވަރެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 12 ޖުލައި ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް