ވާހަކަ: މަންޒިލް ތިޔޭ – ބާރަވަަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ރާނީ ގޮސް އެމީހުން ކައިރީގައި އިށީންނަމުން ސަލާމް ގޮވައިލިއެވެ. ގެންނަންވީ އެއްޗިއްސަށް މާކުރިންވެސް ރަފާ ވަނީ އޯޑަރު ދީފައެވެ. ރާނީ ސާރާއަށް ބަލައިލީ ކެތްމަދުވެފައިވާ ފަދައަކު...

19 Jun 2022 | 17:10

ކުރީގެ އަދަދާއި ގުޅޭ...

ރާނީ ގޮސް އެމީހުން ކައިރީގައި އިށީންނަމުން ސަލާމް ގޮވައިލިއެވެ. ގެންނަންވީ އެއްޗިއްސަށް މާކުރިންވެސް ރަފާ ވަނީ އޯޑަރު ދީފައެވެ. ރާނީ ސާރާއަށް ބަލައިލީ ކެތްމަދުވެފައިވާ ފަދައަކުންނެވެ. ސާރާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ރާނީއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ތައްޔާރުވެލިއެވެ.

" ހިޔެއް ނުވޭ ހާޖަރު އޭނާގެ މާޒީއާ ބެހޭގޮތުން ރާނީއަށް އެއްވެސް ވާހަކައެއް ކިޔައިދީފަވާހެން.. ފަހަރެއްގައި އަހަރެންނަށް ދެކެވޭ ވާހަކައަކުން ރާނީއަށް އޭގެ ނޭދެވޭ އަސަރުކުރުން އެކަށީގެންވޭ... " ސާރާ ބުންޏެވެ.

" ތިބުނީ...؟ މިސާލަކަށް ކޮންކަހަލަ ވާހަކައެއް..؟ " ރާނީ އަހައިލިއެވެ.

" މިބުނީ އަހަރެން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ރާނީ ޖެހޭނޭ ވަރަށް ހިތްވަރު ގަދަ ކުއްޖަކަށް ވާން.. "

"ކަންބޮޑުނުވޭ! ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އަހަރެންނަށް އަޑު އެހޭނެ.. " ޔަގީންކަން ދެމުން ރާނީ ބުންޏެވެ.

" އެންމެ ރަނގަޅު!! އަޑުއަހާ..!! ފެށުނީއްސުރެންވެސް މަންމައަކީ ވަރަށް ޒީލަގަދަ އަންހެނެއް.. ހުރިހާ ކަމެއްވެސް ވާންޖެހޭނީ މަންމަ ބޭނުންވާ ގޮތަށް.. އަހަރެންނަށް ބިލާލްއާ އިނދެވުނީވެސް އެހާ ދަތި އުނދަގޫތައް ހުރަސް ކޮށްފަ.. އަހަރެންނަކީ ޔަތީމު ކުއްޖަކަށްވީމަ ޤަބޫލުނުވީ.. އެކަމަކު ބައްޕަ އެކަމަށް ބާރު އެޅުމުން އިނދެވުނީ.. ބިލާލްއާ އިނދެގެން އަހަރެން އެގެއަށް ދިޔަފަހުން އެނގުނު މަންމައަކީ އަހަރެން ހީކުރިވަރަށްވުރެވެސް ބޮޑަށް ޒީލަގަދަ ، އެހެން މީހުންގެ މައްޗަށް ބާރުވެރި އަންހެނެއްކަން.. ގޭ ހުރިހާ އެންމެންވެސް ތިބޭނީ މަންމަގެ ދަށުވެފަ.. މަންމަގެ ހުއްދަނެތި ގޭގެ އެއްވެސް ކަމެއް ނުކުރެވޭނެ.. އެންމެ ކުޑަމިނުން ކައްކާނެ އެއްޗިއްސާ ކާން ޖެހޭ ގަޑިތަކާ އަހަރެމެން ލާނެ އެއްޗެހިވެސް އެނގެނީ މަންމައަށް.. އެންމެންވެސް ތިބެނީ މަންމަދެކެ ބިރުން ވިރި ވިރި.. އެކަމަކު ހުރިހާ އެންމެންނާވެސް ހާޖަރު ތަފާތު.. މަންމައަށް ރައްދު ދޭން ކެރޭ ހަމައެކަނި މީހަކީ އެއީ.. އެކަމާ ގިނަވަގުތު މަންމަ ހުންނާނީ ހާޖަރު ދެކެ ހިތްހަމަނުޖެހިފަ.. ބައްޕަ ހުންނާނީ މުޅިންވެސް ހާޖަރާ އެއްކޮޅަށް... ގޭގެ ހުރި އެންމެ އަންހެންކުއްޖަކަށްވީމަ ބައްޕަ ވަރަށް ލޯބިވާނެ ހާޖަރު ދެކެ.... ކިޑުނީ ބަލީގަ ބައްޕަ ނިޔާވިފަހުން ކުރިއަށްވުރެ ބޮޑަށް މަންމަ ގެއަށް ގަދަވެގަތް.. ހާޖަރު ކޮލެޖް ނިމުނުތަނުން މަންމަ ބޭނުންވީ މަންމަގެ އެކުވެރި ޔާސިރުގެ ފިރިހެން ދަރި މިސްބާހާ ހާޖަރު އިންނަން.. އެއީ ހާރޫންގެ އަންހެނުން ނީޒާގެ އެއްބަނޑު އެއްބަފާ ބޭބެ.. މިސްބާހު ސްކޫލު ދައުރުއްސުރެން ފެށިގެން ހާޖަރު ދެކެ އިންތިހާއަށް ލޯބިވި ކަމަށްވަނީ.. އެކަމަކު ހާޖަރުގެ ހިތުގައި ރަސްކަން ކުރަމުން ދިޔައީ މުޅިން އެހެން މީހެއް.. އެއީ ކާކުތޯ ބަލާކަށްވެސް މަންމަ ބޭނުމެއްނުވި.. އެންމެ ފަހުން ހާޖަރު ފިލައިގެން ގޮސް އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކުރީ.. އެކަމުގެ ހިތާމައިގައި މިސްބާހު އަމިއްލައަކަށް މަރުވީ.. އެހެންވެ މަންމަ ހާޖަރާ އެއްކޮށް ގުޅުން ކަނޑާލީ.. ހާރޫނާއި ނީޒާވެސް ހާޖަރުދެކެ އިންތިހާއަށް ނަފްރަތު ކުރޭ.. " ވާހަކަ މެދުކަނޑާލުމަށްފަހު ސާރާ ފުންނޭވައެއް ދޫކޮށްލިއެވެ.

" އެހެންވީމަ އޭރު ގެއިން ނިކުތް ގޮތަށް ދޯ މަންމަ ބައްޕައާ އިނދެގެން ދުބާއީއަށް ބަދަލުވީ..." ވިސްނަން އިނދެފައި ރާނީ ބުންޏެވެ.

" ނޫން ރާނީ...!! ބުނަން މިއުޅޭ ވާހަކައަކުން ރާނީގެ ހިތުގައި އެތަކެއް ސުވާލެއް އުފެދޭނެކަން ޔަގީން.. ހަޤީޤަތަކީ ކޮބައިކަމެއް އަހަރެންނަކަށް ނޭނގެ.. އޭރު ކަންތައްވެގެން ދިޔައީ ހީވެސްނުކުރާ ފަދަ ގޮތަކަށް ވަރަށް ދެރަކޮށް.. ގެވެށި އަނިޔާގެ ޝިކާރައަކަށްވެ ހާޖަރު އޭނާގެ ފިރިމީހާގެ ގެއިން ނިކުމެގެން އަނެއްކާވެސް ގެއަށް  އައީ..."

" ވަޓް ނޯ.. އަހަރެންގެ ބައްޕަ ދުވަހަކުވެސް މަންމައަށް އަނިޔާއެއް ނުކުރޭ..." ރާނީއަށް ޤަބޫލެއް ނުކުރެވުނެވެ. ވާނުވާ ނޭނގިފައި އިނދެ ރަފާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.

" ރާނީ.. ވެދާނެއްނު އަހަރެން މިދައްކަނީ ރާނީގެ ބައްޕަގެ ވާހަކަ ނޫންކަމަށްވެސް... ފުރަތަމަ އަޑުއަހާބަލަ.." ސާރާ އެދުނެވެ. ރާނީ ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް ސާރާގެ ވާހަކަ ނިމެންދެން މަޑުކުރިއެވެ.

" މަންމަ އަލުން ހާޖަރު ބަލައިގަތީ އަހަރެންނާއި ބިލާލްގެ ވަރަށް އާދޭހާއެކު.. އޭރު އަހަރެން ރަފާއަށް ބަނޑުބޮޑު.. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ ހާޖަރުގެ ދެދަރިން ތިބީމަ.. ވަރަށް ލޯބި ދެއަންހެން ކުދިން.. އެއްކުއްޖަކަށް ދެއަހަރު.. އަނެއްކުއްޖާއަށް އަހަރުވެސް ނުވޭ.. ބޮޑުކުއްޖާއަށް ކިޔަނީ އުފާ.. ކުޑަކުއްޖާގެ ނަން.........  ހަނދާނެއްނުވޭ.. ގެއަށް އައި ފަހުން ހާޖަރުގެ މޫނުމަތިން އުފާވެރިކަމެއް ނުފެނޭ.. އަބަދުހެން އިންނަނީ މޮޅި ސާލު ލައިގެން.. އަހަރެން އެހީމަ ބުނީ ގެއިން ނިކުމެގެން އައީ އޭނާގެ ފިރިމީހާ ވަރިކުރީމައޭ.. އެއީ ކާކުތޯ އަހާލަން ބޭނުންވި އެކަމަކު ނުއެއް ކެރުނު.. އަނެއްކޮޅުން މަންމަގެ ކަންތައްވެސް ދިޔައީ ދުވަހެއް ދުވަހަކަށްވުރެ މައްޗަށް.. ގޭގައި ހާޖަރުއާ ހެޔޮއެދިގެން ބަހެއް ކިޔާލަނީ އަހަރެންނާއި ބިލާލު އެކަނި.. ހާޖަރުގެ ދަރިންނާމެދު ވެސް ކަންތައްކުރަމުން ދިޔައީ ވަރަށް އިހާނެތިކޮށް.. އެކަމާ ކިތަންމެ ދުވަހަކު ހާޖަރު ހިތާމަކުރަން އިންނަ ތަން އަހަރެން ދެކެން.. ހާޖަރުގެ ހަމައެކަނި ކުށަކަށްވީ މަންމަ ބުނި މީހާއާ ކައިވެނިނުކޮށް އަމިއްލަ ހިތްއެދުނު މީހާއާ ކައިވެނިކުރިކަން.. ހާޖަރުގެ ހަޔާތަށް ބޮޑު ރާޅެއް ބިންދާލީ އޭނާ އެކަމާ ވިސްނާވެސް ނުލާ ހުއްޓަ.. އެދުވަހު ހާޖަރު ދުނިޔެއިން މޮޔަވެފައިވާ މީހަކު ފަދަ.. އެހާ ވަރަށް މީހަކު ރުއިތަން އަހަރެންނަށް ދުވަހަކުވެސް ފެނިފައިނުވޭ.. އެރުއިން އަޑުއިވުނު ކޮންމެ މީހެއްގެ ހިތަށް އިންތިހާއަށް އަސަރުކުރާނެކަން ޔަގީން.. ހާޖަރުގެ ދޮށީ ދަރިފުޅު އުފާ.. ނުފެނިގެން ހޯދިއިރު ފެނުނީ ގޯތި ތެރޭގައި ވަކިން ހުންނަ ގިފިލީ ވަޅުގަ... މަރުވެފައި އޮއްވައި... " އެހިސާބަށް ދިއުމާއެކު ސާރާގެ ދެލޯ ފެންކަޅިވިއެވެ. މިހާރުވެސް އެދުވަސް އޭނާއަށް ސިފަވާ ކަހަލައެވެ. ރާނީގެ ލޮލުން ވެސް ކަރުނަ ފާއްދާލީ އިޙްތިޔާރަކާ ނުލައެވެ.

"އެއީ ކިހިނެއް ހިނގިކަމެއްކަން އެއްވެސް މީހަކަށް ބުނާކަށް ނޭނގުނު.. އެންމެންވެސް ކުށްވެރިކުރަމުން ދިޔައީ ހާޖަރު.. އޭނާގެ ފަރުވާ ކުޑަކަމުންނޭ ކިޔާ އެއްބައިމީހުން އޭނާއާ ދިމާލަށް އިނގިލި ދިއްކުރަމުން  ދިޔައިރު މަންމައާއި ނީޒާ އަދި ހާރޫންބެ ބުނަމުން ދިޔައީ ހާޖަރުގެ ނަފްސާނީ ބައްޔެއް ހުރެ ދުނިޔެއިން މޮޔަވެފައި ހުރިކަމަށް.. އެއް ހިތާމައިން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއް ބޮޑު ހިތާމައަކާ ކުރިމަތިވި.. ހާޖަރުގެ ކުރީގެ ފިރިމީހާގެ އާއިލާއިން ދަރިފުޅު ހޯދުމަށް ކޯޓަށް މައްސަލަ ހުށައެޅި.. އުފާ މަރުވުމުގައި ހާޖަރުގެ އިހުމާލުވާކަން ސާބިތުވެ ކުއްޖާ ލިބުނީ އެމީހުންނަށް.. ހާޖަރުގެ ނަފްސާނީ މައްސަލައެއް ހުންނަކަމަށް ހެކިބަސް ދިނީ ޙުދު ހާޖަރުގެ އާއިލާ މީހުން.. އެދުވަހު އަހަރެންނަށް ހާޖަރު ކައިރީގައި ނުހުރެވުނީ ރަފާ ވިހައިގެން ހޮސްޕިޓަލުގައި އޮތީމަ.. އެކަމަކު އަހަރެންނަށް އެނގޭ ހާޖަރު ރޯލާނެވަރު.. އަހަރެން ހޮސްޕިޓަލުން ގެއަށް ދޫކޮށްލި  ދުވަހު ހާޖަރު ކައިރިއަށް ދިޔައިން.. އޭރު އޭނަ އުޅުނީ ފޮއްޓަށް އެއްޗެހި އަޅާ.. ކޮންތާކަށް ދަނީހޭ އެހުމުން ބުނީ އެގޭގައި އުޅެނީ އޭނާގެ ދުޝްމަނުން ކަމަށް.. އެމީހުންގެ ތެރޭގައި އޭނާއަށް އަދި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ރައްކާތެރިކަމެއް ނެތް ކަމަށް.. ހާޖަރު ބަނޑުބޮޑުކަން އެނގުމުން އަހަރެން ވަރަށް އުފާވި.. އެކަމަކު ހާޖަރު އެދުނީ އެވާހަކަ އެއްވެސް މީހެއް ކައިރީގައި ނުބުނުމަށް.. އެހެންނޫނީ އެދަރިފުޅުވެސް އެމީހުން އަތުލައިދާނެކަމަށް.. އެދުވަހު ނިކުމެގެން ދިޔަ ގޮތަށް ހާޖަރުގެ ހަބަރެއް ނުވޭ.. " ސާރާ ހުރިހާ ވާހަކައެއް ކިޔައިދީ ނިމުނުއިރު ރާނީއަށް ރޮވިއްޖެއެވެ. ރަފާވެސް ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.

" ދެން ކޮބާ މިހާރު އެމީހުން ގެންދިޔަ ކުއްޖާ.. މަންމަގެ ބަނޑުގައި އޮތް ކުއްޖާއަށް ވި ކިހިނެއްބާ؟ " އެތަކެއް ސުވާލުތަކަކުން ރާނީގެ ސިކުނޑިއަށް ބާރުބޮޑުކުރަމުން ދިޔައެވެ.

" އެއީ ކޮންބައެއްކަން އެނގޭނަމަ ކޮންމެ ހާލެއްގައިވިޔަސް އަހަރެން އެކުއްޖާގެ ހަބަރު ބެލީމުސް.. މަންމައަށް އެނގޭނެހެން ހީވަނީ.. ހާޖަރު ދިޔަތާ ދުވަސްކޮޅެއް ފަހުން ބިލާލްވެސް މިދުނިޔެއާ ވަކިވެއްޖެ.. ހާޖަރަށް ނޭނގޭ އެނގޭނެ ކަމެއްވެސް އޭނާގެ ބޭބޭ މަރުވިކަމެއް.. ބަނޑުގައި އޮތް ކުއްޖާއަށް ވީގޮތެއްވެސް ނޭނގޭ.. ރާނީގެ ބައްޕައަކީ އެގައުމުގެ މީހެއްތަ..؟"

" އާނ.. ބައްޕަގެ އާއިލާ ނިސްބަތްވަނީ ދުބާއީއަށް.. އެމީހުން އެންމެންވެސް މަންމައަށް ވަރަށް ރަނގަޅު.. ބައްޕަވެސް މަންމަދެކެ ވަރަށް ލޯބިވޭ... "  ހާޖަރާ މެދު ރާނީއަށް ވިސްނައިލެވުނެވެ. އަމިއްލަ ގައުމުމަތިން ހާޖަރު އެހާ ފޫހިވާ ސަބަބު އަދި މިއެނގުނީއެވެ. ލޯތްބާއި އަޅާލުމަށް އެންމެ ބޭނުންވީ ވަގުތު އެމީހުން ހާޖަރަށް ދިނީ އިތުރުވޭނަކާ ތަކުލީފެކެވެ. ލޯބީގެ ބަދަލުގައި ލިބުނީ ޒަހަރެވެ. އެންމެ ގާތް މީހުންގެ ފަރާތުން ލިބޭ ޒަޙަމްތަކަކީ އެތައް ދުވަހެއްވާއިރުވެސް ފަސޭހަ ނުވާ ޒަޙަމްތަކެކެވެ. ހާޖަރު ތަޙައްމަލް ކުރި ވޭނާއި ހިތާމަތަކަށްފަހު ރާއްޖެ އަންނަން ބޭނުންނުވުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމުގައި ރާނީއަށް އިހުސާސް ކުރެވުނެވެ. އަދިވެސް އެތައް ސުވާލުތަކެއް ރާނީގެ ހިތުގައިވިއެވެ. އެސުވާލުތަކުގެ ޖަވާބު ލިބޭނެ ހަމައެކަނި މީހަކީ ހާޖަރެވެ. ނަމަވެސް އާއިލާ މީހުންނާ ރާނީ ދިމާވި ވާހަކަ ހާޖަރު ކައިރީގައި ބުނެފިނަމަ އެންމެ ހިނދުކޮޅަކުވެސް އޭނާ މިތަނުގައި ނުބަހައްޓާ ގެންދާނެކަން ޔަގީނެވެ. ދެން ހުރީ އަމާނެވެ. އެކަމުގައި އަމާންގެ އެއްބާރުލުން ލިބިދާނެބާއޭ ހިތަށް އެރިއެވެ. ޔަގީނުންވެސް ހާޖަރުގެ ދިރިއުޅުމުގައި ވީ ހުރިހާ ކަމެއް އަމާނަށް އެނގޭނެއެވެ.

" ސޮރީ ކުޑާއްތާ.. މަޣްރިބް ގަޑި ފާއިތުވާން ގާތް ވެއްޖެ.. އަދި ފަހުން ބައްދަލުކޮށްލަން އަންނާނަން..." އަތު ކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ރާނީ ބުންޏެވެ. ރާނީގެ ދުލުން ކުޑާއްތާ އޭ ބުނި އަޑުއިވި ސާރާއަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ރަފާއާއި ސާރާ ގައިގައި ބައްދާލުމަށްފަހު އެތަނުން ދިއުމަށް ރާނީ ހިނގައިގަތެވެ.

" ރާނީއާ މެދު އަހަރެން ވަރަށް ކަންބޮޑު އެބަވޭ.. " ރާނީ ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ ސާރާ ބުންޏެވެ.

" އެއީ..؟ " ލިބުނު ހައިރާންކަމާއެކު ރަފާއަށް އަހައިލެވުނެވެ.

" އަހަރެން ބުނީމެއްނު ހާޖަރު ގެއިން ނިކުމެގެން ދިޔައިރު އޭނާގެ ބަނޑުބޮޑޭ.. އެއީ މީގެ އަށާވިސް އަހަރު ކުރިން.. ރާނީ އުމުރުންވެސް އެވަރު ވެދާނެ.. ފަހަރުގައި ރާނީ ބައްޕަ އެކިޔަނީ އޭނާގެ ބައްޕައަށް ނޫން ކަމުގައިވެސް އެކަށީގެންވޭ... "

" ވަޓް... އެގޮތަށް ވިއްޔާ ރާނީ ހާދަ ދެރަވާނޭ ދޯ.. " ރަފާ ބުންޏެވެ. " މަންމާ!! ތިބުނި ގޮތުން ވިއްޔާ ރާނީގެ އެއްބަނޑު އެހެން ކުއްޖަކު ދުނިޔޭގައި އެބަހުއްޓެއްނު.. މިހާރު ކޮބައިބާ އެކުއްޖާ... "

" ނޭނގެ!! އެމަންޖެ ކޮންމެ ތަނެއްގައި ހުރިނަމަވެސް ހެޔޮހާލުގައި ލައްވާށި.. އާމީން.. " ސާރާ ބުނެލިއެވެ.

******************

ދުއްވަމުން ދިޔަ ކާރުގެ ފަހަތު ސީޓުގައި ބޭރު ބަލަހައްޓައިގެން އިން ދުއާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ތާރާގެ ފަރާތުން އިވުނު ވާހަކަތެކެވެ.

" ސޮރީ ދުއާ... އަހަރެން މިކަން ދުއާއަށް ސިއްރުކުރީ ހަމަދްއަށް ޓަކާ.. އެރޭ އޭނަ އެ ޑްރިންކް ނުބޯށޭ ބުނީ ކަމެއްވެގެން.. އަހަރެންނަށްވެސް އެނގުނީ މާފަހުން ހަމަދް ބުނީމަ.. އޭރު ހޮސްޕިޓަލްގެ ރެސިޑެންސީ ގަ އުޅުނު ހުރިހާ ފިރިހެންކުދިންވެގެން ކުރި ކަމެއް އެއީ.. އެމީހުން އަންހެންކުދިންނަށް ލަނޑެއް ދޭންވެގެން ކުރި ކަމެއް.. ނަސީބަކުން އެރޭ އެ ބުއިމުގެ އަސަރު ކުރީ ދެތިން ކުއްޖަކަށް.. އެއްކުޖަކު އުޅުނު މައްސަލަ ޖައްސަންވެގެންވެސް.. އެކަމަކު ފިރހެންކުދިންތައް މައާފަށް އެދުނީމަ އެކުއްޖާ އޯކޭވީ.. އަހަރެންވެސް ވަރަށް އެއްޗެހި ކީން ހަމަދްއާ ދިމާލަށް.. ސޮރީ ދުއާ... "

ދުއާއަށް ބޮލުގައި ހިފަހައްޓައިލެވުނެވެ. އާރަވްގެ ވާހަކައިގައިވަނީ ތެދު ހަޤީޤަތްކަން އެނގި ހާމަވެއްޖެއެވެ. ތަންދޮރު ނޭނގޭ ހާލުގައި އެރޭ އޭނާއަށް ޔަގީނުންވެސް ކޮންމެވެސް ގޯހެއް ހެދިއްޖެކަން ޔަގީންވެއްޖެއެވެ. ނޭނގޭނީ ކޮން ކަމެއް ކަމެވެ.

" އެހެންވީއިރު އެރޭ އަހަރެންނާ ފަހުން ދިމާވިތަ ތާރާމެންނާ.. ؟" ދުއާ އެހިއެވެ. ތާރާ ހަނދާން ކޮށްލިއެވެ. އެރޭ ފަހުން އޭނާއާއި ހަމަދް ދިޔައި މާލޭގެ މަގުތަކުގައި ދުއްވާލާށެވެ. އެނބުރި ޕާޓީއަށް ނުގޮސް ދެން އެމީހުން ދިޔައީ ހަމަދްމެންގެ ގެއަށެވެ.

" ނޫން.. ކިހިނެއްވީތަ މިހާރު ތިސުވާލުތައް ތިކުރަނީ... ރެވް ކީކޭ ކީތަ މިހާރު.. " ތާރާގެ ސުވާލަށް ޖަވާބު ދޭން އުޅެފައިވެސް ދުއާ ހުއްޓުނެވެ. އޭނާއަށް ކުރެވުނު ކަމެއް ޔަގީންނުވެ ތާރާ ކައިރީގައި އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނެވެ. އެތަނުން ނިކުމެގެން  ދުއާ އެއައީ ތާރާ ގޮވަ ގޮވާ އޮއްވައެވެ.

ކާރުގައި އިން ދުއާ ދެލޯ މަރައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އުޅެ އުޅެވެސް އެރޭ ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާނެއް ނުވިއެވެ. އަނެއް ދުވަހު ހޭލިއިރު ގައިމުންވެސް ދުއާ އޮތީ އޭނާގެ ކޮޓަރީގައެވެ. އާރަވްއާ އަނެއްކާވެސް ބައްދަލުކުރުން ނޫން ގޮތެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް މިފަހަރު ދުއާ ހުއްޓާލާނީ ހަޤީޤަތް ހޯދުމަށްފަހުގައެވެ. އާރަވްގެ އެކުވެރިކަމާއި ހިތުގެ ހަމަޖެހުމަށްޓަކައެވެ.

**************

ޑިއުޓީގައި އަވަދިނެތި އުޅުމަށްފަހު ލިބުނު ހުސްވަގުތުގައި ރާނީ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ކާކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ހެނދުނުވެސް އެއްވެސް އެއްޗެއް ނުކައި އައުމުގެ ސަބަބުން އިންތިހާއަށް ބަނޑުހައިކަމުގެ އިހުސާސްވަމުން ދިޔައެވެ. ކޮފީ މެޝިނުން ކޮފީއެއް އަޅައިގެން އެނބުރުނު ވަގުތު ކުރިމަތީގައި ހުރި ލޫކަން ފެނި ސިހިފައި ރާނީއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ.

" ޑޮކްޓަރ ލޫކަން... " ރާނީއަށް ބުނެވުނެވެ. " ޑޮކްޓަރ ދުއާ މިވަގުތު ސްކޭން ރޫމްގަ އިންނެވީ.. ނިކުންނެވިހާ އަވަހަކަށް ބުނެލަދޭނަން ހޯދަން އައި ވާހަކަ.. " އަނެއްފަރާތަށް އެނބުރި ކޮފީތަށި ކައުންޓަރު މަތީގައި ބަހައްޓަމުން ރާނީ ބުންޏެވެ.

" ރާނީ.. އަހަރެން... " ލޫކަން ބުނަން އުޅުނެވެ. ނަމަވެސް އެތަނުގައި ހުންނާކަށް ރާނީ ބޭނުމެއްނުވިއެވެ. އަވަހަށް އެތަނުން ދާން އުޅުނު ވަގުތު ލޫކަން ރާނީގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 21 ޖޫން ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް