ވާހަކަ: މަންޒިލް ތިޔޭ – އެގާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ދޮރުގައި ޓަކި ޖެހި އަޑަށް އާރްވް ދޮރާ ދިމާލަށް ބަލައިލިއެވެ. ވިސްނާނުލާ ވަންނާށޭ އާރަވް ބުނެލީ ކަންސާއި ތާރާ ނޫން އިތުރު މީހަކު ނުވަންނާނެކަން އެނގޭތީއެވެ. ނަމަވެސް ދޮރުހުޅުވާލ...

16 Jun 2022 | 17:26

ކުރީގެ އަދަދާއި ގުޅޭ...

ދޮރުގައި ޓަކި ޖެހި އަޑަށް އާރްވް ދޮރާ ދިމާލަށް ބަލައިލިއެވެ. ވިސްނާނުލާ ވަންނާށޭ އާރަވް ބުނެލީ ކަންސާއި ތާރާ ނޫން އިތުރު މީހަކު ނުވަންނާނެކަން އެނގޭތީއެވެ. ނަމަވެސް ދޮރުހުޅުވާލާފައި ވަން މީހަކު ފެނި އާރަވްގެ ދެބުމަ ގޮށް ޖަހައިލެވުނެވެ.

" ގޯ އަވޭ ދުއާ... މިވަގުތު މޫޑެއް ނެތް އެއްވެސް މީހަކާ ވާހަކަ ދައްކާކަށް..." ދުއާ އާ ނަޒަރު ވަކިކޮށްލަމުން އާރަވް ބުންޏެވެ. ކޮޓަރިއަށް ވަދެ ދުއާ ދޮރު ލައްޕައިލިއެވެ. އޭނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ނުހޯދާ އެތަނުން ދާން ބޭނުމެއް ނޫނެވެ. އެސުވާލުތައް އޭނާ ރޭގެ ނިދިން މަހުރޫމްކޮށްފިއެވެ.

" އަޑެއް ނީވުނުތަ...؟ މިބުނީ މިތަނުން ދާށޭ.. އެއްވެސް މީހަކާ މިވަގުތު ވާހަކަ ދައްކާ ހިތެއް ނެތް.. ހާއްސަކޮށް ކަލެއާ... " ދުއާ އާ ދިމާލަށް ދެލޯ ހަނިކޮށްލަމުން އާރަވް ބުންޏެވެ. އެއަޑުގައިވި ރުންކުރުކަން އިހުސާސްވި ނަމަވެސް ދުއާ ފަހަތަކަށް ނުޖެހުނެވެ. ކުރިއަށް ދެފިޔަވަޅު އަޅައިލަމުން މޭގައި އަތް ހުރަސްކޮށްލީ ފަހެއް ނުޖެހޭނެކަން އަންގާލުމަށެވެ.

" ރެވް!! އިނަފް!! ވަރަށް ގިނަ ދުވަހު ކެތް ކުރެވިއްޖެ.. އަހަރެންގެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް މިތަނަކުން ނުދާނަން.. " ދުއާގެ މޫނުމަތިން ފެނުނީ ސާބިތުކަމެވެ. އާރަވް އެނދުމަތިން ތެދުވީ ކުއްލިއަކަށެވެ. ދުއާގެ ކުރިމަތީގައި ހުއްޓުނު ގޮތުން ސިހުނު ވަރުން ދުއާއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. އާރަވް ކުރިއަށް ޖެހެމުން އައިސް ހުއްޓުނީ އޭނާގެ މޫނު ކިރިޔާ ދުއާގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ.

" ފަހު ފަހަރަށް މިބުނަނީ.. މިތަނުން ދޭ.. އެހެންނޫނީ ދެން ޖެހޭނީ އަތުގައި ހިފައިން ގަދަކަމުން މިތަނުން ނެރެން.. " އާރަވް ވާހަކަ ދެއްކީ މަޑުންނަމަވެސް އެއަޑުގައިވި ނުރައްކާތެރި އިހުސާސްވެ ދުއާގެ ހިތްއަވަސްވިއެވެ.

" ނޯ ރެވް.. އަހަރެން ޖަވާބު ބޭނުން.. މިއަދު ރެވް ޖެހޭނީ އަހަރެންގެ ސުވާލުތަކުގެ ޖަވާބުދޭން.. އަހަރެންނަށް ކުރެވުނީ ކީއްކަން ބުނީމަ ނޫނީ މިތަނުން ނުދާނަން.. " ހިތްވަރުކޮށްފައި ދުޢާ ވާހަކަ ދެއްކިނަމަވެސް އެއަޑުގައި ތުރުތުރެއްވިއެވެ. ދަތްތަކަށް ބާރުކޮށްލި އާރަވް ކުއްލި ހަރަކާތަކާއެކު ދުއާގެ ދެއަތުގެ ފަލަމަސްގަނޑުގައި ހިފާފައި ފަހަތަށް ކޮއްޕަމުން ގޮސް އަލަމާރީގައި ޖެއްސިއެވެ. އެވަގުތު ތަދުވީވަރުން ދުއާގެ އަނގައިން އާހެއް ނިކުތެވެ. ގޮށްޖެހިފައިވާ ބުމައާއި ރުޅިއެކުލެވިފައިވާ އާރަވްގެ ދެލޮލުން ހީވަނީ ދުއާ ފިހެލަފާނެހެންނެވެ. ދުއާގެ ދެލޮލުން ކަރުނަ ނީރާލީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ.

" ބުނީމެއްނު އަހަރެންނަށް ގޯހެއް ނުހެދެނިސް މިތަނުން ދާށޭ.. ކަލެއަށް ކުރެވުނު ކަންތައް އަހަރެން ކައިރީގައި ތި އަހަނީ ގަސްދުގަ އަހަރެން ކައިރިއަށް ރުޅިއަރުވަންތަ؟ ކަލެއަށް ކުރެވުނީ ކީއްކަން ރަނގަޅަށް އެނގޭނެ.. އެކަން ނުވާކަމަކަށް ހެދުމަށް ކަލޭ ކިހާ ދަށު ދަރަޖައަކަށް އަދި ވެއްޓޭނަން..؟ އަހަރެން ލައްވާ ތިހާ ބުނުވަން ބޭނުމިއްޔާ އަޑުއަހާ.. ކަލޭ ތީ ބޮޑު މަކަރުވެރިއެއް.. ދޮގުވެރިއެއް.. ކަލޭ އަހަރެންނާ ގުޅިގެން އުޅުނީ ވަގުތީ އުފަލަކަށްޓަކާ.. ލޫކް ނެތްތަން ފޫބައްދަން ކަލޭ ބޭނުންވީ.. އަހަރެންގެ އިހުސާސްތަކާ ކަލޭ ކުޅުނީ އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި... " އެހިސާބަށް ބުނެވުމާއެކު ރުޅިއައިސްގެން ވާހަކަ ދެއްކި ނަމަވެސް އާރަވްގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ދުއާ ދުއްޓެވެ.

" ރެވް....އަހަރ.... " ދުއާ ބުނަން އުޅުނެވެ. ނަމަވެސް އަނެއްކާވެސް އާރަވް ވާހަކަ ދައްކަން ފެށިއެވެ.

" ކަލޭ އަހަރެންގެ ހިތް ހަލާކުކޮށްލީ.. ކަލޭ އަހަރެންގެ މިހިތް ރޫޅާ ކުދިކުދިކޮށްލީ.. ދުވަހަކުވެސް ދެން ކުރިން ހުރިގޮތަށް އިއާދަ ނުވާނޭހެން.. ދެން ދުވަހަކުވެސް އެހެން މީހަކަށް އިތުބާރު ކުރެވޭނެ ކަމެއް ނޭނގެ.. ސުވާލުގެ ޖަވާބު ލިބިއްޖެ ކަމަށް ހީކުރަން.." ދުއާ އެއްފަރާތަކަށް ކޮއްޕާލަމުން އާރަވް ބުންޏެވެ. އެހިނދު ދުއާ ހަށިގަނޑު ކޮންޓްރޯލް ކޮށްލަމުން ފެންކަޅިވެފައިވާ ދެލޮލުން އާރަވްއަށް ބަލައިލިއެވެ.

" މިތަނުން ދާން އުޅޭ ދުއާ.. އެހެންނޫނީ ނަތީޖާ ރަނގަޅެއް ނުވާނެ.. " ދުއާއަށް ފުރަގަސް ދެމުން އާރަވް ބުންޏެވެ.

" ރެވް.. ﷲ ގަންދީ ހުވާކޮށްފަ ބުނަން.. އަހަރެންނަށް ކުރެވުނީ ކީއްކަމެއް ނޭނގޭ.. ރެވްގެ ހިތްހަލާކުކޮށްލެވުނީ ކިހިނެއް ކަމެއް ވިސްނަ ވިސްނާވެސް ނޭނގުނު.. " ދުއާގެ އަޑު ކުރެހިގެން ދިޔައެވެ. ކީއްވެ ކަމެއް ނޭނގުނަސް އާރަވް ދެއްކި ވާހަކަތަކުން އޭނާގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ.

" މީގެ ދެއަހަރު ކުރިން.. ހޮސްޕިޓަލުގެ އަހަރީ ދުވަހު ބޭއްވުނު ޕާޓީ.. ހަނދާން އެބަހުއްޓެއްނު.. އެރޭ ދުއާ ނިދީ ކޮންތާކު..؟ " އެހުރިގޮތަށް ހުރެ އާރަވް އަހައިލިއެވެ. ހަނދާން ކުރަން މަސައްކަތް ކުރަމުން ދުއާ ދެބުމަ ކައިރިކޮށްލިއެވެ. " ޔޫ ނޯވް ވަޓް.. އައިމް ޑަން ޓޯކިންގް.. ނައު ގެޓް ދަ ހެލް އައުޓަ ހިއަރ.. "

އާރަވް އައިސް ހިފީ ދުއާ އަތުގައެވެ. ގަދަ ހަދާކަށް ދުއާ ނޫޅުނެވެ. ދުއާ އޭނާގެ ކޮޓަރިން ނެރެލުމަށްފަހު އާރަވް ދޮރު ލައްޕައިލިއެވެ. ބަދިގޭގައި ކައްކަން އުޅުނު ކަންސާ އެދިމާލަށް ބަލައިލީ އަޑަށެވެ. ރޮވިފައި ހުރި ދުއާ ފެނުމުން ކަންސާ ގޮވައިލިއެވެ. ކިހިނެއްވީތޯ އަހަމުން ކައިރިއަށް އަންނަން އުޅުނު ހިނދު ދުވަމުން ކަހަލަ ގޮތަކަށް ގޮސް އެގެއިން ނިކުތެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގި ކަންސާ އެއްފަހަރު އާރަވްގެ ކޮޓަރިއާ ދިމާލަށް ބަލައިލުމަށްފަހު އަނެއްފަހަރު ދުއާ ދިޔަ ދިމާލަށް ބަލައިލިއެވެ. އަވަހަށް ހަރުވާޅުގެ ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ޑިއުޓީގައި އުޅުނު ތާރާއަށް ގުޅާފައި ހަބަރު ދިނެވެ.

************

ކޮޓަރިއަށް ވަންގޮތަށް ދުއާ އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އަޑުން އަޑުނަގާ ރޯންފެށުނެވެ. ބާލީހުގައި މޫނު ފޮރުވައިލީ ރުއިމުގެ އަޑު އެހެން މީހަކަށް އިއްވަން ބޭނުންނުވާތީއެވެ. އާރަވްގެ ވާހަކަތަކުން އޭނާގެ ހިތަށް އިންތިހާއަށް އަސަރު ކޮށްފިއެވެ. ކޮންކުށެއްކަން ނޭނގުނަސް އޭނާއަށް ކުށެއް ކުރެވިއްޖެކަން ޔަގީންވެއްޖެއެވެ. ގައިމުންވެސް އާރަވް އެހަދަނީ ދޮގެއް ނޫންކަން އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން ސާބިތު ކޮށްދީފިއެވެ. ކުރެވުނު ކަމެއް ހަނދާން ނުވަނީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ދުއާ ރުއިން ހުއްޓައިލިއެވެ. ދެއަހަރު ކުރިން ހޮސްޕިޓަލުގެ އަހަރީ ޕާޓީ މަތިން ހަނދާންކޮށްލިއެވެ. ތައްޔާރުވެގެން ޕާޓީއަށް ދާން ބަލާ އައީ އާރަވްއެވެ. ޕާޓީ އޮތް ހޯލުތެރެއަށް ވަނީވެސް ދެމީހުން އެކުއެކީގައެވެ. އާރަވް އޭނާގެ ރަޙުމަތްތެރިންނާއެކު ދިއުމުން ދުއާވެސް ތާރާއާއެކު ފިނި ބުއިންތައް ހުރި ދިމާލަށް ދިޔައެވެ. ތާރާގެ ލޯބިވެރިޔާ ހަމަދް އައުމުން ތާރާ އޭނާއާ އެކު ދިޔައީއެވެ.

" ގްރޭޕް ޖޫސް ނުބޮއްޗެ ދުއާ.. ހެހެ.. " ދަމުން ހަމަދް ބުނެލި ހަނދާންވެއެވެ. ނަމަވެސް ދުއާ ނެގީ ގްރޭޕް ޖޫސްތައްޓެކެވެ. ދެންވީ ގޮތެއް ހަނދާނަކަށް ނާދެއެވެ. ދުއާ އޮތްތަނުން ތެދުވެ މޫނު ފޮހެލިއެވެ. އެރޭގެ ބާކީ ބައިގައި ވީ އެއްވެސް ކަމެއް ހަނދާން ނުވަނީ ކީއްވެހެއްޔެވެ؟ ހައިރާންވި ވަރުން ދުއާއަށް ބޮލުގައި ހިފަހައްޓައިލެވުނެވެ. ބައްޔެއް ޖެހުނީބާއޭ ހިތަށް އެރިއެވެ. ނަމަވެސް ބައްޔެއް ޖެހުނަސް އެންމެ ރެއެއް ހަނދާނެއް ނުނެތޭނޭ ހިތަށް އެރިއެވެ. ދުއާ ވިސްނައިލިއެވެ. އެތައް އިރަކު ވިސްނަން އިނުމަށްފަހު ކުއްލިއަކަށް ހަމަދު ބުނެލި ޖުމްލަ ހަނދާންވިއެވެ. ގްރޭޕް ޖޫސް ނުބޯށޭ ހަމަދު އެބުނީ ކީއްވެ ހެއްޔެވެ؟ ޖޫސް ތަށި ބުއިމާ ހަމައަށް ހުރިހާ ކަމެއް ހަނދާނުގައި އެބަހުއްޓެވެ. ހަނދާން ނުވަނީ އޭގެ ފަހުން ވީގޮތެވެ. ޕާސް ތެރޭގައި އޮތް ފޯނު ނެގުމަށްފަހު ހަމަދްގެ ނަމްބަރު ހޯދައިލިއެވެ. ނަމްބަރު ނެތުމުން ދެން ދުއާ ގުޅީ ތާރާއަށެވެ. އެހެންނަމަވެސް ތާރާ ފޯނު ބިޒީކޮށްލިއެވެ. ވަރަށް ބިޒީކަމަށް ބުނެ އިރުކޮޅަކުން އައީ މެސެޖެކެވެ. ހިތްހަމަނުޖެހިފައި ދުއާ ފޯނު އެނދުމައްޗަށް އެއްލިއެވެ.

**************

ރާނީގެ ވާހަކަ ޔާނިޝްއަށް ކިޔައިދިނުމަށް ރަފާ ހުރީ ކެތްމަދުވެފައެވެ. ނަމަވެސް ސާރާ އޮތީ އެކަން ރަފާއަށް މަނާކޮށްފައެވެ. އާއިލާގެ އިތުރު ކުއްޖަކު ހުރުމުން އޭނާ އުފާވާ ވަރަށް ޔާނިޝްވެސް އުފާވާނެކަން ޔަގީނެވެ.

ޔާނިޝްގެ ސިކުނޑިން އެންމެ ހިނދުކޮޅަކަށްވެސް ރާނީގެ ތަސްވީރު ފިލައިގެން ނުދެއެވެ. މެރިފައިވާ ދެލޮލާއި އެ މައުސޫމު މޫނު ޔާނިޝްގެ ހަނދާނުގައި ވަކި ހިއްޕާލާފައިވިއެވެ. ރޭގައިވެސް އެތައް ފަހަރަކު އެނބުރި ސާރާގެ ކޮޓަރިއަށް ދާން އޭނާގެ ހިތްއެދުނެވެ. ނަމަވެސް އެމީހުން ހީކުރާނީ ކީކޭ ކަމެއް ނޭނގޭތި ނުކެރުނީއެވެ. އޭނާގެ ނަން އެނގުނުފަހުން އިރުއިރުކޮޅާ ޔާނިޝްއަށް އެނަން ކިޔައިލެވެއެވެ. ސިފައާއި ނަމާ ނުލާހިކު ގުޅެއޭ ހިތަށް އެރިއެވެ. އެއީ ހަމަ މަލެއް ފަދަ ނާޒުކު ރާނީއެކެވެ. އޭނާގެ ހުވަފެނުގެ ރާނީއެވެ.

***********

ޑިއުޓީއިން އައި ގޮތަށް ވެފައި ހުރި ވަރުބައްޔާއެކު ތާރާއާށް ނިދުނީއެވެ. ހޭލެވުނީ އިރުއޮއްސެން ގާތްވެފައި ހުއްޓައެވެ. މޫނު ދޮވެލައި ހަދައިގެން ކޮޓަރިން ނިކުތީ ކޮފީއެއް ބޯލުމަށެވެ. ކޮފީއެއް ހަދައިގެން އައިސް މޭޒު ކައިރީގައި ނުއިށީންނަނީސް ގޭގެ ބެލް އަޅާލުމާއެކު ކޮފީ ތަށި މޭޒު މަތީގައި ބަހައްޓާފައި ގޮސް ދޮރުހުޅުވިއެވެ.

" ދުއާ.. ބޭރަށް ދާން ބަލާތަ ތިއައީ.. ދެންމެ މިހޭލެވުނީ.. ދެން މިރޭ ކަންނޭނގެ ދެވޭނީ.. " ދުއާ ވަނުމުން ދޮރު ލެއްޕުމަށްފަހު ތާރާ ބުންޏެވެ.

" ބޭރަށް ދާކަށްނޫން.. މުހިންމު ވާހަކައެއް ދައްކަންވެގެން.." ދުއާ ބުންޏެވެ. " އެބައުޅޭތަ ރެވް..؟ "

" ނޭނގެ.. ބަލާލަންވީތަ..؟"

" ނޫން.. ހިނގާބަލަ ތާރާ ކޮޓަރިއަށް.. " ތާރާގެ އަތުގައި ހިފަމުން ދުއާ ބުންޏެވެ. ދުއާ އުޅުނު ގޮތުން ކޮންމެވެސް ބޮޑު ވާހަކައެއް ދައްކަންވެގެން ކަން ތާރާއަށް އެނގުނެވެ. އެހެންކަމުން އިތުރު ސުވާލެއް ނުކޮށް މޭޒުމަތީގައި ހުރި ކޮފީތަށި ހިފައިގެން ދުއާ އާ އެކުގައި ހިނގައިގަތެވެ. ދެމީހުން ވެސް ހުއްޓުނީ ކޮޓަރިން ތައްޔާރުވެގެން ނިކުތް ރާނީ ފެނިފައެވެ. ރާނީ ދުއާއާއި ތާރާއަށް ހިނިތުންވެލިއެވެ. ދުއާ ފެނުމުން އުނދަގޫ ގޮތެއް ވީނަމަވެސް އެކަން މޫނުމަތިން ނުދެއްކިއެވެ.

" ރާނީ... ބޭރަށް ދަނީތަ؟ " ތާރާ އަހައިލިއެވެ.

" ހުމް.. ފްރެންޑަކާ ބައްދަލުކޮށްލަން ވެގެން.. ރޭގަވެސް އަހަރެން ލަހުން އައިމަ ދައްތަ ހުންނާނީ ހިތްހަމަނުޖެހިފަ ކަންނޭނގެ.. ތާރާ ބުނެދެއްޗެ ދައްތަ ކައިރީގައި.. ބުނާތި ވަރަށް އަވަހަށް އަންނާނަމޭ.. " ރާނީ ބުންޏެވެ. ތާރާ ބޯޖަހައިލުމަށްފަހު ދުއާ އާ އެކު ގައި ކޮޓަރިއަށް ވަނެވެ.

" އަހަރެންނަށް ހީވަނީ ރާނީ ބިޓެއް ނަގައިފިހެން.. ރޭގަވެސް ގެއަށް އައީ އެހާ ލަހުން.." ތާރާ ބުނެލިއެވެ.

" ތާރާ!!! ހަނދާންވޭތަ މީގެ ދެއަހަރުކުރިން އޮތް ހޮސްޕިޓަލްގެ އަހަރީ ޕާޓީ.. އެޕާޓީގައި އަހަރެންނާ ރެވްއާ ދެމެދު ކަމެއްވިތަ ..؟  މިބުނީ ރެވް ދެރަވާ ގޮތަށް އަހަރެންނަށް ކަމެއް ކުރެވުނުތަ؟ " ތާރާ ގޮވައިގެން ގޮސް އެނދުގައި އިށީންނަމުން ދުއާ އަހައިލިއެވެ.

" ވަޓް؟؟ ދެއަހަރު ކުރިންނޭ.. އެހާ ދުވަސްވީ ކަމެއް ކިހިނެއް ހަނދާން ހުންނާނީ.. "

" ތާރާ ޕްލީޒް.. ހަނދާން ކުރަން މަސައްކަތް ކޮށްބަލަ.. ހަމަދް އެންމެ ފަހުން މިކޮޅުގަ ބައިވެރިވި ޕާޓީ އެއީ.. އޭގެ އަނެއްދުވަހު އޭނަ ފުރައިގެން ދިޔައީ.. " ތާރާއަށް ހަނދާންކޮށްދޭން މަސައްކަތް ކުރަމުން ދުއާ ބުންޏެވެ.

" އާނ ހަނދާންވެއްޖެ.. ކިހިނެއްވީ؟ " ހައިރާންވެ އިނދެ ތާރާ އަހައިލިއެވެ.

" އަހަރެން ޑްރިންކްސް ކައުންޓަރ ކައިރީގައި ހުއްޓާ ބުންޏެއްނު ގްރޭޕް ޖޫސް ނުބޮއްޗޭ.. އެއީ ކީއްވެގެން ބުނި އެއްޗެއްކަން ތާރާއަށް އެނގޭތަ..؟ " ހިތް އަވަސްވެފައި އިނދެ ދުއާ އަހައިލިއެވެ. ތާރާގެ މޫނުމަތިން ޖެހިލުންވުން ދުއާއަށް ފެނި އޭގައި ކޮންމެވެސް ގޯހެއް ވާކަން ޔަގީން ކުރެވުނެވެ.

*************

ރެސްޓޯރަންޓަށް ވަން ރާނީ ހުރިހާ ދިމާލެއް ހޯދައިލިއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިން ރަފާ ރާނީއަށް ހަނާ އަޅާލުމާއެކު ރާނީ ހިނިތުންވެލިއެވެ. ރަފާ ކައިރީގައި އިން ސާރާވެސް ރާނީއަށް ހިނިތުންވެލިއެވެ. ރާނީ ގޮސް އެމީހުން ކައިރީގައި އިށީންނަމުން ސަލާމް ގޮވައިލިއެވެ. ގެންނަންވީ އެއްޗިއްސަށް މާކުރިންވެސް ރަފާ ވަނީ އޯޑަރު ދީފައެވެ. ރާނީ ސާރާއަށް ބަލައިލީ ކެތްމަދުވެފައިވާ ފަދައަކުންނެވެ. ސާރާ ފުންނޭވައެއް ދޫކޮށްލުމަށްފަހު ރާނީއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ތައްޔާރުވެލިއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 19 ޖޫން ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް