ރާނީ ލައި ލައި ހުރި ނޭވާ އެތެރޭގައި ތާށިވި ކަހަލައެވެ. ބޮޑުވެފައިވާ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޖެހި ބުދެއްހެން ލޫކަންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިމަތިން ފެންނަން އެހެރަ އިންސާނާއަކީ އެމީހަކަށްޓަކައި މައިންބަފައިން ދޫކޮށް މިތަނަށް އައި ސަބަބެވެ. ލޫކަން ދުއާ ގެނެސް އޭނާ ގަޔާ ކައިރިކޮށްލިއެވެ. އެހިނދު ރާނީއަށް މޭގައި އަތްއަޅައިލެވުނީ ހިތަށް އިހުސާސް ކުރެވުނު ތަދަކުންނެވެ.
" ކީއްވެ؟ ލޫކް... ކީއްވެ؟ " ރާނީއަށް ހިތާހިތުން ކިޔައިލެވުނެވެ. އަނެއްފަރާތަށް އެނބުރުނީ އެމަންޒަރުތައް ބަލަން ކެތްނުވެގެންނެވެ. އެހިނދު ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. ހިތުގައި އެތައް ޝަކުވާއެއް ވިއެވެ. ސިކުނޑީގައި ފުނި ޖެހިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ބޭނުންވިއެވެ. ލޫކަން ކައިރިއަށް ގޮސް އެސުވާލުތައް ކުރިމަތި ކުރުވަން ބޭނުންވިއެވެ. އެހެންނަމަވެސް އެމީހުންގެ އުފާވެރި ވަގުތުކޮޅު ޙަރާބުކޮށްލަން ރާނީ ބޭނުމެއްނުވެއެވެ. ކޭކު ފަޅަން އުޅުނު އެކުޑަ ކުޑަ އާއިލާށް ރާނީ އެނބުރި ބަލައިލިއެވެ. ލޫކަންގެ މަންމަގެ އެއްފަރާތުގައި ލޫކަން ހުރިއިރު އަނެއްފަރާތުގައި ހުރީ ދުއާއެވެ. ލޫކަންގެ އަނގަޔަށް ކޭކުކޮޅެއް ލަވައިލުމަށްފަހު ވަރަށް ލޯބިން ދުއާގެ އަނގައަށް ލަވައިލިއެވެ. އެއަށްފަހު ދުއާ ގައިގައި ބައްދައިލުމަށްފަހު ކޮލުގައި ބޮސްދިނެވެ. ލޫކަންގެ މަންމަ ދުއާ ދެކެ އެހާ ލޯބިވާނީ އެއީ ވަރަށް ޙާއްސަ ކުއްޖަކަށްވީމައެވެ. ލޫކަންވެސް އޭނާގެ މަންމައަށް ދުއާ ތައާރަފްކޮށްދޭނީ ލޫކަންގެ ހަޤީޤީ ލޯބިވެރިއަކީ އެއީ ކަމަށްވީމައެއެވެ. ލޫކަންއާ ލޯބީގެ ގޮތުން ގުޅިގެން ރާނީ އުޅުނު ދެއަހަރު ތެރޭގައިވެސް އާއިލާ އެއްވެސް މީހެއްގެ ވާހަކަ ލޫކަން ދައްކާފައެއް ނުވެއެވެ. މަންމައާ ބައްދަލުކޮށްދޭނީ ކޮންއިރަކުންތޯ އެހުމުންވެސް އެދެވޭ ކަހަލަ ޖަވާބެއް ލޫކަންގެ ފަރާތުން ނުލިބުނެވެ. ސަބަބު އެނގުނީ އަދި ކިރިޔާއެވެ. އާއިލާއާއި ލޫކަންއަށް ހާއްސަ ކުއްޖަކު ހުރީމައެވެ. އެމީހުންގެ އުފާތަކަށް ހުރަސް އަޅަން އެތަނުގައި ހުންނާކަށް ރާނީ ބޭނުމެއް ނުވިއެވެ. އެއްވެސް މީހަކަށް ނުފެންނާނެހެން އެތަނުން ނިކުމެގެން ދިއުމަށް ރާނީ އަވަސްވެގަތެވެ.
" ލޫކްއާ އިންޓްރޮ ކޮށްދެން ޖެހޭ ކުއްޖަކު އެބަހުރި.. ހޮސްޕިޓަލަށް ޖޮއިންވި އާ ޑޮކްޓަރު.. އަހަރެމެންގެ ޑިޕާޓްމެންޓްގަ މަސައްކަތް ކުރަނީ.. ތާރާމެން ގޭގަ ހުންނަނީ.. އެނގޭތަ އެއީ ހާފް ރާއްޖެ އަނެއް ހާފް ބޭރުގެ.. ކޮބާތަ؟ " މީހުން ތަކު ތެރޭ ހޯދައިލަމުން ދުއާ ބުންޏެވެ.
" އެހެންތަ؟ ކޮބާ ތިބުނާ ޑޮކްޓަރ.. އަހަރެންވެސް ވަރަށް ބައްދަލުކޮށްލާ ހިތްވެއްޖެ.." އަންނަން އުޅޭ ތޫފާނެއްގެ ހިލަމެއްވެސް ނުވާ ހާލު ލޫކަން ބުންޏެވެ. ގެއިން ނިކުންނަން ދިޔަ ރާނީ ދުއާގެ ލޮލުގައި އަޅައިގަތީ އިރުކޮޅެއް ފަހުންނެވެ.
" އެހެރަ ދަނީ.. ރާނީ...." ދުއާ ގޮވައިލީ ފުދޭވަރަކަށް ބާރަށެވެ. ދުއާގެ ދުލުން ބޭރުވި ނަން އިވި ލޫކަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔަ ހިނދު ދުއާގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބަލައިލެވުނެވެ. އޭނާއަށް އިވުނީ ރަނގަޅު ނަމެއް ކަމާމެދު ޝައްކުވިއެވެ. ނަމަވެސް އެޝައްކު ޔަގީނަށް ބަދަލުވާން ގިނައިރެއް ނުނެގިއެވެ. ކައިރީގައި ހުރި ތާރަވެސް ހަމަ އެނަމުން ގޮވާލީމައެވެ. ކަންބޮޑުކަމަށްވުރެ ބޮޑަށް އެދެލޮލަށް ވެރިވެފައިވަނީ ބޭޤަރާރު ކަމެވެ. އެއީ ހަމަ އެ ސޫރާ ބާއޭ ހިތަށް އަރާފައެވެ.
ދުއާ ގޮވައިލުމުންވެސް ހުއްޓޭކަން ރާނީ ބޭނުމެއްނުވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ތާރާ ގޮވައިލުމުން ކުރިއަށްދާކަށް ނުކެރުނެވެ. ކަރުނުން ފުރިފައިވާ ދެލޯ ފޮހެލުމަށްފަހު މަޑުމަޑުން އަނެއްފަރާތަށް އެނބުރުނެވެ. ލޫކަންގެ މޫނު ހުދުކަފަކޮޅަކަށް ވެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. އެމީހުންނާ ދިމާލަށް އަންނަމުން ދިޔަ ރާނީގެ ނަޒަރުވެސް ވަނީ ލޫކަންއަށް ހުއްޓިފައެވެ. އެލޮލުގައިވާ ޝަކުވާތައް ލޫކަންއަށް ސިއްރެއް ނުވިއެވެ. ހިންދިރުވާލަމުން އިސްޖަހައިލެވުނީ އެހެންވެއެވެ.
" ރާނީ..!! މީ ޑޮކްޓަރ ލޫކަން.. ސީނިއަރ ނިއުރޯލޮޖިސްޓް އަދި އަހަރެންގެ ވާން އުޅޭ ފިރިމީހާ.. " އެމީހުން ކައިރިއަށް ރާނީ އައިސް ހުއްޓުމުން ދުއާ ބުނެލިއެވެ. " ލޫކް މީ ޑޮކްޓަރ ރާނީ.. "
ލޫކަން އިސްއުފުލައިލި ނަމަވެސް ރާނީއާ ހަތަރުކަޅި ހަމަކުރާކަށް ނުކެރުނެވެ. ރާނީ ސަލާމަށް އަތް ދިއްކޮށްލުމާއެކު ލޫކަންއަށް އެއަތަށް ބަލައިލެވުނެވެ. ރާނީގެ މޫނަށް ލޫކަން ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. މަޑުމަޑުން އަތް ހިއްލާލުމާއެކު ރާނީގެ އަތުގާ ހިފާ ސަލާމް ކޮށްލިއެވެ.
" ޑޮކްޓަރ ލޫކަން އާ ބައްދަލުވީތީ ވަރަށް އުފާވެއްޖެ.." ރާނީ ބުނެލިއެވެ. އެއަޑުގައިވި ރިހުން ދެނެގަނެވުނީ ހަމައެކަނި ލޫކަންއަށެވެ. އެވަގުތު ލޫކަންގެ ހިތް ފިސްފިސްވި ކަހަލައެވެ. އޭނާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތީތީ ހިތާހިތުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
" ހެޕީ ބާތްޑޭ ދައްތާ.." ދުންޔާއާ ސަލާމްކޮށްލަމުން ރާނީ ބުންޏެވެ. ދުންޔާ ހިތްހެޔޮ ގޮތަކަށް ހިނިތުންވެލަމުން ޝުކުރު އަދާކުރިއެވެ.
" ކޮންތާކަށް ދާން ތިދިޔައީ... ؟؟ " ތާރާ އަހައިލިއެވެ.
" ވަރަށް ބޮޑަށް ސޮރީ ދުއާ.. ސޮރީ ދައްތާ.. ކުއްލިއަކަށް ގެއަށް ދާން ޖެހިއްޖެ.." ދެރަވެލާފައި ރާނީ ބުންޏެވެ.
" ކިހިނެއްވީ ރާނީ.. ބަލިވީތަ..؟" ރާނީގެ އަތުގައި ހިފާލަމުން ތާރާ އަހައިލިއެވެ.
" ނޫނޭ.. ބަލިވީއެއް ނޫން.. މިރޭ ނިންމަންޖެހޭ މަސައްކަތެއް އިނީމަ... އަދިވެސް އެއްފަހަރު ސޮރީ ދާންޖެހުނީމަ.."
" އިޓްސް އޯކޭ.. އެކަމަކު އަދި ވާނެ މިގެއަށް އަންނަން ތާރާއާ އެކު..." ދުއާ ބުންޏެވެ.
**************************
ރާނީއަށް ގޭޓާ ހަމައަށް ނިކުމެވުނު ކަމެވެ. އިތުރަށް ނުހިފެހެއްޓި ރޯން ފެށުނެވެ. މީގެ އިރުކޮޅެއް ކުރިން ފެނިގެން ދިޔަ މަންޒަރު އަދިވެސް ޤަބޫލުކުރަން ދައްޗެވެ. ވޭނީ އާހެއް ރާނީގެ އަނގައިން ބޭރުވެގެން ދިޔަ ހިނދު އަނގަމަތީގައި އަތް އަޅައިލެވުނެވެ. ހިތަށް ކުރަމުން ދިޔަ ފުން އަސަރުން ހިތް ފިސްފިސްވާން އުޅޭހެން ހީވިއެވެ. ލޯބިވާ އާއިލާ ދޫކޮށް މިތަނަށް އޭނާއައީ ހަމަ އެންމެ ބޭނުމެއްގައެވެ. އޭނާގެ މަންޒިލާ ހަމައަށް ވާސިލް ވެވޭނެ ކަމުގެ ފުރިހަމަ އުއްމީދާ އެކީގައެވެ. މަންޒިލާ ހަމައަށް ވާސިލް ވެވުނެވެ. އެހެނަސް މަންޒަރު ވަނީ ބަދަލުވެފައެވެ. ދެލޯ ފޮހެލަމުން ރާނީ ކުރިއަށް ހިނގައިގަތެވެ. ބޭނުންވަނީ ލޫކަންއާ ވީހާވެސް ދުރަކަށް ދިއުމެވެ.
މާލޭގެ މަގުތަކުގައި ރާނީ ހިނގަމުން ދިޔައީ ވަކި މަންޒިލެއް ނެތިއެވެ. އެހެން ހިނގާތާ މިހާރު ވިއްސަކަށް މިނިޓް ވެދާނެއެވެ. އިރު އިރު ކޮޅާ ލޯފޮހެލައެވެ. ނޭފަތް ދަމާލާ ވަގުތު ވަގުތު ކައިރިން ދާ ބައެއް މީހުންގެ ލޯތައްވެސް ރާނީއަށް އަމާޒުވަމުން ދިޔައެވެ. މަގު ހުރަސް ކުރަންވެގެން އުޅުނު ވަގުތު ރަތް ލައިޓޭ އެތަނުން މީހަކު ބުންޏެވެ. އެހެނަސް އެއަޑު ރާނީއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. ރާނީއަށް ކުއްލި ސިހުމެއް ލިބުނީ ގައިގައި ޖެހިފައި ކުއްލިއަކަށް ކާރެއް މަޑުކޮށްލުމުންނެވެ. މާބޮޑު ގެއްލުމެއް ނުލިބި ރާނީއަށް ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ. ނަމަވެސް ލިބުނު ކުއްލި ސިހުމުގެ ސަބަބުން ރާނީގެ ބޮލަށް އެނބުރުން އަރައިގެން ވެއްޓުނެވެ. އިސާހިތަކު އެހިސާބަށް މީހުންތައް އެއްވާން ފެށިއެވެ.
ކާރުގެ ދޮރު ހުޅުވާލާފައި ނިކުތް ޒުވާނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ރާނީ ކައިރީގައި ކުރުފައި މައްޗަށް އިށީންނެވެ. ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ރާނީގެ މޫނަށް އަލިކޮށްލީ ގެއްލުމެއްވެފައި ހުރިތޯ ބެލުމަށެވެ. ޒުވާނާގެ ލޯ ރާނީގެ މޫނާ އަމާޒުވެލި ހިނދު އެޒުވާނާގެ ހިތުގެ ތެޅުން އަވަސްވެލިއެވެ. އެފަދަ ރީތި ކަމެއް އޭނާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. ކަޅި ޖަހާލަންވެސް ނޭނގިފައި އެޒުވާނާ ރާނީގެ މޫނަށް ބަލަހައްޓައިގެން އިނެވެ.
" މިމަންޖެ ގައިގައި ވަރަށް ކުޑަކޮށް ކާރުން ޖެހުނީ.. ހީވަނީ ލިބުނު ޝޮކްގައި އަނބުރައިގަތީހެން.." އެތަނުން މީހަކު ބުނެލިއެވެ.
" އަދިވެސް ބަލަން އިންނަނީތަ.. ކާރުގަ އެކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް ދެވޭތޯ ބަލާބަލަ.." އެހެން މީހަކު ބުންޏެވެ. އެޒުވާނާ ފޯނު ޖީބަށް ލުމަށްފަހު ރާނީ އޭނާގެ އަތްމައްޗަށް ނެގިއެވެ. އެހެން މީހަކު ކާރުގެ ދޮރު ހުޅުވައިދިނުމުން ޒުވާނާ ރާނީ ކާރުގެ ފަހަތު ސީޓުގައި ބާއްވައިލިއެވެ. އެއަށްފަހު ކާރަށް އެރުމަށްފަހު ކުރިއަށް ދުއްވައިލިއެވެ.
**************
ރާނީ ނިކުތްތާ އިރުކޮޅެއް ފަހުން ލޫކަންވެސް ނިކުތެވެ. ނަމަވެސް އޭރު އެއްވެސް ދިމާލަކުން ރާނީ ފެންނާކަށް ނެތެވެ. ލިބިފައިވާ ހާސްކަމުގައި ލޫކަންއަށް މޫނުގައި އަތް ހިންގައިލެވުނެވެ. މިފަދަ ގޮތަކަށް ރާނީ ފެނިދާނެ ކަމަކަށް އޭނާ އެއްގޮތަކަށްވެސް އުއްމީދެއް ނުކުރެއެވެ. ރާނީގެ އާއިލާ މީހަކު މާލޭގައި ނޫޅޭކަން ލޫކަންއަށް ޔަގީނެވެ. ދެން އެހެންވީއިރު ރާނީ މާލެ އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ މިތަނުގައި ވަޒީފާ އަދާކުރުމަކީ ރާނީ ރާވާފައި އޮތްކަމެއް ނޫނެވެ. ދެން އެ ހޮސްޕިޓަލަށް ރާނީ އެޕްލައި ކުރީ ކީއްވެ ހެއްޔެވެ؟ ރާނީ އެއައީ އޭނާ ހޯދަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެއް ލޫކަންގެ ހިތުގައި ފުނިޖެހިފައިވިއެވެ. އެސުވާލުތަކުގެ ޖަވާބު ހޯދަން ރާނީ އާ ވާހަކަ ދެއްކުން މުހިންމެވެ. ރާނީވެސް އޭނާއާ ސުވާލު ކުރާނެކަން ޔަގީނެވެ. އެ ސުވާލުތަކަށް ޖަވާބު ދޭން އޭނާ ތައްޔާރެވެ. ކުރިން ރާނީ ކައިރީގައި ނުބުނެވި ސިއްރު ކުރެވިފައިވާ އެތައް ވާހަކައެއް ރާނީ ކައިރީގައި ބުނަންވީ ވަގުތު އައިސް ޖެހިއްޖެ ކަމުގައި އޭނާގެ ހިތް ނިންމިއެވެ.
**********
ތާރާއާއި ދުންޔާ ކައިރީގައި ވާހަކަ ދައްކަން ހުރި ދުއާ އަށް ސިޑިން މައްޗަށް އަރަމުން ދިޔަ އާރަވް ފެނުނެވެ. އެބަ އަންނަމޭ ބުނުމަށްފަހު ދުއާ އާރަވް ފަހަތުން ހިނގައިގަތެވެ. އާރަވް ދާ ތަނެއް ބަލަން ބޭނުންވާތީއެވެ. ޒިލާލްއާ ބައްދަލުކުރަން ކަމުގައިވާނަމަ އެދައްކާ ވާހަކައެއް އަޑުއެހުމުގެ ބޭނުމުގައެވެ. ދުއާ ބަލަބަލާ ހުއްޓާ އާރަވް ގޮސް ވަނީ ދުއާގެ ކޮޓަރިއަށެވެ. ލިބުނު ހައިރާންކަމުގައި ދުއާއަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. އާރަވް އޭނާގެ ކޮޓަރިއަށް ވަންނަންވީ ކީއްވެކަމާ މެދު ހިތުގައި ސުވާލު އުފެދުނެވެ. އަނެއްކާވެސް އޭނާއަށް ދެރައެއް ދޭން އުޅެނީއޭ ހީވި ހިނދު ދުއާގެ ހިނގުން އަވަސްކޮށްލިއެވެ. ކޮޓަރީގެ ދޮރުމަތީގައި ހުއްޓުމަށްފަހު ދުއާ އެތެރެ ބަލައިލިއެވެ. އެނދުކައިރީގައި ހުރި އާރަވްގެ ދެލޯ އަމާޒުވެފައި ހުރީ ސައިޑް ކަބަޑުމަތީގައި ހުރި ދުއާ އާއި ލޫކަން އެކުގައި ހުއްޓާ ނަގާފައިވާ ފޮޓޯ ލޯގަނޑަށެވެ. އާރަވް ކުރާ ކަމެއް ބަލަން ދުއާ ބަހެއް ނުކިޔާ ހުއްޓެވެ. އާރަވް ގުދުވެލުމަށްފަހު އެފޮޓޯ ލޯގަނޑު ނަގައި ކައިރިން ބަލައިލިއެވެ. އެއަށްފަހު ކުއްލި ހަރަކާތަކާއެކު ފޮޓޯ ލޯގަނޑު އެއްލައި ފާރުގައި ޖެހިއެވެ. އެހިނދު އޭގެ އެތިކޮޅުތައް އެކިދިމާލަށް ބުރައިގެން ދިޔައެވެ. ސިހިގެން ދިއުމާއެކު ދުއާއަށް ކަންފަތްމަތީގައި އަތް އެޅުނެވެ. ހިތްހަމަނުޖެހިފައި ކޮޓަރިއަށް ވަންނަމުން އާރަވްއަށް ބާރަށް ގޮވައިލިއެވެ. މަޑުމަޑުން ދުއާ އާ ދިމާލަށް އެނބުރުނު އާރަވްގެ ތުންފަތްމަތީގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ. މަޑުމަޑުން ދުއާ އާ ދިމާލަށް އަންނަމުން ދިޔަ އާރަވްއަށް ބަލަހައްޓައިގެން ދުއާ ހުއްޓެވެ. އާރަވްގެ ފަރާތުން ތަފާތު ކަމެއް ދުއާ އަށް އިހުސާސް ކުރެވުނީ އެވަގުތުއެވެ. ދެފަރާތަށް ކިރެމުން ކަހަލަ ގޮތަކަށް އާރަވް އައުމާއި ދެލޯ މެރެމުންދާތަން ފެނި ވީގޮތް ނަގައިގަންނަށް ދުއާއަށް އުނދަގުލެއް ނުވިއެވެ.
" މިހާރު ޑްރަގްސް ވެސް ނަގަން ފެށީތަ.." ދުއާ އެހެން އަހައިލީ ޤަބޫލުނުކުރެވިފައި ހުރެއެވެ. އާރަވް ވަކި އެއްޗެއް ނުބުނެ އައިސް ދުއާގެ އަތުގައި ހިފައިލިއެވެ. ސިހުމެއް ލިބުނު ދުއާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އާރަވް އޭނާއާ ދިމާލަށް ދުއާ އަތުގައި ހިފައި ލުއްކެއް ޖެހިއެވެ. އެވަގުތު ކޮންޓްރޯލްނުވެ ދުއާ އައިސް ޖެހުނީ އާރްވްގެ މޭގައެވެ. އަވަހަށް ދުރުވެލަން އުޅުނު ދުއާ އަށް އެފުރުސަތު ނުދީ އާރަވް އޭނާގެ އަތު ތެރޭގައި ދުއާ ފިއްތައިލިއެވެ. އެހިނދު ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިއުމާއެކު ދުއާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 12 ޖޫން ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް