ތާރާ ނިކުތުމުން އަދިވެސް އެއްފަހަރު ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލަމުން ރާނީ ފުންނޭވައެއް ދޫކޮށްލިއެވެ. ކޮނޑުގައި އޮތް ދަބަސް ނެގުމަށްފަހު މޭޒުމަތީގައި ބަހައްޓައިލިއެވެ. ކުޑަދޮރުގައި ދަމާފައިވާ ފޮތިގަނޑު އެއްފަރާތް ކޮށްލުމަށްފަހު ދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ. ތިރިން ފެންނަމުން ދިޔައީ މާލޭގެ ހަލަބޮލި މަގެކެވެ. ދޮރުގައި ޓަކިދިން އަޑުއިވިފައި ރާނީ ގޮސް ދޮރު ހުޅުވައިލިއެވެ. ފޮށި ހިފައިގެން އައި ޖަވާދު އެތެރޭގައި ފޮށި ބެހެއްޓުމަށްފަހު ސައިބޯން އައުމަށް ރާނީ ކައިރިން އެދުނެވެ. ދެބަހެއް ނެތި ރާނީ ބޯޖަހައިލަމުން ޖަވާދާއެކުގައި ހިނގައިގަތެވެ.
އިރުއެރުމާއެކު ޔާނިޝް ރަފާއާ ބައްދަލުކުރިއެވެ. ކަންތައްވީގޮތް އޭނާއަށް އޮތީ ސާރާގެ ފަރާތުން އެނގިފައެވެ. އޭނާގެ ސަބަބުން ބަދޫރާގެ ހިތްހަމަނުޖެހުމުގެ ބަސްތަކާ ކުރިމަތިލާން ޖެހުނީތީ އޭނާ ދެރަވިއެވެ.
" ޔާން މުޅިންވެސް ކުރާނީ އެކަހަލަ ކަންތައް.. ދެން އޯކޭއޭ އަހަރެން ރުޅިއެއް ނޫނޭ.." ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނދެ ރަފާ ބުންޏެވެ. އަލަމާރީގައި ލެގިލައިގެން ޖީބަށް އަތް ޖަހައިގެން ހުރި ޔާނިޝް ހިނިތުންވެލިއެވެ.
" އަހަރެންނަށް އެނގޭ ރަފް ދުވަހަކުވެސް އަހަރެން ދެކެ ރުޅިއެއް ނާންނާނެކަން.. " ރަފާ އިށީނދެ އިން ގޮނޑީގެ ފަހަތުގައި ހުއްޓި އޭނާގެ ދެކޮނޑިގައި އަތް ބާއްވައިލަމުން ޔާނިޝް ބުންޏެވެ.
" ތި އެސައިމެންޓް އަހަރެން ނިންމާލަ ދީފާނަން އިހަށް ހިނގާބަލަ އަހަރެންނާ އެކު.." ރަފާގެ އަތުގައި ހިފަމުން ޔާނިޝް ބުންޏެވެ.
" ކޮންތާކަށް.. ޔާން... ދޫކޮށްބަލަ.." ރަފާ ދައްކާ ވާހަކައަށް ނުބަލާ ޔާނިޝް ރަފާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ ގެއިން ނިކުންނާށެވެ. ފޮތެއް ކިޔަން އިން ބަދޫރާ އެމީހުންގެ ލޮލުގައި އަޅައެއް ނުގަތެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ބަދޫރާ ލޮލުގައިވާ ނަމްބަރު އައިނު ނަގާ އުނގުމަތީގައި ބާއްވައިލިއެވެ. ކިޔަން އިން ހިސާބު ފާހަގަ ކޮށްލުމަށް ގަނޑުމަތީގައި އިނގިލި ބާއްވައިލުމަށްފަހު ފޮތް ލައްޕައިލިއެވެ. ބަދޫރާ ޔާނިޝްއަށް ގޮވައިލުމާއެކު އެދެމީހުންނަށް ލިބުނީ ސިހުމެކެވެ. ވަގުތުން ދެމީހުން ހުއްޓުނެވެ. ރަފާ ފަސް އެނބުރި ބަލައިލީ ޖެހިލުންވެ ހުރެއެވެ. ޔާނިޝްގެ މޫނުމަތިންވެސް ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ފެންނަން ހުއްޓެވެ.
" އާދެބަލަ މިތާ އިށީންނަން.. ވާހަކައެއް ދައްކަން އެބަޖެހޭ.. " ބަދޫރާ ބުންޏެވެ. ރަފާއާއި ޔާނިޝް އެކަކު އަނެކަކަށް ބަލައިލިއެވެ. ބަދޫރާއާ ދިމާލަށް ހިނގައިގަތީ ދެމީހުން އެކީގައެވެ. އެހެންނަމަވެސް ބަދޫރާ އެދުނީ ރަފާ ކޮޓަރިއަށް ދިއުމަށެވެ. ވާހަކަ ދައްކާލަން ބޭނުންވަނީ ހަމައެކަނި ޔާނިޝްއާ ކަމުގައި ބުނަމުންނެވެ.
" ރަފާއާ އެކު ކޮންތާކަށް ދާން ތިއުޅުނީ މާ އަވަސް އަރުވާލާފަ.." ބަދޫރާ އަހައިލިއެވެ.
" އައިސް ކްރީމް ބޯންވެގެން..." ޔާނިޝް ޖަވާބު ދިނެވެ. " އަހަރެން ބޭނުންވާ ފްލޭވަރ މިގޭގަ ނެތީމަ.."
" ބޭނުންވާ ވައްތަރެއް މިގެއަށް ގެނައުން މަނައެއް ނުކުރަމެއްނު.. ދިޔަކަސް މައްސަލައެއް ނެތް.. އެކަމަކު ރަފާ ގޮވައިގެން ކީއްކުރަން ދަނީ.. ޔާނިޝްގެ ރަހުމަތްތެރިން މަދެއް ނޫނެއްނު.. ރަފާއަކީ އާއިލީ ގޮތުން ކިތަންމެ ގާތް ކުއްޖެއް ނަމަވެސް ތިދެމީހުން ކައިވެނި ސައްހަ ކަން އެނގެއެއްނު.. އަހަރެމެންގެ އާއިލާ އަކީ ނުލާހިކު ޤަދަރުވެރި އާއިލާއެއް.. ތިގޮތަށް ރަފާއާއެކު ތަންތަނަށް ގޮސް އުޅޭތަން ފެނުމުން މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނެ.. އެގޮތް އަހަރެންނަކަށް ބަލައެއް ނުގަނެވޭނެ.. ޔާނިޝްވެސް ވެއްޖެއްނު މިހާރު ތަންކޮޅެއް ޒިންމާދާރުވާން ދަސްކުރަން.. ތީ އަހަރެންގެ ހާރޫންގެ ދަރިއެކޭ ބުނާހާވެސް ނުވޭ.. އާއިލީ ވިޔަފާރިއާ ގުޅެން ބޭނުންނުވަންޏާ އަމިއްލަ މަސައްކަތެއް ކުރަންވެސް ފަށަންވެއްޖެއްނު..ގައިމު ތީ ނުލާހިކު ރަނގަޅަށް ކިޔަވައިގެން މަތީ ފާސް ހޯދައިގެން ހުރި ކުއްޖެއްނު.. ތިހެން އެގޮތް މިގޮތަށް އުޅެންޏާ ޔާނިޝްއާ އިންނާނެ ރަނގަޅު ކުއްޖަކުވެސް ނުވާނެ.. މިހާރު ތިހިރީ އުމުރުން ތިރީސް އަހަރުވެފައި.. މިއާއިލާ ކުރިއަށް އޮތްތަނުގައި ދަމަހައްޓަން ހުރި ހަމައެކަނި މީހަކީ ތީ.. ދެން ތިބީ ދެ އަންހެން ކުދިން.. މާދަންވެސް އެމީހުން މީހުންނާ އިނދެގެން މިގެއިން ދާނެ.. " ބަދޫރާ ވާހަކަ ދެއްކީ މަޑުމައިތިރިކޮށް ނަމަވެސް އެއަޑުގައި ހަރުކަށިކަމެއް ވިއެވެ.
" ވަޒީފާއެއް ލިބޭތޯ އެބަ މަސައްކަތްކުރަމޭ މާމާ.. " ބޯކަހައިލަމުން ޔާނިޝް ބުންޏެވެ.
" ތިހެން ބުނެފި މިހާރު ހާސްފަހަރު.. ދެން ޔާނިޝް ބޭނުންގޮތަކަށް ކަންތައްކުރަން ދޫކޮށްލައިގެނެއް ނުހުރެވޭނެ.. މާދަމާ ހާރޫނާއެކު އޮފީހަށް ދާން ތައްޔާރުވެގެން ހުންނާތި.."
" ދެން މާމާ ޕްލީޒް ގަދަކަމުން ކުރުވަން ނޫޅެބަލަ.. " ލިބުނު ހިތްހަމަނުޖެހުމުގައި ޔާނިޝް ބުންޏެވެ. އާއިލީ ވިޔަފާރިއާ ގުޅުމަކީ އޭނާ އެއް އިރެއްގައިވެސް ބޭނުންވިކަމެއް ނޫނެވެ. އޭނާގެ ހުވަފެނަކި ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމެވެ.
" ކޮން ޕުލީޒެއް ކިޔަކަށް.. ބުނީމަ ބުނާ ގޮތް ހެދީމަ ނިމުނީ.. އަހަރެން ބޭނުމެއްނޫން އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް.. " ބަދޫރާ އޭނާގެ ފަހު ބަސް އިއްވައިލުމަށްފަހު އުނގުމަތީގައި އޮތް އޭނާގެއައިނު ނަގާ ލޮލަށް ހެޔޮވަރުކޮށްލުމަށްފަހު ފޮތް ހުޅުވައިގެން ކިޔަން ފެށިއެވެ. ޔާނިޝް އިންތަނުން ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ ލިބުނު ހިތްހަމަނުޖެހުމުގައެވެ.
**********
ތާރާއާއި ރާނީ ވާހަކަ ދައްކަން ތިބީ ތާރާގެ ކޮޓަރީގައެވެ. ރާނީގެ ވާހަކައިން އޭނާ އަކީ ޑޮކްޓަރެއްކަން ތާރާއަށް އެނގުނެވެ. ރާނީ ގުޅެން އުޅެނީ އޭނާވެސް އުޅޭ އުފާ ކެއަރ ހޮސްޕިޓަލާކަން އެނގުމުން ތާރާ އިނީ އިންތިހާއަށް އުފާވެފައެވެ. އޭނާއަކީ އެތަނުގެ ނަރުހެއް ކަމުގައި ތާރާ ބުންޏެވެ. އަދި އޭނާގެ އެންމެ ގާތް އެކުވެރިޔާ ދުއާ އަކީ އެތަނުގެ ވެރިޔާގެ ކާފަދަރިއެއް ކަމުގައިވެސް ބުންޏެވެ.
ލޫކަން ކިޔާ ޑޮކްޓަރަކު ދަންނަންތޯ ތާރާއާ ސުވާލުކޮށްލަން ރާނީ ބޭނުންވިއެވެ. އެހެންނަމަވެސް ރާނީއަށް ނުކެރުނެވެ. އޭރުން އެއީ ރާނީ ކިހިނެއް ދަންނަ މީހެއްތޯ ތާރާ ސުވާލު ކުރާނެކަން ޔަގީނެވެ. އެވީ މަދު ވަގުތުކޮޅުގެ ތެރޭގައި ތާރާ އެއީ ވަރަށް ވާހަކަ ދައްކާ ސުވާލު ކޮށް ހަދާ ކުއްޖެއްކަން ރާނީއަށް އެނގުނެވެ.
" ރާނީ ޖެހޭނެ ދުއާ އާ މީޓްކޮށްލަން.. ކޮން އިރަކުން ވަޒީފާއަށް ނިކުންނަން ފަށަނީ..؟" ތާރާ އަހައިލިއެވެ.
" މާދަން ޖެހޭ އޮރިއެންޓޭޝަންއަށް ދާން.. ތާރާ ކޮންއިރަކު ޑިއުޓީ އިނީ.." ރާނީ އެހިއެވެ.
" ހެނދުނު.. ދެމީހުން އެއްކޮށް ދޯ ދާނީ.. ދުއާވެސް އުޅޭނީ އާންމުކޮށް ހެނދުނު.."
ރާނީ ހުރީ ދުއާ އާ ބައްދަލުކޮށްލަން ކެތްމަދު ވެފައެވެ. އެވަރަށް އޭނާގެ ވާހަކަތައް ތާރާ ދައްކައިފިއެވެ. ތާރާގެ ވާހަކަތަކުން ދުއާ އަކީ އަހުލާޤު ރަނގަޅު ހިތްހެޔޮ ކުއްޖެއްކަން އެނގުނެވެ. ހޮސްޕިޓަލުގެ ވެރިޔާގެ ހަމައެކަނި ކާފަ ދަރިއަށް ވީއިރުވެސް އެއްވެސް ކަހަލަ ބޮޑާކަމަކާއި ކިބުރުވެރިކަމެއް ދުއާގެ ކިބައިގާ ނުވެއޭ ބުނުމުން ދުއާއާ ބައްދަލުކޮށްލުމުގެ ޝައުޤުވެރިކަން ބޮޑުވިއެވެ. ހެވިފައި ތާރާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ރާނީ އިނީ އަންނަން އުޅޭ ކޮޅިގަނޑުގެ ބާރުގަދަކަން އިހުސާސްވެސް ނުވާ ހާލުގައެވެ.
*********
ހެނދުނު ހޮސްޕިޓަލަށް ދިއުމުގެ ކުރިން ލާނެ ހެދުމެއް އިސްތިރިކޮށް އަލަމާރީގައި އަޅުވައިލުމަށްފަހު ރާނީ ވަނި ފެންވަރާށެވެ. ފެންވަރާ ތާޒާވެލައިގެން ނިކުމެ ނިދަން ތައްޔާރުވެލިއެވެ. އެނދުމަތީގައި ދެފައި ވަށްކޮށްގެން އިށީނުމަށްފަހު ހާޖަރަށް ގުޅިއެވެ. ޒޯއީ މަތިން ހަނދާންވީ ހާޖަރު އެވާހަކަ ދެއްކުމުންނެވެ. އޭނާގެ ހަބަރެއް ނުވެގެން ޒޯއީ އެގެއަށް އޭނާ ހޯދަން އައީއެވެ. ހާޖަރު ފޯނު ބޭއްވުމުން ދެން ރާނީ ގުޅީ ޒޯއީއަށެވެ. އެންމެ ފުރަތަމަ ޒޯއީ ރުޅިއައިސްގެން ވާހަކަ ދެއްކި ނަމަވެސް އެތައް ފަހަރަކު މައާފަށް އެދެމުން ހަމައަކަށް އެޅުނެވެ. އެތައް އިރެއް ވަންދެން ޒޯއީއާ ވާހަކަ ދައްކަން އިންއިރު ގަޑިން ވީވަރެއްވެސް ރާނީއަށް ރޭކާނުލިއެވެ. ޒޯއީ ފޯނު ބޭއްވުމުން އޮށޯތުމަށް ބާލީސް ރީތިކޮށްލިއެވެ. ޖަގުގައި ފެން ހުސްވެފައިވާތަން ފެނުނީ އެވަގުތުއެވެ. ހުސް ޖަގު ހިފައިގެން ރާނީ ކޮޓަރިން ނިކުތެވެ. ތަނަށް ވެރިވެފައިވީ ކަނު އަނދިރިކަމާއި މަރުފަދަ ހިމޭންކަމެކެވެ. އަލިކަމެއް ގެންނަން ނޫޅެ ބަދިގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ފުރިޖުން ނެގި ފެންފުޅި ޖަގަށް އޮއްސާލުމަށްފަހު ހުސްފުޅިއަށް ފެން އަޅާފައި ފުރިޖަށް ލިއެވެ. އެއަށްފަހު ޖަގު ހިފައިގެން އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު މުޅި ތަން އަލިވެގެން ދިއުމާއެކު ރާނީގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
" ތީ ކާކު؟ " ފަހަތުން އިވުނީ ފިރިހެންވަންތަ ބަރުހެލި އަޑެކެވެ. ޖަވާދު އަޑެއް ނޫންކަން ރާނީއަށް ޔަގީންވިއެވެ. ޖެހިލުންވެފައި ހުރެ ރާނީ އެމީހަކާ ދިމާލަށް އެނބުރުނެވެ. އެވަގުތު ރާނީއާ ދިމާލަށް އަންނަމުން ދިޔަ ނުދަންނަ ފިރިހެންމީހާ ފެނި ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ހަމައެކަނި ސޯޓެއްގައި ހުރި އެމީހާ ފެނި ރާނީ ލަދުވެސް ގަތެވެ. އަވަސް އަވަހަށް ކޮށްލި ހަރަކާތަކާއެކު އެމީހާގެ ރާނީގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު ސިހުނުވަރުން ރާނީގެ އަތުގައި ހުރި ޖަގު ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ.
" ތީ ކާކު؟ މިއޮއް ދަންވަރު މިގެއަށް ވަދެ ތިއުޅެނީ ކީއްކުރަން..؟ " ހަރުކަށި ކަމާއެކު އެމީހާ އަހައިލިއެވެ.
" އަހަރެން.. މި.. މި.. ރާ..ރާނީ.. މިގޭ.. މި..މި.." ބިރުގަނެއްފައި ހުރިވަރު ރާނީއަށް ވާހަކައެއް ނުދެއްކުނެވެ.
" ކޮން މިމިއެއް ތިކިޔަނީ.. ތީ މިގޭ ޖަގެއް ދޯ.. ތިޖަގު ދޯ އަތުގައި ޖެހުނީ.. ލާހިކެއް ނޫން މިރޭ ސަލާމަތްވާކަށް.. ތިކަހަލަ ވަގު އަންހެނުން އަހަރެން ވަރަށް ރަނގަޅަށް ދަންނަން.. ބޮޑުބޭ.... ދައްތާ... ތާރާ... އަވަހަށް ނިކުމެބަލަ މިގެއަށް ވަގެއް ވަދެއްޖެ.." އާރަވް ބާރަށް ގޮވައިލިއެވެ. ކަންސާއާ ޖަވާދު ނިކުތީ އާރަވް ގޮވާތަ އިރުކޮޅެއް ފަހުންނެވެ. ތާރާވެސް އޭނާގެ ކޮޓަރިން ހާސްވެފައި ހުރެ ނިކުތެވެ. އޭރު އާރަވް އަތުން ސަލާމަތްވާން މަސައްކަތްކުރަމުންދިޔަ ރާނީއަށް ރޮވެނީއެވެ.
" ބަލާ މިއޮއް އުޅެނީ ވަގެއް.. އަވަހަށް ގުޅާބަލަ ފުލުހުންނަށް.." އާރަވް ބުންޏެވެ.
" ރެވް..!!! ތީ ކޮންކަމެއް.. ދޫކުރޭ ރާނީ އަތުން... " ތާރާ ހަޅޭއްލަވަމުން އައިސް އާރަވްގެ އަތުތެރެއިން ރާނީގެ އަތް ނައްޓުވައިލިއެވެ. ބިރުގަނެފައި ހުރިވަރުން ރާނީގޮސް ތާރާގެ ފުރަގަހަށް ވަދެ ނިވައިވެލިއެވެ.
" ސާބަސް ރެވް!! ރާނީ ކީއްކުރީތަ..؟" ޖަވާދު ހައިރާންވެފައި އަހައިލިއެވެ.
" ރާނީ އޭ.. މީ އެއްވެސް ރާނީއެއް ނޫން.. ބޮޑު ވަގެއް.. ދައްތަ އެންމެ ފަހުން ސިންގަޕޫރުން ގެނައި ޖަގު ހިފައިގެން ދަނިކޮށް އަހަރެންނަށް ފެނުނީ.. " އާރަވް ކިޔައިދިނެވެ.
" މީ ވަގެއް ނޫނޭ ރެވް ދަރިފުޅާ..!! މީ ރާނީ.. ބޮޑުބެގެ ރައްޓެއްސެއްގެ ދަރިއެއް.. މިދެން ހަމަ އާއިލާ ކުއްޖެއްކަމަށް ބަލާ..." ކަންސާ ހެވިފައި ހުރެ ކުރިއަށް ޖެހިލަމުން ބުންޏެވެ.
" ރެވް ގެއަށް ނާންނާތީ ނޭނގުނީ.. ރާނީ ދެން ހުންނާނީ މިގޭގައި.. ނުވާނެއްނު އެހެން ހަދާކަށް.. ބަލާބަލަ އެފަކީރު ބިރުގަނެފައި ހުރިވަރު.. ތާރާގެ ފުރަގަހުގައި ހުރި ރާނީއަށް ބަލައިލަމުން ކަންސާ ބުންޏެވެ. ތާރާ ހީނލަމުން އޭނާގެ ފުރަގަހުގައި ހުރި ރާނީގެ އަތުގައި ހިފައި ކުރިމައްޗަށް ގެނައެވެ.
" ރާނީ!! މީ ރެވް.. ޑޮކްޓަރ އާރަވް.. އަހަރެންގެ ކަޒިންއެއް.. ރެވް ވެސް މަސައްކަތް ކުރަނީ އުފާ ކެއަރ ހޮސްޕިޓަލްގައި.. ރެވް!!! މީ ރާނީ.. ހޮސްޕިޓަލަށް އަލަށް ޖޮއިންވާން އުޅޭ ޑޮކްޓަރެއް.. ދެންވެސް އަވަހަށް ރާނީ ކައިރިން މައާފަށް އެދީ..!" ދެމީހުން ތައާރަފްކޮށްދިނުމަށްފަހު ތާރާ ބުންޏެވެ. ރާނީ އާރަވްއަށް ބަލައިލީ ޖެހިލުންވެ ހުރެއެވެ.
" ސޮރީ..!! " އެއްވެސް މާނައެއްނުވާ ގޮތަކަށް އާރަވް ބުނެލިއެވެ. " ދެން ދައްތަމެންވެސް މިކަހަލަ ކަންތައް ކުރަންޏާ އަހަރެން ކައިރީވެސް ބުނެލައިގެން އުޅެބަލަ އޭރުން މިގޮތަށް ކަންތަކެއްނުވީހެއްނު.."
ރާނީ ފެންޖަގު ހިފައިގެން ކޮޓަރިއަށް ވަދެ ސައިޑް ކަބަޑު މަތީގައި ޖަގު ބަހައްޓައިލިއެވެ. އަދިވެސް ގައިގައި ތުރުތުރު ނުކެނޑެއެވެ. އޭނާގެ އަތުގައި އާރަވް ހިފެހެއްޓި ތަނުގައި އިނގިލިތަކުގެ ނިޝާން ހުރިއިރު އެތަނުގައި ރިހުމެއްވެސް ހުއްޓެވެ. ހިތާހިތުން އާރަވްއާ ދިމާލަށް ކުދި ކިޔައިލެވުނެވެ. ފޮނި ފިރިހެނެކޭ ހިތަށް އެރިއެވެ. މައާފަށް އެދުމުގައިވެސް ހަމައެކަނި އެހެން ބުނެލިކަމެވެ. އެބުނުމުގައި އެއްވެސް މާނައެއް ނުވާކަން ކަށަވަރެވެ. އަމިއްލަ ކުށް ޤަބޫލުކުރުމުގެ ބަދަލުގައި ކުށްވެރި ކުރީ ގޭ އެހެންމީހުންނެވެ. ވާހަކަ ދެއްކުމުގައި އެއްވެސް އިޙުތިރާމެއްވެސް ނެތެވެ.
***********
ލޫކަންގެ ފޯނެއް އައީ ދުއާ ވަޒީފާއަށް ދާން ތައްޔާރުވާން ހުއްޓައެވެ. ފޯނު ނަގަމުން ދުއާ ހެނދުނުގެ ސަލާމް ކިޔައިލިއެވެ.
" ކޮންއިރަކުންތަ އަންނަނީ.. ލޫކް ނެތީމަ ވަރަށް ފޫހި.." ދުއާ ބުންޏެވެ.
" މާދަމާ އިންޝާﷲ..ކޮބާ ކާފަ ކިހިނެއް.. އެއްވެސް ކުރިއެރުމެއް އައިތަ؟ " ލޫކަން އަހައިލިއެވެ.
" އެހެން ވަކި ކުރިއެރުމެއް ނާދޭ.. އަނެއްހެން ގޯހެއްވެސް ނުވޭ.. އަލްޙަމްދްލިﷲ.. ލޫކް މަންމަ ކައިރިއަށް ދަން ކޮންމެ ދުވަހަކުވެސް.. ބޭސްކައި ބަރާބަރަށް.. މިހާރަކަށް އައިސް ޓީވީއިން އަންނަ ކޮންމެވެސް ކަހަލަގެ ޑްރާމާއެއް ބަލަން އަބަދު އިންނަނީ.. ހެހެހެ.."
" އާނ މަންމަ ބުންޏޭ ކޮންމެ ދުވަހަކުވެސް ދުއާ ދާ ވާހަކަ.. ދެން ބޭއްވީ އިނގޭ.. މިއަދު މިތަނުގައި ފަހު ދުވަހަށް ވީމަ ތަންކޮޅެއް ބުރަވާނެ.. ނިންމާފަ ގުޅާނަން.." ލޫކަން ބުންޏެވެ.
" ހްމްމް އޯކޭ ބައި.. ލަވް ޔޫ.." ދުއާ ހިނިތުންވަމުން ބުންޏެވެ.
" ބައި.. ޓޭކް ކެއަރ.." އެހެން ބުނުމަށްފަހު ލޫކަން ފޯނު ބޭއްވިއެވެ.
ފޯނު ބޭއްވިއިރު ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ދުއާގެ މޫނުމަތިން ފެންނަން ހުއްޓެވެ. ލޫކަން ކިޔަވަން ބޭރަށް ގޮސްފައި އައި ފަހުން އޭނާއަށް ބަދަލުތަކެއް އައިސްފައި ހުރިކަން ދުއާއަށް ފާހަގަ ކުރެވެއެވެ. އޭގެ ކުރިން ލުއި ގޮތަކަށް ގައިގައި ބައްދާލުމާއި ލޯބިވާ ވާހަކަ ބުނުމަކީ ލޫކަން އަށް އުނދަގޫ ކަމެއް ނޫނެވެ. އެހެނަސް މިހާރު ކޮންމެވެސް ވަރެއްގެ ދުރުކަމެއް ހުންނަކަން ފާހަގަ ކުރެވެއެވެ. އެއީ މާބޮޑު ކަމަކަށް ދުއާ ނުހަދަނީ އުމުރާއި އެއްގޮތަށް މީހާގެ މިޒާޖަށްވެސް ބަދަލު އަންނާނެކަން ޤަބޫލުކުރެވޭތީއެވެ. ނަމަވެސް ލޫކަންގެ ފަރާތުން އެފަދަ ކަންތައްތަކަށް އެދެވޭތީ މާޔޫސް ވެވެނީއެވެ. ބައެއްފަހަރު ލޫކަން އޭނާދެކެ ލޯބިނުވެޔޭ ހިތަށް އަރާ ދެރަވިނަމަވެސް އެހިޔާލު ބަދަލުކޮށްލަނީ ލޫކަންގެ އަމަލުތައް އޭނާއާ މެދު ހުންނަ ގޮތުންނެވެ. ދުލުން ނުބުނިކަމުގައިވެސް އަމަލުން ލޫކަން އޭނާއާ މެދު ވިސްނާ ފިކުރުކުރާކަން ވަރަށް ރަނގަޅަށް އެނގިގެންދެއެވެ.
*************
ރާނީ ތައްޔާރުވެގެން ނިކުތްއިރު މޭޒު ކައިރީގައި ސައިހަދައިގެން ކަންސާ ހުއްޓެވެ. އެވަގުތު ކޮޓަރިން ނިކުތް އާރަވް ކާމޭޒު ހުރަސްކޮށް ފުރިޖުން ކައިރިއަށް ދިޔައެވެ. ލޮލުގެ ކަނަކުން އާރަވްއާ ދިމާލަށް ބަލައިލުމަށްފަހު ރާނީ ގޮސް މޭޒު ކައިރީގައި އިށީނެވެ. އެހިނދު ތާރާވެސް ތައްޔާރުވެގެން އޭނާ ކޮޓަރިން ނިކުމެގެން އައިސް މޭޒު ކައިރީގައި އިށީނެވެ. ފުރިޖު ކައިރީގައި ފެންބޯން ހުރި އާރަވް ތާރާގެ ލޮލުގައި އަޅައިގަތެވެ. އެހިނދު ހައިރާންކަމުގެ ކުލަވަރު އެމޫނުމަތިން ފެނިގެން ދިޔައެވެ.
" މަންމާ މިއަދު ކިހިނެއް އިރުއެރި ދުވަހެއް.. ؟ " ސަމާސާ އެކުލެވިފައިވާ ރާގެއްގައި ތާރާ އަހައިލިއެވެ. އެހިނދު އާރަވްއަށް ތާރާ އެކީ އޭނާއާ ކަން އެނގި ތާރާއަށް ބަލައިލުމަށްފަހު ދެލޯ ހަނިކޮށްލިއެވެ.
" ތާރާ!! ބޭކާރު ވާހަކަ ނުދައްކާ އިނދެ ސައިބޮއެގެން އަވަހަށް ދާން އުޅޭ.. ތިއުޅެނީ އަނެއްކާ ރެވް ރުޅި އަރުވާލާކަށްނު..." ކަންސާ އެހެން ބުނުމާއެކު ތާރާ ހޭންފެށިއެވެ. ރާނީގެ ތުންފަތްމަތީގައިވެސް ހިނިތުންވުމެއްވިއެވެ. އާރަވް އެއްޗެކޭ ނުބުނެ އައިސް މޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. ރާނީއާ ދިމާލަށް ބަލައިލީ ފާޑަކަށެވެ. އެހިނދު ރާނީގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވިއެވެ.
" ބޮޑުބެ ދިޔައީތަ މިހާރު..." ތަށިން ރޮއްޓެއް ނަގަމުން އާރަވް އަހައިލިއެވެ.
" އާނ އެއީ ރެވް އެއް ނޫނޭ ގަޑިޖެހިގެން ދާކަށް... " ކަންސާ އެއްޗެއް ބުނުމުގެ ކުރިން ތާރާ ބުނެލިއެވެ. އެހިނދު ކަންސާ ތާރާއާ ދިމާލަށް ދެލޯ ބޮޑުކޮށްލިއެވެ. " ރާނީއަށް އެނގޭތަ ރެވްއަކީ ހޮސްޕިޓަލްގެ ބްލެކް ލިސްޓްގަ އޮންނަ މީހެއް ގަޑިޖެހިގެން ދާތީ..."
އާރަވް އަތުގައި އޮތް ރޮށިކޮޅި ތަށިތެރެއަށް ވައްޓައިލިއެވެ. ތާރާއާ ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. ރާނީ އެއްފަހަރު ތާރާއަށް އަނެއްފަހަރު އާރަވްއަށް ބަލައިލިއެވެ. ކަމެއް ގޯސްވާން އުޅޭކަހަލަ އިހުސާސެއް ކުރެވުނީއެވެ. އާރަވް އިންތަނުން ތެދުވީ ކުއްލިއަކަށެވެ. އެހިނދު ރާނީއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. ތާރާ އިންގޮތުން އޭނާ އިނީ ކުރިންވެސް އާރަވްގެ އެފަދަ އަމަލަކަށް ވިސްނައިގެން ފަދައެވެ.
" ރެވް ދަރިފުޅާ ރުޅި ނައިސް އިށީނދެބަލަ.. ކާއެއްޗިއްސަށް ރުޅި ބާލާކަށް ނުވާނެއްނު.." ކަންސާ އަވަސް އަވަހަށް ބުނެލިއެވެ.
" މިތަނުގައި އިނުމަށްވުރެ ރަނގަޅު ބޭރަށް ގޮސް ކެޔަސް..." ޓިޝޫއަކުން އަތްފޮހެމުން އާރަވް ބުންޏެވެ. އެއަށްފަހު ޓިޝޫ ތަށިތެރެއަށް ވައްޓައިލުމަށްފަހު ގޮސް ގެއިން ނިކުތެވެ. ކަންސާ ހިތްހަމަނުޖެހިފައި ބަލައިލީ ތާރާއަށެވެ.
" ދެން ތީ ކޮންކަމެއް ތާރާ.. އެބައެނގޭ ދޯ ރެވް ގެ ގޮތް.. ހަމަ ރުޅިއަރުވާނުލާ ނީނދެވެނީތަ؟" ކަންސާ ހިތްހަމަނުޖެހިފައި ބުންޏެވެ.
" އެއްޗެކޭ ބުނެލާއިރަށް ރެވް ޖެހޭތަ ރުޅިއަންނަން.. މަންމައަށް ދުވަހަކުވެސް ރެވް ގޯހެއް ނުވާނެ..."
" ވެދާނެއްނު އަހަރެން އިންދަ އެކަހަލަ އެއްޗެއް ބުނީމަ ލަދުގަތީ ކަމަށްވެސް.. ދުރު މީހެއްގެ ކުރިމަތީގައި އެކަހަލަ އެއްޗެއް ބުނީމަ ކޮންމެ މީހަކުވެސް ލަދުގަންނާނެ އަސްލު..." ރާނީ ބުންޏެވެ.
" އަޑުއިވިއްޖެ؟؟؟ ރާނީއަށް ވިސްނޭ ގޮތަށް ތާރާއަށް ވެސް ވިސްނޭނަމައެއްނު... އެހެންނުވާނީ.. ސިކުނޑީގެ ބަދަލުގައި އޮންނަނީ މީދާ ކޭ އުނބެއް ވިއްޔާ...!!" އާރަވް ކޭ ތަށި ހިފައިގެން އަތް ދޮންނަ ތައްޓާ ދިމާލަށް ދަމުން ކަންސާ ބުންޏެވެ. އެވަގުތު ތާރާ އަނގަޔަށް ގޮތެއް ހަދާލިތަން ފެނި ރާނީއަށް ހެވުނެވެ.
ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި އާރަވްގެ އެކި އެކި ވާހަކަ ރާނީއަށް ތާރާ ކިޔައިދިނެވެ. އާރަވް އަކީ ކުރިން ވަރަށް މަޖާ މިޒާޖެއްގެ އެންމެންނާ ގުޅޭ މީހެއް ކަމުގައި ބުންޏެވެ. ނަމަވެސް ނުރައްކާތެރި ހާދިސާއެއްގައި އާރަވްގެ މައިންބަފައިންނާ ކޮއްކޮ ނިޔާވިފަހުން އާރަވްއަށް ބޮޑެތި ބަދަލުތަކެއް އައި ވާހަކައެވެ. މީހުންނާ ރުންކުރުކޮށް ވާހަކަ ދެއްކިނަމަވެސް ހަޤީގަތުގައި އާރަވްއަކީ ހިތްހެޔޮ މީހެއް ކަމުގައި ބުންޏެވެ.
" އާރަވް ރުޅި އަންނަނީ އެންމެ މީހެއްދެކެ.. އެއީ ދުއާ... ނޭނގެ ކީއްވެގެން ކަމެއް.. ކުރިން އެދެމީހުންވެސް އެއީ ނުލާހިކު ގާތް ދެއެކުވެރިން.. ދުއާ ބުނި އާރަވް ރުޅި އަންނަ ކަހަލަ ކަމެއް އޭނާ ނުކުރަމޭ.. ދުއާއަށްވެސް ނޭނގޭ ވީގޮތެއް.. އާރަވް ހުންނަ ތަނަކު ދުއާގެ ނަން ކިޔާލިޔަސް އޭނަ ދެން ބޭނުމެއް ނުވާނެ އެތަނުގައި ހުންނާކަށް.. " ތާރާ ކިޔައިދިނެވެ.
" އެހެންތަ؟ ދެން އާރަވް ކައިރީގައި ނާހަންތަ ވީ ކަމެއް.. ގައިމުން ކުރިން އެކުވެރިކޮށް އުޅުނު މީހެއް ދެކެ ރުޅި އަންނާނީ ކޮންމެވެސް ކަމެއް ކުރީމައެއްނު..." ރާނީ އޭނާގެ ޙިޔާލު ފާޅުކުރިއެވެ.
" އާރަވް ކައިރީގައި އެހޭތަ؟ މިބުނީނު ދުއާގެ ނަން އިވުނަސް އޭނަ ހުންނާނީ ނަރުގަނޑު ކޮޅުގަ ޖެހިފަ.. ދުއާ ދޮގެއް ހަދާނެއް ހެނެއް ހިޔެއް ނުވޭ.. ވީކަމެއް ނޭނގޭތީ އޭނަ ނޭނގެއޭ ބުނާނީ.. " ހޮސްޕިޓަލަށް ވަންނަމުން ތާރާ ބުންޏެވެ.
" ދެން ފަހުން ދޯ.. ދުއާ ކައިރީ ބުނިން ނިއު ޑޮކްޓަރެއް ޖޮއިން ކުރާ ވާހަކަ.. ވަރަށް މީޓް ކޮށްލާ ހިތުން ހުރީ..." މެއިން އެންޓްރޭންސްގައި މަޑުކޮށްލަމުން ތާރާ ބުންޏެވެ.
" އަދި ނޭނގެ ހަދަން ޖެހޭ ގޮތެއްވެސް.. އެންމެ މަތީ ފްލޯރއަށް އަންނަން ބުނީ.." ރާނީ އެހެން ބުނަމުން ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ރާނީގެ ފަހަތުން ތާރާވެސް ގޮސް ލިފްޓަށް ވަނެވެ. ފަސްވަނަ ފަންގިފިލާއަށް ފިއްތައިލުމަށްފަހު ދެން ތާރާ ފިތައިލީ އެންމެ މަތީ ފަންގިފިލާއަށެވެ.
" ގުޑްލަކް.. ނިންމާފަ ގުޅާތި އިނގޭ!!!" ފަސްވަނަ ފަންގިފިލާއަށް ނިކުތުމުގެ ކުރިން ތާރާ ބުންޏެވެ.
އެންމެ މަތީ ފްލޯރއަށް ލިފްޓުގެ ދޮރު ހުޅުވުމާއެކު ރާނީ ނިކުތެވެ. ދެފަރާތް ހޯދާ ބަލައިލުމަށްފަހު ކައުންޓަރު ކައިރިއަށް ޖެހިލިއެވެ. އަތުގައިވާ ފޯނުން މެއިލް ހުޅުވައިލުމަށްފަހު އަންހެންކުއްޖާއަށް އެމެއިލް ދައްކައިލިއެވެ. އެހިނދު އެއަންހެންކުއްޖާ ރާނީއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެއަށްފަހު ފޯނު ނަމްބަރަކަށް ގުޅާލުމަށްފަހު ނިއު ޑޮކްޓަރު އައިސް ހުރި ކަމުގައި ބުނެލިއެވެ. އިރުކޮޅަކު ވާހަކަ ދައްކައިލުމަށްފަހު އަންހެންކުއްޖާ ފޯނު ބޭއްވިއެވެ. އެއަށްފަހު ރާނީ ކައިރީގައި ކުރމަތިން ފެންނަމުން ދިޔަ ސީ.އީ.އޯ ޖަހާފައި އިން ކޮޓަރިއަށް ދިއުމަށް ބުންޏެވެ. އެކޮޓަރިއާ ހަމަވުމަށްފަހު ރާނީ ދޮރުގައި ޖަހައިލިއެވެ. އެހިނދު އެތެރެއަށް ވަންނާށޭ ބުނެ ފިރިހެނެއްގެ އަޑު އިވުނެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަންއިރު ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ހުއްޓެވެ. ހަޔާތުގައި އެފަދަ ކަމަކާ ކުރިމަތިލާ ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.
މޭޒުކައިރީގައި އިން ފިރިހެންމީހާގެ ނަޒަރު ރާނީއަށް ހުއްޓުނެވެ. ރާނީ ހިނިތުންވެލި ނަމަވެސް އެމީހާގެ މޫނުމަތިން ވަކި އަސަރެއް ނުފެނެއެވެ. ގޮނޑީގައި އިށީނުމަށް އިޝާރާތް ކުރުމުން ރާނީ ގޮސް ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ.
" ޑޮކްޓަރ ރާނީ ބިންތް އަމާން.. ފްރޮމް ޑުބާއީ.. " އެމީހާ ކިޔައިލިއެވެ. ރާނީ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.
" އައްސަލާމް އަލައިކުމް މައި ނޭމް އިޒް ޒިލާލް އަހުމަދު ރިޒާ.. ޗީފް އެގްޒެކެޓިވް އޮފިސަރ އޮފް ދިސް ހޮސްޕިޓަލް.. ވީ އާ ހެޕީ ޓު ވެލްކަމް ޔޫ ޑޮކްޓަރ ރާނީ..." ރާނީއާ ދިމާލަށް އަތް ދިއްކޮށްލަމުން ޒިލާލް ބުންޏެވެ. ޒިލާލް އިނގިރޭސިން ވާހަކަ ދެއްކުމުން އޭނައަށް ރާނީ ދިވެހިން ވާހަކަ ދައްކާކަމެއް ނޭނގޭކަން ރާނީއަށް އެނގުނެވެ.
" ވައަލައިކުމުއްސަލާމް.. ހެޕީ ޓު ޖޮއިން ދިސް ހޮސްޕިޓަލް.. ތެންކްޔޫ ވެރީ މަޗް ފޯރ ދިސް ގޯލްޑެން ޗާންސް ޓު ވޯކް ވިތް ޔޫ. ލުކިން ފޯވާޑް ޓު އަ ގްރޭޓް އެކްސްޕީރިއެންސް ފްރޮމް ހިއަރ.. " ރާނީވެސް ބުނެލިއެވެ.
" ސޯ ޑޮކްޓަރ ރާނީ.. ވައި ޑިޑް ޔޫ ޗޫޒް އަ ހޮސްޕިޓަލް ފްރޮމް މޯލްޑިވްސް ޓު އެޕްލައި.. ވައި ނޮޓް ފްރޮމް ޑުބާއީ އޯރ އެނީވެއަރ އެލްސް އިން ޔޫ އޭ އީ.. " ޒިލާލް އަހައިލިއެވެ. ރާނީ ހިނިތުންވެލިއެވެ.
" އިޓްސް ބިކަޒް... އަޅުގަނޑަކީ ހާފް ރާއްޖޭ މީހަކަށް ވީމަ.. ބޭނުންވީ ރާއްޖޭގެ ދިރިއުޅުން ތަޖުރިބާކޮށްލަން.. " ރާނީ ދިވެހިން ވާހަކަ ދައްކަން ފެށުމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ޒިލާލްއަށް ލިބުނެވެ. ޒިލާލްއަށް ވީގޮތުން ރާނީ ކައިރިއަށް ހިނިއައި ނަމަވެސް އެތެރެއަށް ހިންދައިލިއެވެ.
" އޯހް.. ދެޓްސް ގްރޭޓް.. މަޑުކޮށްލައްޗެ..." މިހެން ބުނެ ޒިލާލް މޭޒުމަތީގައި އޮތް ފޯނު ނެގުމަށްފަހު ނަމްބަރަކަށް ގުޅައިލިއެވެ. ވަރަށް އެވަހަށް އޭނާގެ ކޮޓަރިއަށް އައުމަށް އެމީހާ ކައިރީގައި ބުނުމަށްފަހު ފޯނު ބޭއްވިއެވެ. ފޯނު ބޭއްވިތާ މާގިނައިރެއް ނުވެ ރާނީއާ އެއްއުމުރުގެ އަންހެން ކުއްޖަކު އެކޮޓަރިއަށް ވަނެވެ. ޒިލާލް އެއަންހެން ކުއްޖާ ކައިރީގައިވެސް ރާނީ ކައިރީގައި ހުރި ގޮނޑީގައި އިށީނުމަށް އެދުނެވެ. ގޮނޑީގައި އިށީންނަމުން އެއަންހެންކުއްޖާ ރާނީއަށް ބަލާލާފައި ހިނިތުންވެލިއެވެ. އެހިނިތުންވުމުގައި ހިތްހެޔޮ ގާތް ގޮތެއް ހުރިކަން އިހުސާސްވެ ރާނީވެސް ހިނިތުންވެލިއެވެ.
" ރާނީ.. މީ ޑޮކްޓަރ ދުއާ.. ގައިނީ ޑިޕާޓްމެންޓްގެ ހެޑް ޑޮކްޓަރ.. ޑޮކްޓަރ ދުއާ މީ ޑޮކްޓަރ ރާނީ.. ހޮސްޕިޓަލަށް ޖޮއިން ކުރި އާ ޑޮކްޓަރެއް.. ޑޮކްޓަރ ރާނީ މަސައްކަތް ކުރަން ޖެހެނީ ޑޮކްޓަރ ދުއާގެ ދަށުން.. " ޒިލާލް ތައާރަފް ކޮށްދިނެވެ. ދުއާއަށް ރާނީ ބަލައިލީ ހައިރާންވެ އިނދެއެވެ. އެހާ ޒުވާން އުމުރުގައި ހެޑް ޑޮކްޓަރަކަށް ހުރީތީ ހައިރާންވިއެވެ. ޔަގީނުންވެސް ދުއާ އަކީ ހުނަރުވެރި މޮޅު ޑޮކްޓަރަކަށް ވާނޭ ހިތަށް އެރިއެވެ.
" ހެލޯ.. ނައިސް ޓު މީޓް ޔޫ.. " ސަލާމަށް އަތް ދިއްކޮށްލަމުން ރާނީ ބުންޏެވެ. ރާނީ އެއަތުގައި ހިފައިލީ ހިނިތުންވަމުންނެވެ.
" ސޯ.. އެހެން ހުރިހާ ކަމެއް ޑރ ރާނީއަށް ޑރ ދުއާ ކިޔާލަދޭނެ.. ދެން އެންމެ ރަނގަޅު ދިޔަސް..." ޒިލާލް ބުނެލިއެވެ.
ރާނީއާއި ދުއާ އެކޮޓަރިން ނިކުތީ އެކުއެކީގައެވެ.
" ވަރަށް އުފާވެއްޖެ ރާނީއާ ބައްދަލުވީމަ.. ތާރާ ވަރަށް ދެއްކި ރާނީގެ ވާހަކަ.. " ލިފްޓާ ދިމާލަށް ދަމުން ދުއާ ބުންޏެވެ.
" އަހަރެންވެސް ވަރަށް އުފާވެއްޖެ.. ތާރާ ޑރ ދުއާގެ ވާހަކަ ދައްކާވަރުން ބައްދަލުކޮށްލަން ކެތްމަދުވެފަ ހުރީ.. " ރާނީ ބުންޏެވެ.
" ދުއާ ކިޔަސް އެންމެ ރަނގަޅު.. ދެން މިހާރު އަހަރެންނަކީވެސް ގާތް ރަޙުމަތްތެރިއެއް ކަމަށް ބަލާ.. " ރާނީގެ އަތުގައި ހިފައިގެން ގޮސް ލިފްޓަށް އަރަމުން ދުއާ ބުންޏެވެ.
***********
ޑިއުޓީ ނިންމާފައި ރާނީއާއި ތާރާ އަދި ދުއާ ގެއަށް ދާން ހިނގައިގަތީ އެކުއެކީގައެވެ. ދުއާގެ ކާރުގައި ތާރާއާއި ރާނީ ގެއަށް ގެންގޮސްދިނެވެ.
" މާދަން ޕާޓީ މަތިން ހަނދާން ނައްތާނުލާތި.. ރާނީ ކޮންމެހެންވެސް އަންނާތި.." ރާނީ ކާރުން ފައިބަން އުޅެނިކޮށް ދުއާ ބުންޏެވެ.
" ކޮން ޕާޓީއެއް..؟ " ރާނީ ހައިރާންވެފައި އަހައިލިއެވެ.
" އެއީ އަހަރެންގެ ބޯއިފްރެންޑްގެ މަންމަގެ އުފަންދުވަސްވީމައާއި އޭނަ އެނބުރި އަންނާތީ ދޭ ކުޑަ ކުޑަ ޕާޓީއެއް.." ދުއާ ބުނެދިނެވެ.
" އިންޝާﷲ ދާނަން.." ހިނިތުންވެލަމުން ރާނީ ބުންޏެވެ. ރާނީމެން ކާރުން ފޭބުމާއެކު މާދަން ބައްދަލުވާނެކަމަށް ބުނެ ދުއާ ކާރު ދުއްވައިލިއެވެ.
" އެނގޭތަ ދުއާގެ ބޯއިފްރެންޑްވެސް އެއީ ޑޮކްޓަރެއް.. ހަމަ އެހޮސްޕިޓަލުގައި މަސައްކަތް ކުރާނީ.. މިވަގުތު ހުރީ އެހެން ރަށެއްގައި.. ޑރ ލޫކަން އޭނާއަށް ކިޔާނީ..." ތާރާގެ ފަހު ޖުމްލައާއެކު ރާނީ ހުއްޓުން އެރިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
ރާނީ ހުއްޓުމުން ތާރާ ބަލައިލިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.
" ތިބުނީ ދުއާގެ ބޯއި ފްރެންޑަށް ކިޔަނީ ލޫކަންއޭ ތަ؟ " އިތުރަށް ޔަގީންކޮށްލުމުގެ ގޮތުން ރާނީ އަހައިލިއެވެ.
" ހްމްމް ލޫކަން.. ކިހިނެއްވީ؟" ތާރާ އަހައިލިއެވެ. ޖަވާބެއް ދޭން ނޭނގިފައި ރާނީއަށް ހުރެވުނެވެ. އެއީ އޭނާގެ ލޫކަންއަށް ވެދާނެބާއޭ ހިތަށް އަރާފައެވެ.
" ރާނީ ދަންނަންތަ ލޫކަން..." ތާރާ އަހައިލިއެވެ. ތާރާއަށް ލޫކަންގެ ވާހަކަ ކިޔައިދޭން ރާނީގެ ހިތަށް އެރިއެވެ. އެހެނަސް އެއީ ރަނގަޅު ކަމަކަށް ނުވާނެތީ އެހިޔާލު ދޫކޮށްލިއެވެ. މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން ދެފަރާތަށް ބޯހޫރާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
އެދުވަހު ހަތަރުދަމު ރާނީއަށް ހަމަޖެހުމެއް ނުލިބުނެވެ. ލޫކަންއާ މެދު ވިސްނެނީއެވެ. ދުއާގެ ހަޔާތުގެ ބައިވެރިއަކީ އޭނާގެ ލޫކަންއަށް ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ލޫކަން އެހާ އަވަހަށް އޭނާ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ފޯނު ނަމްބަރު ހިއްސާ ނުކޮށް ހަބަރެއް ނުވީ އެހެންވެގެން ބާއެވެ.؟ އެކަމަކު ކޮންމެ ގޮތެއް މެދުވެރިވިނަމަވެސް ވަފާތެރިކަން މަތީ ދެމިހުންނާނެ ކަމުގެ ވަޢުދު ލޫކަން ވިއެވެ. ހަބަރެއް ނުވެ ކިތަންމެ ގިނަ ދުވަހެއްވީނަމަވެސް ދެގޮތެއް ނުވެ ރާނީދެކެ ލޯބިވާނެ ކަމުގައިވެސް ބުންޏެވެ. ރާނީ ލޫކަންއަށް އިތުބާރު ކުރީ ދުވަހަކު މީހަކު އެހެންމީހަކަށް އިތުބާރު ނުކުރާހާ ބޮޑަށެވެ. ޒޯއީ ބުނީ ރަނގަޅު ވާހަކައެއް ބާއެވެ. ލޫކަން އޭނާގެ ފަރާތުން ބޭނުންވެގެން އުޅުނީ ވަގުތީ އުފަލެއް ހެއްޔެވެ؟
" ރާނީ ބުނެބަލަ އަޅެ.. އެހުރިހާ ދުވަހު ލޫކަން އެމެރިކާގަ ކިޔެވިއިރު މަހަކު އެއްފަހަރު އޭނާ ރާނީ ކައިރިއަށް އައިސް ބައްދަލުކޮށް ހަދާ.. ދެން ކުއްލިއަކަށް މޯލްޑިވްސްއަށް ދިޔަފަހުން ކުއްލިއަކަށް ބަދަލުވާންވީ ކީއްވެ؟ ސޯޝަލް މީޑިއާއިން ރާނި ބްލޮކް ކުރީ.. އެންމެ ކުޑަމިނުން އޭނާއަށް ގުޅޭނެ ނަމްބަރެއްވެސް ނުދިން.. ކޮބާތަ އޭގެ މާނައަކީ.. ވިސްނާލަބަލަ ރާނީ.. އެ ވާނީ އެތަނުން ކަމުދާ ކަހަލަ ކުއްޖެއް އޭނާއަށް ލިބުނީ ކަމަށް.. އޭނާ ރާނީގެ ކިބައިން ބޭނުންވީ ވަގުތީ އުފަލެއް.. " ޒޯއީ އެތައް ފަހަރަކު ބުނެފައިވެއެވެ. އެހެނަސް އެވާހަކަ ޤަބޫލުކުރަން ރާނީއަށް ދައްޗެވެ. ލޫކަންގެ އަމަލުތަކުން އޭނާއަށް ކުރެވުނު އިހުސާސް މުޅިން ތަފާތެވެ. ލޫކަންގެ ކޮންމެ އަމަލެއްގައިވެސް ލޯތްބާއި ކުލުނު އަދި ތެދުވެރިކަން އެކުލެވިފައިވާކަން އޭނާގެ ލޮލުން ސާބިތުވެއެވެ. ލޫކަންގެ ލޮލުން ރާނީއަށް ފެނުނު ޖަޒުބާތަކީ ދޮގަކަށް ނޫނީ ހީވި ހީވުމަކަށް ވެއްޖެނަމަ ލޯތްބަށް އޮތް އިތުބާރު ޔަގީނުންވެސް ގެއްލޭނެއެވެ. މިފަދަ ހިޔާލުތަކުން ރާނީގެ ހިތާއި ސިކުނޑި ނުތަނަވަސް ކުރުވަމުން ދިޔައެވެ. ކޮންމެހެނެއްވެސް މާދަމާ އޮންނަ ޕާޓީއަށް ދިއުމަކީ މަޖުބޫރުކަމެއް ކަމުގައި ވެއްޖެއެވެ. ޒޯއީ ބުނިހެން ރާއްޖެ އައުމަށްފަހު ލޫކަން އޭނާއާ ގުޅުން ކަނޑާލި ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. ނަމަވެސް އެސަބަބަކީ ބޭވަފާތެރިވުން ކަމުގައި ރާނީއަށް ޤަބޫލުކުރަން ދަތިވެއެވެ.
*************
ހުރިހާ ޕޭޝަންޓުން ބަލާ ނިންމަލުމަށްފަހު ދުއާ އަވަހަށް ގެއަށް ދާން ތައްޔާރުވެލިއެވެ. ޕާޓީ އޮތީ އެގޭގައި ކަމުން ކުރަން ޖެހޭ ތައްޔާރީތައް ހުރީމައެވެ. ނަމަވެސް ކޮންޒަލްޓޭޝަން ރޫމުން ނުނިކުމެވެނިސް ފޯނެއް އަންނަން ފެށިއެވެ. ދެހިޔާލެއްގައި ހުރީ ނަގައިފިނަމަ ގެއަށް ދިއުން ލަސްވެދާނެތީއެވެ. އެހެންނަމަވެސް އެމަރޖެންސީއަކަށް ވެދާނެތީ ފޯނު ނަގަން މަޖުބޫރުވިއެވެ. ފޯނު ނެގުމަށްފަހު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެންމެ ފުރަތަމަވެސް އިވުނީ ޒިލާލް ހަރުކަށި އަޑެވެ. ރުންކުރުކަމާއެކު އަމުރުކުރީ އޭނާގެ ކެބިންއަށް އައުމަށެވެ. ފޯނުގެ އަތްގަނޑު ބޭއްވިއިރު ކޮންމެވެސް ވަރަކަށް ދުއާގެ އަތުގައި ތުރުތުރެއް ހުއްޓެވެ. ޒިލާލް ރުޅިއައިސްފިނަމަ އެއީ ދުއާއަށް ވާވަރެވެ. އަންނަ ރުޅީގައި ޒިލާލް ކޮންމެފަދަ ކަމެއް ކޮށްފާނެކަން އެނގޭތީއެވެ. ޒިލާލްއަކީ ރުޅިއައިސްފިނަމަ ކޮންޓްރޯލުން ނައްޓާ މީހެކެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު ދުއާ ގޮސް ޒިލާލްގެ ކެބިންގައި ޓަކި ޖަހައިލިއެވެ. ވަނުމަށް ބުނުމާއެކު މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ގޮނޑީގައި އިން ޒިލާލްގެ ރުޅިވެރި ދެލޯ ފެނި ދުއާ ގައިން ހީބިހި ނަގައިގަތެވެ. ޒިލާލް ހިތްހަމަނުޖެހޭ ގޮތަށް ދުއާއަށް ކުރެވުނީ ކޮންކަމެއް ބާއޭ ހިތަށް އެރިއެވެ.
" ކިހިނެއްވީ ބައްޕާ... " ޖެހިލުންވެފައި ހުރެ ދުއާއަށް އަހައިލެވުނެވެ.
" ފުރަތަމަ ކަމަކަށް މިތަނުގައި އަހަރެންނަށް ބައްޕަ ނުކިޔާށޭ ބުނީމެއްނު.. މިތަނުގައި ދުއާއަކީ އެހެން ޑޮކްޓަރުން ފަދަ އާދައިގެ ޑޮކްޓަރެއް.. ދުއާގެ ކާފައަދި އަހަރެންނަކީ މިތަނުގެ ބޮޑުންނަށްވިޔަސް ދުއާއަށް އަދި އެފަދަ ބާރެއް ނެތްކަން ހަނދާން ނެތެނީތަ ނޫނީ މީހުންނަށް ތީ ކިހާވަރެއްގެ މީހެއްކަން ދައްކަން ބޭނުންވަނީތަ؟" ޒިލާލް އަހައިލިއެވެ.
" އަހަރެ.. ސޮރީ އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ " ހިންދިރުވައިލަމުން ދުއާ އަހައިލިއެވެ.
" މާބޮޑު މީހަކަށް ވެގެން މިތަނުގެ މުވައްޒަފުންނަށް އިންޒާރު ކުރުމާއި އެމީހުން ވަޒީފާއިން ކެނޑުން އެއީ ދުއާއަށް ލިބިފައިވާ ބާރެއް ނޫން.. އަނެއްކޮޅުން ހުއްދައެއް ނެތި އަހަރެންގެ ސްޓަޑީއަށް ވަދެ ހޭވުމުގެ އެއްވެސް ހައްޤެއް ދުއާއަށް ލިބިގެނެއްނުވޭ.." ޒިލާލް ހިތްހަމަނުޖެހިފައި ބުންޏެވެ. ވަގުތުން ދުއާގެ ހިތަށް އައިސް ވަނީ އާރަވްގެ ނަމެވެ. ޒިލާލް ކައިރީ އެވާހަކަ ބުނީ އާރަވް ނޫން މީހަކު ނޫންކަން ޔަގީނެވެ.
" މީގެ ފަހުން މިތަނުގެ އެއްވެސް ކަމަކާ ދުއާ ބެހުނުކަން އެނގިއްޖެ ނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާކަށް އަހަރެން ފަހެއް ނުޖެހޭނަން.. އަމިއްލަ ފެންވަރު އޮޅިފައިވާނަމަ އަހަރެން ބުނެދީފާނަން.. ތީ މިތަނުގެ އެއްވެސް މީހެއް ނޫން.. މިތަނުގައި މުސާރަ ދީގެން މަސައްކަތްކުރާ އެހެން ޑޮކްޓަރުން ފަދަ ޑޮކްޓަރެއް.. މިތަނުން ކަލެއަށް ވަޒީފާ ލިބި ތި ޑިޕާޓްމެންޓްގެ ހެޑްކަން ދިނީ އަހަރެންގެ ބައްޕަ.. އެހެންނޫންނަމަ ކަލޭ މިތަނަށް ވައި އެޅުމަކީވެސް އަހަރެން ބޭނުންވާކަމެއް ނޫން.. މީގެ ފަހުން އެއްވެސް މުވައްޒަފަކަށް އެފަދަ ގޮތަކަށް ވާހަކަ ދައްކާ ފުރައްސާރަ ކޮށްފިނަމަ ވަޒީފާއިން ވަކި ކުރަން އަހަރެން ފަހެއް ނުޖެހޭނަން..."
ދުއާގެ ލޮލަށް ކަރުނަތައް ބޮނޑިވެގަތީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. ޒިލާލްގެ ވިހަގަދަ ބަސްތަކުން އޭނާގެ ހިތަށް ފުންއަސަރުތަކެއް ކުރުވައިފިއެވެ. ބައްޕައެއްގެ ފަރާތުން އެއްވެސް ދަރިއަކު އެފަދަ ބަސްތަކެއް އަޑުއަހަން ބޭނުންނުވާނެކަން ޔަގީނެވެ. އޭނައަކީ ޒިލާލްގެ އުފަންދަރިއެއްކަމާމެދު ޝައްކުވާ ފަހަރުވެސް މަދެއް ނޫނެވެ. އެތައް ގޮތަކުން ޒިލާލްއަށް ރައްދުދޭން ދުއާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ބައްޕައަށްވީތީ ހިމޭނުން ހުއްޓެވެ. ޒިލާލްއާ ޒުވާބުކުރުމަކީ ރިޒާ ބޭނުންވާނެ ގޮތެއް ނޫންނަކަން އެނގޭތީވެސްމެއެވެ. މަޑުމަޑުން ބޯޖަހައިލުމަށްފަހު އެތަނުން ނިކުންނަން ދުއާ ހިނގައިގަތެވެ. ކެބިންއިން ނިކުމެވުމާއެކު ބޮނޑިވެފައިވާ ކަރުނަތައް އޮހި ކޯތާފަތް ތެންމާލައިފިއެވެ. މަޑުމަޑު ގިސްލުމެއްގެ ދުއާގެ އަނގައިން ބޭރުވި ހިނދު އަނގަމަތީގައި އަތް އަޅައިލެވުނެވެ. މީހަކަށް ފެނުމުގެ ކުރިން އަވަސް އަވަހަށް މޫނު ފޮހެލިއެވެ. ކުޑަދޮރުކައިރީގައި އޭނާއަށް ދިމާލަށް ބަލަހައްޓައިގެން ހުރި އާރަވް ދުއާގެ ލޮލުގައި އަޅައިގަތެވެ. ދުއާ ބަލައިލުމާއެކު އާރަވްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ދުއާގެ ދެބުމަ ގޮށްޖެހިގެން ދިއުމާއެކު ދަތްކުޑިވިކައިލެވުނެވެ. ދުމެއްޖެހިހެން ދުއާގޮސް ހުރީ އާރަވްގެ ކުރިމަތީގައެވެ.
" ތިވަރުގެ ނުލަފާ މީހަކު އަހަރެން މިއުޅޭ އުޅުމުގައިވެސް ނުދެކެން.. އަހަރެން ރެވްއަށް ކީއްކުރީ.؟ އަހަރެންގެ ބައްޕައަކީ ކޮންކަހަލަ މީހެއްކަން ރެވްއަށް އޮޅިފައެއް ނޯންނާނެ.. އެނގޭތަ ބައްޕަ އަހަރެންނާ ދިމާލަށް އެއްޗެތި ގޮވާލިވަރު.. އެބައްޕަގެ ވިހަގަދަ ބަސްތައް އިވި ގިނަ ފަހަރަށް އަހަރެންގެ ކަރުނަ އޮއްސާ ތެމިފައި ހުންނާނީވެސް ރެވްގެ ގަމީސް.. ކިތައް ދުވަހު ރެވްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އަހަރެން ރުއީ.. ބައްޕައެއްގެ ލޯބިން މަޙުރޫމްވުމަކީ ކިހާ ބޮޑު ވޭނެއްކަން މިހާރު ރެވްއަށް އިހުސާސްވާނެކަން ޔަގީން.. އަހަރެން ކުރި ކަމެއް ކޮށްފަ ހުންނާނީ ހަމަ ރެވްއަށް ރަނގަޅަކަށް ރެވްއަށް ހެޔޮ އެދިގެން.. އެކަމަކު ރެވް ބޭނުންވީ އެއާ މުޅިން އިދިކޮޅު.. ރެވް ދެކެން ބޭނުންވާ މަންޒަރު އެބަ ފެނެއެއްނު.. އެބަފެނެއެއްނު އަހަރެން ރޯތަން.. މިހާރު ހިތްހަމަޖެހިއްޖެ ދޯ..." މިހެން ބުނެ އެތަނުން ދިއުމަށް ދުއާ ހިނގައިގަތެވެ. ފަހަތުގައި މަންޒަރު ބަލަން ހުރި ރާނީ ހުރީ ހައިރާންވެފައެވެ. ޒިލާލްއަކީ ދުއާގެ ބައްޕަކަން އެނގުނީ އަދި ކިރިޔާއެވެ. ރާނީއަށް އާރަވްއާ ދިމާލަށް ބަލައިލެވުނެވެ. އެމޫނުމަތިން ވެދިޔަ ކަންތަކުން ދެރަވެއްޖެކަން ހާމަކޮށްދެއެވެ. އާރަވް އެތަނުން ހިނގައިގަންނަން އުޅުނު ވަގުތު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ރާނީ ފެނުނެވެ. ވަގުތުން އާރަވް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. ރާނީއާ ދިމާލަށް ދެލޯ ހަނިކޮށްލުމަށްފަހު އާރަވް ގޮސް ލިފްޓަށް އެރިއެވެ. ދެފަރާތަކަށް ބޯހޫރާލުމަށްފަހު ރާނީ ގޮސް ހިއުމަން ރިސޯސް ޑިޕާޓްމެންޓަށް ވަނެވެ.
************
ޕާޓީގެ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ރާނީގެ ހިތްއަވަސް ވަމުން ދިޔައެވެ. ހިތާހިތުން ދުއާ ކުރެވެމުން ދިޔައީ އެއީ އޭނާގެ ލޫކަންއަށް ނުވޭތޯއެވެ. ކަޅުކުލައިގެ އަތްދިގު ކަކުލާ ހިސާބަށް ހުރި ހެދުމުގައި ރާނީ ފެންނަލެއް ރީއްޗެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހާލެވިފައެވެ. މޭޒުމަތީގައި އޮތް ކްލަޗް ހިފައިގެން ރާނީ އޭނާގެ ކޮޓަރިން ނިކުތެވެ. ތާރާގެ ކޮޓަރީ ޓަކި ޖަހާލުމާއެކު ތާރާވެސް ތައްޔާރުވެގެން ނިކުތެވެ. ކަޅުރަތް ކުލައިގެ ހެދުމުގައި ތާރާވެސް ފެންނަލެއް ނަލައެވެ. ދެކުދިން އެކީގައި ނިކުންނަން ހިނގައިގަނެފައި ހުއްޓުނީ ތައްޔާރުވެގެން ނިކުތް އާރަވް ފެނިފައެވެ.
" ޕާޓީއަށް ދަންތަ ރެވް ވެސް...؟ " ޤަބޫލުނުކުރެވިފައި ހުރެ ތާރާ އަހައިލިއެވެ.
" ކިހިނެއްވީ.. އަހަރެން ޕާޓީއަށް މިދަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ލޫކް ބުނެގެން.. އޭނާގެ މަންމަގެ އުފަންދުވަހު ޕާޓީއަށް އަހަރެން ނުދިޔައިއްޔާ އޭނަ ދެރަވާނެ... " އާރަވް ބުނެލިއެވެ. އެއަށްފަހު މަޑުނުކޮށް އެމީހުންގެ ކުރިމަތިން ގޮސް ގޭ ދޮރު ހުޅުވާލާފައި ނިކުތެވެ. ލޫކަންގެ ނަން އިވުމާއެކު ރާނީގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. މާގިނައިރެއް ނުވެ ހުރިހާ ކަމެއް އެނގިދާނެއެވެ.
ކޭޓަރާއިންނަށް އިރުޝާދު ދޭން ހުރި ދުއާއަށް ތާރާއާއި ރާނީ ފެނުމާއެކު އެދިމާލަށް ހިނގައިގަތެވެ. އޭރު މަދުމަދުން މެހެމާނުން އަންނަން ފަށައިފިއެވެ. ދުއާ ހިނިތުންވެފައި ހުރިތަން ފެނި ރާނީވެސް ހިނިތުންވެލިއެވެ. މިއަދު ދުއާ ރޯތަން ފެނުމުން ރާނީ ހީކުރީ ދުއާ ހުންނާނީ މޫނުގެ ކުލަ އޮއްސިފައި ކަމަށެވެ. ނަމަވެސް އޭރުގެ އެއްވެސް އަސަރެއް މިހާރު ދުއާގެ މޫނުމަތިން ފެންނާކަށް ނެތެވެ.
" މާޝާﷲ ރާނީ.. ހާދަ ނަލައޭ.. މިރޭ ހީވޭ ބައެއް ފިރިހެނުންގެ ހިތްތައް ކަތިލެވޭނެހެން..." ދުއާ ބުނެލިއެވެ. އެއާއެކު ރާނީ ހިނިތުންވެލިއެވެ.
" ކޮބާ ލޫކް.. އައިއްސިއްތަ؟.. " ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލަމުން ތާރާ އަހައިލިއެވެ. އެހިނދު ރާނީވެސް ހިތް އަވަސްވެފައިވާ ހާލު ތަންތަން ހޯދައިލިއެވެ.
" ލޫކް އައީ މީގެ އިރުކޮޅެއް ކުރިން.. މަންމަ ގޮވައިގެން މިގެއަށް އަންނާނީ.. ޔަގީން މަންމަ ވަރަށް ސަޕްރައިޒްވާނެ.." ދުއާ ބުންޏެވެ. އެވަގުތު ދޮރުން ވަދެގެން އައި އާރަވް ދުއާގެ ލޮލުގައި އަޅައިގަތެވެ. ދުއާގެ މޫނުމަތީގެ ކުލަ އޮއްސުނު ހިނދު ދެބުމަ ގޮށްޖަހައިލިއެވެ. ދުއާއަށް އައި ކުއްލި ބަދަލާއެކު ރާނީ ދުއާ ބަލައިލި ދިމާލަށް ބަލައިލިއެވެ. ވީގޮތް އެނގުނީ ވަދެގެން އަންނަ އާރަވް ފެނުމުންނެވެ. އެވަގުތުވީ އާރަވްވެސް އެމީހުންނަށް ބަލައިލި ވަގުތަށެވެ. ބަހެއް ބުނުމެއްނެތި ފޮނި ހިނގުމެއްގައި އާރަވް އެމީހުން ހުރަސްކޮށް ގޮސް ހުއްޓުނީ އެކި ވައްތަރުގެ ބުއިންތައް ސާވްކޮށްދޭ ކައުންޓަރ ކައިރިއަށެވެ.
" ހާދަ ރުޅި އައިސްފައި.. ރެވް ދުއާ އާ ދިމާލަށް އެއްޗެކޭ ކީތަ؟" ތާރާވެސް އަހައިލިއެވެ.
" ފަހުން ދޯ.. މިރޭ މޫޑު ހަރާބުވާކަށް އަހަރެން ބޭނުމެއް ނޫން.. ހިނގާބަލަ އަހަރެންނާއެކު ކޭކު ބަލައިލަން.. ވަރަށް ސަޅި" ތާރާއާއި ރާނީގެ އަތުގައި ހިފާލަމުން ދުއާ އެދުނެވެ.
" ދުއާ އާއި ތާރާ ދާންވީނު.. އަހަރެން ވަރަށް ބޮޑަށް ކަރުހިއްކައިގަނެފަ މިހުރީ.. ފިނި ބުއިމެއް ބޯލަން ބޭނުންވަނީ.." ރާނީ ބުންޏެވެ. އެންމެރަނގަޅޭ ބުނުމަށްފަހު ދުއާ އާއި ތާރާ ބަދިގެއާ ދިމާލަށް ދިޔައެވެ. ދެކޮޅު ހޯދާ ބަލައިލުމަށްފަހު ރާނީ ބުއިންތައް ހުރިތަނާ ދިމާލަށް ހިނގައިގަތެވެ. ކައުންޓަރުގައި އަތް އަޅުވައިލުމަށްފަހު ފިނި ކޯކުތައްޓެއް ދިނުމަށް އެދުނެވެ. ކައުންޓަރުގައި އަތް އަޅުވާލައިގެން ދުރުބަލަން ހުރެ ކޯކު ބޮމުން ދިޔަ އާރަވްއަށް ފުންނަޒަރަކުން ބަލައިލިއެވެ. އެބަލައިލުން އާރަވްއަށް ސިއްރެއް ނުވިއެވެ.
" ކިހިނެއްވީ ތިބަލަނީ..؟ " ރާނީއާ ދިމާލަށް ލޯ ހަނިކޮށްލަމުން އާރަވް އަހައިލިއެވެ. އެއަހައިލުމުގައި އެއްވެސް ކަހަލަ ގާތް ގޮތެއް ނެތެވެ. ކޯކުތަށި ހިފައިގެން ރާނީ އާރަވްއާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.
" ތި މޫނުމަތިން ކަމެއް ދެނެގަނެވޭތޯ ބަލައިލީ..." ރާނީ ބުނެލިއެވެ.
" ތިބުނީ؟ "
" މިބުނީ ތިހަރުކަށި ކަމުގެ ފަހަތުގައި ފޮރުވިފައިވާ އަސްލު ސިފައަކީ ކޮބައިބާވައޭ.. ހަމަ ޔަގީނުންވެސް މީހުންނަށް ތިދައްކަނީ އަސްލު ސިފައެއް ނޫން.. " ޖެހިލުމެއްނެތި ރާނީ ބުނެލިއެވެ. އާރަވް ހަށިގަނޑު ސީދާ ކޮށްލަމުން ކަރުކެހިލިއެވެ. މޫނުމަތިން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުންނެވެ.
" މީ ހަމަ އަހަރެންގެ އަސްލު ސިފަ.. ވަރަށް ބޮޑު އޮޅުމެއްގައި ތިހުރެވެނީ... މޮޔައިން ކައިރީގައި އުޅެންޏާ ދެއްކޭނީވެސް ތިކަހަލަ މޮޔަ ވާހަކަ..." އެތަނުން ދުރަށް ހިނގައިގަތުމުގެ ކުރިން އާރަވް ބުނެލިއެވެ. ރާނީ ވަކި ޖަވާބެއް ނުދީ ހަމައެކަނި ހިނިތުންވެލީއެވެ.
ތާރާއާއި ދުއާ އާ ދެމީހުންވެގެން އައިސް ކޭކު ހޯލުގެ މެދެއްހާ ހިސާބުގައި ބަހައްޓައިލިއެވެ. ދުއާގެ ފޯނަށް މެސެޖެއް އައި ހިނދު ބަލައިލިއެވެ.
" ކޮބާ އަވަސްކޮށް ލައިޓްތައް ނިއްވާލާ... ލޫކް އެބަވަދޭ މަންމަ ގޮވައިގެން..." ދުއާ ބުނެލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ގޮސް ގޭގެ ލައިޓްތައް ނިވައިލިއެވެ. އަވަސްވެފައިވާ ހިތަކާއެކު ރާނީ ގޮސް ތަނބެއްގެ ނިވަލުގައި ހުއްޓުނެވެ.
" ދަރިފުޅާ ލޫކް މިތަން ކީއްވެ މިހާ އަނދިރިކޮށް މިއޮތީ.. ކަރަންޓު ނެތީތަ.." އިވިގެން ދިޔައީ ލޫކަންއާ އެކު އެތެރެއަށް ވަން ދުންޔާގެ އަޑެވެ. މުޅިތަން އަލިވެގެން ދިޔައީ ކުއްލިއަކަށެވެ. އެންމެން އެއްފަހަރާ ތަރުހީބާ އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔަންފެށިއެވެ. ދުންޔާގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައިރު ލޫކަން ހުރީ ހެވިފައެވެ.
ރާނީ ލައި ލައި ހުރި ނޭވާ އެތެރޭގައި ތާށިވި ކަހަލައެވެ. ބޮޑުވެފައިވާ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޖެހި ބުދެއްހެން ލޫކަންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިމަތިން ފެންނަން އެހެރަ އިންސާނާއަކީ އެމީހަކަށްޓަކައި މައިންބަފައިން ދޫކޮށް މިތަނަށް އައި ސަބަބެވެ. ލޫކަން ދުއާ ގެނެސް އޭނާ ގަޔާ ކައިރިކޮށްލިއެވެ. އެހިނދު ރާނީއަށް މޭގައި އަތްއަޅައިލެވުނީ ހިތަށް އިހުސާސް ކުރެވުނު ތަދަކުންނެވެ.
" ކީއްވެ؟ ލޫކް... ކީއްވެ؟ " ރާނީއަށް ހިތާހިތުން ކިޔައިލެވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ ނުވަައެއް ޖޫން ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް