ވާހަކަ: މަންޒިލް ތިޔޭ – ހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ނޭނގޭ ދޯ.. އޭނަ އަހަރެންނަށް ވަރަށް ކެއާރ ކުރާކަން އެނގޭ.. ހިތް އޮތްގޮތް ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ..." ހިޔާލަކަށް ގެއްލިފައި އިނދެ ރަފާ ބުންޏެވެ. އެމަންޒަރު ފެނި ސާ...

05 Jun 2022 | 14:48

ކުރީގެ އަދަދާއި ގުޅޭ...

"ނޭނގޭ ދޯ.. އޭނަ އަހަރެންނަށް ވަރަށް ކެއާރ ކުރާކަން އެނގޭ.. ހިތް އޮތްގޮތް ބުނާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގޭ..." ހިޔާލަކަށް ގެއްލިފައި އިނދެ ރަފާ ބުންޏެވެ. އެމަންޒަރު ފެނި ސާރާ އަށް ހީނލެވުނެވެ.

*****************

ފެންވަރައިގެން ނިކުތް ނީޒާ ފާރުގައިވާ ގަޑިއަށް ބަލައިލިއެވެ. ދިހައެއް ޖެހިއިރުވެސް ހާރޫން ގެއަށް ނާންނާތީވެ ފޯނު ނަގާ ހާރޫނަށް ގުޅައިލިއެވެ.

" ކޮންއިރަކުތަ ގެއަށް އަންނަނީ... ލަސްވިއްޔާ ހާރުންގެ މަންމަ ހުރިހާ ސުވާލެއް ކުރިމަތި ކުރާނީ އަހަރެންނަށް.. ޔަގީންތަ އޮފީހުގައިކަން ތިއިނީ.. އެހެން ރޭރޭވެސް މިހާއިރުވާއިރު ގެއަށް އަންނަމެއްނު..." ހާރޫނަށް ވާހަކަ ދައްކާނެ ފުރުސަތު ނުދީ ނީޒާ ކިޔައިލިއެވެ.

" ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔައީ... މިދަނީ އިރުކޮޅަކުން...... އަހަރެންނަށް ހީވަނީ މަންމައަށްވުރެ ނީޒާ ކަންބޮޑުވާހެން އަހަރެން ލަސްވީމަ.. އަހަރެން އެހެން އަންހެނެއް ކައިރީގައި އޮތްކަމަށްތަ ހީކުރީ...."

" ހޫން ދެން ބޭކާރުވާހަކަ ނުދައްކާ އަވަހަށް އާދޭ... " މިހެންބުނުމަށްފަހު ނީޒާ ފޯނު ކަނޑައިލިއެވެ. އިސްތަށިގަނޑު ހިއްކަން ހުއްޓާ ދޮރު ހުޅުވާލާފައިވަނީ ހާރޫނާއި ނީޒާގެ ހަގު ދަރިފުޅު އަނޫޝާއެވެ. އުމުރުން އަށާރަ އަހަރުގެ އަނޫޝާ ތުންފިއްތައިގެން ހުރިތަން ފެނި ކިހިނެއްވީތޯ ނީޒާ ސުވާލު ކުރިއެވެ.

" މިގޭގަ ހަމަޖެހިލައިގެން ނިދޭވަރުތަ؟ ..." ރުޅި އައިސްފައި ހުރެ އަނޫޝާ އައިސް އެނދަށް ވެއްޓިގަތެވެ.

" ކިހިނެއްހޭ ވީ؟؟ މަންމަ އެއްޗެކޭ ބުނީތަ؟ " ނީޒާ އެހިއެވެ.

" އެ ރަފާ ދޮންތަ ވަގަށް ބޭރަށް ނިކުންނަން އުޅެނިކޮށް މާމައަށް ބަސްޓްވީ.. އެކަމުގެ ރުޅީގައި އަހަރެން ފޯނުން ފިލްމެއް ބަލަން އޮއްވައި ގޮސް ފޯނު އަތުލައިފި.. ނުނިދާ އަބަދު ފިލްމް ބަލާތީޔޯ.. އަދި ގަޑިން ދިހަ ގަޑި ބައި ނުވޭ.. މަންމަ ގޮސް މާމަ އަތުން އަހަރެންގެ ފޯނު ގެނެސްދީބަލަ..." އަނޫޝާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" މާމަ ރުޅިއައިސްފައި ހުރީމަ އެކަމުގެ ރުޅި އަނޫއަށްވެސް އެ ބޭލީ.. ރަފާވެސް ނުޖެހޭ ދޯ މަންމަ ރުޅި އަންނަ ކަމެއްކަން އެނގިހުރެ މިގަޑީ ގެއިން ބޭރަށް ދާކަށް.. އަނޫގެ ދޮންބެ އެބައުޅޭތަ ގޭގަ.. "

" ދޮންބެ އައިއްސި އިރުކޮޅެއް ކުރިން... ދެން ވަރަށް ފޫހި.. ނޫޅެން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް.. މިރޭ ދެން މިޖެހުނީ ފޯނާ ނުލާ ނިދަން.. މަންމަމެންނަކަށް އަންޑަސްޓޭންޑެއް ނުވާނެ ފޯނު ނެތީމަ ވާ ފޫއްސެއް.." މިހެން ބުނެ ގުންފައި ޖަހަމުން ވައިސޫރިއެއްހެން އެކޮޓަރިން ނިކުމެގެން ދިޔައެވެ. ދަތްކުޑިވިކައިލި ނީޒާ އަނޫޝާއާ ދިމާލަށް އެއްޗެކޭ ބުނަން ބޭނުންވިޔަސް ކެތްތެރިވިއެވެ. އަނޫޝާގެ ހުންނަ އެސިފައަކީ ޙުދު އޭނާގެ ފަރާތުން ވާރުތަވި ސިފައެއްކަން އެނގޭތީއެވެ.

*************

ރާނީއަށް އެނބުރި ބްލޫ މޫން ހޮޓެލްއަށް އާދެވުނުއިރު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. ސިމެއް ނަގަން ގޮސް ކިޔޫގައި އެތައް އިރަކު އިންނަން ޖެހުމުން ރާނީ ހުރީ ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހިފައެވެ. އަނެއްކޮޅުން އެނބުރި އައިސް އަނެއްކާވެސް ހާޖަރަށް ގުޅަން އޭނާ ހުރީ ކެތްމަދުވެފައެވެ. ވައިބާ މެދުވެރިކޮށް ހާޖަރު ގުޅަން ފެށީ ރާނީ ގުޅަން އުޅެނިކޮށެވެ.

" ދަރިފުޅު ކިހިނެއް ތިހެދީ..؟؟ ކީއްވެ ތިވަރުގެ ބޮޑު ފިޔަވަޅެއް ތިނެގީ؟؟ އެންމެ ފަހަރަކުވެސް މަންމަ ކައިރީގައި ބުނެލިނަމަ!!! " ރާނީއަށް ބަހެއް ބުނެވުމުގެ ކުރިން ހާޖަރު ޝަކުވާ ކުރަން ފެށިއެވެ.

" މާފުކުރޭ މަންމާ!! ހިތުގެ އެދުމުގައި ކޮޅުފައިން ޖަހާނެ ހިތްވަރެއް ނެތުނީ.. " ދެރަވެފައި ރާނީ ބުންޏެވެ.

" އެކަމަކު ރާނީ!! ދެން ކިހިނެއް މަންމަ މިތާ ހަމަޖެހިގެން ހުންނާނީ.. ރާނީ ތިކުރިކަމަކުން ހިތާއި ސިކުނޑީގެ ހަމަޖެހުން ގެއްލިއްޖެ.. ހެޔޮނުވާނެ ދަރިފުޅާ އެނބުރި އާދޭ.. ތިތަނުގައި ދަރިފުޅު ކިހިނެއް އެކަނި އުޅޭނީ؟؟ ބައްޕަ ފޮނުވާނަން ދަރިފުޅު ބަލާ..." އާދޭހުގެ ރާގެއްގައި ހާޖަރު ބުންޏެވެ. ރާނީ އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދެން އިވުނީ އަމާން ވާހަކަ ދައްކަން ފެށި އަޑެވެ.

" ތެދެއް ދަރިފުޅާ ބައްޕަ ދަންތަ ދަރިފުޅު ބަލާ...؟" އަމާން އަހައިލިއެވެ.

" ނޫން ބައްޕާ.. މަންމާ އިހަށް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ..!! އެނގޭ މަންމަމެން ކައިރީގައި ނުބުނެ މިފަދަ ބޮޑުކަމެއް ކުރުމަކީ ވަރަށް ގޯސްކަމެއްކަން.. ނުބުނީވެސް މަންމަ ހުއްދަ ނުދޭނެކަން އެނގޭތީ.. އަހަރެންނަކީ މިހާރު ބޮޑުވެ ތަސައްރަފު ފުދިފައި ހުރި މީހެއް.. ހެވާ ނުބައި ވަކި ކުރާން އަހަރެންނަށް އެނގޭ.. މަންމައާއި ބައްޕަ އެންމެ ފަހަރަކުވެސް އަހަރެންނަށް އިތުބާރުކޮށްބަލަ.. މިކުރެވެނީ ކީއްކަން އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ.. ޕްލީޒް.. މިތާ ހުއްޓަސް އަހަރެން ބަރާބަރަށް މަންމަމެންނަށް ހަބަރުވާނަން.. ޕްރޮމިސް.. އަޅެ އެންމެ ފުރުސަތެއް ދީބަލަ.." އާދޭސް އެކުލެވިފައިވާ ރާގެއްގައި ރާނީ ބުންޏެވެ. އަމާން ފުންނޭވައެއް ދޫކޮށްލި ހިނދު ހާޖަރު ދެލޯ މަރައިލިއެވެ. ރާނީވެސް އެބުނީ ގޯސްވާހަކައެއް ނޫނެވެ. މިހާރު ރާނީގެ އުމުރުން އަށާވީސް އަހަރު ވެއްޖެއެވެ.  ރާނީއަށް އޭނާ ބޭނުންވާ މިނިވަންކަން ލިބެން ޖެހެއެވެ. އެހެނަސް އެއްވެސް މަޔަކަށް އޭނާގެ ދަރިންނަށް ގެއްލުމެއް ލިބޭތަން ބަލާކަށް ނުހުރެވޭނެއެވެ.

" އެންމެ ރަނގަޅު ދަރިފުޅާ.. ދަރިފުޅަށް ފުރިހަމަ އިތުބާރުކުރަން ބައްޕަމެން.. އެކަމަކު ހަނދާން ކުރާތި ތިތަނުގައި ރާނީގެ އެއްވެސް މީހަކު ނެތްކަން.. ވަރަށް ބަލައިގެން އުޅެންވާނީ.. ނުދަންނަ މީހުންނާ ގުޅުން ބަދަހި ކުރާއިރު އެއީ ކިހާވަރެއްގެ ބައެއް ތޯ ބަލަންވާނެ.. ދަރިފުޅު ގޯސް މަގަކުން ނުދާނެކަން ބައްޕަމެންނަށް އެނގޭ.. އެކަމަކު ޝައިޠާނާއަކީ ވަރަށް ނުބައި އެއްޗެއް. ބޮލަށް ސަވާރުވާނީ ނުވެސް އެނގި ހުއްޓަ.. އެހެންވީމަ ބަރާބަރަށް ނަމާދުކޮށް ޤުރުއާން ކިޔަވާ ހެނދުނާ ހަވީރުގެ ޒިކުރުތައްވެސް ކިޔާތި.. " އަމާން ބުންޏެވެ. ރާނީގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ލިބުނު އުފަލަކުންނެވެ.

" ލައްބަ!! މަންމާ ޕްލީޒް ދެން ނުރޮއެބަލަ.. މަންމަ ރޯކަން އެނގޭއިރު އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ.." ރާނީ ބުންޏެވެ.

" ދަރިފުޅު ތިހާ ދުރުގަ ހުއްޓާ މަންމަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ކިހިނެއް..؟ އެކަމަކުވެސް ދަރިފުޅުގެ އުފަލަށް ހުރަސް އަޅާކަށް މަންމަ ނެތިން.. ދަރިފުޅުވާނެ މަންމައަށް ގުޅަން ކޮންމެ ދުވަހަކުވެސް.. މަންމަ ގުޅާއިރު ފޯނު ނުނަގަންޏާ މަންމަ ވަރަށް ކަންބޮޑުވާނެ.. ދަރިފުޅު ކޮންތާކު ހުންނަނީ؟" ދެލޯ ފޮހެލަމުން ހާޖަރު އަހައިލިއެވެ.

" އަދި މިހިރީ ހޮޓެލްއެއްގައި.. ކުދިން ބަހައްޓައިދޭ ގެއަކަށް ދާން މިވިސްނަނީ..؟" ރާނީ ބުންޏެވެ.

" އުނހު.. އޭރުން ކަމަކުނުދާނެ.. ރާނީ ހުންނަން ބައްޕަމެން އެޕާޓްމެންޓެއް ކުއްޔަށް ނަގާނީ.. " އަމާން ބުންޏެވެ.

" ނޫނޭ ބައްޕާ.. އަހަރެން ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވަން.. މީހުން އުޅޭ ގެއަކުން ކޮޓަރިއެއް ކުއްޔަށް ނަގާނީ.. " ރާނީ އެދުނެވެ. އަމާން ފޯނު ބޭއްވީ ރާނީގެ އެދުމާ އެއްބަސްވެގެން ވިޔަސް ރާނީ ހުންނާނެ ތަނެއް ހޯދުމާއި އޭނާ ހަވާލުވިއެވެ. ކޮންމެކޮންމެ ތާކު ރާނީ ހުރުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ބައެއް ފަހަރު އުޅޭ ގެއެއްގެ ސަބަބުންވެސް މީހާގެ އުޅުމަށް އޭގެ އަސަރުކުރާތަން އާދެއެވެ. އެހެންކަމުން އަމާން ބޭނުންވަނީ އުޅުން ރަނގަޅު ހެޔޮ އާއިލާއެއްގެ ގާތުގައި ރާނީ ބެހެއްޓުމަށެވެ.

އަމާން ގުޅީ ރާއްޖޭގައި ހުރި އޭނާގެ އެކުވެރިއެއްކަމަށްވާ ޖަވާދަށެވެ. މީގެ ހަތަރުވަރަކަށް އަހަރު ކުރިން ޖަވާދާއި އޭނާގެ އާއިލާ ޗުއްޓީއަށް ގޮސްގެން އުޅެނިކޮށް އަމާންއާ ބައްދަލުވެ އެކުވެރިކަން އުފެދުނީއެވެ. ޖަވާދު ދުބާއީގައި ހޭދަކުރި މަދު ދުވަސްކޮޅުގައި އެދެމެދުގައިވަނީ ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައެވެ. ޖަވާދާއި އޭނާގެ އާއިލާއަކީ ރަނގަޅު ހެޔޮލަފާ އާއިލާއެއްކަން ފުރަތަމަ ބައްދަލުވުމުންވެސް އަމާންއަށް އެނގުނެވެ. އަމާންގެ އެދުމަށް ވަގުތުން ޖަވާދު އެއްބަސްވިއެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނުދިނަސް ރާނީ ބަހައްޓައިދޭނެ ކަމުގައި ބުންޏެވެ. އެހެނަސް އަމާން އެގޮތާ އެއްބަހެއް ނުވިއެވެ. ރާނީވެސް އެގޮތް ބޭނުންނުވާނެކަން އެނގޭތީއެވެ.

ހަމަ އެރޭ އަމާން ރާނީއަށް ގުޅާފައި އަނެއް ދުވަހު އެގެއަށް ދާން ތައްޔާރުވެގެން ހުރުމަށް ބުންޏެވެ. ރާނި އެތައް ފަހަރަކު މަނާ ކުރުމުންވެސް އަމާން އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ. ރާނީވެސް އެންމެ ފަހުން އެގެއަށް ދާން އެއްބަސްވީ ކުލި ދައްކާނީ ރާނީ ކަމުގައި ބުނަމުންނެވެ.

*************

ދުއާ އޭނާއަށް ޙާއްސަ ކުރެވިފައިވާ ބަލި މީހުން ބަލާ ކޮޓަރީގައި ވިސްނުމަކަށް ގެއްލިފައި އިނެވެ. އޭނާގެ ވިސްނުމާ ގުޅިފައިވަނީ އާރަވްއެވެ. އިއްޔެ އާރާވްއާ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުނުމުންވެސް އާރާވް ނައެވެ. ކަމުގެ ބޮޑުކަން އާރަވްއަށް ނޭނގެނީއެވެ. އޭނާގެ ފަރުވާކުޑަކަމުގެ ވާހަކަ މިހާރުވަނީ ޒިލާލްއާ ހަމައަށް ގޮސްފައެވެ. އެކަމާ ޒިލާލް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އާރަވްއަށް ފޮނުވަން ލިޔެފައި އޮތް އިންޒާރުގެ ސިޓީ ދުއާއަށްވަނީ ޒިލާލްގެ ކޮޓަރިން ފެނިފައެވެ. އެފަދަ ތިންވަނަ އިންޒާރެއް އާރަވްއަށް ލިބޭނެ ދުވަހަކީ އޭނަ ވަޒީފާއިން ވަކި ކުރެވޭނެ ދުވަހެވެ. އެހެންވާކަށް ދުއާ ނޭދެއެވެ. އާރަވްއާ ބައްދަލުކޮށް ވާހަކަ ދައްކާލަން ބޭނުންވީ އެހެންވެއެވެ. އޭނާ ކޮންމެ ގޮތަކަށް ދުއާ މެދު ދެކުނުނަމަވެސް ދުއާގެ ހިތް އާރަވްއަށްޓަކައި ސާފެވެ. އާރަވްއަށް ދެރަގޮތެއް ވާކަށް އޭނާ ނޭދެއެވެ. ވަރަށް ވިސްނުމަށްފަހު ދުއާ އިންތަނުން ތެދުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.ފުރަތަމަ ޕޭޝަންޓު އަދި އަންނާނީ ފަނަރަވަރަކަށް މިނިޓް ފަހުންނެވެ.

ލިފްޓަށް އެރުމަށްފަހު ހަތްވަނަ ފަންގިފިލާއަށް ދިއުމަށް ފިތައިލިއެވެ. އާރަވް ގަޑިއަށް ވަޒީފާއަށް އައި ކަމެއްވެސް ނޭނގެއެވެ. ލިފްޓު ހުޅުވުމާއެކު ދުއާ ނިކުތެވެ. ރިސެޕްޝަނުގައި އިން ކުއްޖާ ކައިރީގައި ޑޮކްޓަރ އާރަވް ދުރުވެއްޖެތޯ ސުވާލު ކުރިއެވެ. އެކުއްޖާ ލައްބަ އޭ ބުނުމުން ޝުކުރުއަދާކުރުމަށްފަހު އާރަވްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އެކޮޓަރިއަށް ވަނުމުގެ ކުރިން ހުއްދަ ހޯދާކަށް ދުއާ ބޭނުމެއް ނުވިއެވެ. ގަދަވެވޭނީ ހަމައެކަނި އާރަވްއަށް ނޫންކަން އަންގާލަން ބޭނުންވިއެވެ. ދުއާ ވަންއިރު ގޮނޑީގައި ހަމަޖެހިލައިގެން ފޯނާ ކުޅެން އާރަވް އިނެވެ. ދުއާ ފެނުމައެކު ހަށިގަނޑު ސީދާ ކޮށްލުމަށްފަހު މޭޒުމަތީގައި ފޯނު ބޭއްވިއެވެ. ދުއާ އަށް އާރަވް ބަލައިލީ އެއްވެސް މާނައެއްނުވާ ބެލުމަކުންނެވެ.

" ބޮޑުމީހާ ވީމަ ހުއްދަ ހޯދާކަށްވެސް ނުޖެހޭ ދޯ.. މިތަނުގެ މުވައްޒަފުންނަށް އެހާވަރުގެ މިނިވަންކަމެއްވެސް ނޯންނަނީތަ.. " ދުއާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ހިތްހަމަނުޖެހިފައި އާރަވް ބުންޏެވެ. އާރަވް ދައްކާ ވާހަކައަކަށް ނުބަލާ ކުރިމަތީގައި ހުރި ގޮނޑިދަމާލާފައި ދުއާ އިށީނެވެ.

" އަހަރެންނަށް އެނގޭ އާރަވް އަހަރެންދެކެ ވަރަށް ރުޅި އަންނަކަން.. އެކަމަކު އޭގެ މާނައެއް ނޫނެއްނު އާރަވް ވަޒީފާއަށް ފަރުވާކުޑަ ކުރާށޭ.. މައުލޫމާތަކަށްޓަކައި ބުނެލަން އަހަރެންނަކީވެސް އާރަވް ފަދައިން މިހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރެއް.. ވެރިޔަކީ އަހަރެންގެ ކާފަ އަދި ބައްޕަ.. އެހެންވީމަ ކޮންމެ ފަހަރަކު ވެރިޔާ އޭ ކިޔާފަ ތިގޮތަށް ވާހަކަ ދައްކާކަށް ނުޖެހޭނެ.. " ދުއާ ބުންޏެވެ. އެއިން ގޮތަށް އިނދެ އާރަވް މަލާމާތުގެ ގޮތަކަށް ހީނލިއެވެ.

" އަހަރެން އާރަވްއާ ބައްދަލުކޮށްލަން ބޭނުންވީ މި ހޮސްޕިޓަލުގެ ވެރިޔާގެ ހައިސިއްޔަތަކުން ނޫން.. ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން.."

" ތީ އަހަރެންގެ އެކުވެރިއެއް ނޫން.. ކިތައް ފަހަރު ބުނަންވީ.. ތީ އަހަރެންގެ އެކުވެރިއެއް ނޫން.. ދުވަހަކުވެސް އަހަރެން ތީ އެކުވެރިއެއް ކަމަށް ނުދެކެން.." ރުޅި އެކުލެވިފައިވާ ތޫނު ދެލޮލުން ދުއާ އަށް ބަލައިލަމުން އާރަވް ބުންޏެވެ. އެބެލުމުގައިވީ ކޮންކަހަލަ އަސަރެއްކަމެއް ދެނެގަންނާކަށް ދުއާ އަށް ނޭނގުނެވެ. ނަމަވެސް އާރަވް އެތޫނު ދެލޯ އަމާޒުވުމާއެކު އޭނަގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް އެއްފަހަރާ ކޮޅަށް ޖެހިގެން ދިޔައެވެ. ހިތް އަވަސްވީވެސް ބޭއިޙްތިޔާރުގައެވެ. އަވަހަށް މީހާ ހަމައަށް އެޅިލުމަށް އާރަވްއާ ނަޒަރު ވަކިކޮށްލަމުން ފުންނޭވައެއް ދޫކޮށްލިއއެވެ

" އެކަމަކު އަހަރެން ދެކެނީ އަދިވެސް ތީ އެކުވެރިއެއްގެ ގޮތުގައި.. އެކަމެއް އާރަވްއަށް ބަދަލެއް ނުކުރެވޭނެ.. އަހަރެން މިތަނަށް އައީ އާރަވްއާ ދެބަސްވާކަށް ނޫން.. ވަރަށް މުހިންމު ވާހަކައެއް ބުނެލަން... އާރަވް ވަޒީފާއަށް ފަރުވާކުޑަކުރާ ވާހަކަ އޮތީ ބައްޕަޔާ ހަމައަށް ގޮސްފައި.. ކުރިން ދުވަހު އާރަވްއަށް ފޮނުވަން ތައްޔާރުކޮށްފައި އިތް ވޯނިންގް ލެޓަރ ބައްޕަގެ ސްޓަޑީ ތެރެއިން އަހަރެންނަށް ފެނުނު.. އެހެންވެ އެވާހަކަ ބުނެލީ.. އާރަވް ކާމިޔާބު ޑޮކްޓަރަކަށް ވުމަށްޓަކައި ކުރި މިންނެތް މަސައްކަތް އަހަރެންގެ ދެލޮލަށް ފެނިފައި ހުރީ.. އެހެންކަމުން އާރަވްގެ ކެރިއަރގައި ކިތަންމު ކުޑަ ކުނޑިފުކެއްވެސް ޖެހެން ބޭނުންނުވާނެކަން އަހަރެންނަށް އެނގޭ.. ވަގުތު ފާއިތުވުމުގެ ކުރިން ވިސްނާ އާރަވް.. ތިއުޅުން ދޫކޮށްލާ.. އަދިވެސް އެއްފަހަރު ބުނެދެން އަހަރެންނަކީ މިތަނުގައި އާރަވް ފަދައިން މަސައްކަތް ކުރާ ޑޮކްޓަރެއް.. އަހަރެންނަށް ވެސް ލިބެނީ އާރަވްމެންނަށް ލިބޭފަދަ މުސާރައެއް.. ވެރިޔާގެ ދަރިއެކޭ ކިޔާފަ ވަކި ބޮޑެއް ނުވޭ.. ހީކުރަން ކުރިއަށް އޮތްތަނުގައި އާރަވް މިކަމާ މެދު ވިސްނާ ފިކުރުކުރާނެކަމަށް.. " ފަހު ޖުމްލަ ބުނަމުން ދުއާ ތެދުވިއެވެ. އިސްޖަހައިގެން އިން އާރަވްގެ މޫނަށް ވެރިވެފައިވާ ހިތްހަމަނުޖެހުމުގެ ކުލަވަރު ދުއާ ދުއްޓެވެ. ދުއާ ކޮޓަރިން ނިކުތުމާއެކު މޭޒުމަތީގައި އަތުން ޖަހައިލުމަށްފަހު ގޮނޑީގައި ލެގިލިއެވެ. އިރުކޮޅަކު ސީލިންގާ ދިމާލަށް ބަލަހައްޓައިގެން އިނުމަށްފަހު ހަށިގަނޑު ސީދާކޮށްލަމުން މޫނުމަތީގައި އަތް ހާކައިލިއެވެ. ބޮލުގައި އަތް ފުނާ އަޅައިލުމަށްފަހު ގަޑި ބަލައިލިއެވެ. ބަލިމީހުން ބަލާ ގަޑިޖެހެން ކައިރިވެފައި ހުރުމާއެކު މޭޒުމަތި ތަރުތީބު ކޮށްލުމަށްފަހު ކަރުގައި ސްޓެތޮސްކޯޕް އަޅައިލިއެވެ. އެއަށްފަހު މޫޑު ރަނގަޅު ކޮށްލުމަށް ދެތިން ފަހަރަކު ފުންނޭވައެއް ދޫކޮށްލިއެވެ.

**********

ރާނީ ގޮވައިގެން ޖަވާދު އައިސް އޭނާގެ ގެއަށް ވަނެވެ. މޭޒު ކައިރީގައި ސައި ތައްޔާރުކުރަން ހުރި ކަންސާ ރާނީއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރާނީވެސް ހިނިތުންވެލަމުން މުޅި ގެއަށް ނަޒަރު ހިންގައިލިއެވެ. އެހާ ބޮޑު އެޕާޓްމެންޓެއް ނޫނަސް ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ސާފުތާހިރު ކަމާއި ތަރުތީބު ކަމެވެ.

" މީ އަހަރެންގެ އަންހެނުން ކަންސާ.. ކަންސާ މީ އަހަރެން ބުނި ކުއްޖަކީ.. އަމާންގެ ދަރިފުޅު.. ރާނީ.." ޖަވާދު ތައާރަފް ކޮށްދިނެވެ. ކަންސާ ހިނިތުންވެލަމުން އައިސް ރާނީ އަތުގައި ހިފައި ސަލާމްކޮށްލިއެވެ.

" މާޝާﷲ.. ނަމާ އެއްވަރަށް ސިފަވެސް ރީތި.. ހީވަނީ އަރަބި ކުއްޖެހެން.. " ކަންސާ ބުނެލިއެވެ. ރާނީ ކޮންމެވެސް ވަރަކަށް ލަދުގަނެފައި ހުރެ ހިނިތުންވެލިއެވެ. ކަންސާ ތަންކޮޅެއް ބާރަށް ތާރާއަށް ގޮވައިލިއެވެ. އިރުކޮޅެއް ނުވެ އޭނާގެ ކޮޓަރިން ނިކުމެގެން ތާރާ އައެވެ. ޖަވާދު ކައިރީގައި ހުރި މީގެ ކުރިން ދެކެފައިނުވާ ކުއްޖާ ފެނި ހައިރާންވިނަމަވެސް ތާރާ ހިނިތުންވެލިއެވެ.

" މީ އަހަރެމެންގެ ހުރި ހަމައެކަނި ދަރި ތާރާ.. ތާރާ މީ ރާނީ.. ރާނީ ދެން ހުންނާނީ މިގޭގައި.. " ކަންސާ ތައާރަފް ކޮށްދިނުމުން ތާރާ އާއި ރާނީ ސަލާމް ކޮށްލިއެވެ.

" އަހަރެން ހީކުރީ ބޭރު ކުއްޖެއް ކަމަށް.. އެކަމަކު ދިވެއްސެއް ދޯ.." ތާރާ ބުނެލިއެވެ.

" ނޫން.. މުޅިއަކުން ދިވެއްސެއް ނޫން.. ބައްޕަ އެއީ ދުބާއީ މަންމަ އަކީ ރާއްޖެ.. ދޯ ރާނީ.." ރާނީއަށް ދޯ ދެމުން ޖަވާދު ބުންޏެވެ. ޖަވާދާ އެއްބަސްވުމުގެ ގޮތުން ރާނީ ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

" ތާރާ ދޭބަލަ ރާނީ ގޮވައިގެން އޭނާގެ ކޮޓަރިއަށް.. ބައްޕަ އެބަދަން ފޮށި ހިފައިގެން.. " ޖަވާދު ބުންޏެވެ. ތާރާ ބޯޖަހައިލުމަށްފަހު އޭނާއާ އެކު އައުމަށް ރާނީ ކައިރީގައި ބުންޏެވެ.

ކޮޓަރިއަށް ވަދެވުމާއެކު އެކި ދިމާލަށް ރާނީގެ ނަޒަރު ދަތުރުކޮށްލިއެވެ. ކަނައަތް ފަރާތުން ފާރުގައި އެނދެއް ޖައްސާފައި ހުއްޓެވެ. އެނދުގެ ބޯލާކޮޅާ ދިމާލުން ތަންކޮޅެއް ދުރުގައި ހުރީ ފާހާނައެވެ. ވާތް ފަރާތު ފާރުގެ ކަނެއްގައި ތިންދޮރުގެ އަލަމާރިއެއް ހުރިއިރު އަލަމާރި ކައިރިން ޑްރެސިންގް ޓޭބަލެއް ހުއްޓެވެ. އެނދުގެ ފައިލާ ކޮޅާ ދިމާލުން ސްޓަޑީ މޭޒެއް ހުރިއިރު މޭޒު ކައިރީގައި ކުޑަދޮރެއް ހުއްޓެވެ. އެކުޑަދޮރު ފޮރުވާލެވިފައިވަނީ ފެހި ކުލައިގެ ދޮރުފޮއްޗަކުންނެވެ. ކުޑަ ނަމަވެސް އެކޮޓަރިއާ މެދު ރާނީ ހިތްހަމަޖެހުނެވެ.

" ކަމެއް ބޭނުންވިއްޔާ މިކޮޓަރިއާ ޖެހިގެން ތަންކޮޅެއް ދުރުގައި އެހުރީ އަހަރެންގެ ކޮޓަރި.. ވާހަކަ ދައްކާލަން ފަހުން އަންނާނަން އިރާދަކުރެއްވިއްޔާ.. މިވަގުތު ކުޑަ ކަމެއްގަ ތަންކޮޅެއް ބުރަކޮށް މިއުޅެނީ.. " ތާރާ ބުނެލިއެވެ.

" އޯކޭ.. އެންމެރަނގަޅު.. ތެންކްސް.." ރާނީ ވެސް ބުނެލިއެވެ.

ތާރާ  ނިކުތުމުން އަދިވެސް އެއްފަހަރު ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލަމުން ރާނީ ފުންނޭވައެއް ދޫކޮށްލިއެވެ. ކޮނޑުގައި އޮތް ދަބަސް ނެގުމަށްފަހު މޭޒުމަތީގައި ބަހައްޓައިލިއެވެ. ކުޑަދޮރުގައި ދަމާފައިވާ ފޮތިގަނޑު އެއްފަރާތް ކޮށްލުމަށްފަހު ދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ. ތިރިން ފެންނަމުން ދިޔައީ މާލޭގެ ހަލަބޮލި މަގެކެވެ. ދޮރުގައި ޓަކިދިން އަޑުއިވިފައި ރާނީ ގޮސް ދޮރު ހުޅުވައިލިއެވެ. ފޮށި ހިފައިގެން އައި ޖަވާދު އެތެރޭގައި ފޮށި ބެހެއްޓުމަށްފަހު ސައިބޯން އައުމަށް ރާނީ ކައިރިން އެދުނެވެ. ދެބަހެއް ނެތި ރާނީ ބޯޖަހައިލަމުން ޖަވާދާއެކުގައި ހިނގައިގަތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ ހަތެއް ޖޫން ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް