"ރޫބީ ކިހިނެއްވީ…. ކިހިނެއްވީތަ..؟” ރޫބީގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އާކިން އަހައިލިއެވެ. އެހެންނަމަވެސް ރޫބީއަށް ވާހަކައެއް ނުދެއްކުނެވެ. ރޫބީގެ ތުންފަތް ތުރުތުރު އަޅައިލުމާއެކު ލޮލުން ކަރުނަ ފައިބައިގަތެވެ. އާކިން ވެއްޓިފައި އޮތް ރޫބީގެ ފޯނު ނަގާފައި ބަލައިލިއެވެ. އެހެންނަމަވެސް ފޯނު ޖެހުނު ގޮތަކުން އޮތީ ނިވިފައެވެ. އަނެއްކާވެސް އާކިން ގޮސް ރޫބީ ކައިރީގައި ވީކިހިނެއްތޯ ރީނާ ބުނީ ކީކޭތޯ ސުވާލު ކުރަން ފެށިއެވެ.
” ނަ…ނަ.. ނަޖޫ…..” ތުރުތުރުއަޅަމުން ދިޔަ އަޑަކުން ރޫބީއަށް ބުނެވުނެވެ.
" ނަޖޫ ކިހިނެއްވީ ރޫބީ..؟ " އާކިން ކަންބޮޑުވެފައި އަހައިލިއެވެ.
" ނަޖޫ... ހޮސްޕިޓަލަށް ގެންގޮއްސި..." ތުރުތުރުއަޅާ އަޑަކުން ރޫބި ބުންޏެވެ.
" އެއީ؟ ކިހިނެއްވީ؟ " އާކިން އަހައިލިއެވެ.
" އިހަށް ހިނގާބަލަ އަހަރެން ގޮވައިގެން ހޮސްޕިޓަލަށް..." އާކިންގެ އަތުގައި ހިފަމުން ރޫބީ ބުންޏެވެ.
" އޯކޭ.. އެކަމަކު ރޫބީ ހަމަޖެހިބަލަ... ތިހާ ބޮޑަށް ސްޓްރެސްވުން ރަނގަޅެއް ނުވާނެ..." ރޫބީއަށް ވިސްނައިދޭން މަސައްކަތް ކުރަމުން އާކިން ބުންޏެވެ. ރޫބީ ބޯޖަހައިލުމުން އާކިން ގޮސް އެނދުގެ ސައިޑް ކަބަޑްމަތީގައި އޮތް ކާރުގެ ތަޅުދަނޑިނެގިއެވެ. އެއަށްފަހު ރޫބީގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ.
ވީގޮތް ރޫބީ އާކިންއަށް ކިޔައިދިނީ ހޮސްޕިޓަލަށް ދިޔަ މަގުމަތީގައެވެ. ރީނާ މުޅި ދުވަހު ނަޖުވާގެ ޙަބަރެއް ނުވެގެން ގޮސް ޑަބަލް ތަޅުދަނޑިން ނަޖުވާގެ ކޮޓަރީގެ ދޮރު ހުޅުވައިގެން ބެލިއިރު ނަޖުވާ އޮތީ ޓައިލްތައް މައްޗަށް ވެއްޓިފައެވެ. އެނދުކައިރިއަށް ވެރިވެފައި ހުރި ނިދާބޭސްތައް ރީނާ ލޮލުގައި އަޅައިގަތީ ނަޖުވާއަށް ގޮވަމުން ދަނިކޮށެވެ.
ރޫބީއާއި އާކިންއަށް ހޮސްޕިޓަލަށް ދެވުނުއިރު އެމަރޖެންސީ ރޫމުގެ ދޮރުމަތީގައި ހުއްޓިލައިގެން ރީނާ ހުއްޓެވެ. ރޫބީ ފެނުމާއެކު ރީނާއަށް ރޮވުނެވެ.
" ކޮބާ ނަޖޫ.. ކިހިނެއްވަނި؟.." ރޫބީ އަހައިލިއެވެ.
" އަދި ނޭނގެ...." ރޮވިފައި ހުރި ރީނާ ބުންޏެވެ. އެތާ ތިބޭތާ ގަޑިއިރެއްހާއިރު ވިއިރުވެސް ނަޖުވާގެ ޙަބަރެއް ނުވިއެވެ. އިރުކޮޅަކުން އެތަނަށް އައްބާސްއާއި ހުރާޝާ އަދި އަރީކްވެސް އައެވެ.
" ވަޓް ހެޕަންޑް ރީން... ކުއްލިއަކަށް ނަޖުވާއަށް ކިހިނެއްވީ؟" ރީނާ ކައިރިއަށް ޖެހިލަމުން ހުރާޝާ އަހައިލިއެވެ. ވެގެން އުޅޭގޮތް ރީނާ ކިޔައިދިނެވެ. އެކަކަށްވެސް ނޭނގުނީ ނަޖުވާ އެފަދަ ފިޔަވަޅެއް ނަގަން ޖެހުނު ސަބަބެވެ.
" އާކި ކީއްކުރަން ރޫބީ މިތަނަށް ގެނައީ؟ މިދުވަސްކޮޅު ރޫބީ މިކަހަލަ ތަންތަނަށް ގެނައުން ރަނގަޅެއް ނުވާނެ.." ހުރާޝާ ބުންޏެވެ. އާކިން ބަލައިލީ ރޫބީއަށެވެ.
" ނަޖޫ އެ ހާލުގައި އޮއްވައި އަހަރެން މިތަނަކުން ނުދާނަން..." ރޫބީ ބުންޏެވެ.
" އެކަމަކު...." ހުރާޝާ ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އާކިން ވާހަކަ ދައްކަން ފެށިއެވެ.
" މަމް އޯކޭ ވާނެ.. އަހަރެން ރޫބީއަށް ރަނގަޅަށް ބަލާނަން.." އާކިން އަވަސް އަވަހަށް ބުނެލިއެވެ.
" އެއީ ތެދެއް!! މިފަދަ ވަގުތެއްގައި ރޫބީ ފޮނުވާލުން އެހާ ރަނގަޅެއް ނުވާނެ.." އައްބާސްވެސް ބުންޏެވެ. އިތުރު އެއްޗެކޭ ބުނަން ހުރާޝާއަކަށް ނުކެރުނެވެ. އެންމެންގެ ކުރިމަތީގައި އޭނާގެ ބަސްކަނޑުވައިލީތީ އާކިންއާއި ރޫބީދެކެ ރުޅި އާދެވުނެވެ. ނަޖުވާގެ ސަބަބުން ފުރަތަމަ ފަހަރަށް އާކިންއާއި ރޫބީ އޭނާއާ ދެކޮޅު ހެދުމުން ނަޖުވާއަށްޓަކައި އެހިތުގައިވާ ނަފްރަތު އިތުރުވިއެވެ.
ޑޮކްޓަރެއް ނިކުތުމާއެކު ރޫބީ އަވަސް އަވަހަށް ގޮސް ނަޖުވާ ކިހިނެއްތޯ ސުވާލުކުރިއެވެ.
" ފުރާނަ ސަލާމަތް ކުރެވިއްޖެ.. މިވަގުތު އޮތީ އޮބްޒަވޭޝަންގަ.." ޑޮކްޓަރު ބުންޏެވެ. ރީނާއަށް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ރޫބީވެސް ހެއްދެވި ފަރާތަށް ޙަމްދުކޮށްލަމުން ފުންނޭވައެއް ދޫކޮށްލިއެވެ.
" ނަޖޫ ކައިރިއަށް ވަދެވޭނެތަ؟" ރީނާ އަހައިލިއެވެ.
" އިރުކޮޅަކުން ވޯޑަކަށް ބަދަލު ކުރެވޭނެ.. އާއިލާގެ ފަރާތުން ކޮންމެވެސް މީހަކާ ވާހަކަ ދައްކާލަން ބޭނުން.. ދުރުވޭ އަޅުގަނޑުގެ ކޮޓަރިއަށް..." ޑޮކްޓަރު ބުންޏެވެ. މަޝްވަރާ ކުރުމަށްފަހު ޑޮކްޓަރުގެ ކޮޓަރިއަށް ވަނީ އާކިންއާއި ރޫބީއެވެ. އެކި ކަހަލަ ސުވާލު ޑޮކްޓަރު ރޫބީއާ ކުރިއެވެ. ނަޖުވާގެ ހަޔާތުގައި ހުރިހާ ކަމެއް ރަނގަޅުތޯއެވެ. އާއިލާ ތެރޭގައި އެއްވެސް މައްސަލައެއް އުޅޭތޯއެވެ. މާޔޫސް ބަލި ތަޙައްމަލް ކުރޭތޯއާއި އެފަދަ އެއްވެސް ވާހަކައެއް ނަޖުވާ ދެއްކިތޯއެވެ. އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ރޫބީއަކަށް ނޭނގުނެވެ. ރޫބީއަށް ހިތްވަރު ދިނުމުގެ ގޮތުން އާކިން ރޫބީގެ އަތްތިލައިގެ ހިފަހައްޓައިލިއެވެ.
" އަޅުގަނޑަކީ ނަފްސާނީ ޑޮކްޓަރެއް.. ނަޖުވާއަށް އެންމެ ފުރިހަމަ ފަރުވާއެއް ދެވޭނީ އަމިއްލަ އަށް މަރުވާން ނަޖުވާ މަސައްކަތް ކުރި ސަބަބު އެނގިގެން.. " ޑޮކްޓަރު ބުންޏެވެ.
" މި ދޭތެރެއިން ނަޖޫގެ ވަރަށް ބޮޑު ބްރޭކް ޑައުން އެއް ދިޔަ.. އެކަމުގެ ސަބަބުން ނަޖޫ ޑްރަގްސްވެސް ބޭނުންކުރި.. އެކަމަކު ފަހުން ނަޖޫ ހުރީ ރަނގަޅަށް... ވަރަށް ފަހުން ބައްޕަ ނިޔާވީ.. އެފަހުން ދުވަސްކޮޅެއްގެ ތެރޭގައި އެންމެންވެސް ހަމައަކަށް އެޅިފަ ތިބީ.. " ރޫބީ ކިޔައިދިނެވެ.
" ބްރޭކްޑައުންއެއްގެ ވާހަކަ ދެންމެ ބުނެލައިފިން ދެއްތޯ.. އެއީ ކޮންކަހަލަ ބްރޭކްޑައުން ތޯ...؟ " ޑޮކްޓަރު ސުވާލު ކުރިއެވެ. ރޫބީ ބަލައިލީ އާކިން އަށެވެ. އެވާހަކަތައް ދައްކަން ހުދު އޭނާއަށްވެސް ފަސޭހައެއް ނޫނެވެ.
" އެއީ.. އެއީ.. ނަޖޫ.. ނަޖޫ ލޯބިވި ކުއްޖާ އެހެންމީހަކާ އިނީމަ..." އިސްޖަހައިލަމުން ރޫބީ ބުންޏެވެ. އެހިނދު އާކިން އޭނާގެ އަތު ތެރޭގައިވާ ރޫބީގެ އަތަށް ފިތައިލިއެވެ.
" އަޅުގަނޑަށް ހީވަނީ އަދިވެސް ނަޖުވާ އެހިތާމައިން އަރައި ނުގަންނަނީހެން.. ނަޖުވާ އެހިތާމަ ކުރާ ކަންތަކަށް ލުޔެއް ލިބޭނީ އާއިލާގެ ފުރިހަމަ އަޅައިލުމާ އެއްބާރުލުން ލިބިގެން.. ކުރިއަށް އޮތް ދެދުވަހު އަޅުގަނޑުމެންގެ ފަރާތުން ނަޖުވާއަށް ކައުންސެލިންގް ދެވޭނެ.. ތިފަރާތުން ކޮށްދޭންވީ ކަމަކީ ނަޖުވާ ވީހާވެސް އުފަލުގައި ގެންގުޅެވޭތޯ ބެލުން.. ފަރުވާކުޑަކޮށްފި ނަމަ ނަޖުވާ އުމުރަށް ގެއްލުންވެސް ވަރަށް ކައިރި.." ޑޮކްޓަރު ނަސޭހަތްތެރިވިއެވެ.
ޑޮކްޓަރުގެ ކޮޓަރިން ނިކުމެވުމާއެކު ރޫބީއަށް ރޮވުނެވެ. ރޫބީއަށް ވިސްނައިދެމުން ވަރަށް ލޯބިން އާކިން ރޫބީގެ ކަރުނަތައް ފޮހެދިނެވެ.
" މިހުރިހާ ކަމެއްވެސްވީ އަހަރެންގެ ސަބަބުން.. " ގިސްލުމުގެ ތެރެއިން ރޫބީ ބުންޏެވެ.
" އަމިއްލަ މީހާ ކުށްވެރި ނުކުރޭ ރޫބީ.. ރޫބީ ތިކަހަލަ ވާހަކަ ދައްކަންޏާ އަހަރެން ވަރަށް ދެރަވާނެ.." އާކިން ބުނެލިއެވެ. ރޫބީއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރީނާ އައިސް ޑޮކްޓަރު ބުނީ ކީކޭތޯ ސުވާލު ކުރިއެވެ.
" ނަޖޫ ވީހާވެސް އުފަލުގައި ގެންގުޅޭށޯ ބުނީ.. އަބަދުވެސް ނަޖޫއަށް އަޅާލައި ކަންކަމުގައި އެއްބާރުލުން ދޭށޭ.. ދެދުވަސްވަރު ވަންދެން ނަޖޫ މިތަނުގައި އޮންނާނެ..." ރޫބީ ބުންޏެވެ.
" އެކަހަލަ ކަމެއް ކުރާއިރު ނަޖުވާވެސް އެއީ ކުޑަކުއްޖެއް ނޫން ދޯ ތަންދޮރު ނޭނގެން.. " ހުރާޝާ ހިތްހަމަނުޖެހިފައި ބުންޏެވެ. ރޫބީގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ. ހުރާޝާއަށް ޖަވާބު ދޭން އަނގަ ހުޅުވައިލުމާއެކު އާކިން ރޫބީ އަތުގައި ހިފަހައްޓައިލީ އެކަން މަނާ ކުރުމުގެ ގޮތުންނެވެ.
" މިފަދަ ދަނޑިވަޅެއްގައި ތިގޮތަށް ވާހަކަ ނުދައްކާ ހުރާޝާ... " ރީނާ އެދުނެވެ. އަރީކާއި އައްބާސްވެސް ހުރީ ހައިރާންވެފައެވެ. ހުރާޝާގެ ފަރާތުން މިވަގުތު ފެންނަމުން ދަނީ ކުރިން ދުވަހަކުވެސް ދެކެފައިނުވާ ސިފައެކެވެ. ހުރާޝާއަކީ މީހުންނާ އެފަދަ ގޮތަކަށް ވާހަކަ ދައްކާ އުޅޭ މީހެއް ނޫނެވެ.
" ބައްޕާ!! އަހަރެން ރޫބީއާއި މަންމައާއެކު މިތަނުގައި މަޑުކުރާނަން.. މަމް ގޮވައިގެން ބައްޕަމެން ގެއަށް ދާންވީނު.." ހުރާޝާ އަވަހަށް އެތަނުން ފޮނުވައިލުމުގެ މަޤްސަދުގައި އާކިން ބުންޏެވެ. އައްބާސް ބޯޖަހައިލިއެވެ.
" އެއްވެސް ކަމެއް ގޯސްވަންޏާ ބައްޕަމެންނަށް ގުޅާތި.. ދަނީ ރީނާ.. އިރާދަކުރެއްވިއްޔާ ނަޖޫއަށް ދެރަގޮތެއް ނުވާނެ..." އައްބާސް ރަނގަޅަށް ވާހަކަ ދައްކާ ނުނިމިގެ އުޅެނިކޮށް ހުރާޝާ އެތަނުން ދިއުމަށް ހިނގައިގަތެވެ. އައްބާސްއައި އަރީކްވެސް ހުރާޝާގެ ފަހަތުން ހިނގައިގަތެވެ.
*************
ކާރުތެރޭގައި ބޭރު ބަލަހައްޓައިގެން އިން ހުރާޝާއަށް އިރުއިރުކޮޅާ އައްބާސް ބަލައިލައެވެ. ހުރާޝާގެ ފަރާތުން މިވަގުތު އައްބާސްއަށް ފެންނަމުން ދިޔައީ އެސިފައެއް އޭނާއަށް ނުފެންނަތާ އެތައް ޒަމާނެއްވީ ސިފައެކެވެ.
" ހުރާޝާ.. ކިހިނެއްވެފަ ތިއިންނަނީ.. ؟ ކަމަކާ ހިތްހަމަނުޖެހިފަތަ؟" ހުރާޝާގެ އަތުގައި ހިފައިލަމުން އައްބާސް އަހައިލިއެވެ. އެހިނދު ހުރާޝާ އައްބާސްގެ އަތް ދުރުކޮށްލިއެވެ.
" އަހަރެންނަށްވެސް ހީވޭ.. މަމް މިރޭ އުޅުނީ ވަރަށް ފާޑަކަށް.." ކުރީ ސީޓުގައި އިން އަރީކްވެސް ބުނެލިއެވެ. އަރީކް އެފަދަ އެއްޗެއް ބުނުންވީ ހުރާޝާގެ ރުޅި އިތުރުކުރުވި ކަމަކަށެވެ.
" އަހަރެންނާ ދޭތެރޭ ނުވިސްނާ.. އެނަޖުވާއާ ދޭތެރޭގައި ވިސްނީމަ ހުންނާނީ ރަނގަޅަށް... ހިތަށް އަރާ ކޮންދުވަހަކުންބާއޭ ރީނާއާއި ރޫބީގެ ލޯ ހުޅުވޭނީ.. ނަޖުވާ އެއީ ހަމަ އޭނާގެ މަންމަގެ ދަރި.." ހުރާޝާ ހިތްހަމަނުޖެހިފައި ބުންޏެވެ. އެހިސާބުން ވެގެން އުޅޭގޮތް އައްބާސްއަށް ދެނެގަނެވުނެވެ. ހުރާޝާ ރުޅި އައިސްފިކަން އެނގުމުން އިތުރު ބަހެއް ބުނާކަށް އަރީކަށް ނުކެރުނެވެ. އެހެންނަމަވެސް ނަޖުވާއާ ގުޅުވައިގެން އެފަދަ ގޮތަކަށް ހުރާޝާ ވާހަކަ ދެއްކީ ކީއްވެގެންބާއޭ ހިތުގައި ސުވާލު އުފެދުނެވެ.
*************
އަމްރާ ތައްޔާރުވެގެން ނިކުތްއިރު ގޭޓު ކުރިމަތީގައި ސައިކަލުގައި އަސަދު އިނެވެ. އޭނާ އެއައީ އޭނާގެ މަންމަމެން ކައިރިއަށް ގެންދިއުމަށް އަމްރާ ބަލައެވެ. މިފަހަރުވެސް އަމްރާގެ ރީތިކަމަށް ތަޢުރީފުކޮށްނުލާ އަސަދަށް ކެތްނުވިއެވެ. ކައިރިއަށް އައިސް ހުއްޓެންދެން އަމްރާއަށް ބަލަހައްޓައިގެން އަސަދު އިނެވެ.
" ރެޑީތަ؟ " އަސަދު އަހައިލިއެވެ. އަމްރާ ބޯޖަހައިލިއެވެ.
" ސައިކުގަ ތަ ؟" އަމްރާ އަހައިލިއެވެ.
" އާނ.. އެމީ ބޭނުމިއްޔާ އޯކޭ ކާރުގަ ދިޔަސް.." އަސަދު ބުންޏެވެ.
" ނޫން އޯކޭވާނެ.. " އަމްރާ ބުނެލިއެވެ. އަސަދުގެ ސައިކަލު ފަހަތަށް ފުރަތަމަ ފަހަރަށް އަރަން ޖެހޭތީ އަމްރާ ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ސައިކަލު ފަހަތަށް އަރާ އިށީނުމާއެކު އަސަދު ސައިކަލު ކުރިއަށް ދުއްވައިލިއެވެ.
" ކޮބާ މިހާރު ނަޖޫ ކިހިނެއް؟؟ " އަމްރާ ބަހެއް ނުބުނެ އިންނަން ފެށުމުން އަސަދު އަހައިލިއެވެ.
" މިހާރު ރަނގަޅު.. މާދަން ގެއަށް ދޫކޮށްލަން ބުނެފަ އިނީ.." އަމްރާ ޖަވާބު ދިނެވެ.
" ނަޖުވާ ހޮސްޕިޓަލަށް ގެންދިޔަފަހުން ރޫބީ ގެއަކަށްވެސް ނާދެ ދޯ.. އެފަދަ ރަޙުމަތްތެރިން މިދުނިޔޭގައި މަދުވާނެ..." އަސަދު ބުންޏެވެ.
" ރޫބީއަކީ ދެވަނަ ނުވާ ފަދަ ދަރިއެއް، އަނތްބެއް ދައްތައެއް، ކޮއްކޮއެއް އަދި ރަޙުމަތްތެރިއެއް.. ޝީ އިޒް ޖަސްޓް ޕަރފެކްޓް ފޯ އަވަރ އާކި.." އަމްރާ ބުނެލިއެވެ. އަމްރާއާ އެއްބަސް ވުމުގެ ގޮތުން އަސަދު ބޯޖަހައިލިއެވެ.
އަސަދުގެ އާއިލާއިން އަމްރާއަށް މަރުޙަބާ ކީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެންމެންވެސް އަމްރާ އާ މެދު ދެކުނު ގާތްކަމުން އަމްރާ ހުރީ އުފަލުން ފޮޅިފައެވެ. އެފަދަ އާއިލާއެއް ލިބެން އުޅޭތީ އޭނާ ހިތާހިތުން ޝުކުރުކުރިއެވެ. އަސަދުގެ އާއިލާގައި މާގިނަބައެއް ނުތިބެއެވެ. މަންމައާއި އަންހެން ކޮއްކޮއެއް އެކަންޏެވެ. ނަމަވެސް އެރޭ އެތަނުގައި އަސަދު ގާތްތިމާގެ އެންމެން ހާޒިރުވެ ތިއްބެވެ. އަސަދަށްޓަކައި އެމީހުން ތިބީ ނުހަނު އުފަލުންނެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އަސަދާއި އަމްރާގެ ކައިވެނި ކުރެވޭނެ ދުވަހަކަށެވެ. އެތައް އިރެއް އަސަދުގެ އާއިލާއާ އެކުގައި ހޭދަކުރުމަށްފަހު އަސަދު އަމްރާ ގޮވައިގެން ދުއްވާލަން ދިޔައެވެ. އާޓިފިޝަލް ބީޗްގެ ހިތްގައިމު މާހައުލުގައި ވާހަކަ ދައްކަން ތިބުމަށްފަހު އަސަދު ގޮސް އަމްރާ ގެއަށް ލައިދިނީ ބާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ.
***************
ނަޖުވާއަށް އޮތީ ނިދިފައެވެ. ތަންކޮޅެއް ދުރުގައި ހުރި ސޯފާގައި ރޫބީއަށްވެސް ނިދިފައި އޮތެވެ. މުޅިތަން ހިމޭންވެފައިވާ އެވަގުތުގައި ކޮންމެވެސް މީހަކު ނަޖުވާއޮތް ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. މަޑުމަޑުން އެމީހަކު ނަޖުވާ އޮތް އެނދާ ކައިރިވާން ފެށިއެވެ. ނަޖުވާ ކައިރިއަށް ހުއްޓުމަށްފަހު އެމީހަކު ވަރަށް ފުންކޮށް ނަޖުވާގެ މައުސޫމު މޫނަށް ބަލައިލިއެވެ. ނަޖުވާގެ މޫނުގައި ބީހިލަން އުޅެފައިވެސް އެމީހަކު އަތްތިރިކޮށްލިއެވެ. އެހިނދު ނަޖުވާ މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އެމީހެއްގެ މޫނު ފެނުމާއެކު ފަނޑު ހިނިތުންވުމެއް ނަޖުވާގެ ތުންފަތަށް ވެރިވިއެވެ. ނަމަވެސް ދީފައިވާ ނިދާބޭހުގެ ބާރު ގަދަކަމުން އަނެއްކާވެސް ނަޖުވާއަށް ނިދުނީއެވެ. އެތައް އިރަކު ނަޖުވާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އެމީހާ މަޑުމަޑުން އެތަނުން ނިކުތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ 22 މާރިޗް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް