ވާހަަކަ: އެދެވޭތީ އަދު ބުނަމޭ – ތިރީސް އަށްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އާކި... މިހެން ބުނުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން ނޭނގެ.. އެކަމަކު އަހަރެންނަށް މިއަދު ވަރަށް ފާހަގަ ކުރެވުނު ނަޖޫ އަހަރުމެންނާ ދިމާލަށް ވަރަށް ގިނައިން ބެލިކަން.. އަހަރެންނ...

15 Mar 2022 | 18:10

ކުރީގެ އަދަދާއި ގުޅޭ...

"އާކި... މިހެން ބުނުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން ނޭނގެ.. އެކަމަކު އަހަރެންނަށް މިއަދު ވަރަށް ފާހަގަ ކުރެވުނު ނަޖޫ އަހަރުމެންނާ ދިމާލަށް ވަރަށް ގިނައިން ބެލިކަން.. އަހަރެންނަށް ހީވަނީ އަދިވެސް.... ނަޖޫ.... އާކި ދެކެ......" އާކިންގެ މޫނަށް ބަލަހައްޓައިގެން އޮވެ ރޫބީ ބުންޏެވެ.

" ނަޖޫގެ އިހުސާސްތައް ހުރި ގޮތެއް ބުނާކަށް އަހަރެންނަކަށް ނޭނގޭ... އެނގެނީ އަހަރެންނަށް ވަރަށް ބޮޑަށް ރޫބީ ދެކެ ލޯބިވެވިއްޖެކަން.. އަދި މިހާރު ރޫބީގެ ބަނޑުން އަހަރެންގެ ދަރިއެއް އުފަންވާން އުޅޭއިރު އެލޯބި އެތައް ގުނައަކަށް އިތުރުވެއްޖެ... " ރޫބީގެ ކޯތާފަތުގައި ފިރުމައިލަމުން އާކިން ބުންޏެވެ. ރޫބީގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

"  އަހަރެން ނަޖޫ އާ މެދު ވަރަށް ކަންބޮޑުވޭ.. މިރޭ މަންމަ ނަޖޫއާ ދިމާލަށް އެހެން ބުނީމަ ނަޖޫ ހުރީ ވަރަށް ދެރަވެފަ... ކުރިން އެޅި ކަހަލަ ކަތި ފިޔަވަޅެއް ނަޖޫ އަޅައިފާނެތީ އަހަރެން ވަރަށް ކަންބޮޑުވޭ... " ރޫބީ ބުންޏެވެ. " މީ ދޭތެރެއިން ނަޖޫ ވަރަށް ކީ ސައިފްއަށް ގުޅޭތޯ ބަލާލަދޭށޭ.. އައި ތިންކް ފާއިތުވެ ދިޔަ ދުވަސްތަކުގައި ނަޖޫ ސައިފްއާ ވަރަށް ބޮޑަށް އެޓޭޗްވެއްޖެ ކަންނޭނގެ.. "

" ވެދާނެ... ދެން ހިނގާ އަވަހަށް ނިދަން.. މާދަން ވަރަށް ހެނދުނާ ޖެހެއެއްނު ޑޮކްޓަރަށް ދައްކަން ދާން.. " އާކިން ބުންޏެވެ. ރޫބީވެސް އިތުރަށް ވާހަކަ ނުދައްކާ ދެލޯމަރައިލިއެވެ.

****************

ކޮޓަރިއަށް ވަދެވުމާއެކު ނަޖުވާގެ ބަޑި ފަޅައިގެން ދިޔައެވެ. ކުރެވެމުން ދިޔައީ މުޅި ދުނިޔެއިން އެކަނިވެރިވެފައި ވާފަދަ އިހުސާސެކެވެ. ހިތުގައި އެތަކެއް ޝަކުވާއެއް ވިއެވެ.   އެންމެންވެސް އޭނާ ބާކީ ކުރަނީއެވެ. އުފަންވެސް ނުވަނީސް ބައްޕަ ބޭނުންވީ އޭނާ ނައްތައުލުމަށެވެ. އެންމެ ބޭނުންވި ދުވަހު މައިމީހާވެސް އޭނާ ދޫކޮށް ދިޔައީއެވެ. އެތައް އަހަރެއް ފަހުން އެމަންމައާ ދިމާވުމުންވެސް މަންމަގެ ލޯބި އޭނާއަކަށް ނުލިބުނެވެ. ސައިފްވެސް އޭނާއަށް ކޮށްދިން ހުރިހާ ކަމަކީވެސް ރޫބީގެ އެދުމުގެ މަތިން ކޮށްދިން ކަންތައްތަކެއް މިހާރު އިހުސާސް ވެއްޖެއެވެ. ރޫބީގެ ހަޔާތަށް އެތައް ބައެއް އައިސް އޭނާގެ މުހިންމުކަން ކުޑަވެއްޖެއެވެ. މިރޭ އެންމެންގެ ތެރޭގައި ހުރެވެސް އޭނާއަށް ކުރެވުނީ ބާކީވެފައިވާ ކަމުގެ އިހުސާސެވެ. އެތަނުގައި އޭނާއަކީ ހަމައެކަނި ރީނާ އާ އެކު އައިސް ހުރި މެހުމާނެކެވެ. ރީނާއާއި ރޫބީ ފިޔަވައި އެތަނުގައި އޭނާއާ ވާހަކަ ދައްކާލާނެ މީހެއްވެސް ނުވިއެވެ. މިފަދަ އެތައް ޙިޔާލުތަކެއް ނަޖުވާ ހިތްދަތި ކުރުވަމުން ދިޔައެވެ.

*************

ޑޮކްޓަރަށް ދައްކައި ނިންމައިލުމަށްފަހު އާކިންއާއި ރޫބީއަށް ގެއަށް އާދެވުނުއިރު މެންދުރު ދޭއް ޖަހަން ގާތް ވެއްޖެއެވެ. ކޮޓަރިއަށް ވަންގޮތަށް އާކިން އެނދަށް ވެއްޓިގަތެވެ.

" ބަނޑަށް ދެމަސް.. އާކި އަށް ބަލާލާފައި ހީވޭތަ އަހަރެންގެ ބަނޑު ބޮޑުހެން..." ލޯގަނޑު ކައިރިއަށް ހުއްޓި ބަނޑުގައި އަތް ޖަހައިލަމުން ރޫބީ އަހައިލިއެވެ.

" އަދި ބާކީ ހަތްމަސް އެބައޮތް ދޯ.. ހާދަ ދުވަހެކޭ.. އަހަރެންނަށް ކެތް ވަނީއެއް ނޫން..." އެ އޮތް ގޮތަށް އާކިން ބުނެލިއެވެ. ރޫބީއަށް ހެވުނެވެ. ދަރިއަކު ލިބުމުން އާކިން އުޅޭނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.

" އޮފީހަށް ނުދަނީތަ؟.." ރޫބީ އެހިއެވެ.

" ރޫބީ ދޫކޮށްފަ ދާހިތެއް ނެތް... އާދެބަލަ މިތަނުގައި އޮށޯވެލަން..." އާކިން ބުނެލިއެވެ.

" އުނހު އޮފީހަށް ދާންވާނެ.. ދަރިއަކު ލިބެން އުޅޭއިރު ވަރަށް ޒިންމާދާރު މީހަކަށް ވާން ޖެހޭނެ.. އެހެންނޫނަސް އަހަރެން ވަރަށް ވަރުބަލި.. ފެންވަރައިގެން އައިސް ނިދާލަން ކަމަށް މިއުޅެނީ..." އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން ރޫބީ ބުންޏެވެ.

" ޒިންމާދާރުވާނީ މާދަމައިން ފެށިގެން.. މިއަދު އަހަރެންވެސް ރޫބީއާ އެއްކޮށް ނިދާލާނީ..." އާކިން ބުނެލިއެވެ. ރޫބީ ހީނލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ. އެއަށްފަހު ތުވާލި ހިފައިގެން ފާހާނައަށް ވަނެވެ.

*************

ލެމަން ގްރާސް ސީވިއު ގައި އަސަދު އިނީ އަމްރާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބައްދަލުކުރަން ބޭނުންވާ ވާހަކަ އަމްރާ ގުޅާފައި ބުނީ މީގެ އިރުކޮޅެއް ކުރިންނެވެ. ކައިވެންޏަށް އާނ ބަސް ދިނުމަށްފަހު އަމްރާ އާ ބައްދަލުވާ މީ ފުރަތަމަ ފަހަރު ކަމުން އަސަދު އިނީ އެކަމަށް ވަރަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ. އަސަދަށް މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ވަދެގެން އަންނަ އަމްރާ ފެނުމުން އަސަދުގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ހުދުކުލައިގެ ޓޮޕަކާއި ޖިންސެއްގައި ހުރި އަމްރާގެ އިސްތަށިގަނޑުވަނީ އެއްފަރާތުން ގެނެސް ކުރިމައްޗަށް ވައްޓާލެވިފައެވެ. ގަދަ ރަތްކުލައިން ފަވައިލެވިފައިވާ ތުންފަތުން ހިނިތުންވެލި ގޮތުން އަސަދުގެ ހިތް ތެޅިލީ އާދަޔާ ހިލާފަށެވެ. އަމްރާ އެހާ ރީތިވެލައިގެން އެއައީ އޭނާއާ ބައްދަލުކުރަން ކަން އެނގުމުން އިހުސާސްވީ ބަޔާން ކުރަން ދަތި އުފަލެކެވެ.

" ލަސްވެއްޖެ ދޯ.. ސޮރީ އެނގޭ ވެއިޓް ކުރަން ޖެހުނީމަ..." އަސަދުގެ ކުރިމަތީގައި ހުރި ގޮނޑި ދަމާލާފައި އިށިންނަމުން އަމްރާ ބުންޏެވެ. އަސަދު ކަޅި ޖަހާވެސް ނުލާ ބަލަން އިން ގޮތުން އަމްރާ ލަދު ގަންނަ ގޮތް ވިއެވެ.

" ޔޫ ލުކް ކިލިންގްލީ ބިއުޓިފުލް...." އަސަދު ތައުރީފު ކޮށްލިއެވެ. އަމްރާ ހީނލަމުން ޝުކުރު އަދާކުރިއެވެ. ވެއިޓަރު އައުމުން ކާއެއްޗެއްސެއް އޯޑަރު ކުރުމަށްފަހު އަމްރާ ވާހަކަ ދައްކަން ތައްޔާރު ވެލިއެވެ.

" އައި ހޯޕް ޔޫ ޑޯންޓް މައިންޑް ރޭގަ އެގޮތަށް އެންމެންގެ ކުރިމަތީގައި ބުނެވުނީމަ..." އަމްރާ ބުނެލިއެވެ.

" އޮފްކޯޒް އައި ޑޯންޓް... އެމީ އަށް އިހުސާސްވެސް ނުވާނެ އެވަގުތު އަހަރެން އުފާވި ވަރު...  " އަސަދު ބުންޏެވެ. އަމްރާ ހިނިތުންވެލިއެވެ. ނަމަވެސް ދެވަނަ ހިނދުގައި އެ ހިނިތުންވުން ފަނޑުވިއެވެ.  އަސަދު ކައިރީގައި ދައްކަން އޮތް ވާހަކައިގެ ގޮތުންނެވެ.

" ލުކް އަސަދް.. މި ކައިވެނި ކުރުމުގެ ކުރިން އަސަދަށް އެނގެންޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި..  އޮޅުވައިލުމަކުން ކައިވެނީގެ ބިންގާ އަޅާކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން ބޭނުން އަހަރެންގެ މާޒީ އަސަދަށް ކިޔައިދޭން " އަމްރާ ބުންޏެވެ.

" ނޫން އެމީ.. އެއީ އެމީގެ ޕާސްޓް.. އަހަރެން އެމީގެ މާޒީއާ ބެހޭގޮތުން އެއްވެސް އެއްޗެއް އެނގެން ބޭނުމެއް ނޫން... އަހަރެންނަށް މުހިންމީ އެމީގެ ލޯބި.." އަސަދު ބުންޏެވެ.

" ޕްލީޒް އަސަދް.. ލެޓް މީ ޓެލް ޔޫ.. މިހެން ބުނަން ޖެހޭތީ ވަރަށް ދެރަވެސް ވޭ.. އެކަމަކު އަސަދު އަހަރެން ދެކެ ލޯބިވިޔަސް އަހަރެންނަށް އަސަދް ދެކެ ލޯތްބެއް ނުވެވޭ..." އަމްރާ ބުންޏެވެ.

" އެނގޭ.. އެކަން އެނގިހުރެ އެމީ އާ ކައިވެނި ކުރަން ބޭނުންވަނީ.. ކޮންމެވެސް ދުވަހަކުން އަހަރެން އެމީގެ ލޯބި ކާމިޔާބު ކުރާނަން އިރާދަކުރެއްވިއްޔާ.. " އަސަދު ޔަގީންކަމާއެކު ބުންޏެވެ.

" ތިހެން ވިއްޔާ ކިތަންމެހާވެސް ރަނގަޅު.. އެކަމަކު އަހަރެންނަށް ކަމެއް ކޮށްދެންޏާ މި ވާހަކަ ތައް އަޑުއަހާލަދީ.." އަމްރާ އެދުނެވެ. އަމްރާގެ އުފަލަށްޓަކައި އަސަދު އެއްބަސް ވަމުން ބޯޖަހައިލިއެވެ. އަމްރާ ޒިވަން އާއި އޭނާގެ ވާހަކަ ފެށުނު ހިސާބުން ފެށިގެން ޒިވަން އޭނާއަށް އޮޅުވައިލި ގޮތް އަސަދަށް ކިޔައިދިނެވެ. ޒިވަން ކަންތައް ކުރިގޮތުން އޭނާ ދެކެ ފޫހިވެފައި ހުރި ނަމަވެސް ޒިވަން މަތިން ހަނދާން ނައްތައިލަން އުނދަގޫވާނެ ވާހަކަވެސް ބުންޏެވެ. އެކަމަކު އިނުމަށްފަހު އަސަދަށް ވަފާތެރި ކިޔަމަންތެރި އަނތްބަކަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިނެވެ.

" ކުރިންވެސް ބުނިހެން އެމީގެ މާޒީގައި ހިނގި އެއްވެސް ކަމަކާ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.. އެމީގެ ލޯބި ކާމިޔާބު ކުރުމަށް އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން.. އެމީއަށް ޝަކުވާ ކުރުމުގެ އެއްވެސް ފުރުސަތެއް ނުދީވޭތޯ ގަދައަޅާ މަސައްކަތް ކުރާނަން.. " އަސަދު ބުންޏެވެ. އަމްރާ ހީނލަމުން ބޯޖަހައިލިއެވެ.

" އަސަދުގެ ފެމިލީ މީހުން ކައިރީގައި ބުނެފިންތަ؟" ކާން ފަށަމުން އަމްރާ އަހައިލިއެވެ.

" ބުނެފިން.. އަހަރެންގެ މަންމައަށް މާކުރިންވެސް އެނގޭނެ އަހަރެން ހަޔާތަށް ގެންނަން ބޭނުންވާ ކުއްޖާއަކީ އެމީކަން.. އެމީ އިންނަން އެއްބަސް ވެއްޖޭ ބުނީމަ ވަރަށް އުފަލުން ހުރީ.. ބުނީ އެމީ ގޮވައިގެން ގެއަށް އަންނައްޗޭ.. ކޮއްކޮވެސް ހުރީ އެމީ އާ ބައްދަލު ކުރާހިތުން.. " އަސަދު ބުންޏެވެ.

" އަހަރެން ރެޑީ.. އަސަދު ގެންދިޔައިރަކުން ދާން އަހަރެން ތައްޔާރު..." އަމްރާ ބުންޏެވެ.

*****************

ރޫބީއަށް ހޭލެވުނީ އަސުރު ބަންގީގެ އަޑަށެވެ. ލޯ ހުޅުވައިލެވުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ އަރާމު ނިންޖަކުން ނިދިފައި އޮތް އާކިންއެވެ. އާކިންގެ މޫނަށް ރޫބީ ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. ލިބުނު ނިޢުމަތަށްޓަކައި އޭނާގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. ރޫބީ އާކިންއާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. އާކިންގެ މޫނުގައި ފިރުމައިލުމަށްފަހު ކޮލުގައި ބޮސްދިނެވެ. އެއަށްފަހު އަނެއްފަރާތަށް އެނބުރި އެނދުން ތެދުވަން އުޅުނެވެ. އެހިނދު ކުއްލިއަކަށް އާކިން ރޫބީގެ އަތުގައި ހިފައި އޭނާއާ ގާތަށް ދަމައިލިއެވެ. އެހިނދު ރޫބީ އާކިންގެ އަތުތެރެއަށް ވެއްޓުނެވެ. އާކިން ހުޝިޔާރު ކަމާއެކު ރޫބި އޭނާގެ އަތުގެ ތެރޭގައި ހައްޔަރު ކޮށްލިއެވެ.

" ވަގު ހަދައިގެން ދޯ ތިއޮންނަނީ.. އާކި ދެން ދޫކޮށްބަލަ ޕްލީޒް..." އާކިންގެ އަތުގެ ތެރެއިން ނިކުންނަން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ.

" ރޫބީ ދެން މިތާ އޮވެބަލަ ޕްލީޒް..." ރޫބީ ބުނި ރާގުގައި އާކިންވެސް ބުނެލިއެވެ. އެހިނދު ރޫބީއަށް ހެވުނެވެ.

" މިއަދު އޮފީހަށްވެސް ނުގޮސް ތި އޮންނަނީ މަކަރު ހަދާފައި.. ބައްޕަ ކައިރީ ބުނާނަން އާކި އަހަރެންނަށް އުނދަގޫކުރާ ވާހަކަ އޮފީހަށް ނުގޮސް އޮވެ.." ރޫބީ ބުނެލިއެވެ.

" އޭރުން އަހަރެން ރޫބީގެ މަންމަ ކައިރީގައި ބުނާނަން ފިރިމީހާއަށް ވަގުތު ނުދޭ ވާހަކަ.. " އާކިންވެސް ބުނެލިއެވެ.

" އާކި ހާދަ ނޯޓީ ވެއްޖޭ މިހާރު.. ގެންގުޅެން އުނދަގޫ ވެއްޖެ.. " ރޫބީ ބުންޏެވެ.

" އަހަރެން ނޯޓި ކުރީވެސް ހަމަ ރޫބީ...." އާކިންވެސް ދޫނުކޮށް ބުންޏެވެ. އެއަށްފަހު ރޫބީ ބަހެއް ބުނުމުގެ ކުރިން އޭނާގެ ބަނޑު ކޮއްޓަން ފެށިއެވެ. އެހނިދު ކޮތަރިތެރޭ ގުގުމައިލީ ރޫބީގެ ހުނުމުގެ އަޑުންނެވެ.

**************

ފެންވަރައިގެން ރޫބީ ނިކުތްއިރު އާކިން މިސްކިތަށް ދާން ތައްޔާރުވަނީއެވެ. ރޫބީ އިސްތަށިގަނޑު ހިއްކައިލުމަށްފަހު ތެތްތުވާލި ދާވަށިގަނޑަށް ލިއެވެ.

" އަހަރެން އަންނަންވާއިރަށް ރެޑީ ވެގެން ހުންނާތި.. " ގަމީހުގެ ގޮށްތައް އަޅުވަމުން އާކިން ބުންޏެވެ.

" އެއީ..؟ ކޮންތާކަށް ދާން..؟.." ރޫބީ އަހައިލިއެވެ.

" ޑޭޓަކަށް ދާން... އަހަރެން މިހާރު ރެސްޓޯރެންޓް ބުކިންގް ވެސް ހަދައިފިން.." އިސްތަށިގަނޑުގައި ޖެލް ހާކަމުން އާކިން ވާހަކަ ދެއްކިއެވެ.

" އޯކޭ....." ރޫބީ ބުންޏެވެ. އެވަގުތު ރޫބީގެ ފޯނު ރިންގުވާ އަޑު އިވުނެވެ.

" މަންމަ..." ސްކްރީނަށް އަރާފައި އޮތް ނަން ފެނުމާއެކު ރޫބީ ބުންޏެވެ. ލަސްނުކޮށް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖަހައިލިއެވެ. ފޯނު ނެގުމާއެކު ރީނާ ރޯންފެށި އަޑުއިވި ރޫބީ ގައިން ހީބިހި ނަގައިގަތެވެ.

" މަންމާ... ކިހިނެއްވީ....." ހާސްވެފައި ރޫބީ ބުންޏެވެ. އެހިނދު އާކިންވެސް ރޫބީއަށް ސަމާލުވެލިއެވެ. ދެން ފެނުނީ ރޫބީ އަތުން ފޯނު ދޫވެގެން ވެއްޓުނު ތަނެވެ. އާކިންއަށް ރޫބީ ކައިރިއަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ.

" ރޫބީ ކިހިނެއްވީ.... ކިހިނެއްވީތަ..؟" ރޫބީގެ ދެކޮނޑުގައި ހިފަހައްޓައިލަމުން އާކިން އަހައިލިއެވެ. އެހެންނަމަވެސް ރޫބިއަށް ވާހަކައެއް ނުދެއްކުނެވެ. ރޫބީގެ ތުންފަތް ތުރުތުރު އަޅައިލުމާއެކު ލޮލުން ކަރުނަ ފައިބައިގަތެވެ. އާކިން ވެއްޓިފައި އޮތް ރޫބީގެ ފޯނު ނަގާފައި ބަލައިލިއެވެ. އެހެންނަމަވެސް ފޯނު ޖެހުނު ގޮތަކުން އޮތީ ނިވިފައެވެ. އަނެއްކާވެސް އާކިން ގޮސް ރޫބީ ކައިރީގައި ވީކިހިނެއްތޯ ރީނާ ބުނީ ކީކޭތޯ ސުވާލު ކުރަން ފެށިއެވެ.

" ނަ...ނަ.. ނަޖޫ....." ތުރުތުރުއަޅަމުން ދިޔަ އަޑަކުން ރޫބީއަށް ބުނެވުނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 17 މާރިޗް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް