"އަހަރެން މަމް އާއި ބައްޕަ އަދި ތިއެންމެން ކައިރީގައި ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން.. " އަމްރާ ބުންޏެވެ. އެހިނދު އެންމެންގެ ނަޒަރު އަމްރާއަށް ހުއްޓުނެވެ. އަސަދުގެ ހިތްތެޅިލީ އާދަޔާ ހިލާފަށެވެ.
" އަހަރެން މީހަކާ އިންނަން ބޭނުން" އިސްޖަހައިލަމުން އަމްރާ ބުނެލިއެވެ. އެހިނދު އައްބާސްއާއި ހުރާޝާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އަރީކާއި އާކިންއަށްވެސް ތިބީ ހެވިފައެވެ. އަމްރާ އެއުޅެނީ ކާކުގެ ވާހަކަ ދައްކަން ކަމެއް ނޭނގޭތީ ރޫބީ އިނީ ކަންބޮޑުވެފައެވެ.
" ވަރަށް އުފާވެރި ޙަބަރެއް.. އެއީ ކޮންކުއްޖެއް..؟.. " ހުރާޝާ އަހައިލިއެވެ. ނަން ބުނުމަށް އަމްރާގެ ތުންފަތް ހަރަކާތް ކޮށްލިއެވެ. އަސަދުގެ ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. ރޫބީވެސް އިނީ އެއީ ކާކުތޯ ބެލުމަށް ކެތްމަދުވެފައެވެ.
" އަސ.. އަސަދު..." އިސްޖަހައިގެން އިނދެ އަމްރާ ބުނެލިއެވެ. އެތާ ތިބި އެންމެންނަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ހުރިހާ އެންމެންގެ ލޯތައް އަމާޒުވެފައިވީ އަސަދަށެވެ. ހިތަށް އުފާވެރިކަން އިހުސާސްވި ނަމަވެސް އެންމެން އެގޮތަށް ބަލަން ފެށުމުން ހިސާބެއްގެ ކަންބޮޑުވުމެއް އަސަދަށް ލިބިފައިވެއެވެ.
" ދަރިފުޅާ އެކަމަކ.. އަސަދު.؟؟؟" ހުރާޝާ އެހެން އަހައިލީ ޤަބޫލުކުރަން ދަތި ވެގެންނެވެ. " އަސަދު ދަރިފުޅަށްވުރެން....."
" މަމް!! އުމުރަކީ ހަމައެކަނި ނަމްބަރެއް... އަސަދަކީ އަހަރެންނަށް އެންމެ ރަނގަޅު ބައިވެރިއެއް ކަމުގައި ވާނެ ކަމަށް އަހަރެން ދެކެނީ..." އަމްރާ ބުނެލިއެވެ.
" ރަނގަޅު ވާހަކައެއް ދަރިފުޅު ތިބުނީ.. ދަރިފުޅުގެ ތި ނިންމުމަށް ބައްޕަ ފުރިހަމަ އެއްބާރުލުން ދެން.. އަސަދަކީ ރަނގަޅު އާއިލާއަކުން އައިސްފައި ހުރި ރަނގަޅު ކުއްޖެއް... ރިކީ އަދި އާކި ކީކޭ ބުނަނީ.." އަރީކް އާއި އާކިންއަށް ބަލައިލަމުން އައްބާސް އަހައިލިއެވެ. އެހިނދު އަސަދަށް ބަލައިލެވުނީ އާކިންއަށެވެ. އާކިން އަދިވެސް އިނީ ޤަބޫލުކުރަން ދަތިވެފައެވެ. ކޮންއިރަކު ކިހިނެއްވީކަމެއްކަން ނޭނގިފައެވެ. އަސަދު ދެކެ އަންނަންވީ ރުޅިކަމެއް ނޫނީ ވާންވީ އުފާކަމެއްވެސް އާކިންއަކަށް ނުވިސްނުނެވެ.
" ދޮންތަ ހެޕީ ވަންޏާ އަހަރުމެންނަށް އޯކޭ.." އަރީކް ބުންޏެވެ.
" އެހެންވީމަ އަވަހަށް ކައިވެނި ކުރާނެ ދުވަހެއް ކަނޑައަޅާ.. މަންމަމެން މިތިބީ ހަމަ ތައްޔާރަށް... " ހުރާޝާވެސް ހީނލަމުން ބުންޏެވެ.
" ބަލާ ދޮންތަ ބުނެވެސް ނުލާ.. ހާދަ ގޯހޭ..." އަމްރާ ގައިގައި ޖެހިގަންނަމުން ޒޫނީ ބުނެލިއެވެ. އެމަންޒަރު ފެނި ބާކީ ތިބި މީހުންނަށް ހީނލެވުނެވެ. އަމްރާ އެއިންގޮތަށް އިނދެ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ ނިންމުން ރަނގަޅު ނިންމުމަކަށް ވޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. ޒޫނީ އަމްރާއާ ދިމާ ކުރަން ފެށުމުން ރޫބީއަކަށްވެސް ނީނދެވުނެވެ. އެމީހުންނާ އެއްބައިވެގެން އަރީކްވެސް ފެށިއެވެ. އެމަންޒަރު ބަލަން ތިބި އައްބާސްއާއި ހުރާޝާގެ އިތުރުން ރީނާ ހީނލަ ހީނލާ ތިއްބެވެ.
ދިމާކުރުމާއި ހުނުމުގެ އަޑު ގުގުމާލެވިފައިވާ އެތަނުގައި ނަޖުވާއަށް ކުރެވެމުން ދިޔައީ ބާކީވެފައި ވާ ކަހަލަ އިހުސާސެކެވެ. އަމްރާއާއި ޒޫނީއާ އެކު ސަކަރާތް ޖަހަމުން ދިޔަ ރޫބީ މިހާރު އޭނާއާ ވަރަށް ދުރުވެއްޖެ ކަމުގެ އިހުސާސްވެސް ކުރެވެމުން ދިޔައެވެ. ކުރިން އޭނާއަކީ ރޫބީއަށް ކިތަންމެ މުހިންމު މީހެއް ނަމަވެސް މިހާރު އޭނާގެ ޖާގަ އެތައް ބަޔަކަށް ބެހެވިއްޖެކަމުގައި ޤަބޫލުކުރެވުނެވެ. އެތަނުން ޔެދުވެގެން ދާންވެސް ނަޖުވާ ހިތަށް އެރިއެވެ. އެހެންނަމަވެސް އެއީ ރީތިކަމަކަށް ނުވާނެތީ ތެދުވެގެން ދާން ފަސްޖެހުނެވެ.
****************
ލައިބްރަރީގެ މޭޒެއްކައިރީގައި އާކިން އިނެވެ. ކުރިމަތީގައި އިން އަސަދު ތަހުގީގަކަށް ހާޒިރު ކުރެވިފައިވާ ކަހަލައެވެ.
" ސޮރީ މޭން.. ބުނަންވެގެންނޭ ހުރީ އެމީ އޯކޭ ވި ދުވަހަކުން..." އަސަދު ބުންޏެވެ.
" ކިހާ ދުވަހެއް ވެއްޖެ..." ހަރުކަށިކަމާއެކު އާކިން އަހައިލިއެވެ.
" ސްކޫލް ދައުރުންފެށިގެން އައި ލަވްޑް ހަރ.. އޭޖްގެ ޑިފަރެންސްއާ ހެދި ބުނަން ނުކެރިފައި ހުރީ.. އެހެންނޫނަސް އާކިގެ ދައްތައަކާ ބެހޭގޮތުން އެކަހަލަ ވާހަކައެއް ބުނެފިއްޔާ ވަރަށް ރުޅި އަންނާނެކަން އެނގޭތީ..." އަސަދު ބުންޏެވެ.
" ދެން މިއަދު އަހަރެން ވަރަށް އުފަލުންތަ މިހުރީ....؟ ތި ވާހަކަ އަހަރެން ކައިރީގައި ކުރިން ބުނިނަމަވެސް މިހާ ރުޅިއެއް ނާންނާނެ ކަންނޭނގެ..." މޭޒުމަތީގައި ދެއަތުން ޖަހައިލަމުން އާކިން ބުންޏެވެ.
" ލުކް އާކި... އައި ނޯ އައި ޝުޑް ހޭވް ޓޯލްޑް ޔޫ.. އަސްލު އަހަރެންވެސް ހިޔެއް ނުކުރަން އެމީ އެންމެންގެ ކުރިމަތީގައި އެހެން ބުނާނެ ކަމަކަށް... އާކި ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން އެމީ ދެކެ ވަރަށް ވަރަށް ލޯބިވޭ.. މިވީހާ ދުވަހު އަހަރެންގެ ހަޔާތަށް އިތުރު އަންހެންކުއްޖެއް ނުގެނެސް މިހުންނަނީ ހަމަ އެމީގެ އިންތިޒާރުގައި.. ވަރަށް ހިތްވަރުކޮށްފައި އަހަރެންގެ ހިތް އެމީގެ ކުރިމަތީގައި ހުޅުވައިލީ.. އެމީގެ ޖަވާބު އައި ގޮތުން އަހަރެން ވަރަށް އުފާވެއްޖެ.. އެކަމަކު އާކިގެ ރުހުން ނުލިބޭހާ ދުވަހަކު އަހަރެން މިކައިވެންޏެއް ނުކުރާނަން..." އަސަދު ބުންޏެވެ. " އާކި ވިސްނާފަ ބުނޭ.. އަހަރެން މިވަގުތު ގޮސްލަނީ.."
" މަޑުކުރޭ...!!!" އަސަދު ދޮރާ ހަމަވުމާއެކު އާކިން ގޮވައިލިއެވެ. އަސަދު އެނބުރި ބަލައިލިއެވެ. އާކިން އައިސް ހުއްޓުނީ އަސަދުގެ ކުރިމަތީގައެވެ.
" މީގެ ފަހުން ތީ އަހަރެންގެ ރަޙުމަތްތެރިއެއް ނޫން.. " އާކިން ބުނެލިއެވެ. އަސަދަށް ހިންދިރުވައިލެވުނީ ހިތަށް ކުރި އަސަރުންނެވެ. މަޑުމަޑުން ބޯޖަހައިލީ އާކިންގެ އެނިންމުން ޤަބޫލުކުރަމޭ ބުނާ ފަދަ ގޮތަކަށެވެ.
" މިބުނީ ހަމައެކަނި ރަޙުމަތްތެރިއެއް ނޫނޭ.. އަހަރެންގެ ޅިޔަނެކޭ ތީ..." އެއްމިޔަކަނުން ހީނލަމުން އާކިން ބުންޏެވެ. އަސަދަށް އާކިންއާ ދިމާލަށް ބަލައިލެވުނީ އެބުނި އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ. އެހިނދު އާކިން އަސަދު ގައިގައި ބައްދައިލިއެވެ. އަސަދަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެވަގުތު އާކިންއަށް ހެވުނެވެ.
" އަހަރެން ހީކުރީ އާކިގެ ރަޙުމަތްތެރިކަން އަހަރެންނަށް ގެއްލުނީ ކަމަށް.. " އަސަދު ބުންޏެވެ. އާކިން ހެމުހެމުން އަސަދާ ދުރުވެލިއެވެ.
" އަހަރެން ކައިރީގައި ކުރިން ނުބުނީމަ އަދަބެއް މިދިނީ.. އެކަމަކު ބުނަންތަ ވާހަކައެއް.. ދުވަހަކުން ކޮޅުންވެސް އަހަރެންގެ ދޮންތަ ހަރޓްވާ ކަހަލަ ކަމެއް ކޮށްފިއްޔާ ނިމުނީ..." އިންޒާރެއް ދޭފަދަ ގޮތަކަށް އާކިން ބުނެލިއެވެ.
" އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެކަހަލަ ކަމެއް ނުވާނެ.. " ޔަގީންކަން ދެމުން އަސަދު ބުންޏެވެ.
***************
" ދެން އަހަރެމެން ގޮސްލަނީ... މިހާރު މާ ލަސްވެސް ވެއްޖެއްނު..." ހުރާޝާގެ އަތުގައި ހިފައިލަމުން ރީނާ ބުންޏެވެ. އެހިނދު ސޯފާގައި ފޯނާ ކުޅެން އިން ނަޖުވާ އަވަހަށް ތެދުވިއެވެ. ރީނާ އެހެން ބުނަން އޭނާއަށް ލަސްވެފައި އިން ކަހަލައެވެ.
" އުނހު އަދި މަޑުކުރޭ.. އާއިލީ ފޮޓޮއަކަށް ފަހު ގެއަށް ދެވޭނީ..." ހުރާޝާ ބުންޏެވެ. ހުރާޝާ އާ އެއްބައިވުމުގެ ގޮތުން އައްބާސްވެސް ބޯޖަހައިލއެވެ.
" ކޮބާ އާދޭ ހުރިހާ ކުދިން ފޮޓޮއެއް ނަގައިލަން..." ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަން ތިބި އަރާކާއި ޒޫނީ، އަމްރާ އަދި ރޫބީއަށް ހުރާޝާ ގޮވައިލިއެވެ.
" ކޮބާ އާކިމެން...." އެމީހުން ކައިރިއަށް އައިސް ހުއްޓެމުން އަމްރާ އަހައިލިއެވެ.
" މިތިބީނު.. އަވަހަށް އާދޭ...." ލައިބްރަރީ އިން ނިކުތް އާކިންއާއި އަސަދު ފެނި ހުރާޝާ ބުންޏެވެ.
" އަސަދު ނިކަން ރީތި ފޮޓޮއެއް ނަގާލަ ދީބަލަ.." އައްބާސް އެދުނެވެ. އަސަދު ބޯޖަހައިލުމަށްފަހު ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެވަގުތު އެންމެން ފޮޓޮއަށް ތައްޔާރުވާން ފެށިއެވެ.
" އިހަށް މަޑުކޮށްބަލަ..." ފޮޓޯ ނަގަން އުޅުނު އަސަދު ހުއްޓުވީ ހުރާޝާ އެވެ.
" ނަޖުވާ އިފް ޔޫ ޑޯންޓް މައިންޑް.. މީ ހަމައެކަނި ފެމިލީ މީހުންނަށް ހާއްސަ ފޮޓޮއެއްވީމަ.. ކޭން ޔޫ.. ސްޓެޕް އައުޓް..." ރޫބީ ކައިރީގައި ހުރި ނަޖުވާއަށް ބަލައިލަމުން ހުރާޝާ ބުންޏެވެ. އެހިނދު ނަޖުވާގެ މޫނު ލަދުން ރަތްވިއެވެ. އެހާމެ ހިތުގައިވެސް ޖެހުނެވެ. އެތަނުގައި އޭނާއަކީ ދަލު ބޭރުން ޖެހިގެން އުޅޭ މީހެއް ކަމުގައި އިހުސާސްވިއެވެ. އާކިން އާއި ރޫބީ އެކަކު އަނެކަކަށް ބަލައިލިއެވެ. ރޫބީގެ ލޮލުން އާކިންއަށް ފެނުނީ ޝަކުވާއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ހުރާޝާ ދެކެ އިންތިހާއަށް ހިތްހަމަނުޖެހުނެވެ.
" މަމް ޑޯންޓް ބީ ސޯ މީން..." ހަމައެކަނި ހުރާޝާއަށް އިވޭވަރަށް އަމްރާ ބުނެލިއެވެ. ނަޖުވާ ބޯޖަހައިލަމުން އެއްކައިރިއަށް ޖެހެން އުޅުނެވެ. އެހެންނަމަވެސް އޭގެ ކުރިން ރޫބީ ނަޖުވާގެ އަތުގައި ހިފެހެއްޓިއެވެ.
" މަންމާ.. ނަޖޫ އިޒް ފެމިލީ.... " ނަޖުވާގެ ދިފާޢުގައި ރޫބީ ބުނެލިއެވެ.
" އެއީ ތެދެއް.. ނަޖޫ ނުލާ މިއާއިލާ ފުރިހަމައެއް ނުވާނެ.. " ރީނާވެސް ބުނެލިއެވެ. ހުރާޝާ ހިތްހަމަނުޖެހުނެވެ. އެއްޗެއް ބުނަން ބޭނުންވިޔަސް ވަގުތުގެ ގޮތުން ހިމޭނުން ހުންނަން މަޖުބޫރުވިއެވެ. ފަހުން ރޫބީއާ ވާހަކަ ދައްކަން ހިތުގައި އަޒުމް ކަނޑައެޅިއެވެ.
" އަސަދު ކޮބާ އަވަހަށް ފޮޓޯ ނަގާ..." އައްބާސް ބުންޏެވެ. ފޮޓޯއަށް ތައްޔާރުވަމުން އެންމެން ހިނިތުންވިއެވެ. ނަޖުވާވެސް ގަދަކަމުން ހީނލިއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ކުރަމުން ދިޔަ އެންމެ ތަންފުކެއްވެސް ކުޑައެއްނުވިއެވެ. ދެލޯ ފެންކަޅިވާން އުޅުމުން ހިންދިރުވައިލަމުން ތިރީ ތުންފަތުގައި ދަތްއަޅައިލިއެވެ.
******************
ގެއަށް ދިޔަ މަގުމަތީގައި ނަޖުވާ އިނީ މުޅިން ހިމޭންވެފައެވެ. ސީޓުގައި ލެގިލައިގެން ބޭރު ބަލަހައްޓައިގެން އިންއިރު އޭނައަށް ވިސްނެމުން ދިޔައީ ހަޔާތަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ މެދުގައެވެ.
" ދެން އެވަރަށް ނުވިސްނާ އެކަމާ... ކޮންމެ މީހެއްގެ ވެސް އުނި ސިފަތަކެއް ހުރެދާނެ... އެގޮތުން ހުރާޝާގެ ވެސް އެސިފަ ތިފެނުނީ.. އެކަމަކު އެއީ ގޯސްމީހެއް ނޫން..." ރީނާ ބުންޏެވެ. ނަޖުވާ ވަކި ޖަވާބެއް ނުދިނެވެ. ރީނާ ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނަ އަކީ މަތިން ބައިން ޖެހިގެން އެގެއަށް ދިޔަ މީހެކެވެ. އޭނާގެ ބައިވެރިވުން ހުރާޝާއަށް ކަމުނުދާކަން އެނގި ސާބިތުވެއްޖެއެވެ. ދުވަހަކު ނުވާ ވަރަށް މިރޭ އޭނާ ލަދުގެންފިއެވެ.
************
" ދެރަވެފަތަ ތިއިނީ؟.." އާކިން ވާހަކަ ދެއްކީ އެނދުގެ އަނެއް ފަރާތުގައި އޮތް ރޫބީއާއެވެ.
" ނޫން...." ރޫބީ ދިނީ ކުރުޖަވާބެކެވެ. ނަމަވެސް އެއީ ތެދެއް ނޫންކަން އާކިންއަށް އެނގުނެވެ.
" އާދެބަލަ މިކޮޅަށް...." އާކިން ބުނެލިއެވެ. އެހިނދު ރޫބީ ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން އައިސް އާކިންގެ އަތް މަތީގައި އޮށޯވެލިއެވެ. އާކިން ރޫބީ ގައިގައި ބާރަށް ބައްދައިލުމަށްފަހު ނިތުގައި ބޮސްދިނެވެ.
" އެނގޭ ތިއޮތީ ދެރަވެފައިކަން.. މަމް ކަންތައް އެކުރީ ރަނގަޅަކަށް ނޫން... ދެން އެކަމާ ނުވިސްނާ.. އަހަރެން މަމް އާ ވާހަކަ ދައްކާނަން..." އާކިން ބުނެލިއެވެ.
" ނަޖޫ ހުރީ ވަރަށް ދެރަވެފައިކަން އަހަރެންނަށް އެނގޭ.. އަހަރެން ނަމަވެސް ވަރަށް ދެރަވާނެ.. މިއަދު ނަޖޫގެ އަހަރެންނާއި މަންމައާ ނޫނީ ހުރީ ކާކު..." ރޫބީގެ ދެލޯ ފެންކަޅިވިއެވެ.
" އައި ނޯވް.. ދެން އެކަމާ ރޫބީ ނުވިސްނަބަލަ.. މިދުވަސްކޮޅު ރޫބީ ކަންތައްތަކާ ވިސްނުން އެހާ ރަނގަޅެއް ނޫން... " ރޫބީގެ އަތްތިލައިގެ އެތެރެފުށުގައި ބޮސްދެމުން އާކިން ބުންޏެވެ.
" އާކި... މިހެން ބުނުމަކީ އެހާ ރަނގަޅުކަމެއް ނޫންކަން ނޭނގެ.. އެކަމަކު އަހަރެންނަށް މިއަދު ވަރަށް ފާހަގަ ކުރެވުނު ނަޖޫ އަހަރުމެންނާ ދިމާލަށް ވަރަށް ގިނައިން ބެލިކަން.. އަހަރެންނަށް ހީވަނީ އަދިވެސް.... ނަޖޫ.... އާކި ދެކެ......" އާކިންގެ މޫނަށް ބަލަހައްޓައިގެން އޮވެ ރޫބީ ބުންޏެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 16 މާރިޗް ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް