"ރޫބީ ބަނޑުބޮޑު.." ނޭވާ ހިފަހައްޓާލައިގެން އިނދެ ރީނާ ބުނެލިއެވެ. ނަޖުވާ ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. އެހެންނަމަވެސް ދެވަނަ ހިނދުގައި ހީނލައިފިއެވެ.
" އެވަރުގެ އުފާވެރި ޙަބަރެއް ދޭންތަ ޖެހިލުން ތިވީ.. ހެހެ..." ނަޖުވާ ބުނެލިއެވެ. ހީކުރި ގޮތަށް ނުވުމުން ހައިރާންވެ އިނދެވެސް ރީނާ ހީނލިއެވެ. ނަޖުވާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.
" ރޫބީ ނުވެސް ގުޅާ އަހަރެންނަށް... ވަރަށް ދުރުކޮށްލައިފިހެން ހީވަނީ..." ދެރަވެލާފައި ނަޖުވާ ބުނެލިއެވެ.
" ނުކެރުނީ ކަންނޭނގެ..." ނަޖުވާއަށް ނުބަލަން މަސައްކަތް ކުރަމުން ރީނާ ބުންޏެވެ.
" އެއީ ކީއްވެ؟ އަހަރެންނާ އާކިންއާ މެދު ކޮންމެ ގޮތަކަށް ކަންތައްވެފައިވީ ނަމަވެސް ރޫބީއަށްޓަކައި އަހަރެން އުފާކުރަން... " ނަޖުވާ ބުންޏެވެ.
" އެހެންތަ؟ އެހެންވީއިރު ހިނގާ މިރޭ އެގޭގައި އޮތް ކެއުމަކަށް ދާން.. އެކަމުގެ އުފަލުގައި އެގޭ އެބައޮތް ގޭ މީހުންނަށް ޙާއްސަ ކެއުމެއް " ނަޖުވާ އާ ދިމާލަށް ބަލައިލަމުން ރީނާ ބުންޏެވެ. ނަޖުވާ އިސްޖަހައިލިއެވެ. މީހުން ތެރެއަށް ނިކުމެ އުޅުމަކީ މިހާރު އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. އެހެނަސް ރޫބީއަށް އެވަރުގެ އުފާވެރިކަމެއް ލިބުމުން އެކަމުގައި އޭނާ ބައިވެރިވާން ބޭނުމެވެ. ނަޖުވާ އިސްއުފުލައިލުމަށްފަހު ހީލަން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ.
**************
ކާރުގައި އިން އަމްރާގެ މިސްރާބު ހުރީ ޒިވަން އުޅޭ ގެއަށް ދިއުމަށެވެ. މިރޭ ޙާއްސަ ކެއުމުގައި ޒިވަން ބައިވެރިކުރުވަން އަމްރާ ބޭނުންވެއެވެ. އޭނާއާ ޒިވަންގެ ގުޅުމުގެ ވާހަކަ އާއިލާ މީހުންނާ ޙިއްސާ ކުރަން ރަނގަޅު ފުރުސަތަކަށް ވާތީއެވެ. ޒިވަން ކައިރީގައި ބުނެވެސް ނުލާ އަމްރާ އެގެއަށް އެދަނީ މިވަގުތު ޒިވަން ގޭގައި އުޅޭނެކަން ޔަގީންވާތީއެވެ.
އާންމުކޮށް ކާރު ޕާކް ކުރާތަނުގައި ކާރު ޕާކްކޮށްލުމަށްފަހު މަޑުމަޑުން ހިނގާލާފައި ގޮސް އަމްރާ އެގެއަށް ވަނެވެ. އެޕާޓްމެންޓް ހުންނަ ފްލޯރއަށް ނިކުތުމަށްފަހު ދޮރުގައި ބެލް އަޅައިލިއެވެ. މިފަހަރުވެސް ދޮރު ކައިރީގައި ހުރި އަންހެނެއްގެ ފައިވާން އަމްރާގެ ލޮލުގައި އަޅައިގަތެވެ. ދެތިން ފަހަރަކު ބެލް އަޅައިލުމުންވެސް އެއްވެސް މީހެއްގެ ޙަބަރެއް ނުވިއެވެ. ޒިވަން ގޭގައި ނޫޅެނީ ކަމަށް ބަލާފައި އެނބުރި ދާން އުޅުނު ވަގުތު ދޮރުހުޅުވައިލި އަޑުއިވިފައި އަމްރާ ބަލައިލިއެވެ. ދޮރ ބިއްދޮށުން ބޯދިއްކޮށްލައިގެން ހުރި އަންހެންކުއްޖާ އަމްރާއަށް ހިނިތުންވެލިއެވެ.
" މި... ކޮބާ ޒިވަން...؟" ހައިރާންވެ ހުރެ އަމްރާ އަހައިލިއެވެ.
" ޒިވްގެ ފްރެންޑެއްތަ.. ޒިވް ވެއްޖެ ފާހާނައިގައި.. އެތެރެއަށް ވަންނަންވީނު..." ތަންކޮޅެއް ބޮޑަށް ދޮރު ހުޅުވައިލަމުން އެ އަންހެން ކުއްޖާ ބުނެލިއެވެ. އަމްރާ ހީނލަމުން އެތެރެއަށް ވަނެވެ. ވަރަށް ރަނގަޅަށް އެއަންހެން ކުއްޖާއަށް ބަލައިލިއެވެ. ހިމަތޮޅި ކުރު އަންހެން ކުއްޖެކެވެ. މޫނުމަތިން އެއަންހެން ކުއްޖާއަކީ ހިތްހެޔޮ ކުއްޖެއްކަން އެނގެއެވެ. ސޯފާގައި އިށީންނަން ދިޔަ ވަގުތު އަމްރާގެ ލޮލުގައި އަޅައިގަތީ ސޯފާ އާ ދިމާލުން ފާރުގައި ހަރުކޮށްފައިވާ ބޮޑު ފޮޓޯ ލޯގަނޑެވެ. މީގެ ކުރިން އެތައް ފަހަރަކު އެގެއަށް އައިސް ގޮސްފައިވާ އަމްރާއަށް އެފޮޓޯ ކުރިއަކުން ފެނިފައެއް ނުވެއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެފޮޓޮއިން ފެންނަމުން ދިޔަ މަންޒަރުންނެވެ. ކައިވެނި ހެދުމުގައި ޒިވަން އާ އެކު އެހުރީ މިވަގުތު އެތަނުގައި ހުރި ނުދަންނަ އަންހެންކުއްޖާކަން ޔަގީނެވެ.
" ކިހިނެއްވީ؟.." އަމްރާ ހުއްޓުން އަރާފައި ހުރިތަން ފެނި އެއަންހެންކުއްޖާ ސުވާލުކޮށްލިއެވެ.
" ތީ.. ތީ ކޮންކުއްޖެއް...." އަމްރާއަށް އަހައިލެވުނެވެ.
" އޯހް.. ސޯ ސޮރީ.. އިންޓްރޮޑިއުސްވާން ހަނދާން ނެތުނީ.. އަހަރެންނަށް ކިޔަނީ އީނާ... ޒިވަންގެ ވައިފް.." އީނާގެ ޖުމްލަ އަމްރާއަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. އީނާއޭ ބުނުމާއެކު އަމްރާއަށް ހުރިހާ ކަމެއް ސާފުވެއްޖެއެވެ. ޒިވަން އޭނާއަށް އޮޅުވާލާފައިވާ މިންވަރެވެ. ޒިވަން އޭނާއަށް ވަނީ އީނާގެ ވާހަކަ ކިޔައިދީފައެވެ. ނަމަވެސް އެއީ ހުސް ދޮގުކަން މިހާރު އަމްރާއަށް އިހުސާސްވެއްޖެއެވެ. އޭނާއަކީ ކިހާ ބޮޑު ބޭވަފާތެރިއަށްކަން ލޮލަށް ފެނިއްޖެއެވެ. ލޮލަށް ޖަމާވި ކަރުނަތައް އެތެރެއަށް ހިންދާލަން މަސައްކަތް ކުރަމުން އަމްރާ ހިންދިރުވައިލިއެވެ.
" އީން.. ކާކު އައީ..؟" ކޮޓަރި ތެރެއިން އެއިވުނީ ޒިވަންގެ އަޑެވެ. އަމްރާއާއި އީނާއަށް އެދިމާލަށް ބަލައިލެވުނީ އެކުއެކީގައެވެ. ކޮޓަރިން ނިކުތް ޒިވަންއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ.
" މިހުރީ ޒިވް ހޯދަން އައިސް ހުރި ފްރެންޑެއް...." ޒިވަން ކައިރިއަށް ޖެހިލަމުން އީނާ ބުންޏެވެ.
އެއްފަހަރު އީނާއަށް ބަލައިލުމަށްފަހު އަނެއްފަހަރު އަމްރާއަށް ބަލައިލެވުނެވެ. އަމްރާގެ ލޮލުން ފެންނަމުން ދިޔައީ އިންތިހާއަށް ޝަކުވާއެވެ. ޒިވަންއަށް އިސްޖަހައިލެވުނީ އަމްރާ އާ ހަތަރުކަޅި ހަމަކުރަން ނުކެރިގެންނެވެ.
" އިށީންނަންވީނު.. މިއަންނަނީ ބޯލާނެ އެއްޗެއް ހިފައިގެން..." ބަދިގެއާ ދިމާލަށް ހިނގައިގަތުމުގެ ކުރިން އީނާ ބުނެލިއެވެ.
" އެމީ.. އައި ކޭން އެކްސްޕްލެއިން..." އީނާ ދިޔަ ވަގުތު ބަލާފައި ޒިވަން އަމްރާ ކައިރިއަށް އައެވެ.
" ޒިވަން ކޯންޗެއް އެކްސްޕްލެއިން ކޮށްދެވޭނީ.. ޒިވަންގެ ބޭވަފާތެރިކަން އަހަރެންނަށް އެނގި ސާފުވެއްޖެ.. އަހަރެންނަށް ނޭނގުނީ އެހާ ބޮޑު އޮލުވައިލުމެއް ޒިވަން އަހަރެންނަށް އޮޅުވައިލީ ކީއްވެގެން ކަން.. އަހަރެންގެ އިޙުސާސްތަކާ ކުޅެ ޒިވަން އަހަރެން މުޅިން ނިކަމެތި ކޮށްލައިފި..." އަމްރާގެ އަޑު ކުރެހިގެން ދިޔަ ހިނދު އެވީހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގަތެވެ.
" ނޫން އެމީ.. ޕްލީޒް ލިސެން ޓު މީ.. އަހަރެން ލޯބިވަނީ ހަމައެކަނި އެމީދެކެ..." ޒިވަން ބުނެލިއެވެ.
" އިނަފް ޒިވަން... ޒިވަންގެ ތި ކުޅިގަނޑު މިހާ ހިސާބުން ނިމުނީ.. އަހަރެންގެ ހަޔާތުގައި ބާކީ މިއޮއް ދުވަސްތަކުގައި ތި ބޭވަފާތެރިޔާގެ މޫނުވެސް ދެކޭކަށް އަހަރެން ބޭނުމެއް ނޫން... " މިހެން ބުނުމަށްފަހު އެތަނުން ނިކުތުމަށް އަމްރާ ހިނގައިގަތެވެ. އަމްރާގެ ފަހަތުން ދާން ޒިވަން ބޭނުންވިޔަސް އެވަގުތު ބަދިގެއިން ނިކުތް އީނާ ފެނި ހުރިތަނުގައި ހުންނަން އޭނާއަށް މަޖުބޫރުވިއެވެ.
*************
ދެލޯ ކަރުނައިން ފުރި ލޮލަށް ފުސްވާން ފެށުމުން މީހުން މަދު ހިސާބަކަށް އަމްރާ ކާރު މަޑުކޮށްލިއެވެ. ލޯބިވާ މީހަކު ބޭވަފާތެރިވުމުން ހިތަށް ކުރާ ފުންއަސަރު އިހުސާސް މިވީ އަދި ކިރިޔާއެވެ. މަގަށް ބަލަހައްޓައިގެން އިން އަމްރާ އިހުސާސްތައް ހިފަހައްޓަން ކުރި މަސައްކަތް ފެނަށް ވެގެން ދިޔައެވެ. މޫނުމަތީގައި އަތްއަޅާފައި ރޯންފެށުނެވެ. އެހިނދު ޒިވަންގެ ބޭވަފާތެރިކަން ފިލްމެއްގެ ސިފައިގައި އަމްރާގެ ސިކުނޑީގައި ރޯލްވާން ފެށިއެވެ. ހިތަށް ކުރި ފުންއަސަރާއިއެކު އަމްރާގެ ވޭނީ ރުއިމުގެ އަޑު ވެހެމުންދިޔަ ވާރޭގެ އަޑާއި އެކުވެގެން ދިޔައެވެ.
**************
އާއިލާ އެންމެން ސިޓިންގްރޫމަށް ޖަމާވެފައި އޮތެވެ. އެތަނުން މަދުވަނީ އަމްރާ އެކަންޏެވެ. ކެތްތެރިކަމެއް ނެތި ރޫބީ އިންތިޒާރު ކުރަމުން ދިޔަޢީ ރީނާއާއި ނަޖުވާއަށެވެ. ހުރާޝާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ހިނދުކޮޅަކަށްވެސް ފަނޑުނުވެއެވެ. އެއްފަހަރާ ކަހަލަ ގޮތަކަށް އޭނާގެ ދެފިރިހެން ދަރިންނަށް ކުއްޖަކު ލިބެން އުޅޭތީ އޭނާއަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. އެރޭގެ ކެއުމަށް ގިނަ ބާވަތްތައް ތައްޔާރު ކުރީވެސް އޭނާގެ ދެއަތުންނެވެ. އައްބާސްގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުއްޓަސް ހިތަށް ތޫނު ތަދެއް އިހުސާސް ކުރެވެމުން ދިޔައެވެ. އެކުވެރި މުއީންގެ ހަނދާންތަކުންނެވެ. މިއަދު މުއީންގެ ހުރިނަމަ އެންމެ އުފާވާނީ އޭނާކަން ޔަގީނެވެ. ފަސްމަހުގެ ބަނޑާއެކު ޒޫނީގެ ރީތިކަން އިތުރުވެފައިވިއެވެ. ކައިރީގައި އިން އަރީކް ޒޫނީ އޭނާގެ ގަޔާ ކައިރިކޮށްލައިގެން އިނެވެ.
" އެމީހުން ލަސްވެއްޖެ ދޯ ވަރަށް..." ކައިރީގައި އިން އާކިން ކައިރީގައި ރޫބީ ބުނެލިއެވެ.
" އަދި ކިރިޔާ އަށެއް ޖެހީ.. މިހާރު އަންނާނެ.." ރޫބީގެ ކޮނޑުގައި ފިރުމައިލަމުން އާކިން ބުންޏެވެ.
ދޮރުން ވަދެގެން އައި ރީނާއާއި ނަޖުވާ ފެނުމާއެކު ރޫބީ އިންތަނުން ފުންމައިގެން ތެދުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރީނާ ގައގިައި ބައްދައިލިއެވެ.
" ދަރިފުޅާ ބަލައިގެން...." ރީނާއަށް ބުނެވުނެވެ. ރޫބީ ރީނާއާ ދުރުވެލުމަށްފަހު ނަޖުވާ ކައިރިއަށް ޖެހިލިއެވެ. ހުޜާޝާ އައިސް ރީނާގެ އަތުގައި ހިފައިގެން ބަދިގެއާ ދިމާލަށް ހިނގައިގަތެވެ.
ރޫބީ ނަޖުވާ ގައިގައި ބާރަށް ބައްދައިލިއެވެ. ފުރަތަމަ ފަހަރަށް ނަޖުވާ އެގެއަށް އައުމުން ރޫބީއަށް ލިބިފައިވާ އުފާވެރިކަން ދެގުނަ އިތުރުވެފައިވާ ކަހަލައެވެ.
" އަހަރެން މިހިރީ ރޫބީ ދެކެ ރުޅިއައިސްފައި..." ރުޅި އަންނަ ކަމަށް ހެދެމުން ނަޖުވާ ބުނެލިއެވެ.
" އެއީ..؟" ރޫބީ އަހައިލިއެވެ.
" އަހަރެން ހީކުރީ ފިރިމީހާއަށް ވުރެވެސް ކުރިން ބަނޑުބޮޑު ވާހަކަ އަހަރެން ކައިރީގައި ކަމަށް ބުނާނީ.." ނަޖުވާ ޝަކުވާ ކޮށްލިއެވެ.
" ފުރަތަމަ އަހަރެންނަށްވެސް އެޙަބަރު ދިނީ އޭނަ.. ނަޖޫ ކައިރީގައި ބުނަން....." ރޫބީ ބުނަން އުޅުނެވެ.
" ނުކެރުނީ... މިހާރު ދެން މާޒީ ހަނދާން ނައްތާލަން ވެއްޖެއްނު... އަހަރެންނަށް މިވަގުތު އެންމެ މުހިންމީ ދައްތައާއި ރޫބީ.. އަހަރެން އެބައޮތް ރޫބީއާއި ދައްތަ ކައިރީގައި ވަރަށް މުހިންމު ވާހަކައެއްވެސް ބުނަންވެފަ.." ނަޖުވާ ބުންޏެވެ.
" މާދަން އަހަރެން ދާނަން ތިގެއަށް.. އިހަށް ހިނގާބަލަ މިތާ އިށީންނަން.. " ނަޖުވާގެ އަތުގައި ހިފައިގެން އިށީންނަން ރޫބީ ހިނގައިގަތެވެ.
ކާން ތައްޔާރުވެފައި ހުރި ވާހަކަ ނާބި އައިސް ބުންޏެވެ. އެންމެން ތެދުވެގެން ކާމޭޒާ ދިމާލަށް ހިނގައިގަތް ވަގުތު ދޮރުން ވަދެގެން އައީ އަސަދެވެ.
" އަނހަ.. އަސަދު.. ހާދަ ދުވަހެއް ފަހުންނޭ މިފެނުނީ.. މަންމަ އާއި ބައްޕަ ރަނގަޅުތަ؟ " އައްބާސް އަހައިލިއެވެ. އަސަދު ހީނލަމުން ބޯޖަހައިލިއެވެ. އަތުގައި އޮތް މާބޮނޑި ރޫބީއަށް ދިއްކޮށްލުމަށްފަހު މަރުހަބާ ކިޔާލިއެވެ. އެހިނދުވެސް އޭނާގެ ދެލޯ ހޯދައިލީ އަމްރާއެވެ. އަސަދުގެ އެއަމަލު ރޫބީއަށް ސިއްރެއް ނުވިއެވެ. ޙުދު ރޫބީއަށްވެސް އެވަގުތު އަމްރާ ހޯދައިލެވުނެވެ. އެހުރިހާއިރު އަމްރާ ނެތް ކަމުގެ އިހުސާސް ރޫބީއަށް ކުރެވުނީ އަދި ކިރިޔާއެވެ. އެބައަންނަން ކަމުގައި ބުނުމަށްފަހު ރޫބީ ހިނގައިގަތެވެ.
އަމްރާގެ ކޮޓަރީގައި ދެފަހަރަކު ޖަހައިލުމުންވެސް ޙަބަރެއް ނުވިއެވެ. ތަޅުގައި ހިފައި އަނބުރައިލުމާއެކު ދޮރު ހުޅުވުނެވެ. ވަރަށް ކުޑަކޮށް ހުޅުވައިލުމަށްފަހު ރޫބީ އެތެރެ ބަލައިލިއެވެ. ޑްރެސިންގް ޓޭބަލް ކައިރީގައި އިން އަމްރާ ލޯގަނޑާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި އިނެވެ. ދޮރު ބޮޑަށް ހުޅުވައިލުމަށްފަހު ރޫބީ އެތެރެއަށް ވަންނަމުން އަމްރާއަށް ގޮވައިލއެވެ. އެހެނަސް އަމްރާއަށް އެއަޑު އިވުނު ކަމަކަށް ނުވިއެވެ. ރޫބީ ގޮސް އަމްރާގެ ކޮނޑުގައި ހިފައި ކުޑަތަޅުވައިލިއެވެ. އެވަގުތު އަމްރާ ސިހިފައި ރޫބީއާ ދިމާލަށް ބަލައިލިއެވެ.
" ދޮންތަ ކޮންވިސްނުމަކަށް ގެއްލިފަ.. ބަލީތަ؟ މޫނުމަތި ހީވަނީ ހުދު ކަފަކޮޅެއްހެން.. " ރޫބީ ބުންޏެވެ. އެހިނދު އިހުސާސްތައް ކޮންޓްރޯލް ނުކުރެވި އަމްރާއަށް ރޮވުނެވެ. ރޫބީ ހާސްވެފައި އަމްރާ ކައިރީގައި ކުޑަކަކޫ ޖަހައިގެން އިށިނެވެ.
" ކިހިނެއްވީ ދޮންތާ..؟ ބަލީތަ؟ ތަނަކަށް ތަދުވަނީތަ؟ ޒިވަންއާ މައްސަލަ ޖެހުނީތަ؟ " އަމްރާގެ ކަރުނަތައް ފޮހެދެން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ.
" އެބޭވަފާތެރިޔާގެ ނަންވެސް ނުކިޔާ...." ރުއިމގެ ތެރެއިން އަމްރާ ބުންޏެވެ.
" ޒިވަން ކީއްކުރީ؟" ރޫބީ އަހައިލިއެވެ. އަމްރާ ހުރިހާ ވާހަކައެއް ރޫބީއަށް ކިޔައިދިނެވެ. ރޫބީވެސް ހުރީ އެވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.
" ބޭވަފާތެރިޔަކަށްޓަކައި ކަރުނަ އަޅާ ރުއިމަކީ ބޭކާރު ކަމެއް... އެނގޭ ދޮންތަ ޒިވަން ދެކެ ވަރަށް ލޯބިވިކަން.. އެނގޭ ދެން އިތުރު މީހަކަށް އިތުބާރު ކުރަންވެސް އުނދަގޫވާނެކަން.. އެކަމަކު ދޮންތަ ޔޫ އާރ ވަން އޮފް ދަ ޕްރިޓިއެސްޓް ގާލް އައި ހޭވް އެވަރ ސީން.. ދޮންތައަށް ޒިވަންއަށް ވުރެ މާރަނގަޅު ކުދިންވާނެ ކަން އަހަރެންނަށް ޔަގީން.. " ޓިޝޫއަކުން އަމްރާގެ ކަރުނަތައް ފޮހެދެމުން ރޫބީ ބުންޏެވެ.
" ސޮރީ ރޫބީ.. ރޫބީއަށް މިއޮއް ހާއްސަ ދުވަހު މިގޮތަށް އުޅެވުނީމަ.." އަމްރާ ބުނެލިއެވެ.
" އެއީ ކަމެއް ނޫން.. އެކަމަކު އެންމެންނާއެކު ކެއުމުގައި ބައިވެރިނުވެ ދޮންތަ މިތާ އެކަހެރިވެގެން އިނިއްޔާ ޔަގީނުންވެސް އަހަރެންގެ މިދުވަސް ހަރާބުވާނެ.. " ރޫބީ ބުންޏެވެ.
*******************
އެކި ވާހަކަތަކުގައި ތިބެ އެންމެން ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އެތަނުގައި ބަސްމަދުވެފައި އިނީ ނަޖުވާ އެކަންޏެވެ. އިރުއިރުކޮޅާ އޭނާއަށް ރޫބީއާއި އާކިންގެ ހަރަކާތްތަކަށް ބެލެމުން ދިޔައީ ބޭއިޙްތިޔާރުގައެވެ. އަރީކާއި ޒޫނީ އުޅޭލެއް ލޯބިކަމުންވެސް އެދިމާލަށްވެސް ބެލެމުން ދިޔައެވެ.
އަސަދުގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަމްރާއާ ވަކިނުވެއެވެ. މީހަކަށް އެކަން ފާހަގަ ވެދާނެކަމަށް އޭނާގެ ފަރުވާލެއް ނެތެވެ. ކެތްތެރިކަމެއްނެތި އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަމްރާގެ ޖަވާބަކަށެވެ.
ކައިނިމި ފޮނި ކާއެއްޗެއް ކޮންމެ މީހަކަށް ގެނެސް ދެވުނެވެ. އަމްރާ ވާހަކަ ދައްކަން ފެށީ އެވަގުތުއެވެ.
" އަހަރެން މަމް އާއި ބައްޕަ އަދި ތިއެންމެން ކައިރީގައި ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން.. " އަމްރާ ބުންޏެވެ. އެހިނދު އެންމެންގެ ނަޒަރު އަމްރާއަށް ހުއްޓުނެވެ. އަސަދުގެ ހިތްތެޅިލީ އާދަޔާ ހިލާފަށެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާ ﷲ، 13 މާރިޗް ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް