ޔޫ އާރ މައި ޕްރެޒެންޓް.. މައި ފިއުޗާ އިންޝާﷲ.. އޯލް އައި ވޯންޓް އިޒް ޖަސްޓް ޔޫ.. އޮންލީ ޔޫ.." ރޫބީ ގެނެސް މޭގައި ޖައްސައިލަމުން އާކިން ބުންޏެވެ. ހިނިތުންވެލުމާއެކު ރޫބީ އާކިންގެ އަތުގެ ތެރޭގައި އިތުރަށް ބޮނޑިވެލިއެވެ.
*******************
ދުވަސްތައް މާޒީގެ ޞަފްހާ ތަކާއި އެކުވަމުން ގޮސް ހަތަރު މަސް ފާއިތުވެގެން ދިޔައީ އެސްފިޔާ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ރޫބީއާއި އާކިންގެ ގުޅުން ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ. އާކިންގެ ފަރާތުން ރޫބީއަށް ލިބެމުން ދިޔަ އިންތިހާއީ ލޯތްބާއި އަޅައިލުމުގެ ސަބަބުން ރޫބީ ހުންނަނީ އަބަދުމެ އުފަލުންނެވެ. ރޫބީއާއި ނަޖުވާގެ ގުޅުންވެސް ރަނގަޅެވެ. އެހެންނަމަވެސް ކުރިން ހޭދަކުރާހެން އެކުގައި ހޭދަކުރާ ވަގުތު މަދެވެ. ރޫބީގެ ދިރިއުޅުމުގައި ފިރިމީހާއާއި އޭނާގެ އާއިލާއަށް ދޭންޖެހޭ ވަގުތުވެސް އިތުރުވެފައިވާތީއެވެ.
މުއީން ނިޔާވި ދުވަހުން ފެށިގެން ސައިފްގެ ޙަބަރެއް އެއްގޮތަކަށްވެސް ނަޖުވާއަކަށް ނުވެއެވެ. ރޫބީ ކައިރީގައި ބުނެގެންވެސް ސައިފަށް ގުޅޭތޯ އެތައް މަސައްކަތެއް އޭނާ ކުރިއެވެ. އެހެންނަމަވެސް ސައިފްގެ ފޯނު އޮންނަނީ ނިއްވާލާފައެވެ. ސައިފް މިހާރު އެރަށުގައި ނޫޅޭކަން ނަޖުވާގެ އަވައްޓެރިއެއްގެ ފަރާތުންވަނީ އެނގިފައެވެ. ނަޖުވާ ސައިފް މަތިން ހަނދާންނުވާ އެންމެ ދުވަހެއްވެސް ނުދެއެވެ. ކުރީގެ ދިރިއުޅުން އަނބުރާ ލިބުނީތީ އެކަމާ ނަޖުވާ އުފާކުރިނަމަވެސް ސައިފްއާ އެއްކޮށް އުޅުނު ދުވަސްތައް އަނބުރާ ލިބިދާނެބާއޭ ހިތަށް އަރާ ފަހަރުވެސް މަދެއް ނޫނެވެ. އަބަދު ގޭގައި އިންނަން ޖެހި މާބޮޑަށް ވިސްނާ ފިކުރުކުރެވުމުގެ ނަތީޖާއަކަށްވީ އަނެއްކާވެސް ނަޖުވާ މާޔޫސް ބައްޔަށް ހުށައެޅިގެން ދިއުމެވެ. ނަމަވެސް އެވާހަކަ އެއްވެސް މީހަކާ ޙިއްސާ ކުރާކަށް ނަޖުވާ ބޭނުމެއް ނުވިއެވެ. ރޫބީއާއި ރީނާ ކައިރީގައި ބުނެގެން އެމީހުންނަށް އިތުރު ތަކުލީފެއް ދޭން ބޭނުންނުވާތީއެވެ.
************************
ހެނދުނު ތުނިތުނިކޮށް ވެހެން ފެށި ވާރޭ ހަވިރުވީއިރު ބޯކޮށްފިއެވެ. އެއް ވާނަކަށް ވައި ޖެހެމުން ދިޔައިރު މުޅި ދުނިޔެ ގަނޑުފެންކޮޅަކަށް ވެއްޖެއެވެ. ވެރެންޑާގައި އަމްރާ ބޭރު ބަލަހައްޓައިގެން ހުއްޓެވެ. ދެއަތް ދެއަތާ ހާކަމުން އަމްރާ ދިޔައީ ހީކަރުވާފައި ހުރިލެއް ބޮޑުކަމުންނެވެ. ވާރޭ ވެހޭ މަންޒަރު ކިތަންމެ ހިތްގައިމު ނަމަވެސް އަމްރާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ފާއިތުވެދިޔަ ހަތަރުމަސް ތެރޭގައި އޭނާއާއި ޒިވަންގެ ގުޅުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ. ޒިވަންގެ ފަރާތުން ލޯތްބާއި އަޅައިލުން ލިބުނުނަމަވެސް އޭނާ ކޮންމެވެސް ކަމެއް ފޮރުވާހެން އަމްރާއަށް ހީވަނީއެވެ. އެކަމުގެ ސަބަބުން ދެމީހުންގެ ދޭތެރޭގައި ކޫސަނި މައްސަލަތައް ޖެހުން ގިނަވެއްޖެއެވެ. ކުރިން އަބަދުހެން ގުޅާ މީހާ މިހާރު ގުޅާލަނީ މަދު ފަހަރަކުއެވެ. ޙާއްސަކޮށް ނިދާ ވަގުތު ގިނަ ވާޙަކަތަކެއް ދެއްކުމުގައި ހޭދަކުރާ ޒިވަން މިހާރަކަށް އައިސް އަވަހަށް ނިދާ ދުވަސްކޮޅެކެވެ. އެންމެ ބޮޑު ޙައިރާން ކަމެއް ލިބުނީ އަމްރާ އޭނާގެ ގެއަށް ގެންދަން ޒިވަން ބޭނުންނުވާތީއެވެ. ކައިވެނީގެ ކުރިން ގެންދަން ބޭނުންނުވަނީ ޔޯލައެވެ. އެކަމަކު އެއީ ޒިވަންގެ ގޮތެއް ނޫންކަން އަމްރާއަށް އެނގެއެވެ. ރޭގަނޑު އެހާ އަވަހަށް ނިދުމަކީ ޒިވަން އާދަވެފައިވާ ކަމެއް ނޫނެވެ. ކުރިން އަބަދުވެސް ޒިވަން ހުންނަނީ އަމްރާ އޭނާގެ ގެއަށް ގެންގޮސް އެއްކޮށް ވަގުތު ހޭދަކުރަން ބޭނުންވެފައެވެ. ކުއްލިއަކަށް އެފަދަ ކަންކަން ބަދަލުވާނީ ކޮންމެވެސް ސަބަބެއް އޮވެގެން ކަމުގައި އަމްރާއަށް ޤަބޫލުކުރެވެއެވެ. މައްސަލައަކީ ސަބަބެއް އެހުމުން އެއްވެސް ތާކުން ތާކު ނުޖެހޭ ފަދަ ޖަވާބުތައް ޒިވަން ދޭތީއެވެ. އެކިފަހަރު އެކި ކަހަލަ ޖަވާބެވެ. މިފަދަ ކަންތައްތަކެއްގެ ސަބަބުން އަމްރާގެ ހިތުގައި ޒިވަންއަށްޓަކައި ޝައްކު އުފެދެނީއެވެ. މިހާރު ބޭނުންވަނީ ޔަގީން ކުރުމަށެވެ.
މީހެއްގެ ހިލަންވި އަޑަށް އަމްރާ ސިހިފައި ބަލައިލިއެވެ. ދޮރު ހުލުވާލާފައި ނިކުތް އަސަދު ފެނުމުން އަމްރާ ހިނިތުންވެލިއެވެ. އަސަދު އެތަނަށް ނިކުތީ އެތަނުގައި އަމްރާ ހުރެދާނެ ކަމަކަށް ނޫނެވެ. އާކިން ގުޅާފައި އެތަނަށް އަންނަން ބުނުމުންނެވެ. އެހެންނަމަވެސް އަމްރާ ފެނުމުން އަސަދަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާ އެހުންނަނީ އެފަދަ ގޮތަކަށް އަމްރާއާއެކު އެކަނިވެލާނެ ފުރުސަތަކަށް ބޭނުންވެ ނުލިބިފައެވެ.
" އާކި ހޯދަނީތަ..؟ " އަސަދު ބަލަހައްޓައިގެން ހުންނަން ފެށުމުން އަމްރާ އަހައިލިއެވެ.
" އަ.. އާން... އިރުކޮޅެއް ކުރިން ގުޅާފަ މިތަނަށް އަންނާށޭ ބުނީމަ.. ކޮބާ؟" އަސަދު އަހައިލިއެވެ.
" ރޫބީގެ ރިޕޯޓް ނަގަން ހޮސްޕިޓަލަށް ދިޔަ ގޮތަށް އަދި ނާދޭ... މިތާ މަޑުކޮށްލަންވީނު.." ހިތްހެޔޮކަމާއެކު އަމްރާ ބުނެލިއެވެ. އަސަދު ބޯޖަހައިލަމުން އައިސް އަމްރާ އާއި ދާދި ކައިރީގައި ހުއްޓުނެވެ.
" އެމީ ރަނގަޅުތަ؟ " ދެޖީބަށް އަތް ޖަހައިލަމުން އަސަދު އަހައިލިއެވެ.
" އާނ.. ރަނގަޅު.. އަސަދު ރަނގަޅުތަ؟ " އަމްރާވެސް އަހައިލިއެވެ. އަސަދު ބޯޖަހައިލިއެވެ. ދެން ދިޔައީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އިރުއިރުކޮޅުން އަމްރާގެ މޫނަށް އޭނާ ބަލަމުން ދިޔައީ ވާހަކައެއް ބުނަން ބޭނުންވާ ފަދައަކުންނެވެ. ހިތާހިތުން ދުޢާ ކުރަމުން ދިޔައީ އާކިން އަވަހަކަށްވެސް އެތަނަށް ނާދޭތޯއެވެ.
" އަސަދު ވާހަކައެއް ބުނަން ބޭނުންވީތަ؟" އަސަދުގެ އެބެލުން ފާހަގަވެ އަމްރާ އަހައިލިއެވެ.
" އެމީ.. އަހަރެން އެމީ ކައިރީގައި ވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ވަރަށް ގިނަ ދުވަސްވެއްޖެ.." ލަސް ކުރުމެއް ނެތި އަމްރާގެ ކުރިމަތީގައި އޭނާގެ ހިތްހުޅުވައިލަން އަސަދު ތައްޔާރުވިއެވެ.
" އަނެއްކާ ކޮންވާހަކައެއް؟ ހެހެ.." ހީނލަމުން އަމްރާ ބުނެލިއެވެ. ކަންބޮޑުވި ވަރުން އަސަދު އިތުރަށް ފިނިވިއެވެ. ދެފައި ތުރުތުރުލާހެން ހީވެ ނޭވާވެސް އަވަސްވިއެވެ. އެއްވެސް ވާހަކައެއް ނޫނޭ ބުނެ އެތަނުން ދާންވެސް ހިތަށް އެރިއެވެ. ނަމަވެސް ކާމިޔާބުވާނީ މިކަމާ ކުރިމަތިލައިގެންކަން އޭނާގެ ހިތް އޭނާއަށް ވިސްނައިދިނެވެ.
" އެމީ.. އެމީ. އައި... އައި.... އަހަރެން ވަރަށް ކުރީއްސުރެން.. އެމީ ދެކެ ލޯބިވޭ..." ވަރަށް އުނދަގުލުން އަސަދު ބުނެލިއެވެ. " އަހަރެން ބޭނުން އެމީ އާ މެރީ ކުރަން..."
އަމްރާ ހައިރާނެއް ނުވިއެވެ. ހިނދުކޮޅަކަށް ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިނަމަވެސް ފަހުން ހޭންފެށިއެވެ. އަސަދުވެސް ހުރީ ރަކިވެފައެވެ. އަމްރާ ހޭން ފެށުމުން އިތުރަށް ރަކިވެ ބޯކަހައިލެވުނެވެ.
" އަހަރެންނަށް ކުރިންވެސް އެނގޭ އަސަދު އަހަރެންނާ މެދު ތިފަދަ ނަޒަރަކުން ދެކޭކަން.. އަސަދު އަހަރެންނަށް ބަލާގޮތް ތަފާތުކަން އަހަރެންނަށް އިހުސާސްވޭ.. އެކަމަކު އަސަދާ މެދު އަހަރެން އެފަދަ ގޮތަކަށް ނުދެކެން.. އަސަދުތީ އާކިގެ ބެސްޓް ފްރެންޑް.. އަނެއްކާ އަހަރުމެންގެ އޭޖްގަ ޑިފަރެންސް އެބަހުރި.. ސޯ... ވަރަށް ބޮޑަށް ސޮރ....." އަމްރާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ އަސަދު ވާހަކަ ދައްކަން ފެށުމުންނެވެ.
" އެމީ ޕްލީޒް... އަހަރެން އެމީ ދެކެ ލޯބިވީ މިއަދަކު ނޫނީ އިއްޔައަކު ނޫން.. އަހަރެންގެ ސްކޫލު ދައުރުން ފެށިގެން އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި އެމީ.. އުމުރުގެ ތަފާތަކީ އަހަރެންނަށް އެއްވެސް މައްސަލައެއް ނޫން.. އަހަރެން މިވީހާ ދުވަހު މީހަކާ ނީނދެ މިހުންނަނީ ހަމައެކަނި އެމީގެ އިންތިޒާރުގައި.. އަހަރެންނަށް ކަމެއް ކޮށްދެންޏާ މިކަމާ ރަނގަޅަށް ވިސްނާފައި އަހަރެންނަށް ޖަވާބެއް ދީ... އެމީގެ ޖަވާބެއް ލިބެންދެން އަހަރެން މިގޮތުގައި އެމީގެ އިންތިޒާރުގައި ހުންނާނަން..." އަސަދު ބުންޏެވެ. އަމްރާ ވާހަކަ ދައްކަން އުޅުނެވެ. ޒިވަންގެ ވާހަކަ އަސަދު ކައިރީގައި ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން އަސަދު އެތަނުން ދުރަށް ހިނގައިގަތެވެ.
*************
ގޭތެރެއަށް ވަނުމަށްފަހު އަސަދު އާކިންއަށް ގުޅަން ފޯނު ނެގިއެވެ. އެވަގުތު ބާރު ހިނގުމެއްގައި ގެއަށް ވަދެގެން އަންނަ އާކިން ފެނުނެވެ. ދުވަމުން ކަހަލަ ގޮތަކަށް ސިޑިން އެރި އާކިންއަށް އަސަދު ގޮވައިލިއެވެ. އެހެންނަމަވެސް އެއަޑު އާކިންއަށް އިވުނުހެނެއް ހިޔެއް ނުވެއެވެ. އާކިންގެ ފަހަތުން ދާން ނޫޅެ އަސަދު އެގެއިން ނިކުތުމަށް ހިނގައިގަތެވެ. މިވަގުތު އެކަނިވެލަން ބޭނުންވާތިއެވެ.
**********************
ދުވަމުން ކަހަލަ ގޮތަކަށް ގޮސް އާކިންއަށް ކޮޓަރިއަށް ވަދެވުނުއިރު ރޫބީ ފާހާނައިން ނިކުންނަނީއެވެ. ރޫބީ ފެނުމާއެކު އާކިން ގޮސް ރޫބީ އުރައިލިއެވެ.
" އޯވހް ރޫބީ އައިމް ސޯ ހެޕީ..." ރޫބީ ގޮވައިގެން އެނބުރިލަމުން އާކިން ބުނެލިއެވެ. އޭނާގެ އަޑުގައިވި އުފާވެރިކަން އިހުސާސްވެ ރޫބީއަށްވެސް ހެވުނެވެ.
" އަޅޭ އާކި.. އެނބުރުން އެބަ އަރާ.. ތިރީގައި ބަހައްޓަބަލަ..." ބޮލުގައި އަތް އަޅައިލަމުން ރޫބީ ބުންޏެވެ.
" ސޮރީ ސޮރީ.." އާކިން މަޑުމަޑުން ރޫބީ ތިރީގައި ބެހެއްޓިއެވެ. އެއަށްފަހު ރޫބީގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލަމުން ނިތުގައި ބޮސްދިނެވެ.
" ކިހިނެއްވީތަ މާއުފާވެގެން ތިއުޅެނީ...؟" ރޫބި އަހައިލިއެވެ. އާކިން އޭނާގެ ޖީބުން ހުދު ސިޓީ އުރައެއް ނެގުމަށްފަހު ރޫބީއަށް ދިއްކޮށްލިއެވެ.
" ރިޕޯޓް ނެގީތަ؟" ސިޓީއުރައިގައި ހިފަމުން ރޫބީ އަހައިލިއެވެ. އެސިޓީ އުރަ ކަނޑަމުން ދިޔައިރު ރޫބީގެ ހިތްވެސް އަވަސްވެފައިވިއެވެ.
" ޕޮޒިޓިވް... " ވައިއަޑުން ރޫބީ އަށް ބުނެވުނެވެ. އެހިނދު ވީ އުފަލުން ރޫބީގެ ދެލޯ ފުރިގެން އައެވެ. ރޫބީއަށް ވީގޮތް ފެނި އާކިން ރޫބީގެ ގައިގައި ބައްދައިލިއެވެ.
" ޔެސް މައި ލަވް.. ވީ އާރ ޕްރެގްނެންޓް.." ވަރަށް ލޯތްބާއެކު ރޫބީގެ އިސްތަށިގަނޑުގައި ފިރުމައިލަމުން އާކިން ބުންޏެވެ.
" ކޮބާ ފޯނު.. މަންމައަށް އެނގުނިއްޔާ ވަރަށް އުފާވާނެ.." ރޫބީ އާކިންއާ ދުރުވެލުމަށްފަހު އޭނާގެ ފޯނު ހޯދައިލިއެވެ. ޑްރެސިންގް ޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށްފަހު ރީނާއަށް ގުޅައިލިއެވެ. އާކިން ހިނިތުންވެފައި ރޫބީގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ.
******************
ނަޖުވާއަށް ކޮޓަރިން ނިކުމެވުނުއިރު ސޯފާގައި އިން ރިނާ ކޮންމެވެސް މީހަކާ ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވަނީއެވެ. ހެވިދިލިފައި އިން ރީނާ ފެނުމުން ނަޖުވާ ހިތްހަމަޖެހުނެވެ. ފާއިތުވެދިޔަ ހަތަރުމަސް ތެރޭގައި ރީނާ އެގޮތަށް ހިނިތުންވެގެން އިންދާ ފެނުނުމީ ފުރަތަމަ ފަހަރެވެ.
" ދައްތާ ހާދަ އުފަލުން... ކާކު ގުޅީ..." ތެތްވެފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލަމުން ނަޖުވާ ގޮސް ރީނާ ކައިރީގައި އިށީނެވެ.
" ނަޖޫއަށް ނިދިފަތަ އޮތީ.. ދައްތަ ވަރަށް ޓަކިޖެހިން ދޮރުގައި... " އެއިންގޮތަށް އިނދެ ރީނާ ބުނެލިއެވެ.
" އާނ އިރުކޮޅެއް ކުރިން ހޭލެވުނީ.. ވިއްސާރަވީމަ ވަރަށް އަރާމުކޮށް ނިދާލެވިއްޖެ..." ނަޖުވާ ބުނެލިއެވެ. ރޫބީގެ ވާހަކަ ނަޖުވާ ކައިރީގައި ބުނަން އުޅެފައި ރީނާ ފަސްޖެހުނެވެ. ނަޖުވާ ދެރަވެދާނެތީއެވެ. އަދިވެސް ނަޖުވާ އާކިން ދެކެ ލޯބިވާކަމަށް އިހުސާސް ކުރެވޭތީއެވެ. އާކިން އެގެއަށް އަންނަ ކޮންމެ ފަހަރަކު ނަޖުވާ ބަލާނީ އަވަހަށް ކޮޓަރިއަށް ވަދެވޭތޯއެވެ. އެކަމުން ރީނާއަށް ދޭހަވި އެންމެ މާނައެކެވެ. އާކިން ރޫބީއާ އެއްކޮށް އުޅޭ މަންޒަރު ބަލަން ނަޖުވާއަށް އުނދަގޫވަނީއެވެ.
" ދެން ބުނެބަލަ.. ކިހިނެއްވީ މާއުފަލުން ތީނީ...." އަނެއްކާވެސް ނަޖުވާ އަހައިލިއެވެ. ރީނާ އެވާހަކަ ބުނަން ޖެހިލުންވެފައި ނަޖުވާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ.
" ކިހިނެއްވީ އަނެއްކާ.. ބުނެބަލަ..." މޫނުމައްޗަށް ސީރިއަސްކަން ގެންނަމުން ނަޖުވާ އަހައިލިއެވެ. ދެންވެސް ރީނާ އެއްޗެއް ނުބުނުމުން ނަޖުވާ ރީނާ އަތުގައި އޮތް ފޯނު އަތުލުމަށްފަހު އެންމެފަހުން ގުޅާފައި އޮތް މީހަކު ބަލައިލިއެވެ.
" ރޫބީތަ ގުޅީ.. ކީކޭ ބުނީ.. ދައްތަ ނުބުނަންޏާ އަހަރެން މިގުޅަނީ ރޫބީއަށް.." ނަޖުވާ ބުނެލިއެވެ.
" ނޫން ރޫބީއަށް ގުޅާނެ ކަމެއް ނެތް.. ދައްތަ ބުނެފާނަން.. އެކަމަކު...." ރީނާ ބުނަން ޖެހިލުންވިއެވެ.
" ދެން ޕްލީޒް ދައްތާ ބުނެބަލަ... އަހަރެން މިހާރު ބިރުގަންނަން ފަށއިފި" ކެތްމަދުވެފައިވާ އިނދެ ނަޖުވާ ބުންޏެވެ.
" ރޫބީ ބަނޑުބޮޑު..." ނޭވާ ހިފަހައްޓާލައިގެން އިނދެ ރީނާ ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، އަށެއް މާރިޗް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ، އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް