ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ތިރީސް ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ނަޖޫ.." މަޑު އާހަކާއި އެކު ރޫބީއަށް ބުނެވުނެވެ. އެހނިދު އެތާ ތިބި އެހެންމީހުންވެސް ރޫބީ ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއެވެ. އާކިންވެސް ސިހިފައި ބަލައިލިއެވެ.   އެހާ ދު...

03 Mar 2022 | 17:42

ކުރީގެ އަދަދާއި ގުޅޭ...

ނަޖޫ.." މަޑު އާހަކާއި އެކު ރޫބީއަށް ބުނެވުނެވެ. އެހނިދު އެތާ ތިބި އެހެންމީހުންވެސް ރޫބީ ބަލަހައްޓައިގެން ހުރި ދިމާލަށް ބަލައިލިއެވެ. އާކިންވެސް ސިހިފައި ބަލައިލިއެވެ.   އެހާ ދުވަސް ފަހުން ނަޖުވާ ފެނުމުން އާކިން ހީކުރި ގޮތް އޭނާއަށް ނުވުމުން ޙުދު އާކިންވެސް ހުރީ ހައިރާންވެފައެވެ. އެކަމުންވެސް އޭނާއަށް ދޭހަވީ އެންމެ ކަމެކެވެ. އެއީ ނަޖުވާއާ މެދު އޭނާގެ އިޙުސާސްތައް މިހާރު ބަދަލުވެފައިވާކަމެވެ. ކައިރީގައި ހުރި ރޫބީއަށް އާކިންއަށް ބަލައިލެވުނީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ..

ފެންކަޅިވެފައިވާ ދެލޮލުން ނަޖުވާ ބަލަމުން ދިޔައީ އެނދުގައި އޮތް މުއީނަށެވެ. މަޑުމަޑުން މުއީނު އޮތް އެނދާ ގާތްވަމުން އޭނާ ދިޔައިރު މުއީނާއެކު ހޭދަކުރެވިފައިވާ ވަގުތުތައް ހަނދާންވަމުން ދިޔައެވެ. ނަޖުވާ ފެނުމުން ރީނާ އިސްޖަހައިލިގޮތަށް އިސް އުފުލައިލަންވެސް ނުކެރުނެވެ. ނަޖުވާއާ މެދު ކަންތައްކުރެވުނީ އެންމެ ރަނގަޅު ގޮތުގައި ނޫންކަމުގައި އިހުސާސް ކުރެވޭތީއެވެ. ނަޖުވާގޮސް ހުއްޓުނީ ރީނާ ކައިރީގައެވެ. ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު މުއީންގެ ބޮލުގައި ނަޖުވާ ފިރުމައިލިއެވެ. ރީނާ ގައިގައި ނަޖުވާ ބައްދައިލީ އެކަމަށް ރީނާ ނުވެސް ވިސްނައި ހުއްޓައެވެ. އެކަމަށް އިންތިހާއަށް ބޭނުންވެފައި ހުރި ރީނާ ނަޖުވާގެ ގައިގައި ބައްދައިލީ ހިނދު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ.

*******************

އާއިލާގެ މީހުންނާއި ރަށުގެ ގިނަ މީހުން ސަހަރާ ތެރެއަށް ޖަމާވެފައި އޮތެވެ. މުއީންގެ ފުރާނަ ނެތް މަސްގަނޑު ކައިރިން ރީނާ އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދެއެވެ. ރީނާ ކައިރީގައި އޭނާގެ ގައިގައި ހިފަހައްޓާލައިގެން ހުރާޝާ ހުއްޓެވެ. ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލާވޭތޯ އޭނާ ކުރެވުނު ހިތްވަރެއް ކުރަމުން ދިޔައެވެ. އެތަނުން ގޮނޑިއެއްގައި ނަޖުވާ އިށީނދެގެން އިން އިރު އޭނާއަށް ރޮވެނީއެވެ. ކައިރީގައި އިން ސައިފް އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ. ތަންކޮޅެއް ދުރުގައި ހުރި އާކިންގެ މޭގައި ލައްވެލައިގެން ހުރެ ރޫބީވެސް ރޮނީއެވެ. ބޭއިޙްތިޔާރުގައި ނަމަވެސް ނަޖުވާއަށް އިރުއިރުކޮޅުން ރޫބީއާއި އާކިން އާ ދިމާލަށް ބަލައިލެވެއެވެ. އެކަން ސައިފަށް ސިއްރެއް ނުވިއެވެ. އަދިވެސް ނަޖުވާ ލޯބިވަނީ އާކިން ދެކެކަން އިހުސާސްވި ހިނދު އޭނާގެ ހިތަށް ތޫނު ތަދެއް އިހުސާސް ކުރެވިގެން ދިޔައެވެ..

ސަހަރާގެ ބޭރުގައި އަމްރާ ހުއްޓެވެ. ޒިވަންއަށް ގުޅަން މަސައްކަތް ކުރާތާ އެތައް އިރެއް ވިއީރުވެސް އޭނާ ފޯނު ނުނަގާތީ އަމްރާ ހުރީ ކަންބޮޑުވެފައެވެ. އަސަދަށް އާދެވުނީ އަމްރާ އެތަނުގައި ހުއްޓައެވެ. އާދައިގެ މަތިން މިފަހަރުވެސް އަމްރާ ފެނުމުން އަސަދުގެ ހިތަށް ގޮތެއްވިއެވެ. ހިތް ފުރެންދެން ބަލަހައްޓައިގެން ހުންނަން ބޭނުންވިޔަސް ވަގުތުގެ ގޮތުން އޭނާއަށް މަޖުބޫރުވީ އެތެރެއަށް ވަނުމަށެވެ.

ޒިވަން ފޯނު ނުނެގުމުން އެންމެ ފަހުން އަމްރާ ކާރުގައި ޒިވަން ބަލާ އޭނާގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ޒިވަންގެ ގެ ހުންނަނީ ސަހަރާއާ މާދުރު ނޫން ހިސާބެއްގައި ކަމުން އެގެއަށް ދާކަށް މާގިނައިރެއް ނުނެގިއެވެ. ކާރު ޕާކު ކުރުމަށްފަހު އަމްރާ އެގެއަށް ވަނެވެ. ލިފްޓަށް އެރުމަށްފަހު ޒިވަންގެ އެޕާޓްމެންޓް ހުންނަ ފްލޯރގެ ނަމްބަރަށް ފިތައިލިއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއެކު އަމްރާ ނިކުތެވެ. އެޕާޓްމެންޓްގެ ދޮރުގައި ބެލް އަޅައިލި ވަގުތު ދޮރުކައިރީގައި ހުރި ގިނަ އަދަދެއްގެ ފައިވާންތައް ފެނި އަމްރާއަށް ދެބުމަ ގޮށްޖަހައިލެވުނެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައި ނުވާ މަންޒަރަކަށް ވާތީއެވެ. ދޮރާ ކަންފަތް ކައިރިކޮށްލެވުނީ އެތެރެއިން ގިނަ މީހުންތަކެއް ވާހަކަ ދައްކާ އަޑުއިވޭތީއެވެ. ދޮރު ހުޅުވާލާފައި ޒިވަން ބޯދިއްކޮށްލިއެވެ. އެހިނދު ޒިވަންގެ މޫނަށް ނުތަނަވަސްކަމެއް ވެރިވިތަން އަމްރާ ދުށްޓެވެ..

" ކާކުތަ ޒިވް؟.." އެތެރެއިން އިވުނީ އަންހެނެއްގެ އަޑެވެ..

" ފްރެންޑެއް.. މިއަންނަނީ..." އަވަސް އަވަހަށް އެހެން ބުނުމަށްފަހު ޒިވަން ނިކުމެ ދޮރު ލައްޕައިލިއެވެ.

" ކޮންބައެއް އެއުޅެނީ...؟" އަމްރާ އަހައިލިއެވެ. ވަކި އެއްޗެއް ނުބުނެ ޒިވަން އަމްރާގެ އަތުގައި ހިފައިގެން އަލުން ލިފްޓަށް އެރިއެވެ.

" އެއީ... އެއީ...." ޒިވަންއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އެންމެ ތިރީ ފްލޯރއަށް ލިފްޓްގެ ދޮރު ހުޅުވުނެވެ. ޒިވަން ނިކުތުމާއެކު ޒިވަންގެ ފަހަތުން އަމްރާވެސް ނިކުތެވެ..

" އަހަރެން ޒިވަން ފޯނަށް ހާދަ ގުޅައިފީމޭ... ހާދަ އަޑު ގަދަ ކޮށްލައިގެން.. ކޮންބައެއްތަ އެއުޅެނީ.. ޒިވަން ގޭ މީހުންތަ؟ ކީއްވެ އަހަރެން އެތެރެއަށް ނުވެއްދީ..." އަމްރާ ބުނެލިއެވެ. ޒިވަން ދެފަރާތުން އަމްރާގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.

" އެއީ އީނާގެ ފެމިލީ މީހުން.. އެމީހުން ދިރިއުޅެނީ ރާއްޖެއިން ބޭރުގައި.. ޒައިން އާ ބައްދަލުކުރަން އައިސް އެއުޅެނީ.. އޭނާގެ އުފަންދުވަހު މިކޮޅު ނުހުރެވޭނެތީ މިރޭ ސެލެބްރޭޓް ކުރަނީ.. އެމީ އެތެރެއަށް ވެއްދިއްޔާ އެމީހުން ހިތްހަމަނުޖެހިދާނެ.. ސޮރީ ލަވް..." ޒިވަން ދެރަވެލާފައި ބުންޏެވެ.

" އިޓްސް އޯކޭއޭ.. އެކަމަކު ދެން ޒިވަން ކޮންމެވެސް ދުވަހަކުން މީހަކާ އިންނާނެކަން އެމީހުންނަށްވެސް އެނގޭނެ ދޯ.. " އަމްރާ ބުނެލިއެވެ.

" ދެން ބުނެބަލަ.. ކީއްވެތަ އެވަރަށް ގުޅީ.. ބޮޑުކަމެއްވީތަ؟ " ޒިވަން އަހައިލިއެވެ.

" ބައްޕަގެ އެންމެ ގާތްއެކުވެރިޔާ އެނގެއެއްނު. މުއީންބެ.. ރޫބީގެ ބައްޕަ.. އޭނާ ނިޔާވެއްޖެ... އަހަރެން ބޭނުންވީ ޒިވަން އެތަނަށް އަންނަން... ޖަނާޒާގައި ބައިވެރިވާންވާނެއްނު.. އާފްޓަރްއޯލް ހީ އިޒް ފެމިލީ..." އަމްރާ ބުނެލިއެވެ.

" ޝިޓް.. ކިހިނެއް ދާނީވެސް.. އެމީހުންނާ ޒައިން ހަވާލުކޮށްފައި ދާކަށް އަހަރެން ބޭނުމެއްނޫން... އައި ހޯޕް ޔޫ އަންޑަސްޓޭންޑް.." ޒިވަން ދެރަވެފައި ބުންޏެވެ.

" އެއީ އެވަރުކަމެއް ނޫނޭ.. ޒިވަން ދޭ އެމީހުން ކައިރިއަށް.. އަހަރެން މިދަނީ ސަހަރާއަށް.. " ހިނިތުންވާން މަސައްކަތް ކުރަމުން އަމްރާ ބުންޏެވެ..

****************

ކަށުނަމާދަށްފަހު ހުރިހާ އަންހެންވެރިން ބޭރުގައި މަޑުކޮށްގެން ތިބީ ފިރހެންވެރިންގެ އިންތިޒާރުގައެވެ. ނަޖުވާ އައިސް އެންމެންގެ ތެރޭގައި ހުރި ރީނާގެ އަތުގައި ހިފައިލިއެވެ. އަނެއްފަރާތުގައި ހުރި ރޫބީވެސް އެހނިދު ނަޖުވާއަށް ބަލައިލިއެވެ. ނަޖުވާއަށް ގޮވައިލާ ހިތުން ރޫބީއަށް ހުރެވެނީއެއް ނޫނެވެ. އެރަޙުމަތްތެރިޔާ ގައިގައި ބައްދައިލުމަށް އޭނާ ހުރީ ކެތްމަދުވެފައެވެ. ނަމަވެސް ނަޖުވާގެ ފަރާތުން އިޝާރާތެއް ނުވަނީސް ކުރިން ގޮސް ވާހަކަ ދައްކަން ރޫބީ ހުރީ ނުކެރިފައެވެ.

" ދައްތާ.. އަހަރެންނަށް ހުރެވޭކަށް ނެތް.. މިދަނީ ދާން ވެގެން.. އިރާދަކުރެއްވިއްޔާ އަދި ދައްތަ ކައިރިއަށް އަންނާނަން..." ރީނާގެ މޫނުގައި ފިރުމައިލަމުން ނަޖުވާ ބުންޏެވެ..

" ދަރިފުޅު ކޮންތާކަށް ދަނީ.. ހިނގާ ދައްތައާއެކު.." ނަޖުވާގެ އަތުގައި ހިފާ ބާރުކޮށްލަމުން ރީނާ ބުންޏެވެ. " ދައްތަ ބޭނުމެއްނޫން އަނެއްކާވެސް ނަޖޫ ދައްތަގެ ލޯމަތިން ގެއްލޭކަށް.. "

" ރަށައް ދާންވިމަ އަހަރެންނަށް ގުޅާ. އޭރުން ދައްތައާއެކު ރަށައް ދާން އަންނާނަން..." ނަޖުވާ ބުންޏެވެ.

"ނަޖޫ..." އެންމެ ފަހުން ނުހުރެވިގެން ރޫބީ ގޮވައިލިއެވެ. ނަޖުވާވެސް ހުރީ ރޫބީއާ ހަތަރުކަޅި ހަމަކުރަން ނުކެރިފައެވެ. ރޫބީ ވާހަކަ ނުދައްކާތީ ކުރިން ވާހަކަ ދައްކަން އޭނާއަށް ވެސް ނުކެރުނީއެވެ. އެހެންނަމަވެސް ރޫބީ ގޮވައިލުމާއެކު ނަޖުވާއަށް ރޫބީއާ ދިމާލަށް ބަލައިލެވިއްޖެއެވެ.

" ނަޖޫ އަށް މަންމަގެ އެޕާޓްމެންޓްގައި ހުރެވޭނެ.... މަންމަ އެކަނި އުޅެން ރަށަށް ފޮނުވާލާކަށް އަހަރެން ބޭނުމެއް ނޫން.. އެހެންނޫނަސް ފެނިލާފަ ތިގޮތަށް ދިޔައިމަ އަހަރެންނަކަށް ކެތެއް ނުވާނެ... ވީ ނީޑް ޔޫ ނަޖޫ.. ޕްލީޒް ޑޯންޓް ގޯ..." ރޫބީއަށް ރޮވުނެވެ. އެހިނދު ހިތުގައި ޖެހުނުވަރުން ނަޖުވާގެ ދެލޯވެސް ފެންކަޅިވިއެވެ. އޭނާއަށް ރޫބީ ގައިގައި ބައްދައިގަނެވުނީ ބޭއިޙްތިޔާރުގައެވެ.

" އައިމް ސޯ ސޮރީ ނަޖޫ.. އަހަރެންނަށް މައާފު ކުރޭ.. އައި ނެވަރ މެންޓް ޓު ހަރޓް ޔޫ..." ރޮމުން ހަމައެކަނި ނަޖުވާއަށް އިވޭވަރަށް ރޫބީ ބުނެލިއެވެ. މަންޒަރު ބަލަން ހުރި ސައިފަށް ހީނލެވުނެވެ. ލޮލުގެ ކަނަކުން އައި ކަރުނަތައް ފޮހެލުމަށްފަހު އެތަނުން ދިއުމަށް ސައިފް ހިނގައިގަތެވެ..

*************

މުއީން ނިޔާވިތާ މިއަދަށް ތިންދުވަސްވީއެވެ. ދެދުވަހު ރީނާއާއި ނަޖުވާ ކައިރީގައި ހޭދަކުރުމަށްފަހު ރޫބީ ގެއަށް އައީ މީގެ އިރުކޮޅެއް ކުރިންނެވެ. ސާފު އުޑުގައި ރަސްކަން ކުރަމުން ދިޔަ ތަރިތަކަށް ބަލަހައްޓައިގެން ބެލްކަނީގައި ރޫބީ ހުއްޓެވެ. ރެއިލިންގް ގައި އަތް އަޅުވާލައިގެން ހުރިއިރު އޭނާގެ ހަނދާނަށް އަންނަމުން ދިޔައީ މުއީނެވެ. ލޮލުގެ ކަނަކުން ފޭދިފައި ކަރުނަ ހުރި ނަމަވެސް ނުރޮއެވޭތޯ ރޫބީ މަސައްކަތް ކުރަމުން ދިޔައެވެ..

އޮފީހުން އައިސް ވަން އާކިންއަށް ބެލަކަނީގައި ހުރި ރޫބީ ފެނުނެވެ. އަތުގައި އޮތް ކޯޓު އެނދުމައްޗަށް އެއްލައިލުމަށްފަހު ޓައީއަށް ދޫކުރަމުން އާކިންވެސް ބެލަކަންޏާ ދިމާލަށް ހިނގައިގަތެވެ. އާކިން ފަހަތުން ރޫބީ ގައިގައި ބައްދައިލުމާއެކު ރޫބީއަށް ސިހިފައި ބަލައިލެވުނެވެ. އެހނިދު އާކިން ރޫބީގެ ކޮލުގައި ބޮސްދިނެވެ. އާކިންގެ އެއަމަލުން މާޔޫސްވެފައިވާ ރޫބީގެ މޫނުމަތި އަލިވެ އުފާވެރިކަން ވެރިވިއެވެ. އާކިން ރޫބީގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލުމުން ރޫބީ އާކިންގެ އެހުރިގޮތަށް ހުރެ އާކިންގެ މޫނުގައި ފިރުމައިލިއެވެ..

" އައި މިސްޑް ޔޫ..." އާކިން ބުނެލިއެވެ.

"އައި ނޯވ.. އައި މިސްޑް ޔޫ ޓޫ.... " އާކިންއާ ދިމާލަށް އެނބުރެމުން ރޫބީ ބުނެލިއެވެ. އެހިނދު އާކިން ރޫބީގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. ހަޤީޤީ ލޯތްބަކީ ކޮބައިކަން އިހުސާސް މިވީ އަދި ކިރިޔާއެވެ. އެހެން އެއްވެސް މީހަކު ދެކެ ނުވާ ވަރަށް އާކިންއަށް ރޫބީ ދެކެ ލޯބިވެވިއްޖެއެވެ.

" ކީއްވެ ތިހާ ވަރަށް ތިބަލަނީ؟.." ރަކިވެފައި ހުރެ ރޫބީ އަހައިލިއެވެ. އެހިނދު ވަކިއެއްޗެއް ނުބުނެ ރޫބީގެ ނިތުގައި އާކިން ބޮސްދިނެވެ.

" މަންމަމެން ރަނގަޅުތަ؟" އާކިން އަހައިލިއެވެ. ރޫބީ ބޯޖަހައިލިއެވެ..

" މަންމަވެސް ނަޖޫވެސް އޯކޭ... އާކި ދެން ދުވަހަކުވެސް ނަޖޫއާ ވާހަކައެއް ނުދައްކާނަންތަ؟ މިހެން މިބުނީ ކުރިން ރޭ ގެއަށް ކާން އައިސްފައިވެސް ތިދެމީހުން ވާހަކަ ނުދައްކާތީ.." ރޫބީ ބުންޏެވެ.

" ކަންތައްވީ ގޮތުން ވާހަކަ ދައްކަން ނުކެރެނީ... އެހެންނޫނަސް އަހަރެންނަށް ހީވަނީ ނަޖޫ އަހަރެންނަށް ނަފްރަތު ކުރާނެހެން... ރޫބީވެސް އަހަރެންގެ ކުރީގެ ލޯބިވެރިޔާ އާ ވާހަކަ ދައްކަން ހިތްހަމައެއް ނުޖެހޭނެއްނު.." އާކިން ފަހު ޖުމްލަ ބުނެލިއިރު އެމޫނުމަތިން ލާނެތް ކަމެއް ފެންނަން ހުއްޓެވެ.

" ތީ އާކި އަށް ހީވާގޮތް.. އާކި ވާހަކަ ދެއްކިއްޔާ ނަޖޫ ވާޙަކަ ނުދައްކާ ނުހުންނާނެ.. ދެން ކުރީގެ ލޯބިވެރިޔާ އާ ވާހަކަ ދެއްކިޔަސް އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް.. ތިދެމީހުން ދުރުވީ އަހަރެންނާ ހެދި.. އަހަރެންނަށް އޯކޭ އާކި ދެއަތންބަށް...." ރޫބީ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ރޫބީގެ ތުންފަތުގައި އާކިން އިނގިލި ހުރަސްކޮށްލުމުންނެވެ.

"ޔޫ އާރ މައި ޕްރެޒެންޓް.. މައި ފިއުޗާ އިންޝާﷲ.. އޯލް އައި ވޯންޓް އިޒް ޖަސްޓް ޔޫ.. އޮންލީ ޔޫ.." ރޫބީ ގެނެސް މޭގައި ޖައްސައިލަމުން އާކިން ބުންޏެވެ. ހިނިތުންވެލުމާއެކު ރޫބީ އާކިންގެ އަތުގެ ތެރޭގައި އިތުރަށް ބޮނޑިވެލިއެވެ.


-ނުނިމޭ- ވާހަކައިގެ އާ ބައެއް، އިންޝާﷲ، ހައެއް، މާރިޗް ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް