" ރޫބީ ކޮއްކޮ ޓެރޭސްގައި.. ފޯނުގަ އިނީ.. ނާބީ ބުނީ ކާން އަންނަން.. ކޮއްކޮ ބުނީ ނުކާނަމޭ.." ނާބީ ކިޔައިދިނެވެ. ފޯނޭ ބުނުމުން އެންމެ ފުރަތަމަވެސް އާކިންގެ ހިޔާލަށް އައީ ސައިފެވެ. ރޫބީއަކީ ލަދެއްގެ ކަންފުޅެއްވެސް ނެތް އަންހެނެކޭ ހިތަށް އެރިއެވެ. އޭނާއަށް ހުރިހާ ކަމެއް ފަޅާއެރުމުންވެސް ރޫބީއަށް ބަދަލެއް ނައެވެ. ކާހިތް ކެނޑި އާކިން އިންތަނުން ތެދުވެގެން ހިނގައިގަތެވެ. އައިސްފައިވާ ރުޅީގައި އޭނާގެ މިސްރާބުހުރީ ޓެރެސްއަށް އެރުމަށެވެ.
" އާކި އަށް ކިހިނެއްވެފަތަ އެހުރީ.. ހީ އިޒް އެކްޓިންގް ސްޓްރޭންޖް... " އާކިން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ އަރީކް ބުނެލިއެވެ.
" ނޭނގެ.. ރޫބީއާ ދެމީހުން ކޮންމެވެސް މައްސަލައެއް ޖެހިގެން އުޅެނީ... " ޒޫނީ ބުނެލިއެވެ.
" އަހަރެން ކުރިން ދުވަހަކުވެސް ނުދެކެން އާކި އެހާ ރުޅި އައިސްފައި ހުއްޓައެއް.. އަހަރެންގެ ހިތް ބުނަނީ ކޮންމެވެސް ވަރަށް ބޮޑު ކަމެއް ވެއްޖެއޭ.. ރިކީ ކޮންއިރަކުތަ މަންމައާއި ބައްޕަ އަންނަނި.. މިހާރު ކިހާ ދުވަހެއް މިވަނީ؟" ހިތްނުތަނަވަސް ވެފައިވާ ހާލު އަމްރާ އަހައިލިއެވެ.
" މިހަފްތާ ތެރޭގައި އަންނާނަމޭ ބުނީ.. ވަކި ދުވަހެއް ނުބުނޭ... " އަރީކް ބުންޏެވެ.
" ހިނގާބަލަ އަޅެ ވީގޮތެއް ބަލައިލަން.. " ޒޫނީ ބުނެލިއެވެ.
" ބޭޑް މެނަރސް ޒޫން.. " އަމްރާ އެކަން މަނާ ކުރިއެވެ.
" ދޮންތާ އަހަރެމެން މިރޭ ނިދާނީ ޒޫން މެންގެ ގޭގަ.. އެގޭ ކުއްޖެއްގެ ބާތުޑޭ ވީމަ ސަޕްރައިޒެއް ދޭން ރާވާތީ.. އެހެންވެ އެކޮޅުގަ މިރޭ މަޑުކުރާނީ.." އަރީކް ބުންޏެވެ. އަމްރާ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލިއެވެ.
********************
އާކިން ޓެރޭސްއަށް އެރިއިރު އޭނާއަށް ފުރަގަސްދީގެން ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ރޫބީ ހުއްޓެވެ. ފިޔަވަޅުގެ އަޑު ނީއްވާ މަޑުމަޑުން ގޮސް އާކިން ރޫބީގެ އަޑުއިވޭ ފަށުގައި ހުއްޓުނީ ދައްކާ ވާހަކައެއް އެހުމުގެ ގޮތުންނެވެ.
" ވަރަށް ހަނދާންވޭ... ވަރަށް ހިތްދަތިވޭ ފެންނަން ނެތީމަ.. " ގިސްލުމުގެ ތެރެއިން ރޫބީ ބުނި އަޑުއިވުނެވެ. އާކިންގެ މުށްކެވިގެން ދިޔަ ހިނދު ދަތްތަކަށް ބާރުކޮށްލެވުނެވެ. އާކިންއަށް ހުރިހާ ކަމެއް ފަޅައިއެރުމުން ވެސް ރޫބީ އެކަން ހުއްޓާކަށް ނޫޅުނޭ ހިތަށް އެރިއެވެ.
ފޯނު ބޭއްވުމަށްފަހު ރޫބީ ދެލޯ ފޮހެލިއެވެ. ދާންވެގެން އެނބުރުނު ވަގުތު ކުރިމަތީގައި ހުރި އާކިން ފެނިފައި ސިހުނެވެ. އާކިންގެ މޫނުމަތިން ފެންނަމުން ދިޔަ ރުޅިވެރިކަމުން ރޫބީގެ ހިތަށް އިތުރު ނުތަނަވަސްކަމެއް ވެރިވިއެވެ. އެހިނދު ޖަހައިލި ބާރު ގުގުރީގެ އަޑަށްވެސް ރޫބީ ދިޔައީ ސިހިގެންނެވެ. އާކިން ކަމެއް ކޮށްފާނެކަމަށް ބިރުން އަވަހަށް އެތަނުން ދާން ހިނގައިގަތް ވަގުތު އާކިން އެއްލި އަތުން ހިފީ ރޫބީގެ އަތުގެ މުލައްދަނޑީގައެވެ.
" ބުނަން ރޫބީ ވާހަކައެއް.. މާފޮޅުވަން ކޮންމެވެސް އެހެން ތަނެއް ހޯދާ.. ތި ހަރާމް ގުޅުމަށް މިގޭ ހަތަރު ފާރުން އެތެރެއިން ޖާގައެއް ނެތް... " އާކިން ބުނެލިއެވެ.
" ﷲއަށް ޓަކައި ބުނަން އާކިން.. ތިބުނާ ފަދަ ގުޅުމެއް އަހަރެން އެއްވެސް މީހަކާ ނުބާއްވަން.. ކަންތައްވަނީ އާކިން ތިހީކުރާފަދަ ގޮތަކަށް ނޫން... އިހަށް ހަމަޖެހިގެން އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ..." މަޑުމައިތިރިކަމާއެކު ރޫބީ ބުނެލިއެވެ.
" ކަލޭ ދައްކާ ވާހަކަ އަޑުއެހުމަށްވުރެ އަހަރެންނަށް މާރަނގަޅު މިތަނުން ތިރިއަށް ފުންމާލަންވެސް.. އޭރުން ކަލޭ ހަދާ ދޮގުތައް އަޑުއަހާކަށް ނުޖެހޭނެއްނު... " ރޫބީ އަތުން ދޫކޮށްލަމުން އާކިން ބުނެލިއެވެ.
" އާކިން ތިހީކުރާފަދަ ގުޅުމެއް އަހަރެންނާ ސައިފްގެ މެދުގައި ނެތް.. ތީ އާކިންއަށް ކުރެވިގެން އުޅެ ކުށްހީއެއް..." އާކިންގެ ކުރިމަތީގައި ހުއްޓެމުން ރޫބީ ބުންޏެވެ.
" ﷲއަށް ބިރުވެތިވެބަލަ ރޫބީ.. ހީކުރީތަ ދެންމެ ރޫބީ މާފޮޅުވި އަޑު އަހަރެންނަށް ނީވޭނޭ.. " މަލާމާތުގެ ރާގަކަށް އާކިން ބުނެލިއެވެ.
" ނޫން ނޫން އާކިން... އަހަރެން ވާހަކަ މިދެއްކީ ސައިފަކާ ނޫން.... އަހަރެންގެ މަންމައ..." ރޫބީއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
" ސޭވް އިޓް ރޫބީ... ޖަސްޓް ގިވް މީ ދަ ޑޭމް ފޯން... " ރޫބީއާ ދިމާލަށް އަތް ދިއްކޮށްލަމުން އާކިން ބުނެލިއެވެ.
" އިނަފް އާކިން... އެންމެ ފަހަރަކުވެސް އަހަރެން ދައްކާ ވާހަކަ އަޑުއެހިއްޔާ ކީއްތަވާނީ... " ރޫބީ ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ.
" ބޭކާރު ވާހަކަތަކެއް އަޑުއަހާކަށް ބޭނުމެއްނޫން.. މިބުނީނު ފޯނު ދޭށޭ.. ތީ އަހަރެން ގަނެދިން ފޯނެއް... ކަލޭ އަމިއްލައަށް ފޯނެއް ގަނެގެން ލޯބިވެރިޔާ އާ ވާހަކަ ދައްކާ..." އާކިން ބުނެލިއެވެ.
" ނުދޭނަން... މިފޯނަކީ އާކިންގެ ލާރިއަށް ގަތް ފޯނަކަށް ވިޔަސް މިހާރު މީ އަހަރެންގެ އެއްޗެއް.. " ރޫބީ ގަދަ ހަދައިލަމުން ބުންޏެވެ. ނަމަވެސް އާކިން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ކުއްލިއަކަށް ގެނައި ހަރަކާތަކާއެކު އާކިން ރޫބީ އަތުން ފޯނު ޖަހައިގަތެވެ.
" ވަޓް ދި ހެލް އާކިން ހަމަ މިހާރު އަހަރެންގެ ފޯނު ދީ..." އާކިން އަތުން ފޯނު އަތުލަން މަސައްކަތް ކުރަމުން ރޫބީ ބުންޏެވެ. އާކިން ހުޝިޔާރުވެ ހުރެ ދުވަމުން ކަހަލަ ގޮތަކަށް ގޮސް ޓެރޭސްއިން ނިކުތުމަށްފަހު ބިއްލޫރި ދޮރު ކަހައިލިއެވެ. އެއަށްފަހު ރޫބީއަށް އެހިސާބަށް އާދެވުމުގެ ކުރިން ދޮރުގައި ތަޅުލިއެވެ.
" އާކިން ދޮރު ހުޅުވާ... ކިހާދެރަކަމެއްތަ... ގެނޭ އަހަރެންގެ ފޯނު..." ދޮރުގައި ތަޅަމުން ރޫބީ ބުންޏެވެ. އާކިންގެ ތުންފަތްމަތީގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.
" މިރޭ ހުރޭ ތިތަނުގައި... އަހަރެން މިފޯނުގައި ހުރި ހުރިހާ މެސެޖެއް ސްކްރީންޝޮޓް ނެގުމަށްފަހު އަހަރެންގެ މަމްއާއި ބައްޕަގެ އިތުރުން ރޫބީގެ މައިންބަފައިންނަށްވެސް ފޮނުވާނަން... ބާއި.." މަލާމާތުގެ ގޮތަކަށް އާކިން ބުނެލިއެވެ. އެއަށްފަހު ރޫބީއަށް އިތުރަށް ޖެއްސުން ކޮށްލުމުގެ ގޮތުން ޓެރޭސްގެ ހުރިހާ ލައިޓްތަކެއް ނިއްވައިލުމަށްފަހު ސިޑިން ފޭބިއެވެ. ދޮރުގައި ތަޅަމުން އާކިންއަށް ގޮވުން ނޫންކަމެއް ރޫބީއަކަށް ނުކުރެވުނެވެ. އަމްރާއާއި ޒޫނީއަށް ވެސް ގޮވިއެވެ. އެހެންނަމަވެސް އެއްވެސް އިތުރު މީހަކު އެތަނަކަށް ނައެވެ. ރޫބީ ވަރުބަލިވުމުން ހުއްޓައިލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ތަނަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރެއިން ކުރިއަށް ދާން ފެށިއެވެ. މެޔާ ހަމައަށް ހަމައަށް އަންނަ ރެއިލިންގް ގައި އަތް އަޅުވައިލުމަށްފަހު ތިރިއަށް ބަލައިލީ އެއްވެސް މީހަކު ފެނޭތޯއެވެ. ހަމައެވަގުތު ބާރު ގުގުރިއަކާއެކު ވިދައިލިއެވެ. ލިބުނު ސިހުމާއެކު ރޫބީއަށއް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އުޑު މައްޗަށް ބަލައިލެވުނު ހިނދު ފެނުނީ ވާރޭ ވެހެން އުޅޭކަމުގެ އިންޒާރެކެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ ވާރޭ ވެހެން ފަށައިފިނަމަ އާކިން އެތަން ހުޅުވަން އަންނާނެކަން އެނގޭތީއެވެ. އެހެނީ އެތަނުގައި ނިވައިވެލަން ވަންނާނެ އެއްވެސް ތަނެއް ނެތެވެ. އިންތިޒާރުގެ ގަޑި ގުނަމުން ރޫބީ ގޮސް އުނދޯލީގައި އިށީނދެލިއެވެ. ބާރަށް ޖެހެމުން ދިޔަ ވައި ރޯޅިތަކުން ހީކަރުވަން ފެށުމުން އުނދޯލީގައި އޮތް މަޑު ކުޝަންގައި ބައްދައިލުމަށްފަހު ކުރުގެޅިލިއެވެ.
****************************
ރޫބީގެ ފޯނަށް ނަޒަރު ހުއްޓައިލައިގެން އެނދުގައި އާކިން އޮތެވެ. ޕާސްވޯޑެއް ޖަހައި ލޮކް ކޮށްފައި އޮތް އެފޯނު ހުޅުވަން އާކިން އެތައް މަސައްކަތްތަކެއް ކޮށްފިއެވެ. އެތައް ގޮތަކުން ވިސްނައިގެންވެސް ރޫބީގެ ޕާސްވޯޑު އާކިންއަކަށް ނޭނގުނެވެ. އައި ރުޅީގައި އާކިން ރޫބީގެ ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އޭނާ އެހާ ރުޅިއެއް އަންނަނީ ކީއްވެގެން ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ.
" ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ އާކިން... ރޫބީ އެހެންމީހަކާ ގުޅުމެއް އޮތިއްޔާ ކަލެއަށް ކޮންކަމެއްތަ؟ އެކަމާ އުފަލެއްނު ކުރަންވީ.. ރޫބީ އާކިންގެ ހަޔާތާ ވީހާވެސް ދުރަކަށް ދިޔައިއްޔާ ނޫންތަ ރަނގަޅީ.. " އާކިންގެ ހިތް ބުނެލި ކަހަލައެވެ. ނަމަވެސް އާކިން ޒަމީރު އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ރޫބީއާ އެހެން ފިރިހެނަކާ އޮތް ގުޅުން އޭނާއަށް ބަލައިނުގަނެވިގެން އުޅެނީ ކީއްވެގެން ކަމެއް ވިސްނަ ވިސްނާވެސް އާކިންއަކަށް ނޭނގުނެވެ. ބޮލަށް ބަރުވާން ފެށުމުން އާކިން ދެލޯ މަރައިލިއެވެ. މާ ގިނައިރެއް ނުވެ އިސާހިތަކު އާކިންއަށް ނިދިއްޖެއެވެ.
*******************************
އަމްރާ ފެންވަރާލައިގެން ނިކުތްއިރު އެނދުމަތީގައި އޮތް ފޯނު ރިންގުވަނީއެވެ. ހުދު ކުލައިގެ ބާތު ރޯބްގައި ހުރެ ކުޑަކޮށް ދުވެލާފައި ގޮސް އެނދުމަތީގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަން ފެނުމާއެކު އަމްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެކޯލަށް އޭނާ އިންތިޒާރު ކުރާތާ ކިތަންމެ އިރެއް ވެއްޖެއެވެ. ތެތްވެފައިވާ އިސްތަށީގަނޑު އެއްފަރާތުން ކުރިމައްޗަށް ގެނައުމަށްފަހު ފޯނު ނަގާފައި ކަންފަތުގައި ޖަހައިލިއެވެ. މާބޮޑަށް ހީކަރުވާން ފެށުމުން އޭސީ ނިއްވައިލުމަށްފަހު ކުޑަ ދޮރު ހުޅުވައިލިއެވެ. ކުޑަދޮރު ކައިރީގައި ޒިވަންއާ ވާހަކަ ދައްކަން ހުރިއިރު އުފާވެރިކަމާއި ލަދުވެތިކަމުގެ އެތައް ކުލަވަރެއް އަމްރާގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔައެވެ. ބޯކޮށް ވާރޭވެހެން ފެށީ އަމްރާ ޒިވަން އާ ވާޙަކަ ދެއްކުމަށްފަހު ފޯނު ބޭއްވިތަނުންނެވެ. އަވަހަށް ކުޑަދޮރު ލައްޕައިލުމަށްފަހު ގޮސް ކްލޯޒެޓަށް ވަނެވެ. ފިނިރެއަކަށް ވުމާއެކު ތަންކޮޅެއް ބޯ ނިދާ ހެދުމެއް ލިއެވެ. އެނދުގައި އޮށޯތުމަށްފަހު ބޯ ރަޖާ ގަނޑުން ހަށިގަނޑު ނިވައިކޮށްލިއެވެ. ހަށިގަނޑަށް އިހުސާސްވި ލުއި އަރާމެއްގެ ސަބަބުން އަމްރާއަށް ނިދޭކަށް މާގިނައިރެއް ނުނެގިއެވެ.
*********************
ވެހެމުން ދިޔަ ބޯވާރޭ ތެރޭގައި ދާނެ ތަނެއް ނޭނގިފައި ރޫބީ ހުއްޓެވެ. އާކިން އަންނާނެ ކަމުގެ އިންތިޒާރުގައި އެތަކެއް އިރެއްވަންދެން ހުރިއިރުވެސް އޭނާގެ ހިލަމެއް ނުވިއެވެ. އާކިން އަންނާނެކަމުގެ އުއްމީދު ފަނޑުވާން ފެށުމުން ރޫބީ އަނެއްކާވެސް ގޮސް ދޮރުގައި ތަޅަން ފެށިއެވެ. އަޑެއް ލެވުނުހާ ބާރެއް ގޮވަމުން ދިޔަ ނަމަވެސް ވާރޭގެ އަޑާހެދި ރޫބީގެ އަޑު އެއްވެސް މީހެއްގެ ކަންފަތާ ހަމައަކަށް ނުފޯރިއެވެ. އުއްމީދުގެ ހުޅުކޮޅު ނިވެން ފެށުމުން ރޫބީއަށް ގިސްލެވެން ފެށުނެވެ. އޭރު މުޅި މީހާ ހީކަރުވައިގެން ތުރުތުރުއަޅައެވެ. ހިތްވަރު އެލުވާނުލާ ރޫބީ އަނެއްކާވެސް ރެއިލިންގްއާ ދިމާލަށް ދުއްވައިގަތެވެ. އެތާ ހުރެވެސް ގޭގައި އުޅޭ އެންމެންނަށް ކަހަލަ ގޮތަކަށް ރޫބީ ގޮވިއެވެ. ދޮރުވާނަށްވެސް ގޮވިއެވެ. އެހެންނަމަވެސް ރޫބީގެ ނަސީބު އޭނާއާ މުޅިން ދެކޮޅުފަދައެވެ. ހިތްވަރު އެލެން ފެށުމުން މަޑުމަޑުން ތިރިވެ ރެއިލިންގް ގައި ލެގިލައިގެން ރޫބީ އިށީނެވެ. އަމިއްލަ ބަދުނަސީބުކަމާ ދޭތެރޭގައި ވިސްނާފައި ރޫބީއަށް ރޮވެމުން ދިޔައެވެ. ވެހެމުންދިޔަ ވާރޭގެ އަޑާއި ރޫބީގެ ވޭނީ ރުއިމުގެ އަޑު އެއްވެގެން ދިޔައެވެ. ޓެރޭސްގައި ހުރި އުނދޯލި ރޫބީގެ ލޮލުގައި އަޅައިގަތީ ކުއްލިއަކަށެވެ. ހީކަރުވައިގެން އިންތަނުން ތެދުވެގެން ގޮސް ރޫބީ ވަނީ އުނދޯލީގެ ދަށަށެވެ. އިތުރު އެހެންގޮތެއް ނުވިސްނުނީއެވެ. ރޫބީ ކުރުގެޅިގެން އޮތްއިރު ހީކަރުވައިގެން މުޅިމީހާ ތުރުތުރުއަޅަމުން ދިޔައެވެ. އޭރުވެސް ރޫބީގެ ގިސްލުމުގެ އަޑެއް ނުކެނޑެއެވެ.
*********************
އޮފީހުގެ މަސައްކަތެއް ކުރަން އިނުމަށްފަހު ސައިފް ނިދަން ވެގެން އެނދަށް އެރިއިރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ލައިޓު ނިއްވައިލުމަށްފަހު ރަނގަޅަށް ބާލީހުގައި ބޯޖައްސައިނުލެވެނީސް ކޮޓަރީގެ ދޮރުގައި ޓަކިދޭ އަޑިއިވުނެވެ. އެގަޑީގައި ޓަކި ޖަހާނީ ނަޖުވާ ނޫން އެހެންމީހެއް ނޫންކަން ސައިފަށް ޔަގީނެވެ. އެފަދަ ޓަކި ގަޑިއެއްގައި ޓަކި ދިނުމުން ސައިފް ކަންބޮޑުވާގޮތްވިއެވެ. ނަޖުވާއަށް ކަމެއްވީ ކަމަށް ހީކޮށް އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވިއެވެ.
" ނަޖޫ... ކިހިނެއްވީ އަނެއްކާ.. ބަލިވީތަ؟" ކަންބޮޑުވެފައި ސައިފް އަހައިލިއެވެ. ނިދާ ހެދުމުގައި ހުރި ނަޖުވާ ވަކި އެއްޗެއް ނުބުނެ ސައިފްގެ ކޮޓަރިއަށް ވަދެގެން ގޮސް އެނދުގައި އިށީނެވެ.
" ވަޓް ހެޕަންޑް ނަޖޫ... ކިހިނެއްވީ މިގަޑީގަ ނުނިދާ ތިއުޅެނީ..." ނަޖުވާ ކައިރީގައި އިށީންނަމުން ސައިފް އަހައިލިއެވެ.
" ސައިފް.. އަހަރެން ހަމަ ދެރަވަނީ... މިއުޅެނީ އެއްގޮތަކަށްވެސް ހިތުން ނުފިލައިގެން..." ނަޖުވާ ބުނެލިއެވެ.
" ކޮންކަމެއް..." ދެބުމަ ގޮށް ޖަހައިލަމުން ސައިފް އަހައިލިއެވެ. ނަޖުވާ އާކިން މަތިން މާބޮޑަށް ހަނދާންވަނީބާއޭ ހިތަށް އެރިއެވެ.
" އެ އަންހެންމީހާ... އައި ތިންކް ވީ ޝުޑް ހެލްޕް ހަރ..." ނަޖުވާ ބުންޏެވެ.
" ނޮޓް އަގެއިން ނަޖޫ.... ބުނެފީމެއްނު އެއީ އަހަރުމެންނާ ބެހޭ ކަމެއް ނޫނޭ... ޕްލީޒް ނަޖޫ... މިރަށުގައި ހަމަޖެހިގެން އުޅެން ބޭނުމިއްޔާ އެކަމާ ނުބެހުނިއްޔާ ރަނގަޅުވާނީ.. ތިކަމަކާ ހެދި މިރޭ ނަޖޫ ނުވެސް ކައި ތިހުންނަނީ..." އިންތަނުން ތެދުވަމުން ސައިފް ބުނެލިއެވެ. އެހިނދު ނަޖުވާ އަމިއްލަ ބަނޑުގައި އަތްހާކައިލިއެވެ. ބަނޑުހައިވެފައިވާވަރު އިހުސާސްވުމުންނެވެ.
" ކޮބާ... އޭރުވެސް އަހަރެން ބުނިން ދޯ ކާން އަންނާށޭ.. މިގަޑީ ދެން އަނެއްކާ ހޮޓަލަކަށް ދާންވީ ނަޖޫއަށް ކާއެއްޗެއް ބަލާ..." އެމަންޒަރު ފެނި ސައިފް ބުންޏެވެ.
" ސައިފް ކައިފިންތަ؟" ނަޖުވާ އަހައިލިއެވެ.
" އަހަރެންނަށް ކޮފީއަކުން ފުދޭ.. ކޯންޗެއް ކާން ގެނެސްދޭންވީ؟" ސައިފް އަހައިލިއެވެ.
" މިގަޑީވީމަ ދެން އަނެއްހެން އެއްޗެއް ކާހިތެއް ނެތް.. ހުންނާނެ ކަންނޭނގެ ނޫޑްލްސް.. ހިނގާ ނޫޑްލްސް ކާން.." ނަޖުވާ ހިނިތުންވެލަމުން ބުންޏެވެ.
" ނަޖޫ ދާންވީނު ކާން.. އަހަރެން ނުކާނަން..." ސައިފް ބުންޏެވެ.
" އުނހު ކާންވާނެ.. ހިނގާ ދާން.. ދެމީހުން އެއްކޮށް ކައްކައިގެން ކާނީ.. މިކަހަލަ ވިއްސާރަ ރެއެއްގަ ނޫޑްލްސް ގަނޑެއް ކާލަން ވަރަށް މަޖާވާނެ.." ސައިފްގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުންނަމުން ނަޖުވާ ބުނެލިއެވެ.
" ތިހެން ބުނީމަ ހަނދާންވަނީ......" ނަޖުވާގެ ފަހަތުން ދިޔަ ސައިފް ބުނެލިއެވެ.
" ރޫބީ މަތިން.. ޝީ ކާންޓް ޓޮލަރޭޓް ވާރޭޔާ ތެމިގެން ނޫނީ ވާރޭގެ ވެހޭ ދުވަސްކޮޅު އެވާ ފިންޏަށް.. އެހެންވެ އަބަދުވެސް ހޫނުކޮށް ނޫޑްލްސް ނޫނީ ހޫނު ކަވާބު ކާންބޭނުންވެފަ ހުންނާނީ.. ހެހެ...." ނަޖުވާ އެހެން ބުނެލި ގޮތުން ސައިފަށް އެވަގުތު ހީވީ ހިނދުކޮޅަކަށް ނަޖުވާ ހުރިހާ ކަމެއް ހަނދާން ނެތިފައި ހުރިހެންނެވެ. ކަންތައްވީވެސް އެހެނެވެ. ދެވަނަ ހިނދުގައި ނަޖުވާގެ މޫނުމަތި މިލައިގެން ދިޔައެވެ.
" ކޮބާ އަވަސްކުރޭ.. މިހާރު އަހަރެންވެސް ބަނޑުހައިވެއްޖެ... ނަޖޫ ފިޔައި ކޮށާ.. އަހަރެން ނޫޑްލްސް ޕެކެޓްތައް ކަނޑާނަން..." ނަޖުވާގެ ވިސްނުން ދުރުކޮށްލުމުގެ ގޮތުން ސައިފް ބުންޏެވެ. ނަޖުވާވެސް އެކަންތައް މަތިން ހަނދާން ނައްތައިލަން މަސައްކަތް ކުރަމުން ގޮސް ފިޔައި ނަގައިގެން ކޮށަން ތައްޔާރު ކުރިއެވެ.
******************
އާކިންއަށް ކުއްލިއަކަށް ހޭލެވުނީ ބާރު ގުގުރިއެއްގެ އަޑުއިވިފައެވެ. ފޯނުން ގަޑި ބަލައިލިއިރު މެންދަމު ތިނެއްޖަހަން ގާތްވަނީއެވެ. ބޯކޮށް ވާރޭ ވެހޭއަޑު އިވުމުން ބެލްކަނީ ދޮރު ލެއްޕިފައިތޯ ހުރީ ޔަގީން ކުރުމަށް އާކިން އޮތްތަނުން ތެދުވިއެވެ. ތަޅުލެވިފައިތޯ ހުރީ ޗެކް ކުރުމަށްފަހު އެނބުރި އެނދަށް އަރަން ދިޔަ ވަގުތު ރޫބީ އޮންނަ ފަޅި ހުސްކޮށް ހުރިތަން ފެނުނެވެ. ރޫބީ ބަހައްޓާފައި ޓެރޭސްގެ ދޮރުގައި ތަޅުލި ހަނދާންވީ ދެނެވެ. އަވަހަށް ކޮޓަރިން ނިކުމެގެން އާކިން ޓެރޭސްއަށް އަރަށް ހުންނަ ސިޑިއާ ދިމާލަށް ދުއްވައިގަތެވެ.
-ނުނިމޭ- ވާހަކައި 26 ވަނަ ބައި ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމުގައި ލަސްވި ލަސްވުމަށްޓަކައި ކިޔުންތެރިންގެ ފަރާތުން، ލިޔުންތެރިޔާ އަދި ނޫހުން މާފަށް އެދޭ ހާލު، ވާހަކައިގެ އާ ބައެއް، އިންޝާﷲ، އަށެއް ފެބްރުއަރީވާ އަންގާރަ ދުވަހު ގެނެސްދެވޭތޯ މަސައްކަތްކުރާނެ ވާހަކަ ދަންނަވަން. އިންތިޒާރުކޮށްލައްވާ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް