ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ފަންސަވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " ކުރެވޭނެ ކަންތައް ދައްކާލަންވީތަ؟" އާކިން އިންޒާރެއްދޭ ފަދަ ގޮތަކަށް ބުންޏެވެ. ރޫބީ އާކިންއާ ދިމާލަށް ދެލޯ އަޅައިލުމަށްފަހު އަނެއްކާވެސް ފޯނާ ކުޅެން ފެށިއެވެ. އެހިނދު ކުއްލި ...

11 Jan 2022 | 04:38

ކުރީގެ އަދަދާއި ގުޅޭ...

" ކުރެވޭނެ ކަންތައް ދައްކާލަންވީތަ؟" އާކިން އިންޒާރެއްދޭ ފަދަ ގޮތަކަށް ބުންޏެވެ. ރޫބީ އާކިންއާ ދިމާލަށް ދެލޯ އަޅައިލުމަށްފަހު އަނެއްކާވެސް ފޯނާ ކުޅެން ފެށިއެވެ. އެހިނދު ކުއްލި ހަރަކާތަކާއެކު އާކިން ރޫބީގެ ބުރަކަށީގައި އަތްއަޅާ ޕޫލާ ދިމާލަށް ކޮއްޕާލިއެވެ. އެހިނދު ހަށިގަނޑު ކޮންޓްރޯލް ނުވެ ފޯނާ އެއްކޮށް ރޫބީ ޕޫލް ތެރެއަށް ވެއްޓުނެވެ. ރޫބީ ތެޅި ގަނެފައި ބެލީ ފޯނު ސަލާމަތް ކުރެވޭތޯއެވެ. އެހިނދު އިވިގެން ދިޔައީ އާކިންގެ ބާރު ހިނިގަނޑުގެ އަޑެވެ.

" މޮޔަވީތަ އާކިން.." ފޯނު ރަނގަޅުތޯ ޗެކް ކުރަމުން ރޫބީ ހަޅޭއްލަވައިގަތެވެ.

" މޮޔައަކީ ތީ ކަންނޭނގެ.. ވޯޓަރޕްރޫފް ފޯނެއް ހަލާކުވެދާނެތީ ތި ޗެކް ކުރަނީ.. މޮޔައީއެއް ނޫން.. ގަމާރީ.." މަލާމާތުގެ ރާގަކަށް އާކިން ބުނެލިއެވެ. ރޫބީ އާކިންއާ ދިމާލަށް ލޯ އަޅައިލިއެވެ. އެއަށްފަހު ޕޫލުން އަރަން ހުންނަ ސިޑިއާ ދިމާލަށް ފަތައި ގަތެވެ. ސިޑިން މައްޗަށް އެރުމަށްފަހު ރޫބީ ރުޅިއައިސްފައި އާކިން އާ ދިމާލަށް ހިނގައިގަތެވެ. އޭރު އާކިން އިންތަނުން ތެދުވެ ހިންދެމިލިއެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ އާކިން.. އަހަރެން އެބަ ދަންތަ އާކިންއަށް އުނދަގޫކުރަން.." ރޫބީ ބުނެލިއެވެ.

" ވަރަށް ބިރުގަތް ދޯ ފޯނަށް ކަމެއް ވެދާނެތީ.. އޭރުން ބިޓުންނާ ވާހަކަ ދެއްކޭނެ ގޮތެއް ނޯންނާނެތީ ދޯ.." މަލާމާތުގެ ރާގެއްގައި އާކިން ބުނެލިއެވެ. ކުރިއަށްވުރެ ބޮޑަށް ރޫބީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

" މައިންޑް ޔޯ ޓަންގް އާކިން..." ދަތްކުޑިވިކައިލަމުން ރޫބީ ބުނެލިއެވެ.

" ހީކުރީ ދޯ އަހަރެންނަށް ނޭނގޭނޭ... މިހާރު ބިރުގަނޭ އަސަދުވެސް މިގެއަށް ގެންނަން.. ދެން ފެންނާނީ އެފަކީރު އަތުއަޅުވާލަން މަސައްކަތް ކުރާތަން ކަންނޭނގެ.." ދެޖީބަށް އަތް ޖަހައިލަމުން އާކިން ބުނެލިއެވެ.

" ސްޓޮޕް އިޓް އާކިން.... ތިހީކުރާކަހަލަ މީހެއް ނޫން އަހަރެންނަކީ... " ރުޅިއައިސްގެން ރޫބީ ގައިގައި ތުރުތުރު އަޅައެވެ.

" ތީ ހަމައެކަހަލަ އަންހެނެއް.. ފިރިހެނުން ހިތި އަންހެނެއް.. ގޮތެއް ނެތް ކެރެކްޓަރލެސް...." އާކިން އަށް ބުނެވުނީ އެވަރަށެވެ. ރޫބީގެ އަތުގެ ހޫނު އެތިފަހަރެއް އާކިންގެ ކަންފަތްމައްޗަށް އަރައިގެން ދިޔައީ އެކަމަށް ނުވެސް ވިސްނާ ހުއްޓައެވެ. އާކިން ރޫބީއާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. އައިސްފައި ހުރި ރުޅީގައި ރޫބީއަށް ފުންނޭވާތަކެއް ލެވެމުން ދިޔައެވެ.

" ހައު ޑެއަރ ޔޫ... ހައު ޑެއަރ ޔޫ ކޯލް މީ ކެރެކްޓަރލެސް.. އަހަރެންނާ ތިގޮތަށް ވާހަކަ ދެއްކުމަށް އާކިންއަށް އެއްވެސް ހައްޤެއް ނޯންނާނެ.. މީގެ ފަހުން އަހަރެންގެ އަބުރާ ބެހުމުގެ ކުރިން ހާސް ފަހަރު ވިސްނާތި" އިންޒާރެއް ދޭ ފަދަ ގޮތަކަށް އާކިން އާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ރޫބީ ބުނެލިއެވެ. އެއަށްފަހު މަޑު ނުކޮށް ގެއަށް ވަންނަން ހިނގައިގަތެވެ. ރޫބީ ދާ ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު އާކިންވެސް ރޫބީގެ ފަހަތުން ހިނގައިގަތެވެ. ފަހަތު ދޮރުން ރޫބީ އެތެރެއަށް ވަންއިރު ވެރެންޑާގައި ހުރި ކޮފީ މޭޒު ކައިރީގައި ޒޫނީއާއި އަމްރާ ތިއްބެވެ. އަމްރާ ގޮވައިލުމުންވެސް ރޫބީ އަޅާނުލާ ކުރިއަށް ދިޔައެވެ. އެވަގުތު އައިސްފައިވާ ރުޅިން އެކަކާވެސް ވާހަކަ ދައްކާކަށް ރޫބީ ބޭނުމެއް ނުވިއެވެ.

"ޑޭމް އިޓް ރޫބީ... ހަމަމިހާރު މަޑުކުރޭ... އަޑެއްނީވޭތަ؟ " ފަހަތުން އައި އާކިންގެ ބާރު އަޑާއެކު އަމްރާއާއި ޒޫނީ ސިހިފައި އެދިމާލަށް ބަލައިލިއެވެ. އާކިން ރުޅިއައިސްފައި ވާވަރު އޭނާގެ މޫނުމަތިން ހާމަވާން ހުއްޓެވެ. އާކިންގެ އަޑު އިވުނަސް ހުއްޓޭކަން ރޫބީ ބޭނުމެއް ނުވިއެވެ. ސިޑިން މައްޗަށް އަރައިގެން ދާން ފެށުމުން އާކިން ރުޅިގަނޑު އިހުނަށްވުރެ އިތުރުވިއެވެ. ބާރު ހިނގުމެއްގައި އޭނާވެސް ރޫބީގެ ފަހަތުން މައްޗަށް އެރިއެވެ.

" ކިހިނެއްބާވީ..." ޒޫނީ ސިއްރުން ސިއްރުން އަމްރާ ކައިރީގައި އަހައިލިއެވެ. އަމްރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.

" ނޭނގެ.. މީގެ ކުރިން ދުވަހަކުވެސް އާކި އެހާ ރުޅިއައިސްފައި ހުއްޓާ އަހަރެން ނުދެކެން..އަދި ރޫބީވެސް އެއީ އެހާ ރުޅި ގަދަ ކުއްޖެއް ނޫން.. އައި ހެވް ދިސް ސްޓްރޯންގެ ފީލިންގް ސަމްތިންގް އިޒް ވެރީ ރޯންގް.... " އެމީހުން ދިޔަ ދިމާލަށް ބަލަހައްޓައިގެން އިނދެ އަމްރާ ބުނެލިއެވެ.

*************

ކޮޓަރިއަށް ވަނުމަށްފަހު ރޫބީ ތުވާލި ހިފައިގެން ފާހާނާއަށް ވަންނަން ދިޔައެވެ. ނަމަވެސް އޭގެ ކުރިން އާކިން އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އާކިންގެ އަތް ފޮޅުވާލަން މަސައްކަތް ކުރިނަމަވެސް ރޫބީއަށް އެކަމެއް ނުވިއެވެ. އާކިން އޭނާގެ އަތުގައި ހިފަހައްޓާފައި ވަނީ އެއަށްވުރެ ބާރަށެވެ.

" ވަޓް ދަ ހެލް އިޒް ރޯންގް ވިތް ޔޫ.. ދޫކުރޭ އަހަރެންގެ އަތުން... " އަތަށް ތަދުވާން ފެށުމުން ރޫބީއަށް ބުނެވުނެވެ.

" ތިމާގެ އަނބިމީހާ ހިލޭ ފިރިހެނަކާ ގުޅުން ބާއްވާކަން އެނގުނީމަ ކޮންމެ ފިރިހެނަކުވެސް ރުޅި އަންނާނެ.. ހީނުކުރާތި މިހެން މިބުނީ ފަހަރެއްގައިވެސް އަހަރެން ކަލޭ ދެކެ ލޯބިވާތީއޭ.. ނޫނީ ކެއަރ ކުރާތީއޭ.. އަހަރެންނަށް ހެޔޮ ކަލޭ ކޮންމެ ގޮތަކަށް އުޅުނަސް... އަހަރެންނަށް މައްސަލައަކަށްވަނީ ކަލޭގެ ސަބަބުން އަހަރެންގެ އާއިލާއަށް ހުތުރުއަރާފާނެތީ..." އާކިން ބުނެލިއެވެ.

" ފޯރ ގޯޑް ސޭކް އާކިން.. ތި ބުނާ ފަދަ ގޮތަކަށް އަހަރެން ނޫޅެން... ޕްލީޒް ދޫކޮށްލަބަލަ އަހަރެންނަށް ތަދުވެޔޭ.. " އަތަށް ވަމުން ދިޔަ ތަދުން ރޫބީއަށް ރޮވުނެވެ. އެވަގުތު ކުއްލި ހަރަކާތައެކު އާކިން ރޫބީ ފަހަތަށް ކޮއްޕަމުން ގޮސް ފާރުގައި ޖެއްސިއެވެ. ރޫބީގެ އަނގައިން އާހެއް ބޭރުވީ ވީތަދުންނެވެ.

" ދޮގު.. ހުސް ދޮގު... އަހަރެންނަށް ހުރިހާ ކަމެއް އެނގިގެންނޭ ވާހަކަ މިދައްކަނީ.. ސައިފް ތި ފޯނަށް މެސެޖްކުރިތަން އަހަރެންގެ ދެލޮލުން ދުށީ.. ބުނެބަލަ މީ ދޮގެކޭ.. ބުނެބަލަ ސައިފްއާ ރޫބީއާ ގުޅުމެއް ނެތޭ..." އާކިންގެ އަޑު ބާރުވެގެން ދިޔައެވެ. ރޫބީގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. މިހާރު ރޫބީގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. ރޫބީގެ މޫނުމަތިން ފެނުނު ކުލަވަރުން އާކިންއަށް ހުރިހާ ކަމެއް ސާފުވެގެން ދިޔަ ކަހަލައެވެ. ރޫބީގެ އަތުން ދޫކޮށްލުމަށްފަހު އާކިން ފަހަތަށް ޖެހިލިއެވެ.

" ނޭނގުނު ދޯ ބުނާނެ އެއްޗެއް.. ވަގު ފަޅާއެރީމަ އަނގަ ބަންދުވީ ދޯ.." އާކިން ބުނެލިއެވެ.

" ނުނ.. ނޫން އާކިން.. ތި ހީކުރާކަހަލަ ކަމެއް ނެތް.. ބިލީވް މީ.. " ރޫބީ ބުނަން އުޅުނެވެ. ނަމަވެސް އާކިންގެ އަތުގެ އިޝާރާތުން ހުއްޓާލުމަށް އިޝާރާތް ކުރިއެވެ.

" އެއްވެސް ބޭކާރު ވާހަކައެއް އަހާކަށް ބޭނުމެއްނޫން.. ބައްޕަމެން އައިހާ އަވަހަކަށް އަހަރެން ކޯޓަށް ފޯމުލާނަން.." އާކިންގެ ފަހު ޖުމްލައާއެކު ރޫބީގެ މޫނު ހުދު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ހިތަށް ތޫނު ތަދެއް އިހުސާސް ކުރެވިގެން ދިޔައެވެ. ލޮލުން ކަރުނައެއް ވެއްޓުނު ހިނދު ފޮހެލާންވެސް ނޭނގިފައި ހުރެވުނެވެ. ރޫބީއަށް ބަލާވެސް ނުލާ އާކިން ކޮޓަރިން ނިކުތެވެ. ރޫބީ އާކިންއަށް ގޮވައިލިއިރު އެއަޑުގައި ތުރުތުރެއް ހުއްޓެވެ. އާކިންގެ ފަހަތުން ދާން ބޭނުންވި ނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

*************************

އާކިން ގޮސް ލައިބްރަރީއަށް ވަނެވެ. އޭނާއަށް ސިފަވަމުން ދިޔައީ މީގެ އިރުކޮޅެއް ކުރިން ސައިފްގެ ވާހަކަ ބުނި ހިނދު ރޫބީގެ މޫނަށް ވެގެން ދިޔަ ގޮތެވެ. ރޫބީގެ މޫނުމައްޗަށް ވެރިވި އަސަރުތަކުން ހުރިހާ ކަމެއް އެނގި ސާފުވެގެން ހިނގައްޖެއެވެ. އޭނާއަށް ކުރެވެމުން ދިޔައީ ކޮންކަހަލަ އިހުސާސެއް ކަމެއް ޙުދު އާކިންއަކަށް ވެސް ނޭނގެއެވެ. ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އާކިން ފުންނޭވައެއް ދޫކޮށްލިއެވެ. ނަމަވެސް ސައިފްގެ މެސެޖާއި ރޫބީގެ މޫނު ހުރި ގޮތް އޭނާގެ ހިތަކުން ނުފޮހެވުނެވެ. އައި ރުޅީގައި އާކިންއަށް މޭޒުމަތީގައި ހުރި ހުރިހާ ފޮތްތަކެއް އުކާލެވުނެވެ. މޭޒު ކައިރީގައި ހުރި ގޮނޑީގައި ފައިންޖެހި ހިނދު ބާރު އަޑެއް ކިޔައިގެން ދިޔައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ގޮނޑި ގެނެސް އިށީނެވެ. މޭޒުގައި އުޅަބޮނށި ވިއްދާލަމުން ދެފަރާތުން ބޮލުގައި ހިފަހައްޓައިލިއެވެ.

****************

ހަވީރުވެލުމުން ނަޖުވާ ގެކައިރިއަށް ނިކުމެލިއެވެ. އޭރު އެގެއާ ދިމާލަށް ހުރި ޖޯލިފަތީގައި އަންހެނުންތަކެއް ވާހަކަ ދައްކަން ތިއްބެވެ. އެމީހުންގެ ކުރިމަތީގައި ދެތިން ކުއްޖަކު ކުޅެން ތިއްބެވެ. އެމަގުން ހަރަކާތްތެރިވާތަން ފެންނަނީ މަދު ބައެކެވެ. ދެއަތް އުރައިލަމުން ނަޖުވާ ދޮރުކަނީގައި ލެގިލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ކުޑަކުދިން ކުޅޭ މަންޒަރު ބަލަން ހުރިއިރު އިރުއިރުކޮޅާ ނަޖުވާއަށް ހީނލެވެއެވެ. ކުއްލިއަކަށް އިވުނީ އަންހެނެއްގެ ވޭނީ ރުއިމުގެ އަޑެކެވެ. ނަޖުވާ ސިހިފައި އެއަޑުއިވުނު ދިމާލަށް ބަލައިލިއެވެ. އޭރު ވާތްފަރާތުން އެގެ ދޫކޮށް ތިންވަނައަށް ހުރި ގޭގެ ބޭރުގައި އަންހެނަކު ވެއްޓިފައި އޮތެވެ. ޖާނުން ވަރުގަދަ ފިރިހެނަކު އައިސް އެއަންމީހާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގީ ނަޖުވާ ބަލަބަލާ ހުއްޓައެވެ. އެ ފިރިހެންމީހާ ރުޅިއައިސްފައި އަންހެންމީހާ ދިމާލަށް އެއްޗިހިތަކެއް ކިޔަމުން ދިޔައެވެ. ދޭތެރެއަކުން ކޮލުގައި ހިފައި ފިތާލަފާނެއެވެ. އިސްތަށީގަނޑުގައި ހިފާ ދަމާލަފާނެއެވެ. ނަޖުވާއަށް އެންމެ ހައިރާންކަމެއް ލިބުނީ އެފިރިހެންމީހާ އަންހެންމީހާއަށް އެހާ އަނިޔާ ކުރަމުން ދާއިރުވެސް އެއްވެސް މީހަކު އެކަން ހުއްޓުވަން ނޫޅުނީތީއެވެ. އެ އަންހެން މީހާގެ ވޭނީ ރުއިމުގެ އަޑުއިވި ގޭތެރޭގައި އޮތް ސައިފްވެސް ނިކުތެވެ.

" އަޅެ އެމީހާއަށް ހާދަ އަނިޔާއެކޭ އެކުރަނީ... ސައިފްވެސް ބަލަހައްޓައިގެން ހުންނަނީތަ؟ ދޭބަލަ އެމީހާ ހުއްޓުވަން.. " ނަޖުވާ ބުނެލިއެވެ. ބޯޖަހައިލަމުން ސައިފް އެދިމާލަށް ދާން އުޅެނިކޮށް ހުއްޓުވީ އެމީހުންގެ އަވައްޓެރި ޝަހީމާއެވެ.

" ކަލޯ ކޮންތާކަށް ތިޔަ ދަނީ... މިތާ މަޑުން ހުރެބަލަ..." ޝަހީމާ ބުނެލިއެވެ.

" އެކަމަކު އެމީހާ މަރާލަފާނެއްނު..." ނަޖުވާ ބުނެލިއެވެ.

" ތިފެންނަނީ ދަރިފުޅުމެންނަށް އާ މަންޒަރެއް ވިޔަސް ދައްތަމެންނަށް ފެނި ފެނި ބާވެފަ ހުރި މަންޒަރެއް.. އަދި ތިފެންނަނީ ކުޑަވަރެއް... ތިއަށްވުރެ ބޮޑުވަރު ކޮށްލާ ދުވަސް ދުވަހު އެފަކީރަށް ނުވެސް ތެދުވެވޭނެ.. " ޝަހީމާ ކިޔައިދިނެވެ.

" ދެން އެއްވެސް މީހަކު މައްސަލައެއްވެސް ނުޖައްސާތަ؟ " ނަޖުވާ ހައިރާންވެފައި އަހައިލިއެވެ.

" ކިތަންމެ ފަހަރަކު މައްސަލަ ޖެއްސިން.. ދެފަހަރަކު އެގެއަށް ޖެންޑާއިންވެސް އައި.. އެކަމަކު ވީކަމެއް ނެތް.. ނޭނގެ ކީއްވެ ކަމެއް ނަދީ އޭނާގެ ފިރިމީހާ އޭނާއަށް އަނިޔާ ކުރާކަމަށް އެއްބަހެއް ނުވޭ.. އަނެއްކޮޅުން ސައީދަކީ ބޮޑު ގޭންގެއް އޮންނަ މީހެއް.. ވަރަށް ބޮޑެތި މީހުންނާ އޭނާއާ ގުޅުން އޮވޭ.. އެހެންވެ މިހާރު އަހަރުމެންވެސް އަޅާނުލާ ތިބެނީ.. " ޝަހީމާ ކިޔައިދިނެވެ. އޭރު އެފިރިހެންމީހާ އަންހެންމީހާގެ އަތުގައި ހިފާ ދަމާފައި ގޭތެރެއަށް ވައްދަނީއެވެ.

" އެއަންހެންމީހާގެ އާއިލާ މީހެއް ނުހުރޭތަ؟ " ނަޖުވާ އަހައިލިއެވެ.

" ނޭނގެ ތިއެއް.. އެއީ މިރަށު މީހެއް ނޫން.. މީގެ އަހަރުތަކެއް ކުރިން ސައީދު އިނދެގެން ގެނައި މީހެއް އެއީ.. އައިތާ ފުރަތަމަ ކޮޅުގަ އަހަރުމެންނާ ވަރަށް ގުޅިގެން އުޅުނީ.. ފަހުން ސައީދު އޭނައަށް އަނިޔާ ކުރާކަން އަހަރުމެންނަށް އެނގުނު ހިސާބުން ފެށިގެން އަހަރުމެންނާ އެހާ ގުޅުމެއް ނޯވޭ.. ގެއިންވެސް ނުނިކުންނާނެ އެހާ ވަރަކަށް.." ޝަހީމާ އިތުރަށް ކިޔައިދިނެވެ.

" ވީ ޝުޑް ހެލެޕް ހަރ..." ޝަހީމާ ދިއުމުން ނަޖުވާ ސައިފް ކައިރީގައި ބުނެލިއެވެ.

" ކަންތައް ހުރިގޮތް ޝަހީމައްތަ އެކިޔައިދިނީނު.. އެކަމާ އަހަރުމެން ނުބެހުނިއްޔާ ރަނގަޅުވާނީ.. އަހަރުމެންނަކީ މިރަށައް ބީރައްޓެހި ބައެއް.. " ސައިފް ބުނެލިއެވެ. ނަޖުވާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ނޭނގޭ ސަބަބަކާ ހުރެ އޭނާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އެ ނުދަންނަ އަންހެންމީހާއަށްޓަކައި އޭނާގެ ހިތްވަނީ ހަމްދަރުދީއިން ފުރިފައެވެ. ހިތްއެދި ގޮވަމުން ދިޔައީ އެއަންހެންމީހާއަ ބައްދަލުކޮށް ވާހަކަ ދައްކާލުމަށެވެ.

***************

ޓެރޭސްގައި ހުރި އުނދޯލީގައި ދެފައި އަރުވައިގެން އިށީނދެގެން ރޫބީ އިނެވެ. ބާރަށް ޖެހެމުން ދިޔަ ވައިރޯޅިތައް ރޫބީގެ އިސްތަށީގަނޑާ ސަމާސާ ކުރަމުން ދިޔައެވެ. ނަމަވެސް އެކަމުން މާބޮޑު އުނދަގުލެއް ރޫބީއަށް ވާހެނެއް ހިޔެއް ނުވެއެވެ. އެއަށްވުރެ މިވަގުތު އެނާގެ ހިތުގައި އަޅަމުން ދާ ވޭން ބޮޑެވެ. އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ލޮލުން ކަރުނަ ނުހިކެއެވެ. ސައިފްއާ ވާހަކަ ދައްކާ ވާހަކަ އާކިންއަށް ސިއްރު ކުރެވުން އެއީ އޭނާއަށް ކުރެވުނު ކުށެއްކަން ރޫބީއަށް އެނގެއެވެ. ނަމަވެސް އެއީ ކޮންމެހެން ފިރިމީހާއަށް ބޭވަފާތެރިވުމުގެ ނިޔަތުގައި އޭނާ ކުރިކަމެއް ނޫންކަން ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެއެވެ. އާކިން އެހިކުރާކަހަލަ ގުޅުމެއް އޭނާއާ ސައިފްގެ މެދުގައި ނެތެވެ. ސައިފްއަށްޓަކައި އެހިތުގައި އޮތް ލޯބިން ކަފުންކޮށް ވަޅުލިތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ހިތަށް އިންތިހާއަށް އަސަރު ކުރަމުން ދިޔައީ އާކިން ވަރީގެ ވާހަކަ ދެއްކި ހިސާބުންނެވެ. އޭނާގެ ބޮލުގައި އެފަދަ އިލްޒާމެއް އެޅުވިގެން ވަރިވެގެން ދާކަށް އޭނޭ ބޭނުމެއް ނޫނެވެ. އޭރުން ދެޢާއިލާގެ ކުރިމަތީގައި އޭނާގެ އަގުވެއްޓި ދެއާއިލާ ދެމެދުގައި މައްސަލަ ޖެހޭނެކަން ޔަގީނެވެ.

****************

އިޝާ ނަމާދުކޮށްގެން އާކިން ގެއަށް އައީ އަށްގަޑި ބައިވާން އުޅެނިކޮށެވެ. ބަނޑުހައިވެފައި ހުރިވަރުން އޭނާ މިސްރާބުޖެހީ ބަދިގެއާ ދިމާލަށެވެ. ކާމޭޒު ކައިރީގައި ކާންތިބި އަރީކާއި ޒޫނީ އަދި އަމްރާއަށް އާކިން ހިނިތުންވެލިއެވެ.

" އާކި ހާދަ ލަހުން މިރޭ ނަމާދަށް ގޮއްސަ ތިއައީ.. އަވަހަށް އިށީނދޭ.. ނާބީ ވަރަށް މިރުކޮށް ޕާސްތާ ހަދާފައި މިހުރީ.." އަމްރާ ބުނެލިއެވެ.

" އަސަދާ ވާހަކަ ދައްކަން މަޑުކޮށްލީ.." އާކިން ބުނެލިއެވެ. މޭޒު ކައިރީގައި އިށީނުމުގެ ކުރިން އާކިން ދެކޮޅު ހޯދާ ބަލައިލިއެވެ.

" ކޮބާ ރޫބީ..؟ ނާދޭތަ ތިރިއަކަށް.." އާކިން އަހައިލިއެވެ.

" މިއަދު މެންދުރު ފަހުން ރޫބީ ނުފެނޭ.. " ޒޫނީ ބުނެލިއެވެ.

" އާކިން ދާންވީނު ރޫބީ ގޮވައިގެން އަންނަން.. ދޮންތަ ގުޅީމަ ނުނަގާ ފޯނެއް.." ލޮލުގެ ކަނަކުން ޒޫނީއަށް ބަލައިލަމުން އަމްރާ ބުނެލިއެވެ.

" ނާބީ.. ނާބީ... " އާކިންގެ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. އެއަޑުގައިވަނީ ރުޅުވެރިކަމެވެ. އަރީކާއި ޒޫނީ އަދި އަމްރާ އިނީ ހައިރާންވެފައެވެ. އާކިންއަކީ ކުރިން ދުވަހަކުވެސް އެގޮތަށް މީހުންނަށް ގޮވި ކުއްޖެއް ނޫނެވެ. ބަދިގޭގައި ހުރި ނާބީ އަވަސްއަވަހަށް އައިސް މޭޒު ކައިރީގައި ހުއްޓުނުއިރު އޭނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ހުއްޓެވެ.

" ދޭބަލަ ގޮސް ރޫބީ ކޮބައިތޯ ބަލައިލަން.." އަމުރުވެރި ރާގަކަށް އާކިން ބުނެލިއެވެ. ނާބީ ބޯޖަހައިލުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތެވެ.

" އެވްރީތިންގް އޯކޭ އާކި..؟" އަރީކް އަހައިލިއެވެ. އާކިން ބޯޖަހައިލިއެވެ. އިރުކޮޅަކުން ނާބީ އަންނަތަން ފެނުނެވެ. ނާބީއަށް އެހިސާބަށް ރަނގަޅަށް ނާދެވެނީސް ރޫބީ ކޮބައިތޯ އާކިން ސުވާލުކުރިއެވެ.

" ރޫބީ ކޮއްކޮ ޓެރޭސްގައި.. ފޯނުގަ އިނީ.. ނާބީ ބުނީ ކާން އަންނަން.. ކޮއްކޮ ބުނީ ނުކާނަމޭ.." ނާބީ ކިޔައިދިނެވެ. ފޯނޭ ބުނުމުން އެންމެ ފުރަތަމަވެސް އާކިންގެ ހިޔާލަށް އައީ ސައިފެވެ. ރޫބީއަކީ ލަދެއްގެ ކަންފުޅެއްވެސް ނެތް އަންހެނެކޭ ހިތަށް އެރިއެވެ. އޭނާއަށް ހުރިހާ ކަމެއް ފަޅާއެރުމުންވެސް ރޫބީއަށް ބަދަލެއް ނައެވެ. ކާހިތް ކެނޑި އާކިން އިންތަނުން ތެދުވެގެން ހިނގައިގަތެވެ. އައިސްފައިވާ ރުޅީގައި އޭނާގެ މިސްރާބުހުރީ ޓެރޭސްއަށް އެރުމަށެވެ.


ނުނިމޭ... ވާހަަކައިގެ އާ ބައެއް، އިންޝާﷲ ޖަނަވަރީ 13 ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް