ރޫބީ ނިކުންނަން ދެން އާކިން އެނދުމަތީގައި އިށީނދެލިއެވެ. އިރުކޮޅެއްވީތަނާ ރޫބީގެ ފޯނަށް މެސެޖެއް އައި އަޑުއިވުނެވެ. ފޯނު އޮތީ އާކިން ކައިރީގައި ކަމުން އޭނާއަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. ނަމަވެސް އެހިނދު ރޫބީގެ ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަމުން އާކިންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ރޫބީގެ ފޯނު ނަގާފައި ކައިރިން ބަލައިލީ ޤަބޫލު ނުކުރެވިގެންނެވެ. އެހެންނަމަވެސް ސްކްރީނަށް އަރާފައި އޮތް ނަމެއް ބަދަލެއް ނުވިއެވެ. ހިތަށް ލިބުނު ނުތަނަވަސްކަމުގައި އާކިން ރޫބީގެ ފޯނު އެނދުމައްޗަށް އެއްލައިލިއެވެ. އަނެއްކާވެސް ރޫބީއަށްޓަކައި އޭނާގެ ހިތް ނަފްރަތުން ފުރުނު ކަހަލައެވެ. ރޫބީ ފާހާނައިން ނިކުތީ އާކިން ކޮޓަރިން ނިކުންނަން ދާން އެނދުމަތިން ތެދުވި ވަގުތުއެވެ. ރޫބީ އާކިންއަށް ހިނިތުންވެލިއެވެ. އާކިންގެ މޫނުމަތިން ފެނުނީ ފުސްކަމެވެ. ދެބުމަގޮށްޖަހައިލައިގެން ހުރެ ރޫބީއަށް ބަލައިވެސްނުލާ އާކިން ކޮޓަރިން ނިކުތެވެ. އާކިން ކަންތައް ކުރި ގޮތުން ރޫބީ ރަކިވިއެވެ. ވޭތުވެދިޔަ ބާރަވަރަކަށް ގަޑިއިރު ތެރޭގައި އާކިންގެ އުޅުމަށް އައި އަޖައިބެއް ފަދަ ބަދަލާ މެދު ވިސްނައިލެވުނެވެ. އާކިން ބަދަލުވީ ކަމަށް ރޫބީއަށް ހީވި ހީވުން ކުށް ހީ އަކަށް ބަދަލުވެއްޖެއެވެ. އާކިންގެ އުޅުމަށް އައި އެއައި ބަދަލަކީ އާކިންގެ އަމިއްލަ ބޭނުމަކަށް ގެނައި ބަދަލެއްކަމަށް ހީކުރެވުނެވެ. އާކިން ބޭނުންވީ އޭނާގެ ރަހުމަތްތެރިޔާގެ ކުރިމަތީގައި ކަން ދައްކާށެވެ. އާކިން އޭނާގެ އިހުސާސްތަކާ ކުޅުނީތީ ރޫބީ ދެރަވިއެވެ. ހިތުގައި ޖެހި ރޮވުނެވެ. އާކިންގެ ކިބައިން ރަނގަޅު ދިރިއުޅުމަކަށް އުއްމީދު ކުރެވުނިތީ އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. ދެން ދުވަހަކުވެސް އާކިންއަށް އިތުބާރު ނުކުރުމަށް ހިތުގައި އަޒުމްކަނޑައެޅިއެވެ.
****************
ގެކައިރީގައި ސައިކަލުގައި އިށީނދެލައިގެން އަސަދު އިނެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައި ވިއެވެ. އެހިނިތުންވުން ގުޅިފައިވަނީ އޭނާގެ ހިތުގައި ކުރެހިފައިވާ ރީތީގެ މިސާލެއްފަދަ ނާޒުކް އަންހެން ކުއްޖާއާއެވެ. ތުންފަތަށް ވެރިވެފައިވާ އެމައުނަވީ ހިނިތުންވުން ރަމްޒުކޮށްދެނީ ހިތަށް ލިބިފައިވާ ހިތްހަމަޖެހުމެވެ. އެހެނީ އެއީ އެތައް ދުވަހަކުން ފެށިގެން އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯތްބެވެ. އެކި އެކި ސަބަބުތަކާ ހެދި މިވީހާ ދުވަހު އެލޯބި ހާސިލު ކުރުމަށް އޭނާވީ ނުކުޅެދިފައެވެ. ނަމަވެސް މިހާރު އޭނާ ތައްޔާރެވެ. ކުރިމަތިވާ ކޮންމެ ހުރަހެއް ކަޑައްތުކުރަން އޭނާ އެހުރީ އަތުކުރި އޮޅާލައިގެންނެވެ.
އަމްރާ އޭނާއަށް ވުރެ ތިންއަހަރު ދޮށިނަމަވެސް އޭނާގެ ހިތުގައި އަމްރާއަށްޓަކައި އުފެދުނު އިހުސާސްތަކަކީ ކޮންއިރަކު ކިހިނެއް އުފެދުނު އިހުސާސްތަކެއް ޙުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާގެ އިހުސާސްތައް އަމްރާގެ ކުރިމަތީގައި ބަންޑުންކޮށްލަން ބޭނުންވިޔަސް އެކަމަށް ހުރަސް އެޅުނު އެތައްކަމެއް ވިއެވެ. އެންމެ ފުރަތަމަ ކަމަކަށް އެދެމީހުންގެ މެދުގައިވާ އުމުރުގެ ތަފާތެވެ. ދުނިޔޭގެ ލަދަށް އަމްރާއަށް ލޯބި ހުށައަޅަން ނުކެރުނީއެވެ. މީހުން ކިޔާނެ އެއްޗެއްސާއި ކުރާނެ މަލާމާތަށް ވިސްނާފައެވެ. ދެވަނަ ސަބަބަކަށްވީ އާކިންއާ އޭނާއާ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމެވެ. އެރަހުމަތްތެރިކަން ގެއްލިދާނެތީ އޭނާ ބިރުގަތީއެވެ. އެލޯބި ހާސިލު ކުރުމަށް އޮތް ކުޑަ ކުޑަ ހުޅުކޮޅުވެސް ނިވުނީ އަމްރާ އެހެންމީހަކާ އިންނަން އުޅޭކަން އެނގުނު ހިސާބުންނެވެ. އެހިސާބުން އެލޯބި ހަނދާން ނައްތައިލުމަށްފަހު ދިރިއުޅުމައިގެން ކުރިއަށް ދާން އަސަދު ނިންމިއެވެ. ނަމަވެސް އަމްރާ މަތިން ހަނދާން ނައްތައިލުމަށް އޭނާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އެހިތުން އެހެން ކުއްޖަކަށް އެޖާގަ ނުދެވުނެވެ. އަމްރާ ވަރިވެއްޖެކަން އެނގުނު ހިސާބުން އަނެއްކާވެސް އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާ އެހުންނަނީ ރަނގަޅު ފުރުސަތަކަށް އިންތިޒާރު ކޮށްގެންނެވެ. ދެވަނަ ފަހަރަށް އަމްރާ ނުގެއްލެނީސް އެލޯބި ކާމިޔާބުކުރަން އޭނާ ބޭނުމެވެ.
****************
ސްވިމިންގް ޕޫލު ކައިރީގައި ހުރި ފަތްޖެހޭ ގޮނޑީގައި ވާހަކަ ފޮތެއް ހިފައިގެން އަމްރާ އިނެވެ. ފޮތް ހުޅުވައިގެން އިނދެ ގަނޑުތައް އުކަމުން ދިޔަނަމަވެސް އެކަމަށް އޭނާގެ އެއްވެސް ސަމާލުކަމެއް ނެތެވެ. އޭނާ ވިސްނަމުން ދިޔައީ ޒިވަންއަށް ދޭނެ ޖަވާބަކާ ދޭތެރޭގައެވެ. ކުރިންވެސް ޒިވަން އާ ދެމީހުން ވަރިވާން ޖެހުނީ އެކުގައި ނޫޅެވިގެންނެވެ. ދެވަނަ ފަހަރަށް ޒިވަން އަށް ފުރުސަތުދޭން އަމްރާ ޖެހިލުންވަނީ އަނެއްކާވެސް އެފަދަ ގޮތެއް މެދުވެރި ވެދާނެތީއެވެ. އަމުދުން މިހާރު ޒިވަންގެ ދަރިއަކު އެބަހުއްޓެވެ. އެދަރިފުޅަށްވެސް މަންމައެއްގެ ލޯބި ދޭން ޖެހޭނެއެވެ. ޒިވަންގެ ދަރިފުޅުގެ ކަމަކާ ކިރިޔާވެސް އިހުމާލެއް ވެވިދާނެތީ ޖެހިލުންވަނީއެވެ. އަމްރާއަށް ސިހުމެއް ލިބުނީ ރޫބީ އޭނާގެ ކޮނޑުގައި ޖަހައިލުމުންނެވެ. ސިހިފައި އަމްރާ ބަލައިލިގޮތުން ރޫބީއާއި އޭނާގެ ކައިރީގައި ހުރި ޒޫނީއަށް ހެވުނެވެ. އެދެމީހުން އެތަނަށް އައީ ޕޫލަށް އެރިލުމަށް ރާވައިގެންނެވެ.
" ދޮންތަ ކޮން ހިޔާލަކަށް ގެއްލިފަ... ބިޓަކާ ދޭތެރޭގައިތަ ތިވިސްނަނީ..؟ " އަމްރާއިން ގޮނޑިން ތަންކޮޅެއްގެ އިށީންނަމުން ޒޫނީ އަހައިލިއެވެ. ރޫބީ އިށީނީ ޖެހިގެން ހުރި ގޮނޑީގައެވެ.
" ތެދެއް ދޮންތާ.. ކޮންކަމަކާތަ ތިވިސްނަނީ..؟ ނުބުނައްޗޭ ކަމަކާ ނުވިސްނަމޭ.. އެހެންނޫންނަމަ އަތުގައި އޮތް ތިފޮތް އެކޮޅުކޮޅުން ނޯންނާނެ...." ހީނލަމުން ރޫބީ ބުންޏެވެ. ރޫބީއާ އެއްބައިވެގެން ޒޫނީވެސް ހުނުނެވެ. އަމިއްލަ މޮޔަކަން ހިތަށް އަރާފައި އަމްރާއަށްވެސް ހެވުނެވެ. ނަމަވެސް އެހިނިތުންވުން ދެމިގެން ދިޔައީ ހިނދުކޮޅަކަށެވެ. އަނެއްކާވެސް ޒިވަންގެ ހިޔާލު އޭނާގެ ސިކުނޑި ވަށާލައިފިއެވެ. އެވަގުތު އޭނާގެ ހިތްއެދުނީ އެކަންތައް ރޫބީއާއި ޒޫނީއަށް ހިއްސާ ކުރުމަށެވެ. އެހެނީ އެދެމީހުންނަކީ އޭނާގެ އެންމެ ގާތް ދެއެކުވެރިން ފަދައެވެ. އަމްރާ ޒިވަންގެ ވާހަކަތައް އެމީހުންނަށް ކިޔައިދިނެވެ. ޒޫނީ ވަގުތުން އަމްރާއާ ދިމާކުރަން ފެށިއެވެ. ރޫބީ ކައިރިއަށްވެސް އިނީ ފާޑެއްގެ ހިންޏެއް އައިސްފައެވެ. ލަސްނުކޮށް ވީހާވެސް އަވަހަކަށް ޒިވަންއަށް އާނ ބަސް ބުނުމަށް ޒޫނީ ބުންޏެވެ.
" ކުރިންވީހެން ވެދާނެތީ އަހަރެން ބިރުގަނޭ.. އަނެއްކާ ޒިވަންގެ ދަރިފުޅަށް އެކަށީގެންވާ ލޯތްބާއި އަޅައިލުން ނުދެވިދާނެތީ އެކަމާވެސް ޖެހިލުންވޭ.. " އަމްރާ ޢޭނާ ކަންބޮޑުވާ ކަންތައް ކިޔައިދިނެވެ.
" ކުރިއަށް ވެދާނެ ކަންތައްތަކާ މެދު ވިސްނަންވެއްޖިއްޔާ ސަލާމަތެއް ކޮބާ.. ލިވް ދި މޮމެންޓް.. ކުރިއަށް ވާން އޮންނަ ކަންތައްތަކަށް ﷲ ތަޢާލާއަށް ވަކީލުކުރުން ރަނގަޅީ.. ދެން ޒިވަންގެ ދަރިފުޅަށް އިހުމާލު ވެވިދާނެތީ ދޮންތަ ނުޖެހޭނެ ޖެހިލުންވާކަށް.. ތީ މިމުޅި ރާއްޖޭއަށް ވެސް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރެއް.. ކުޑަކުދިންނާ މުއާމަލާތްކުރަން ދޮންތައަށް ނޭނގިއެއް ނުހުންނާނެ.. " ރޫބީ ބުންޏެވެ. ޒޫނީއާއި ރޫބީ ގާތުގައި އެވާހަކަތައް ދައްކައިލެވުމުން އަމްރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ރޫބީގެ ވާހަކަތަކުން ހިތްވަރުވެސް ލިބިއްޖެއެވެ. އެހެންނަމަވެސް ގޮތެއް ނިންމަން ފަސްޖެހުނެވެ. ފުރަތަމަ ކައިވެނިވެސް ކުރެވުނީ އޭނާގެ މައިންބަފައިންނާ މާބޮޑު މަޝްވަރާއެއް ކުރުމެއް ނެތިއެވެ. މިފަހަރު އެކުށް ތަކުރާރު ކުރާކަށް ބޭނުމެއް ނޫނެވެ. ޒިވަންއަށް ޖަވާބެއް އޭނާ ދޭން ބޭނުންވަނީ އައްބާހާއި ހުރާޝާއާ މަޝްވަރާ ކުރުމަށްފަހު އެމީހުންގެ ފުރިހަމަ އިޒްނަ ލިބިގެންނެވެ.
******************
ސައިފްއަށް ވަޒީފާ ލިބުނު ކަމުގެ ޙަބަރު ލިބުނީ ހަފްތާއެއް ފަހުންނެވެ. އެންމެ ފުރަތަމަވެސް އެއުފާވެރި ޙަބަރު އޭނާ ހިއްސާކުރީ ނަޖުވާއާއެވެ. ސައިފްއަށްޓަކައި ނަޖުވާ އިންތިހާއަށް އުފާކުރިއެވެ. އެކަމުގައި ރަނގަޅު އެއްޗެއް ކައްކާލަން އުޅުނެވެ. އެހެންނަމަވެސް ސައިފް ބޭނުންވީ ނަޖުވާ ގޮވައިގެން ރެސްޓޯރެންޓަކަށް ދިއުމަށެވެ. އެރަށައް އައި ފަހުން ނަޖުވާ އެއްގޮތަކަށް ގެއިން ނުނިކުމެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
" ނޫން ސައިފް.. މިހާރުވެސް އަހަރެންނަށްޓަކައި އެތައް ހަރަދެއް ކޮށްފި.. އަހަރެން ވަރަށް ދެރަވޭ ސައިފް އެހާ ބޮޑު ބުރައެއް އުފުލާތީ.. ސައިފްގެ މައިންބަފައިންނާ ދުރުގައި އަހަރެން ގޮވައިގެން މިތާ އުޅެން ފަސޭހަ ނުވާނެކަން އެނގޭ.. ކުރިން ދުވަހަކު އަހަރެންނަށް އަޑުއިވުނު ސައިފްއާ ސައިފްގެ މަންމައާ ދެބަސްވާ އަޑު.. ދެއްކި ވާހަކައިން އެނގޭ ސައިފް ރަށަށް ނުގޮސްގެން ސައިފް މަންމަ ރުޅި އައިސްގެން އުޅޭކަން..." ނަޖުވާ ބުނެލިއެވެ.
" ނަޖޫއަށް ތިހީވަނީ މުޅިން ގޯސްކޮށް.. މަންމަ ރުޅިއައީ ނުވެސް ބުނެ ސިފައިންގެއިން ކެނޑުނީމަ.. މަންމައަކަށް ނޭނގޭނެ އަހަރެން މިރަށުގައި ހުރިކަމެއް.. މާލޭގައި ހުރި ކަމަށް ހީކޮށް ރަށަށް އަންނާށޭ ބުނީ.. އަހަރެންނަށް ނަޖޫއާ ހެދި އެއްވެސް އުނދަގުލެއް ނުވޭ.. އަހަރެން ކުރާކަމެއް މިކުރަނީ...." ސައިފްއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
" ރޫބީއަށްޓަކައި... ނޫންތަ؟" ޖުމްލަ ފުރިހަމަކޮށްދިނީ ނަޖުވާއެވެ. ސައިފް ހައިރާންވެފައި ނަޖުވާއަށް ބަލައިލިއެވެ. ނަޖުވާ ސައިފްއަށް ބަލަމުން ދިޔައީ ކަމެއް ދެނެގަންނާން މަސައްކަތް ކުރާ ފަދައަކުންނެވެ. ސައިފްއަށް ހެވުނެވެ. ނަޖުވާގެ ނޭފަތު ކުރީގައި އިނގިލިން ޖަހައިލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ.
" ތީ ދޯ ނަޖޫއަށް ހީވާގޮތް... ޤަބޫލުކުރަން އޭރު އަހަރެންނަށް އެހެން ބުނެވުނުކަން.. އެކަމަކު އަހަރެން މިހުރިހާ ކަމެއް މިކޮށްދެނީ ނަޖޫއަށްޓަކައި.. އަހަރެމެންގެ ދެމެދުގައި އޮތް ރަހުމަތްތެރިކަމަށްޓަކައި.. ކުރިން އެހާ ގާތް ރަހުމަތްތެރިއެއް ނޫނަސް މިހާރު އަހަރެން ދެކެނީ ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި.. އައި ޕްރޮމިސް ނަޖޫ.. ނަޖޫ އެކަނިވާން އަހަރެން ދުވަހަކުވެސް ދޫނުކޮށްލާނަން.. " ސައިފް ބުނެލިއެވެ. އެވާހަކަ ތަކުން ނަޖުވާއަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ދުނިޔޭގައި އޭނައަށް އަޅާލާ އޯގާތެރި ރަހުމަތްތެރިއަކު ހުރިކަން އިހުސާސްވުމުން ލިބުނީ ތަފާތު ހިތްހަމަޖެހުމެކެވެ. އުމުރު ދުވަހު އެގޮތުގައި ސައިފްގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި ދެމިހުރުމަށް ނަޖުވާ އޭނާގެ ހިތުގައި އަޒުމްކަނޑައެޅިއެވެ.
************
ކޮޓަރީގެ ބެލްކަނީގައި ހުއްޓިހުރި އާކިން ނަޒަރު ހުއްޓިފައި ހުރީ ޕޫލްއަށް ދެފައި ބާލައިގެން ތަޅުވާލަ ތަޅުވާލައިން ރޫބީއަށެވެ. ރޫބީ ހީ ހީފައި ފޯނުން ކޮންމެވެސް މީހަކަށް މެސެޖް ކުރަމުން ދިޔައެވެ. އެވާހަކަ ދައްކަނީ ކާކާ ކަން އާކިންއަށް ސިއްރެއް ނުވެއެވެ. ވޭތުވެދިޔަ ހަފްތާއެއްހާ ދުވަސްތެރޭގައި އެތައް ފަހަރެއްގެ މަތިން އާކިންއަށް އެފަދަ މަންޒަރުތައް ވަނީ ފެނިފައެވެ. އެފަދަ މަންޒަރުތައް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އަނދަމުން ދިޔައީ ކީއްވެ ކަމެއް ޙުދު އޭނާއަކަށް ވެސް ނޭނގެއެވެ.
" އިނަފް އިޒް އިނަފް.." ފުންނޭވައެއް ދޫކޮށްލަމުން އާކިން ބުންޏެވެ. އޭނާގެ އަތްންބެއްގެ ގޮތުގައި އިނދެ ކުރީގެ ލޯބިވެރިޔާ ވާހަކަ ދައްކާތަން ބަލާކަން އޭނާވެސް މަޑަކުން ނުހުންނާނެއެވެ. ކަންތައް ކުރާނެ ގޮތް ސިކުނޑީގައި ރާވައިލަމުން އާކިން ކޮޓަރިން ނިކުތެވެ. ޕޫލުކައިރިއަށް ގޮސް ރޫބީ އާ ޖެހިގެން ކަހަލަގޮތަކަށް ޕޫލު ތެރެއަށް ދެފައި ބާލައިގެން އިށިނެވެ. ރޫބީ އާކިންއަށް ބަލައިލީ ދެބުމަ ގޮށްޖަހައިލަމުންނެވެ. އާކިންއާ އިންޗިއެއްހާ ދުރަށް ޖެހިލަމުން އަނެއްކާވެސް ރޫބީ ފޯނަށް ނަޒަރު ހުއްޓައިލިއެވެ.
" ކާކާ ތި ވާހަކަ ދައްކަނީ؟ " އާކިންގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓެވެ.
" އެކްސްކިއުޒް މީ؟ " ރޫބީ ހައިރާންވެފައި ބުނެލިއެވެ.
" ކާކާހޭ ތިވާހަކަ ދައްކާނީ؟ ބުނާނީތަ ނޫނީ...؟" އާކިންގެ އަޑު ބާރުވެގެން ދިޔައެވެ. ރޫބީ ދެފަރާތަށް ނަޒަރު ހިންގައިލީ އެތަނުގައި އިތުރު މީހަކު ހުރިތޯއެވެ.
" ނޫނީ ކީއްކުރެވޭނީ.. އަހަރެން މިވާހަކަ ދައްކާ މީހެއް އާކިން ކައިރީގައި ބުނާކަށް ނުޖެހޭނެ..." ރޫބީގެ އަޑުގައިވެސް ހުރީ ރުންކުރު ގޮތެކެވެ.
" ކުރެވޭނެ ކަންތައް ދައްކާލަންވީތަ؟" އާކިން އިންޒާރެއްދޭ ފަދަ ގޮތަކަށް ބުންޏެވެ. ރޫބީ އާކިންއާ ދިމާލަށް ދެލޯ އަޅައިލުމަށްފަހު އަނެއްކާވެސް ފޯނާ ކުޅެން ފެށިއެވެ. އެހިނދު ކުއްލި ހަރަކާތަކާއެކު އާކިން ރޫބީގެ ބުރަކަށީގައި އަތްއަޅާ ޕޫލާ ދިމާލަށް ކޮއްޕާލިއެވެ. އެހިނދު ހަށީގަނޑު ކޮންޓްރޯލް ނުވެ ފޯނާ އެއްކޮށް ރޫބީ ޕޫލް ތެރެއަށް ވެއްޓުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 11 ޖަނަވަރީ ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވަ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް