" ރޫބީ....." ފަހަތުން އިވުނު އަޑާއެކު ރޫބީގެ ދެފައިގައި ކަސްތަޅު އެޅުވުނު ފަދައެވެ. އެއިވުނީ އެއީ ކޮންއަޑެއްކަން އޭނާއަށް ދުވަހަކުވެސް ނޯޅޭނޭ އަޑެކެވެ. ތެޅިތެޅި އޮތް ހިތާއެކު ރޫބީ އެނބުރި ބަލައިލިއެވެ. ގޭޓުން ބޭރުގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ސައިފް ފެނުނެވެ. ރޫބީއަށް ލިބުނީ ސިހުމެކެވެ. ފެންނަމުން މިދަނީ ހުވަފެނެއް ބާއޭ ހިތަށް އަރާ ދެތިންފަހަރު އެސްފިޔަވެސް ޖަހައިލިއެވެ. ނަމަވެސް މަންޒަރު ބަދަލުނުވުމުން ހަގީގަތެއްކަން އެނގުނެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ސައިފް ހިނިތުންވެލިތަން ފެނުނެވެ. ޓެރޭސް އާއި ދެކޮޅު ހޯދާ ބަލައިލުމަށްފަހު ރޫބީ ގޭޓާ ދިމާލަށް ހިނގައިގަތެވެ. ގޭޓު ހުޅުވާލާފައި ނިކުތެވެ. ސައިފްގެ ތުންފަތްނަތީގައިވި ހިނިތުންވުމަށް ބަދަލެއް ނައެވެ.
" ސައިފް..." ސައިފް ކައިރިއަށް ހުއްޓެމުން ރޫބީ ގޮވައިލިއެވެ. އެހިނދު ހިނިތުންވެވެން އުޅުނެވެ. ނަމަވެސް ދެވަނަ ހިނދުގައި މޫނުމައްޗަށް ސީރިއަސްކަން ގެނައެވެ.
" ކިހިނެއް މިގެ.. ކީއްކުރަން މިތަނަށް ތިއައީ؟" ރޫބީ އަހައިލިއެވެ. އެހިނދު ސައިފްގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ރޫބީއަށް ފެނުނެވެ. އެހާ ދުވަހަށް އޭނާގެ ހިތުގެ ރާނީގެ އަޑުއިވުމުން ސައިފަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ހިތްއެދެމުން ދިޔައީ ރޫބީ އެދެއަތުގެ ތެރެއަށް ލާ ބޮނޑިކޮށްލުމަށެވެ. އެހެނަސް އެއީ މިހާރު މީހެއްގެ އަނތްބެއްކަން އެއީ ސައިފް ޤަބޫލުކުރަން މަޖުބޫރުވެފައިވާ ހިތި ހަޤީގަތެކެވެ.
" މީހަކާ އިން ހަބަރު ލިބުނު... ދެރައީ އަހަރެންނަށް އަންގާވެސް ނުލީމަ..." ސައިފް ބުނެލިއެވެ. ރޫބީއަށް އިސްޖަހައިލެވުނެވެ. އެހިނދު އެލޮލުން ކަރުނައިގެ ރޮނގެއް ފޭބިއެވެ. ކަރުނުން ތެމުނު ކޯތާފަތް ރޫބީ ފޮހެލިއެވެ.
" އަހަރެން ރޫބީއަށް ކުށްވެރިއެއް ނުކުރަން... އަހަރެންނަށް އެނގޭ ރޫބީއަށް ކޮންމެވެސް މަޖުބޫރީއެއްވީކަން.. ރޫބީގެ އެއްވެސް ކުށެއް ނެތްކަން އަހަރެންނަށް އެނގޭ.. އެހެންވެ އަހަރެން ރޫބީ ދެކެ ރުޅިއެއް ނާދޭ.. ނުވެސް އަންނާނެ.. އަހަރެން ރޫބީ ދެކެ ލޯބިވަނީ އެއަށްވުރެ މާބޮޑަށް..." ސައިފް ރޫބީގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުންޏެވެ. ސައިފްގެ ބަސްތަކުން ރޫބީ އިތުރަށް ހިތުގައި ޖެހުން ނޫން ކަމެއް ނުވިއެވެ. ރޫބީ ގިސްލުމުގެ އަޑުއިވިފައި ސައިފްއަށް ކުރިއަށް ޖެހެވުނެވެ. ރޫބީގެ ކަރުނަތައް ފޮހެދެން އުޅުނެވެ. ނަމަވެސް ރޫބީ ޖެހުނީ ފަހަތަށެވެ.
" ސައިފް ކީއްކުރަން މިތަނަށް ތިއައީ.. އަހަރެން ހޯދަން މިތަނަށް އައުމަކީ އެހާ ރަނގަޅުކަމެއް ނޫން.. މިހާރު އަހަރެން މީ މީހެއްގެ އަނތްބެއް.. " ރޫބީ ބުންޏެވެ.
" އަހައިލަން ބޭނުން އެހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު ނިންމުމެއް ރޫބީ ނިންމީ ކީއްވެތޯ.. ކޮން މަޖުބޫރިއެއް ވެގެންތޯ ރޫބީ އާކިން އާ އިންނަން ޖެހުނީ... އެހެންމީހަކާ އިން ނަމަ ފަހަރެއްގެ އަހަރެން މިސުވާލުކުރަން ނުވެސް އައިމުސް.. އެކަމަކު އާކިން... އާކިން އެއީ ނަޖުވާގެ ލޯބިވެރިޔާ.. ސަބަބެއް ނެތި ރޫބީ އާކިން އާ ނީންނާނެކަން އަހަރެންނަށް ޔަގީން.. " ސައިފް ބުންޏެވެ. ރޫބީ ގިސްލަން ފެށިއެވެ. ގިސްލުން މަޑު ރުއިމަކަށް ބަދަލުވިއެވެ. އެމަންޒަރު ބަލަން ސައިފަށް ކެތްކޮށްލެވެނީ ކިރިޔާއެވެ. ބޭނުންވީ އޭނާގެ މޭގެ ތެރޭގައި ރޫބީ ބޮނޑިކޮށްލުމަށެވެ.
" ސައިފް ޕްލީޒް މިތަނުން ދޭ.. ޕްލީޒް..." ރޫބީ އާދޭހުގެ ރާގެއްގައި ބުންޏެވެ.
" ރޫބީ އަހަރެން ކައިރީގައި ކައިވެނި ކުރީ ކޮން މަޖުބޫރީއެއް ވެގެންތޯ ނުބުނާހާ ހިނދަކު އަހަރެން މިތަނުން ނުދާނަން..." ސައިފް ބުންޏެވެ.
" ސައިފް ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް.... އަހަރެންނަށް މިވަގުތު އެއްވެސް އެއްޗެކޭ ބުނެވޭކަށް ނެތް.. ސައިފް މިތާ ހުއްޓާ މީހަކަށް ފެނުނިއްޔާ ރަނގަޅެއް ނުވާނެ..." ރޫބީ ބުންޏެވެ.
" އެންމެ ރަނގަޅު.. އަހަރެން މިތަނުން ގޮސްދާނަން.. އެކަމަކު ޝަރުތެއްގެ މަތިން..." ސައިފް ބުންޏެވެ. ރޫބީ އެގޮތަށް އާދޭސްކޮށްފައި ރޯމަންޒަރު ބަލާކަށް އޭނާއަށް ކެތެއް ނުވާނެއެވެ. ސައިފް އޭނާގެ ޖީބުން ކާޑެއް ނަގާފައި ރޫބީއަށް ދިއްކޮށްލިއެވެ. ރޫބީ އޭގާއި ހިފަމުން ހައިރާންވެފައި ސައިފަށް ބަލައިލިއެވެ.
" ތީ އަހަރެން ހުންނަ ގެސްޓް ހައުސްގެ ކާޑު.. މިރޭ މިތަނުން އަހަރެންނާ ބައްދަލުކޮށްލަދީ..." ސައިފް އެދުނެވެ. ރޫބީ ވަގުތުން ނޫނެކޭ ބުންޏެވެ. މީހެއްގެ އަނތްބަކަށްވެހުރެ ހިލޭ ފިރިހެނަކާ އެފަދަ ތަނަކުން ބައްދަލުނުކުރެވޭނެ ކަމުގައި ބުންޏެވެ.
" ހާސްނުވޭ ރޫބީ.. އަހަރެންނަށް އަހަރެންގެ ހައްދު ރަނގަޅަށް އެނގޭ.. އަހަރެންނަށްޓަކައި ނޫންވިއްޔާ ނަޖުވާއަށްޓަކައި އަހަރެންނާ މިތަނުން ބައްދަލުކޮށްލަދީ... ނަޖުވާއާ ބެހޭގޮތުން އަހަރެން ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން.." ސައިފް ބުނެލިއެވެ. ރޫބީއަށް ލިބުނީ ހައިރާންކަމެކެވެ. ސައިފް ނަޖުވާއާ ބެހޭގޮތުން ދައްކަން އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ؟ ސައިފް އެތަނުން ދިއުމަށް ހިނގައިގަތީ ރޫބީ އެހައިރާންކަން މަތީގައި ހުއްޓައެވެ. ސައިފް ލޯމައްޗަށް ގެއްލުމުން ރޫބީ ދެކޮޅު ހޯދާ ބަލައިލިއެވެ. އަތުގައި އޮތް ކާޑު ލައިގެން ހުރި ޖިންސްގެ ޖީބަށްލިއެވެ. އެއަށްފަހު ދެލޮލާއި މޫނު ރީތިކޮށް ފޮހެލަމުން އެތެރެއަށް ހިނގައިގަތެވެ. ގޭތެރެއަށް ވަނުމަށްފަހު ރޫބީ ސޯފާގައި އިށީނެވެ. އޭނާއަށް އެދުވަހު ސައިފް ފެނުން އެއީ ހީވި ހީވުމެއް ނޫންކަން އެނގުނެވެ. ނަމަވެސް ސައިފް އެނބުރި އައީ ކީއްވެ ހެއްޔެވެ؟ ޓްރެއިނިންގް ފުރިހަމަ ނުކުރަނީ ހެއްޔެވެ؟ އެސުވާލުތައް ރޫބީ ސައިފާ ކުރަން ބޭނުންވިއެވެ. ނަމަވެސް ވާހަކަތައް ދިގުދެމިގެން ހިނގައިދާނެތީ ބުނަން ނުކެރުނީއެވެ. ރޫބީއަށް ސިހުމެއް ލިބުނީ ކައިރިން މީހަކު ޗުސް ތަޅައިލި އަޑުއިވިފައެވެ. ދާދި ކައިރީގައި މަލާމާތުގެ ގޮތަކަށް ހީނލައިގެން ހުރި އާކިން ފެނުމުން ރޫބީގެ ދެބުމަގޮށްޖެހިގެން ދިޔައެވެ.
" ފީލް ސޯ ބޭޑް ފޯރ ޔޫ.. ވަރަށް ރޯލައިފިން ދޯ..." އާކިން ބުނެލިއެވެ. ރޫބީގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެލިއެވެ. އާކިންއަށް ސައިފް ފެނުނީ ހެއްޔޭ ހިތަށް އެރިއެވެ. އާކިން ކުޑަކޮށް ރޫބީ އާ ދިމާލަށް ގުދުވެލިއެވެ.
" ކަލޭ ރޯތަން ފެނުނީމަ އަހަރެންނަށް މިލިބޭނި ހާދަ ހިތްހަމަޖެހުމެކޭ.. ވަރަށް ލޯބިން ކޮންމެ ދުވަހަކު މާގަސް ކައިރިއަށް ގޮސް މާބިނދެ ޑްރާމާ ކުޅޭއިރު އަހަރެން ހުންނަމޭ ބަލަން.. ކަލޭ ހޭތަން ފެނުނީމަ އަހަރެން ކައިރިއަށް އަންނަނީ އަލިފާން ކަހަލަ ރުޅި... އަހަރެންގެ ހިތަށް އެހާ އަނިޔާ ދީފަ.. އަހަރެންގެ ނަޖުވާގެ ހަޔާތް ބަރުބާދުކޮށްލާފަ ކަލެއަށް ހިތްހަމަޖެހިގެން އުޅެން ލާހިކެއް ނޫން.. ކަލެއަށް ހިތްހަމަޖެހުން ގެނުވާ ކޮންމެ އެއްޗެއް އަހަރެން ނައްތާލާނަން.. އެމާގަސް ފަދައިން ހަމަ...." މަޑުމަޑުން އާކިން ބުނެލިނަމަވެސް އެއަޑުގައިވީ ނުރައްކާތެރިކަމެކެވެ. އާކިންއަށް ޖަވާބުދިނުން މުހިއްމު ކަމެއް ކަމުގައި ރޫބީ ނުދެކުނެވެ. ވަކިއެއްޗެއް ނުބުނެ އިސްޖަހައިލިއެވެ. މިވަގުތު އޭނާ ވިސްނަމުން ދިޔައީ މުޅިން އެހެން ކަމަކާ ދޭތެރޭގައެވެ. އޭނާގެ ސިކުނޑީގައި ބޮޑޫ ހައިޖާނުގަނޑެއް އުފެދިފައިވާ ކަހަލައެވެ. އާކިން އެތަނުން ދިޔައިރުވެސް ރޫބީ އިސްއުފުލާ ބަލައެއް ނުލިއެވެ.
*********************
އެނދުމަތީގައި އުއްޑުން އޮތް އަމްރާ އޮތީ ދެހިޔާލެއްގައެވެ. ޒިވަން އާ ބައްދަލުކުރަން ދާންވީބާއޭ ނޫނީ ނުދާންވީބާއޭ ހިތަށް އަރާފައެވެ. ދިއުމަށް އޭނާގެ ހިތްދެކޮޅު ހަދަނީ ޒިވަން އަކީ މީހެއްގެ ފިރިއަކަށް ވުމުންނެވެ. ނަމަވެސް އޭނާ ސިކުނޑި ބުނަމުން ދިޔައީ ޒިވަންއާ ބައްދަލު ކުރަން ދިއުމަށެވެ. ޒިވަން އޭނާއާ ބައްދަލު ކުރަން ބޭނުންވާ ސަބަބު އެނގެނީ ދިޔައިމައެވެ. ދައްކަން ނުޖެހޭ ވާހަކައެއް ދައްކައިފިނަމަ އޭނާ އެނބުރި އަންނާނީއެވެ. އަމްރާ އޮތްތަނުން ތެދުވިއެވެ. ފެންވަރައިގެން ނިކުމެ އިޝާ ނަމާދުކޮށްލިއެވެ. އެއަށްފަހު ކްލޯޒެޓަށް ވަނެވެ. ލާން އެންމެ ރީތި ހެދުމެއް ނެގިއެވެ. ނަމަވެސް ފަހުން ހިޔާލު ބަދަލުވެ އާދައިގެ ހެދުމަކަށް ބަދަލުކޮށްލިއެވެ. މާރީތި ހެދުމެއް ލައިގެން ދިއުމުން އޭނާ އައީ ފަރިދައްކަންށޭ ޒިވަން ހިތަށް އަރއިފާނެތީއެވެ.
***************
އަމްރާ އާއި ރޫބީއަށް ކޮޓަރިން ނިކުމެވުނީ އެކުއެކީގައެވެ. ދެމީހުން އެކަކު އަނެކަކަށް ހިނިތުންވެލިއެވެ. ރޫބީވެސް ބޭރަށް ދާން ތައްޔާރު ވެގެން ހުރުމުން ދަނީ ކޮންތާކަށްތޯ އަމްރާ އަހައިލިއެވެ. ރޫބީ ދޮގެއް ނުހަދައެވެ. ބުނީ ރަށު ކުއްޖަކާ ބައްދަލުކުރަން ދާ ވާހަކައެވެ.
" އާކިން ކައިރީ ބުނި ނަމަ ޑްރޮޕް ކޮށްދޭށޭ..." ބޮޑު ދޮރުން ނިކުންނަމުން އަމްރާ ބުންޏެވެ.
" ނިދިފަ އޮތީ.. އެހެންވެ އުނދަގޫ ނުކުރަންވެގެން.. އެކަނި އުޅެންވެސް ދަސްކުރަންވާނެއްނު.." ރޫބީ ބުންޏެވެ. އެހިނދު އަމްރާގޮސް އޭނާގެ ކާރުގެ ދޮރު ހުޅުވައިލިއެވެ. އެރުމުގެ ކުރިން އެނބުރި ރޫބީއަށް ބަލައިލިއެވެ.
" އާކިންގެ ކާރުގަ އިނގޭ ދާނީ.. " އަމްރާ ބުނެލިއެވެ. ރޫބީ ބޯޖަހައިލަމުން އަމްރާ އޭނާގެ ކާރަށް އަރާ ދުއްވައިލިއެވެ. އަމްރާގެ ކާރު ގޭޓުން ނިކުންނަން ދެން ހުރުމަށްފަހު ގޭޓާ ދިމާލަށް ރޫބީ ހިނގައިގަތެވެ. ގޭ ކާރެއްގައި ސައިފް އާ ބައްދަލުކުރަން ދާން ފަސްޖެހުނެވެ. މަގަށް ނިކުތުމަށްފަހު ޓެކްސީއެއް ހުއްޓުވިއެވެ. ކާރަށް އެރުމަށްފަހު ދަބަހުން ސައިފް ދިން ކާޑު ނަގާ ބަލައިލުމަށްފަހު ދާންވީތަން ޑްރައިވަރު ކައިރީގައި ބުނެލިއެވެ.
****************
ގެސްޓް ހައުސް ކުރިމަތީގައި ރޫބީ އިންތިޒާރުގައި މަގުގެ ދެކޮޅު ބަލަބަލާ ސައިފް ހުއްޓެވެ. ރޫބީ އައި ކާރު ގެސްޓް ހައުސް ކުރިމައްޗަށް މަޑުކޮށްލީ ސައިފް އެހެން ހުއްޓައެވެ. ޑްރައިވަރަށް ލާރި ދެއްކުމަށްފަހު ރޫބީ ކާރުން ފޭބިއެވެ. ސައިފް ފެނުމުން ލުއި ހިނިތުންވުމެއް ދިނެވެ. ސައިފަށް ރޫބީގެ މޫނުން ނަޒަރު ވަކިކޮށްނުލެވުނެވެ. ކުރިއަށްވުރެ ރޫބީ ރީތިކަމަށް ފާހަގަ ކުރެވުނެވެ. އެކުޑަހިނދުކޮޅުގެ ތެރޭގައި އެކީގައި ހޭދަކޮށްފައިވާ ވަގުތުތައް ސިކުނޑީގައި ރޯލްވަމުން ދިޔައެވެ.
ރޫބީ ގޮވައިގެން ސައިފް އެތެރެއަށް ވަންނަން އުޅުމުން ރޫބީއަށް ފަސްޖެހެވުނެވެ.
" ޑޯންޓް ވޮރީ.. މިތަނުގެ ތެރޭގައި ހުރި ކެފޭއަށް ވަންނާނީ.." ސައިފް ބުނެލިއެވެ. ކެފޭ ތެރެއަށް ވަނުމަށްފަހު ހުސް މޭޒެއް ހޯދައި އެމޭޒުކައިރީގައި ގޮސް އިށީނެވެ.
" ވަރަށް ބޮޑަށް ޝުކުރިއްޔާ އައިސް ދިނީތީ..." ގޮނޑީގައި ހަމަޖެހިލަމުން ސައިފް ބުނެލިއެވެ.
" ދެން ބުނެބަލަ.. ނަޖޫގެ ކޮންވާހަކައެއް ބުނަން ބައްދަލުކުރަން ބުނީ..." ރޫބީ އަހައިލިއެވެ.
*****************
" ޔޫ ލުކް ބިއުޓިފުލް.. " ޒިވަން ވާހަކަ ދެއްކީ އޭނާގެ ކުރިމަތީގައި އިން އަމްރާ އާ އެވެ. އެވަގުތު ވެއިޓަރު އައިސް އެމީހުން އޯޑަރު ކުރި އެއްޗެހި ގެނެސް މޭޒުމަތީގައި ބަހައްޓައި ދިނެވެ.
" އަސްލު ކީއްކުރަން ބައްދަލުކުރަން ބުނީ؟؟؟" އަމްރާ އަހައިލިއެވެ.
" ބައްދަލުކޮށްލަން ބޭނުންވީ ހަމަ..." ޒިވަން ވާހަކަ ދެއްކީ ކަމުންނެވެ.
" ކީއްވެ؟؟ އައި މީން.. ޒިވަން މިހާރު މެރިޑް އެންޑް އިޓްސް ނޮޓް ގުޑް...." އަމްރާ އެންމެފަހުން އޭނާގެ ހިތުތެރޭގައި ވާ ބަސް ބޭރުކޮށްލިއެވެ. ޒިވަން ކެއުން ހުއްޓައިލިއެވެ. ޓިޝޫއަކުން އަނގަ ފޮހެލުމަށްފަހު ސީރިއަސް ބެލުމަކުން އަމްރާއަށް ބަލައިލިއެވެ.
********************
" ނަޖޫ ވީތަނެއް ރޫބީއަށް އެނގޭތަ؟ " ސައިފް އަހައިލިއެވެ.
" މަންމަ ބުނި ރޫބީ ބޭރަށް ކިޔަވަން ދިޔަ ވާހަކަ...."ރީނާ ބުނި ބަސް ހަނދާންކޮށްލަމުން ރޫބީ ބުންޏެވެ.
" އެންޑް ޔޫ ބިލީވްޑް އިޓް.. ސީރިއަސްލީ ރޫބީ.. ބޭރަށް ކިޔަވަންދާ ވާހަކަ ދުވަހަކު ނަޖޫ ރޫބީ ކައިރީގައި ބުނިތަ؟ ރޫބީއެއް ނޫންތަ އަހަރެން ކައިރީގައި ބުނީ ނަޖޫ ބުންޏޭ ސްކޫލް ނިންމާފައި ދެން އިތުރަށް ކިޔަވަން ބޭނުމެއް ނެތޭ.. ޤަބޫލުކުރަން ރޫބީ އާކިން އާ ކައިވެނި ކުރީ މަޖުބޫރުވެގެންކަން.. އެކަމަކު ނަޖޫއަށް ވީގޮތެއްވެސް ތިގޭ އެއްވެސް މީހަކު ބަލައިނުލާ ހުންނާނެކަމަށް އަހަރެން ހިޔެއް ނުކުރަން.." ސައިފް ދައްކަމުން ދިޔަ ވާހަކައިން ރޫބީ އިނީ ހައިރާން ވެފައެވެ.
" އަހަރެން ނަޖޫ އަށް ގުޅާނީ ކިހިނެއް.. ޝީ ހޭޓްސް މީ... އެހެންނޫނަސް ސައިފް ކީއްވެ ނަޖޫގެ ވާހަކަ ތިގޮތަށް ތިދައްކަނީ.. އަހަރެންނަށް ނޭނގޭ އެއްޗެއް ސައިފަށް އެނގެނީތަ؟" ރޫބީ ހައިރާންވެފައި އަހައިލިއެވެ.
" ސީރިއަސްލީ ރޫބީ... ކޮންމެވެސް މީހަކު ނަޖޫއަށްވީގޮތެއް ބަލައިލި ނަމައެއްނު.." ޝަކުވާގެ ރާގެއްގައި ސައިފް ބުނެލިއެވެ.
" އިނަފް ސައިފް.. ތިބުނަން އުޅޭ އެއްޗެއް ތަންކޮޅެއް ސާފުކޮށް ބުނެބަލަ.." ރޫބީ ކައިރިއަށް ރުޅިއަންނަ ގޮތްވިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 23 ޑިސެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް