މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ނ ހޮޅުދޫގައި އުމުރުން 71 އަހަރުގެ މީހެއްގެ މެއަށް ވަޅި ހެރި މައްސަލައިގާ ހައްޔަރުކޮށްފައިވާ ޒުވާނާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގާ އާދީއްތަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ޒުވާނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް، ކޯޓުން ޖަހައިދީފައި ވާކަމަށެވެ.
ހަމަލާދިން ޒުވާނާގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ޖަހާފައި ވާއިރު ޒަހަމްވި މީހާގެ ހާލާއިމެދު ދުވަހަށް މައުލޫމާތު ދެއްވަމުން ހޮޅުދޫ ކައުންސިލްގެ ރައީސް މާޔިޒް މުހައްމަދު ވިދާޅުވީ ޒަހަމްވި 71 އަހަރުގެ މީހާއަށް މިހާރު ފަރުވާ ދެމުން އަންނަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނައިރު ޖެނެރަލް ވޯޑަށް ބަދަލުކޮށްފައި ވާކަމަށް އެނާގެ އާއިލާއިން މައުލޫމާތު ދޭ ކަމަށެވެ.
ވަޅި ހެރުމުގެ ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހުގެ ރޭ 7:40 ހާއިރު އެވެ. މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް