ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދަށް ގުއާޓަމާލާ އިން ޝަރަފެއް ލިބިވަޑައިގެންފިއެވެ.
ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތް އެމަނިކުފާނަަށް އަރުވާފައިވަނީ ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ހާއްސަ ގަރާރެއް ނެރުއްވާފައެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދަށް މި ޢިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.
އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތުގެ" ގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކޮވިޑްގެ ޙާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށް ކުރައްވާ މަސައްކަތް ވަނީ އަގު ވަޒަންކޮށްފައެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި، ވަކީން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތައް މީގެ ތެރެއިން ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ އަކީ 1973 އިން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. މި ޢިއްޒަތް އެ ޤައުމުން އަރުވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި، ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.
އެ ނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.
https://twitter.com/MinexGt/status/1548143703885090819?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1548143703885090819%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fkhabaruonline.com%2F102695
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް