މުޖްތަމަޢުގައި ހިނގާ ބޮޑެތި ޖަރީމާތައް ހުއްޓުވޭނީ ﷲ ގެ ޙުކުމްފުޅުތައް ބަރާބަރަށް ތަންފީޒުކޮށްގެންކަމަށާއި ﷲ ގެ ޙުކުމްފުޅުތަކަށް ދެކޮޅު ހަދާނީ އިސްލާމްދީނުގެ ޢަދުއްވުންކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ނާއިބު ރައީސް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.
ސަންޓީވީ އިން ރޭ ގެނެސްދިން 'ސުވާލަކީ ކޮބާ' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ޙަސަން ފިކްރީ ވިދާޅުވީ ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ގަސްދުގައި މީހަކު މަރާ މީހެއްގެ ޢުޤޫބާތުގެ ގޮތުގައި ޤިޞާޞް ހިފުން ފަރުޟު ކުރައްވާފައިކަމަށާއި، ﷲ ގެ ޙުކުމަށް 'އަނިޔާވެރި' މިލަފްޒު ބޭނުން ކުރާނީ ކަނޑައެޅިގެން އިސްލާމްދީނުގެ ޢަދުއްވެއްކަމަށެވެ. އަދި މަރަށް މަރު ހިފާކަށް ތާއީދެއް ނޫނޭ ނުވަތަ ތިމަންނަމެންގެ ސިޔާސަތާ ދެކޮޅުކަމެކޭ ބުނުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ލިބިގެން ނުވާކަމަށާއި އަދި އަމުދުން މުސްލިމަކު މިފަދަ އެއްޗެއް ނުބުނާނެކަމަށް ޝައިޚް ޙަސަން ފިކްރީ ވިދާޅުވިއެވެ.
"ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ މަރާލެވޭ މީހާގެ ބަދަލުގައި ޤިޞާޞް ހިފުން ފަރުޟު ކުރައްވާފަ. އެހެންވީމަ ﷲ ގެ މި ޙުކުމަށް އަނިޔާވެރިއޭ ނުވަތަ މަރަށް މަރު ހިފާކަށް ތާއީދެއް ނޫނޭ ނުވަތަ ތިމަންނަމެންގެ ސިޔާސަތާ ދެކޮޅޭ، މިފަދަ އެއްޗެއް ބުނުމުގެ ޙައްޤު އެއްވެސް އިންސާނަކަށް ލިބިގެންނެއް ނުވޭ. އަދި އަމުދުން މުސްލިމަކު މިފަދަ އެއްޗެއް ނުބުނާނެ. އިސްލާމީ ޝަރީޢަތުގެ މައިގަނޑު 5 މަޤްޞަދެއް އެބަވޭ. ފުރަތަމަ ކަމަކީ ދީން ޙިމާޔަތް ކުރުން. ދެވަނަ ކަމަކީ އިންސާނާގެ ފުރާނަ ޙިމާޔަތް ކުރުން. ތިންވަނަ ކަމަކީ ބުއްދި ޙިމާޔަތް ކުރުން. ހަތަރުވަނަ ކަމަކީ މުދާ ޙިމާޔަތް ކުރުން. އަދި ފަސްވަނަ ކަމަކީ މީސްތަކުންގެ ޢަބުރު ރައްކާތެރި ކުރުން. މިއީ އިސްލާމް ދީނުގެ 5 މަޤްޞަދު އިނގޭތޯ." ޝައިޚް ޙަސަން ވިދާޅުވިއެވެ.
ޝައިޚް ޙަސަން ފިކުރީ އިތުރަށް ވިދާޅުވިގޮތުގައި މިއަދު ބައެއް ސިޔާސީ މީހުން އެކިއެކި ތަންތާނގަ ވާހަކަ ދައްކާއިރު ﷲ ގެ ޙުކުމްފުޅުތަކާ ދެކޮޅަށް ބަސްބުނަމުންދަނީ ﷲ އަށް އެއްވެސް ބިރުވެތިވުމެއްނެތިކަމަށާއި ﷲ ގެ ޙުކުމާދެކޮޅަށް ބައެއް މީހުން ބަސްބުނަމުންދަނީ އެބައިމީހުންނަށް ލިބޭ ވަގުތީ މަންފާއެއް ހާސިލު ކުރުމަށް އެމީހުންގެ ކާފަރު އެކުވެރިން ރުއްސުމަށްކަމަށެވެ.
"މިއަދު ބައެއް ސިޔާސީ މީހުން އެކިއެކި ތަންތާނގަ ވާހަކަ ދައްކާއިރު ﷲ ގެ ޙުކުމްފުޅުތަކާ ދެކޮޅަށް ބަސްބުނަމުންދަނީ ﷲ އަށް އެއްވެސް ބިރުވެތިވުމެއްނެތި. އަދި ﷲ ގެ ޙުކުމްއާ ދެކޮޅަށް ބައެއް މީހުން ބަސްބުނަމުންދަނީ އެބައިމީހުންނަށް ލިބޭ ވަގުތީ މަންފާއެއް ހާސިލު ކުރުމަށް އެމީހުންގެ ކާފަރު އެކުވެރިން ރުއްސުމަށް." އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އެތައް ބައެއްގެ މައްޗަށް ޤަޞްދުގައި މީހުންމެރުމުގެ ޙުކުމް ސާބިތުވެފައިވާއިރު، އެ މުޖުރިމުންގެ މައްޗަށް ޤިޞާޞްގެ ޢުޤޫބާތް ތަންފީޒު ކުރުމަކީ މިއަދުގެ ސަރުކާރުން ކުރަން ތައްޔާރުވެފައިވާ ކަމެކެވެ. އަދި މުސްލިމުންގެ ނަމުގައި އުޅޭ ބައެއް މީހުން މަރުގެ ޙުކުމްތަންފީޒު ކުރުމާއި ދެކޮޅަށް ވާހަކަ ދައްކަމުންދާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް