އާ ގާނޫނު އަސާސީ އާއި ރައްޔިތުންނަށް ލިބިގެންދިޔަ ބާރާއެކު ޒަމާންވީ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް ދެކެވަޑައިގެންނެވި ނަމަވެސް އެ މައްސަލަތައް ހައްލު ނުވެ ބޮޑުވަމުންދާކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
އެމްއާރްއެމްގައި އުޅުއްވުމަށް ފަހު މިހާރު ސިޔާސީ ޕާޓީއެއް ވުޖޫދުކުރުމުގެ މަސައްކަތުގައި އުޅުއްވާ ކަމާލުއްދީން މިހެން ވިދާޅުވީ، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ކަމާލުއްދީން ވިދާޅުވީ އެންމެން ވެސް އުއްމީދުކޮށްގެން ތިބީ އައު ގާނޫނު އަސާސީއެއް ލިބި ބާރުތައް ވަކިކުރެވުމުން އަދި ރައްޔިތުންނަށް އައު ހައްގުތަކާއި ބާރު އިތުރުވެގެން ދިޔުމުން މައްސަލަތައް ހައްލުކުރެވިގެން ދާނެކަމަށެވެ.
އެކަމަކު ފެންނަނީ އެ މަންޒަރެއް ނޫން ކަމަށާއި، ފެންނަނީ ގައުމުގެ ހުރި މައްސަލަތައް ބޮޑުވެގެންދާތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މިހާރު ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށާއި، މިކަންކަން ހައްލު ނުކުރެވިގެން ދާ ދިއުމުގައި ރައްޔިތުން ތިބީ ފިކުރު ބޮޑުވެފައި ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. ކަމާލުއްދީން ވިދާޅުވީ މި މައްސަލަތައް ދިގުލައިގެން ދާތީ ރައްޔިތުންގެ ހާސްކަން އެބައޮތް ކަމަށެވެ.
ލުއްދީން ވިދާޅުވީ ދިވެހިރާއްޖެއަކީ މާއްދީގޮތުން ވަރަށް މުއްސަދި ގައުމެއް ކަމަށާއި، އެކަމަކު ދައުލަތެއް، ރައްޔިތުންނެއް މުއްސަނދި ނުވާކަމަށެވެ. ވިދާޅުވީ އަހަރެމެންގެ އިޖުތިމާއީ ހަޔާތެއް ކޮބައިތޯއެވެ؟
ކަމާލުއްދީން ވިދާޅުވީ ކޮންމެ ދިވެއްސެއްގެ ވެސް ހިތާއި އެންމެ ކައިރިން ކުޅޭނީ އިސްލާމްދީން ކަމަށާއި، މިތަނުގައި އިސްލާމްދީން އޮންނާން ބޭނުންނުވާ ބަޔަކު އުޅޭނެކަމަށް ހީނުކުރައްވާ ކަމަށެވެ. އަދި ޓުވިޓާ ފަދަ މަންސަތައް ބަލާލީމާ ފެނިގެންދަނީ އިސްލާމްދީނުގެ މައްސަލައިގައި އެކަކު އަނެކަކާއި ޒުވާބުކޮށް ހަމައަކަށް ނޭޅި ހައްލެއް ނުހޯދިގެންދާތަން ކަމަށް ވިދާޅުވެ އެ މައްސަލަ ފާހަގަކުރެއްވިއެވެ.
ކަމާލުއްދީން ވިދާޅުވީ ގައުމުގައި ހުރި ކަންކަން ހައްލުކުރެއްވުމަށް އައު ސިޔާސީ ފިކުރެއް އަދި ފަލްސަފާއެއް ނެރެގެން ރައްޔިތުން އެއަށް ކޮންޓްރިބިއުޓްކުރާނެ ގޮތަށް މަސައްކަތް ކުރާނެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
މި މޭރުމުން ވާހަކަދެއްކެވި އިރު، އޭނާ މިހާރު ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އީސީގައި ހުއްދައަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް