ފިރިމީހާ އިތުރު ކައިވެންޏެއްކުރަން ބޭނުންވަނީ އަނބިމީހާ މަތީން ފޫހިވެގެނެއްނޫން: ޝައިޚް ޢަބްދުﷲ

ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން ބޭނުންވަނީ އިނދެގެން އުޅޭ އަނބިމީހާ މަތީން ފޫހިވެގެން ނޫންކަމަށާއި ނަމަވެސް ބައެއް ފަހަރަށް އެކަންވެސް ސަބަބަކަށް ވެގެން ހިނގައިދާނެކަމަށް އައްޝައިޚް ޢަބްދުﷲ ބިން މ...

23 Jun 2017 | 08:44

ފިރިމީހާ އިތުރު ކައިވެންޏެއް ކުރަން ބޭނުންވަނީ އިނދެގެން އުޅޭ އަނބިމީހާ މަތީން ފޫހިވެގެން ނޫންކަމަށާއި ނަމަވެސް ބައެއް ފަހަރަށް އެކަންވެސް ސަބަބަކަށް ވެގެން ހިނގައިދާނެކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖަމްޢިއްޔަތުއްސަލަފުގެ 'ސަލަފްކިއު.އޭ' ގެ 200 ވަނަ ޕޯސްޓުގައި ހިމަނާފައިވާ ސުވާލަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުﷲ ވިދާޅުވީ ފިރިމީހާ އިތުރު ކައިވެންޏެއްކުރަން ބޭނުންވާ ސަބަބުތަކުގެތެރޭގައި އިތުރު ދަރީން ބޭނުންވުމާއި އިތުރު ޢާއިލާއަކާ ގުޅުން ބަދަހި ކުރުން ހިމެނޭކަމަށެވެ. އަދި ފިރިހެނުންގެ ޠަބީޢަތުގައި ތަފާތު އަންހެނުންނަށް ޝަޥުޤުވެރިވުން ލައްވާފައިވީތީ ދިރިއުޅުންތާޒާ ކޮށްލުމުގެ ގޮތުންވެސް ފިރިމީހާ އެހެންކައިވެންޏަކަށް ބޭނުންވެދާނެކަމަށެވެ.

"ފިރިމީހާ އިތުރު ކައިވެންޏެއްކުރަން ބޭނުންވަނީ އަނބިމީހާ މަތީން ފޫހިވެގެނެއްނޫނެވެ. ނަމަވެސް އެވެސް ބައެއް ފަހަރު ސަބަބެއްކަމުގައި ވެދާނެއެވެ. އޭގެ އިތުރުން ގިނަ ދަރީން ބޭނުންވުން، އިތުރު ޢާއިލާއަކާ ގުޅުން ބަދަހި ކުރުން، ޖިންސީގޮތުން ވަރުގަދަވުން، އަނބިމީހާއާ ދުރުގައި ހުންނަން ޖެހުމުން އެހީތެރިޔަކު ހޯދުން، އަދި ފިރިހެނުންގެ ޠަބީޢަތުގައި ތަފާތު އަންހެނުންނަށް ޝަޥުޤުވެރިވުން ލައްވާފައިވީތީ ދިރިއުޅުންތާޒާ ކޮށްލުމުގެ ގޮތުންވެސް ފިރިމީހާ އެހެންކައިވެންޏަކަށް ބޭނުންވެދާނެއެވެ." ސަލަފްކިއު.އޭ ގައި ޝައިޚް ޢަބްދުﷲ ވިދާޅުވެފައިވެއެވެ.

ސަލަފްކިއު.އޭ އަކީ މީސްތަކުންގެ ހިތްތަކުގައި އުފެދޭ އެކިއެކި ދީނީ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ތައްޔާރުކޮށް، އެޖަމްޢިއްޔާގެ ވައިބާ ގްރޫޕުގައި ކުރިއަށްގެންދާ ޕޯސްޓުތަކެކެވެ. މިސުވާލުތަކަށް ޢާއްމުކޮށް ޖަވާބު ދެއްވާފައިވަނީ ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންނެވެ. ސަލަފުންވަނީ މީގެ ކުރިން ސަލަފްކިއު.އޭ ގެ ފުރަތަމަ 100 ސުވާލު ހިމަނައިގެން ފޮތެއްނެރި، މީހުންނަށް ހިލޭ ބަހާފައެވެ. އަދި މިހާތަނަށް ނެރިފައިވާ 200 ސުވާލު ހިމަނައިގެންވެސް ފޮތެއްނެރެ ހިލޭ ބެހުމަށް ސަލަފުންދަނީ ތައްޔާރު ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް