ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ / ސްވެން، ޢަބްދުﷲ ރަޝީދު (43އ.) ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން އޭނާގެ އާއިލާއިން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދާއިރު، ފުލުހުންނަށް އަމިއްލައަށް އެކަން ނުކުރެވޭނެ ކަމަށް ޢަބްދުﷲ ރަޝީދުގެ އާއިލާއިން މިއަދު ބުނެފިއެވެ.
ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުން ޢަބްދުﷲ ރަޝީދު ހައްޔަރު ކުރީ މިމަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް އޭނާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ފުލުހުންނަށް އެކަން އެންގުމުން ވެސް، އޭނާއަށް ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެ، މިކަމުގައި ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.
ޢަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުންވި ނަމަވެސް، އާއިލާއިން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެހެންކަމުން އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ގަލޮޅު މޯޗަރީގައެވެ. އެއާއިލާގެ މީހުންނަށް އެތަނަށް ވަނުމުގެ ހުއްދައެއް ވެސް ދީފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މީޑިއާތަކާ ހިއްސާ ކުރުމަށް ޢަބްދުﷲ ރަޝީދުގެ އާއިލާގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާގެ އަންހެނުން ބުނީ، ހަށިގަނޑު މާލެ ގެނައީ އާއިލާއާ ހަވާލު ކުރަން ކަމަށް ކުރިން ބެލެވުނަސް، ފުލުހުން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށެވެ. ފުލުހުން ބޭނުން ވަނީ ޕޯސްޓްމޯޓަމް ހަދަން ކަމަށާއި އެކަމާ އާއިލާއިން ތަކުރާރުކޮށް ދެކޮޅު ހަދަމުންދާ ކަމަށް ވެސް ޢަބްދުﷲ ރަޝީދުގެ އަންހެނުން ބުނެފައިވެއެވެ.
"އެ މީހުން ކުރާ ތަހުގީގެއް ކުރަން އަޅުގަނޑުމެން ހުރަހެއް ނާޅަން ދެއްތޯ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނާ އެއްވެސް އެއްޗެއް ހިއްސާ ނުކޮށް، އެއްވެސް އެވިޑެންސެއް ހިއްސާ ނުކޮށް، އަނދިރީގައި ބައިތިއްބާފައި ޕޯސްޓްމޯޓަމް ނުހެދޭނެއޭ. އަހަރުމެންގެ ހައްގެއް ވެސް އެބައޮތޭ،" އޭނާގެ އަންހެނުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޢަބްދުﷲ ރަޝީދު ހައްޔަރު ކުރުމަށް ފުލުހުން ހިންގާފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ނަމަވެސް ރަޝީދަކީ އެއްވެސް އިރެއްގައި މަސްތުވާތަކެތީގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ވެސް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް