އަޅުގަނޑު ހައްޔަރު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ އޭރުގެ ރައީސް: އަބްދުﷲ ގާޒީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ނަގަންޖެހޭނީ، ކުރީގެ ރައީސް ކަމަށް ވިދާޅުވެ އަބްދުﷲ ގާޒީ މިރޭ ހެކިބަސް ދެއްވައިފި އެވެ. ހެކި ބަސް ދެއްވި އިރު ނަޝީދުގެ ނަންފުޅު ގ...

10 Mar 2015 | 15:40

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމުގެ ޒިންމާ ނަގަންޖެހޭނީ، ކުރީގެ ރައީސް ކަމަށް ވިދާޅުވެ އަބްދުﷲ ގާޒީ މިރޭ ހެކިބަސް ދެއްވައިފި އެވެ.

ހެކި ބަސް ދެއްވި އިރު ނަޝީދުގެ ނަންފުޅު ގާޒީ ބޭނުމެއް ނުކުރައްވައެވެ. ވިދާޅުވީ ޒިންމާ ނަގަންޖެހޭ ކަމަށް ދޭހަވީ އޭރުގެ ރައީސް ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމް ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިރޭ ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ގާޒީ ވިދާޅުވީ، އޭނާ ހައްޔަރު ކުރުމުގެ ޒިންމާ ނަގަން ޖެހޭނީ އޭރުގެ ރައީސް ކަމަށް ދޭހަވީ ގިރިފުށީގައި ހުންނެވިއިރު، އެމްޑީޕީ ސަރުކާރުގެ އިސްވެރިންތަކެއް އެތަނުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުން ކަމަށެވެ. ގާޒީ ވިދާޅުވީ އެބޭފުޅުންގެ ވާހަކަތަކުން، އޭނާ ހައްޔަރުކުރުމުގެ ޒިންމާ، އޭރުގެ ރައީސް ނަގަން ޖެހިވަޑައިގަންނަވާނެކަން އެނގިވަޑައިގަތް ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކުން އޭނާ ހައްޔަރުކުރީ ރައީސް ނަޝީދު އަންގަވައިގެން ކަމަށް އެބޭފުޅުން ވިދާޅު ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިރޭގެ ޝަރީއަތުގައި ކުރިޔަށް ގެންގޮސްފައިވަނީ އަބްދުﷲ ގާޒީގެ ހެކިބަސް ނެގުން އެކަންޏެވެ. އަބްދުﷲ ގާޒީ އާއި ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށާއި ނަޝީދަށޤ ދިން އިރު ދައުލަތުން ސުވާލެއް ކުރާކަށް ބޭނުމެއް ނުވިއެވެ. ނަޝީދު ވިދާޅުވީ ވަކީލެއް ހަމަޖައްސައި ދެއްވުން އެދޭ ކަމަށެވެ.

ނަޝީދާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ދެން އޮންނަ ޝަރީއަތެއްގައި އޮންނާނީ ހުށަހަޅާފައިވާ ހެކިތަކަށް ދެ ފަރާތުން ރައްދުދިނުމާއި ހުލާސާ ބަޔާން އިއްވުން ކަމަށް ގާޒީ ދީދީ ވިދާޅުވި އެވެ. އެ ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް