އާޔަތެއްގެ ހިޔަލުގައި: ހަމަ ކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާ އެކުގައެވެ

﴿إِنَّ اللَّـهَ مَعَنَا﴾ "ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާ އެކުގައެވެ." الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. ތޭރަ އަހަރުގެ ދިގު މުއްދަތަކަށް، މައްކާގެ އަހުލުވެރިންނ...

27 May 2017 | 09:52

﴿إِنَّ اللَّـهَ مَعَنَا﴾

"ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ތިމަންމެންނާ އެކުގައެވެ."

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ތޭރަ އަހަރުގެ ދިގު މުއްދަތަކަށް، މައްކާގެ އަހުލުވެރިންނަށް ދަޢުވަތުދެއްވުމުގައި ދެމިހުންނެވުމަށް ފަހު، ރަސޫލާ صلى الله عليه وسلم މައްކާގެ ބިން ދޫކުރައްވާ، މަދީނާއަށް ހިޖުރަކުރެއްވިއެވެ. މިކަން ހިނގައިދިޔައީ އެކި ސަބަބުތައް މެދުވެރިވެގެންނެވެ. އޭގެ ތެރެއިން އެއް ސަބަބަކީ ނަބިއްޔާ صلى الله عليه وسلم އަވަހާރަކޮށްލުމަށް މައްކާގެ މުޝްރިކުން ރޭވުމެވެ. މިކަމަށް އިޝާރާތްކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَإِذْ يَمْكُرُ بِكَ الَّذِينَ كَفَرُوا لِيُثْبِتُوكَ أَوْ يَقْتُلُوكَ أَوْ يُخْرِجُوكَ وَيَمْكُرُونَ وَيَمْكُرُ اللَّـهُ﴾ [سورة الأنفال٣٠] މާނައީ:"ކާފިރުވި މީހުން، ކަލޭގެފާނު ހައްޔަރުކުރުމަށް ނުވަތަ އަވަހާރަކޮށްލުމަށް ނުވަތަ ކަލޭގެފާނު ރަށުން ބޭރުކޮށްލުމަށް ރޭވިހިނދު ހަނދުމަކުރައްވާށެވެ. އެއުރެން މަކަރުވެރި، ނުބައި ރޭވުންތައް ރާވަތެވެ. އަދި ﷲ (އެއުރެންގެ ރޭވުންތައް ބާޠިލުކުރައްވާ، އެއުރެންނަށް ކެހިލިބޭނެގޮތަށް) ތަދުބީރުކުރައްވަތެވެ."

މިނުރައްކަލަށް ރައްކާތެރިވެވަޑައިގެން އެކަލޭގެފާނު ހިޖުރަކުރެއްވުމަށް ތައްޔާރުވެވަޑައިގަތެވެ. އަދި ރޭގަނޑުގެ ވަގުތެއްގައި، ސިއްރިއްޔާތުގައި އަބޫބަކުރު رضي الله عنه އާ ދެބޭކަލުން ޘައުރުފަރުބަދައިގެ ހޮހޮޅައަށް ވަޑައިގަތުމަށް ނިންމެވިއެވެ. އަދި ﷲ ތަޢާލާ އެކަމަށް އިޛުނަދެއްވުމުން އެކަލޭގެފާނު ދަތުރުފުޅު ފެއްޓެވިއެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ތިން ދުވަސްވަންދެން އެހޮހޮޅާގައި މަޑުކުރެއްވުމަށެވެ. އެއީ މައްކާގެ މުޝްރިކުން އެކަލޭގެފާނު ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހީނަރުވެއްޖައުމަށް ދާންދެނެވެ. ދެންފަހެ މައްކާގެ މުޝްރިކުންނަށް އެކަލޭގެފާނު ހިޖުރައިގެ ދަތުރުފުޅު ފެއްޓެވިކަން އެނގުމުން އެދެބޭކަލުން އަނބުރާ ގެނެސްދިން މީހަކަށް ބޮޑެތި އިނާމުތައް ކަނޑައަޅާ އެކަން އިޢުލާނުކޮށްފިއެވެ. އަދި ކެނޑިނޭޅި އެދެބޭކަލުން ހޯދުމަށް މަސައްކަތްކުރިއެވެ. އަދި އެއިން ބަޔަކު ޘައުރުފަރުބަދައަށްވެސް އެރިއެވެ. އަދި އެބޭކަލުންނަށް އެމީހުންގެ އަޑުއިވޭހާ ގާތަށް އެމީހުން އައެވެ. މިކަމުގެ ސަބަބުން އަބޫބަކުރު رضي الله عنه ގެ ހިތްޕުޅަށް ބިރު ހީވެ، ދެރަވެ، ކަންބޮޑުވެއްޖެއެވެ. މިކަމާ ބެހޭގޮތުން ﷲ ތަޢާލާގެ ވަޙީބަސްފުޅު ބާވައިލެއްވިއެވެ. ﴿ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّـهَ مَعَنَا فَأَنزَلَ اللَّـهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُوا السُّفْلَىٰ  وَكَلِمَةُ اللَّـهِ هِيَ الْعُلْيَا وَاللَّـهُ عَزِيزٌ حَكِيمٌ﴾ [سورة التوبة٤٠] މާނައީ: "އޭގެ ދެކަލުން (ޘައުރުފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން ﷲ ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެއިލާހު ގަދަކަން ދެއްވިއެވެ. އަދި ކާފިރުވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. ﷲގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. ﷲއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ." ހުރިހާ ނުރައްކަލަކުން ﷲ ތަޢާލާ އެދެބޭކަލުން ހިމާޔަތްކުރެއްވިއެވެ. އަދި އަމާންކަމާއެކު އެދެބޭކަލުން މަދީނާގެ ބިމަށް ފޯރާ، މުޝްރިކުންގެ މަކަރުވެރި ރޭވުންތައް ނާކާމިޔާބުވިއެވެ.

ދަންނައެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ވަކީލުކޮށް، ޙައްޤުގެ މަތީގައި ޘާބިތުވެހުރިމީހަކު ކަންބޮޑުވެ ދެރަވެ ހާސްވާން ނުޖެހޭނެއެވެ. ހަމަކަށަވަރުން ތަޤްވާވެރިންނާއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. އަދި އެބައިމީހުންގެ ކަންތައްތައް އެއިލާހު ފަސޭހަކޮށްދެއްވައެވެ.

ލިޔުއްވީ : އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

______________________________

މަޞްދަރު: السيرة النبوية في ضوء المصادر الأصلية

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް