މާތް الله އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތައް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުލޫއަކީ ”ޖުވާއާއި އޭގެ އާމްދަނީ ޙަރާމް“ މި މައުލޫއެވެ. މި މައުލޫއަށް ވަރަށް ފުޅާ ދާއިރާއެއްގައި މިއަދުގެ ހުތުބާގައި އަލި އަޅުވާލާފައިވެއެވެ.
ހުތުބާގައި ބުނީ ޖުވާއަކީ، ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެއް ކަމަށާއި އެއީ އިސްލާމް ދީނުގައި ޙަރާމްކަމެއް ކަމަށެވެ.
"މާތް الله އެ ކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ، ޙަލާލު ރަނގަޅު ތަކެއްޗާއި އެ ފަދަ ޢަމަލުތަކެވެ. ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް ޢަމަލެއް އެ ކަލާނގެ ހުއްދައެއްނުކުރައްވައެވެ." ޚުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމް ދީނުގައި ޖުވާ ޙަރާމްކުރެއްވީ، އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު ޢަމަލަކަށް ވާތީ ކަމަށާއި ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެތި ކަމަށެވެ. އަދި ދިންނަވައި ނަޞީބު ލިބުމަށް ޓަކައި އެ ތަކެތިން ދުުރުވެގަތުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
"ހަމަކަށަވަރުން ޙަރާމް އެއްޗެއް ކައިގެން ގައިގައި މަސްޖަހައިފައިވާ މީހާ ސުވަރުގެ ނުވަންނަހުށްޓެވެ. އޭނާއަށް އައުލާކަން ބޮޑީ ނަރަކައެވެ." ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ ޖުވާ ކުޅެގެންނާއި، ދީނުގައި ޙަރާމްކުރައްވައިފައިވާ ވަސީލަތްތަކުން ހޯދާ ފައިސާ، ދީފައި ގަންނަ ތަކެތި ކެއުމާއި، އެ ފަދަ ފައިސާއިން ހޯދާ ފޭރާންލުމާއި، ގެދޮރު އެޅުމާއި، ދަރީންގެ ތަޢުލީމާއި ޞިއްޙަތަށް ޚަރަދުކުރުމަކީ، އޭގެ ސަބަބުން އެ މީހަކު ސުވަރުގެއިން މަޙްރޫމުވެ، ނަރަކަވަންތަވެރިވެދާނޭ ކަމެއްކަން ހަނދާންކޮށްދީފައެވެ.
މުސްލިމް އަޚުންނޭވެ! ޖުވާކުޅުމަކީ ދުންޔަވީ ގޮތުން ވެސް ގެއްލުން ހުރި ކަމެކެވެ. ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.
ހުތުބާގައި ބުނީ ޖުވާކުޅުމުގެ ސަބަބުން މުޅި މުޖުތަމަޢު ފަސާދަވެ، އޭގެ ގެއްލުން ޢާންމުވާ ކަމަށާއި ފާފަވެރިވެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ގެއްލޭ ކަމަށެވެ.
"މިއީ މުޅީން ވެސް އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ކަންކަމެވެ. އިސްލާމް ދީން އައީ މީސްތަކުންގެ މުދަލާއި ފުރާނައާއި އަބުރު ޙިމާޔަތްކޮށްދިނުމަށެވެ. ޖުވާގެ ސަބަބުން މި މަޤްޞަދުތައް ގެއްލެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ވަނީ އިސްލާމް ދީން އަމުރުކުރަނީ، ރަނގަޅު ހެއު ތަކެތި ކެއުމަށާއި، ހެއު ޢަމަލުކުރުމަށްކަން ހަނދާންކޮށްދީ ކެއުމާއި، އުނު ފޭރާންލުމާއި، ތަޢުލީމާއި، ޞިއްޙަތާއި، ހިތްއުފާކުރުމާއި، ހިޔާވަހިކަން ހޯދުމުގައި، ޙަލާލު ފައިސާ ބޭނުންކުރާ ބަޔަކު ކަމުގައި ވުމަށް ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް