މާތް ﷲ ތައާލާއަށް އަދާކުރަންޖެހޭ ހައްގުތައް އަދާކުރުމަށްފަހު، ދެން އެންމެ އިސްކަންދޭން ޖެހޭ ހައްގަކީ މައިންބަފައިންނަށް ކަމޭހިތުން ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތުން” އެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި މާތް ﷲ، އެ ކަލާނގެއަށް އަޅުކަން ކުރުމަށް އެންގެވި އަމުރުފުޅާ ވިދިގެން މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އަމުރު ކުރައްވާފައިވާ ކަމަށެވެ. ހުތުބާގައި ބުނީ، މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ކަމޭ ހިތުމަކީ އެކަމުގެ ސަބަބުން ހެޔޮކަމާއި ލާބައިގެ ގިނަގުނަ ދޮރުތައް ހުޅުވޭ ކަމެއް ކަމަށެވެ. އަދި ކީރިތި ރަސޫލާގެ ބަސްފުޅުތަކުންނާއި އަމަލުފުޅުތަކުން އެ ކަންތައްތައް ބަޔާންކޮށް ދެއްވާފައިވާ ކަމަށް ބުންޏެވެ.
އިންސާނާގެ ރިޒްގު ތަނަވަސްކޮށްދެއްވުމަށާއި އޭނާގެ އުމުރު ދިގުކޮށް ދެއްވުމަށް ލޯބިކުރާ މީހާ އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓަން ޖެހޭ ކަމަށް ރަސޫލާ ހަދީސް ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
އިތުރަށް މި މައުޟޫގައި ބުނެފައިވާ ގޮތުގައި ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި، އެންމެހައި ފާފަތަކުގެ ޖަޒާ، ގިޔާމަތާ ހަމައަށް މާތް ﷲ ފަސްކުރައްވާ ކަމަށެވެ. ނަމަވެސް މިކަންކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައިވެސް، އެމީހަކަށް އެކަލާނގެ އަވަސް ކުރައްވާ ކަމަށެވެ.
ހުތުބާގައި އިތުރަށް ބުނީ، މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި އެބައިމީހުން ދުނިޔެ ދޫކޮށް ދިއުމުން، އެބައިމީހުންނަށްޓަކައި ހެޔޮ ދުއާ ކުރުމާއި އެބައިމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާއެކު ގުޅުން ދެމެހެއްޓުންވާ ކަމަށެވެ. އަދި ގާތްތިމާގެ މީހުންނާއެކު ގުޅުން ދެމެހެއްޓުމަކީ ﷲގެ ރަހުމަތް ލިބޭނެ ކަމެއް ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް