މާލެ ހުޅުމާލެ ހައިވޭގައި ފުލުހުންގެ ވެހިކަލް ޗެކް ޕޮއިންޓް (ވީސީޕީ) އެއް - ދުވަސް ފޮޓޯ: އަޒްމީ އަލީ
ސިނަމާލެ ބްރިޖު ހައިވޭގެ ޗެކްޕޮއިންޓުގައި ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެހުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ޝަރުތުތަކާ އެކު ބަންދުން ދޫކޮށްލައި، ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދަށް 15 ދުވަސް އިތުރުކޮށްދީފިއެވެ.
ބަންދުން ދޫކޮށްލީ ހ. ފިލްމީސައިޓް، 21 އަހަރުގެ އަނޫފް ބިން މުހައްމަދާއި، ކ. ގާފަރު، މަލަ، 30 އަހަރުގެ އަހްމަދު ޝިނާޒާއި، ސ. ހިތަދޫ، ފެނީވާ، 21 އަހަރުގެ އަހްމަދު މާއިޝް މުހައްމަދު މާހިރެވެ. ތިން މީހުން ދޫކޮށްލީ ރަށުން ބޭރަށް ނުދެވޭ ގޮތަށް ޝަރުތުކޮށެވެ. މި ތިން މީހުންނާ ގުޅޭ ގޮތުން ކޯޓުން ފާހަގަކޮށްފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގީ އެ މީހުން ދުއްވަން ތިބި ސައިކަލަކުން ނޫނެވެ.
ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ހދ. ކުޅުދުއްފުށި، އުއްދަނޑިމާގެ، 20 އަހަރުގެ އަބްދުﷲ ސައްމާހް ހަސަން ސާދިގުގެ މައްޗަށެވެ. ސައްމާހް ދުއްވި ސައިކަލުން ފުލުހެއްގެ ގައިގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަން މެޑިކޯ ލީގަލް ރިޕޯޓުން ސާފުވާ ކަމަށް ކޯޓުގައި ބުނެފައިވެއެވެ. ސައިކަލު ދުއްވީ ބާރު ސްޕީޑުގައި ނޫން ކަމަށާއި އެއީ ރައްޓެއްސެއްގެ ސައިކަލެއް ކަމަށް ސައްމާހް ބުނި ނަމަވެސް، ފުލުހުންގެ ބަޔާނުގައި ބާރު ސްޕީޑުގައި ދުއްވި ކަމަށް ބަޔާންކޮށްފައިވެއެވެ. ސައިކަލު ދުއްވި ވަގުތު ސައްމާހް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.
ކުރިން މި ހަތަރު މީހުން ފަސް ދުވަހަށް ބަންދުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އެ ދުވަހު ނެރުއްވި ބަޔާނުގައިވާ ގޮތުން، ހާދިސާ ހިނގީ ފަތިހު 04:29 ހާއިރު، 100 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ފުލުހުންގެ ބެރިކޭޑުގައި ޖެހި، ޑިއުޓީގައި ހުރި އޮފިސަރުގެ ގައިގައި ޖެހިގެންނެވެ. އެ ހާދިސާގައި ފުލުހުގެ އަނގަމައްޗާއި ދަތަށް ބޮޑެތި އަނިޔާތައް ލިބިފައިވެއެވެ. ހަތަރު މީހުންގެ ވެސް ޔޫރިން ޓެސްޓުގެ ވަގުތީ ނަތީޖާއިން މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް އެ ފަހަރު ނެރުނު ބަންދު އަމުރުތަކުން އެނގިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް