ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 15 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ރޯކުރުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް ތިންވަނަ ފަހަރަށް 15 ދުވަސް އިތުރުކޮށްފިއެވެ.

21 Nov 2026 | 23:07
ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 15 ދުވަސް

ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގައި ރޯކުރުމަށް ސޯޝަލް މީޑިއާގައި ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދު މިއަދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ފުވައްމުލަކުންނެވެ. ފުލުހުން ބުނީ މިއަދު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

Advertisement

ޒިހާން ފުރަތަމަ ހައްޔަރުކުރުމާ އެކު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ ބަންދު ދިނެވެ. އެ މުއްދަތު ހަމަވެގެން ދެވަނަ ފަހަރަށް ކޯޓަށް ގެންދިޔުމުން 14 ދުވަހަށް ބަންދު އިތުރުކުރިއެވެ. މިއީ ތިންވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހި ފަހަރެވެ.

ދައުލަތުގެ ތިން ބާރު ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެތޯ ސުވާލު އުފައްދައި ޒިހާން ޖެހި ޕޯސްޓުގައި އެކަމަށް ހިތްވަރުދީފައިވެއެވެ.

"[ރޯކޮށްލައިފިއްޔާ] މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެއެވެ.

އެ ޕޯސްޓް ޖެހިތާ ގަޑިއިރެއް ތެރޭ ޒިހާން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފައެވެ. އެމެރިކާގެ ނޭވަލް އެކެޑެމީން ތައުލީމު ހާސިލުކޮށް، އެމްއެންޑީއެފްގައި ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރި ޒިހާން ސިފައިންގެއިން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭރު އޭނާގެ ގާތް ފަރާތްތަކުން ތުހުމަތުކުރި ގޮތުގައި ވަކިކުރީ ސަރުކާރަށް ފާޑުކިޔާތީއެވެ. މި ސަރުކާރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނުމަށް ފަހު، އެ މަގާމުން ވެސް ވަކިކުރީއެވެ. އެއާ އެކު ޒިހާން ދިޔައީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް