ޢަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ރައީސް ޔާމީންގެ މައްސަލައަކުން ނޫން ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ، ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން އަބްދުﷲ ރިޔާޒަށް ނުލިބުނީ ކީއްވެގެންކަން ހާމަކޮށްދެއްވާފަ އެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ހޯމް މިނސްޓްރީއަކީ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓިއަށް ލިބުނު ސްލޮޓެއް ކަމަށާއި އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ރިޔާޒު ބޭނުންފުޅުވީ ހޯމް މިނިސްޓަރުގެ މަގާމް ކަމަށެވެ.
"ޖުމްހޫރީ ޕާޓީގެ ލީޑަރާ މަޝްވަރާކުރެއްވުމުން ގާސިމް އިބްރާހީމް އަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރަކަށް ގެނައުމަށް ސީޕީ ކަމުން އިސްތިއުފާ ދެއްވަން އެންގެވުމުން އިސްތިއުފާ ދެއްވީ. އެކަމަކު ޖުމްހޫރީ ޕާޓީގެ ދެ ބޭފުޅަކު އެކަން އެގޮތަށް ނުކުރެއްވޭނެ ކަމަށް ވަނީ ވިދާޅުވެފަ." އަދުރޭ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ހޯމް މިނިސްޓަރުކަމަށް ނަން ފޮނުވަން ޖެހޭނީ ކައުންސިލުން ކަމަށް ވިދާޅުވެ ކައުންސިލް ބާއްވައިގެން ކައުންސިލުން ނިންމީ އުމަރު ނަސީރު އެމަގާމަށް ހަމަޖެއްސުމަށް ކަމަށެވެ. އޭރު ޢަބްދުﷲ ރިޔާޒު މަގާމުން އިސްތިއުފާ ދިނުމުން ސީޕީގެ މަގާމަށް ރައީސް ޔާމީން ހުސެއިން ވަހީދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އެހެންވެ، ޢަބްދުﷲ ރިޔާޒަށް ހޯމް މިނިސްޓަރުކަން ނުލިބުނީ ރައީސް ޔާމީންގެ މައްސަލައަކުން ނޫން ކަމަށް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް