ލަވަކިއުމުގެ ދާއިރާގައި ދިވެހިރާއްޖެ ދުށް ރަން އަޑުގެ ވެރިޔާގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ޢަބްދުﷲ ޙަސަން (ހޮޅުދޫ ޢަބްދުﷲ) އަވަހާރަ ވެއްޖެ އެވެ.
އޭނާ އަވަހާރަވެފައިވަނީ ބަލި އެނދުގައި ގިނަ ދުވަސްތަކެއްގައި އޮންނެވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ.
މަރްހޫމް ޢަބްދުﷲ ޙަސަންއަށް ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިލައްވާފަ އެވެ.
ހޮޅުދޫ ޢަބްދުﷲ ފާހަގަކުރެވިފައިވަނީ ގައުމީ ލަވަ ކިޔުއްވުމުގައި ފުންނާބު އުސް ފަންނާނެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސް މައުމޫން އަބްދުﷲ ގައްޔޫމުގެ ވެރިކަމުގެ ކުރީކޮޅު ކުރިއަށް ގެންދިޔަ އަސާސީ ތައުލީމުގެ ޕްރޮގްރާމަށް މީހުން ހޭލުންތެރިކުރަން ވިދާޅުވި ލަވަތަކުގެ ތެރެއިން “ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ” އަކީ މިހާރުވެސް ގިނަ ބަޔަަކަށް އެންމެކަމުދާ އެއްލަވަ އެވެ.
މީގެ އިތުރުން "އޯ ވަޒަން”، “ގަސް ރުކުން މަލަ ފެވޭ” އަދި ގައުމަށް އައި މިނިވަން ނޫރާނީ” ފަދަ ލަވަތަކަކީ ވެސް ފާހަގަކޮށްލެވޭ ލަވަ ތަކެވެ. މިއީ އޭނާގެ އަނބިކަނބަލުން މާގަސްދޮށުގޭ އައިޝަތު އަނީސް ހެއްދެވި ލަވަތަކެވެ.
ލޯބީގެ ލަވަތަކާއި އިޖުތިމާއީ ލަވަތަކާއި ގިނަ ޢަދަދެއްގެ މަދަހަ ވެސް ވިދާޅުވެފައިވާ ހޮޅުދޫ ޢަބްދުﷲ ވިދާޅުވެފައިވާ މަދަހަތަކުގެ ތެރެއިން “ނެތުމުގެ ތެރެއިން މި އާލަމް” އަކީ ފާހަގަކޮށްލެވޭ މަދަހައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް