ﷲ ތަޢާލާއަށް އަދާކުރަން ޖެހޭ ކަންކަން ނުކޮށް ކަންނެތްވެފަ ނުތިބޭ - މުފްތީ މެންކް

އަލިމަސްކާނިވަލުގައި މުފްތީ މެންކް ރޭ ދެއްވި ދަރުސުން އަޅުގަނޑުމެންްނަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ވަނީ ލިބިފައެވެ. ހާސްކަމާއި ކަންބޮޑުވުންތައް ކުރިމަތިވުމުން ވެސް ކަންނެތްވުމުގެ ބަދަލުގައި ހިތްވ...

29 Oct 2022 | 03:10

އަލިމަސްކާނިވަލުގައި މުފްތީ މެންކް ރޭ ދެއްވި ދަރުސުން އަޅުގަނޑުމެންްނަށް ވަރަށް މުހިންމު ފިލާވަޅުތަކެއް ވަނީ ލިބިފައެވެ. ހާސްކަމާއި ކަންބޮޑުވުންތައް ކުރިމަތިވުމުން ވެސް ކަންނެތްވުމުގެ ބަދަލުގައި ހިތްވަރާއި އެކު ﷲ ތަޢާލާއަށް އަޅުކަންކުރުން މަތީ ސާބިތުވެ އެގޮތުގައި ދެމި ހުރުމަށް ޝައިޚް ވަނީ ގޮވާލާފައެވެ.

ޝައިޚްގެ ވާހަކަ ފުޅުގައި ވިދާޅުވީ އުފާވެރިކަމުގެ ޙާލަތުވެސް އަދި ހިތާމައިގެ ޙާލަތުވެސް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެޙާލަތުން ސަލާމަތްކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ވެސް ﷲ ތަޢާލާކަން ޤަބޫލުކުރަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. ވީމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ކަންކަން ނުކޮށް ކަންނެތްވެ މާޔޫސްވެ ނުހުރުމަށާއި ހިތްވަރާއި އެކު އަޅުކަން ކުރުންމަތީ ދެމިހުރުމަށް ނަސޭޙަތްވެރިވެފައިވެއެވެ.

ތިމާފަދައިން އަދި ހިތްދަތިޙާލުގައިވެސް އަދި އެހެން އުނދަގޫހާލަތުގައި ވެސް ދުނިޔޭގެ ކަންކޮޅުތަކުގައި އެތައް މިލިއަން ބައަކު އުޅޭނެކަން ހަނދާންކުރަންޖެހޭނެ ކަމާއި ވީމާ ކުރިމަތިވެފައިވާ ދަތި ހާލުގައިވެސް ހިތްވަރު ކުރަން ޖެހޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

އެންމެން ނަކީ ވެސް ﷲ ތަޢާލާގެ އަޅުން ކަމަށާއި އެހެން މީހުން އަޅުކަމުގައި ހީވާގިވެގެން އުޅޭ ގޮތައް ހަމަ ތިމާއަށް ވެސް އުޅެވެން ޖެހޭނެ ކަމަށާއި އެއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނޭ ކަމެއް ކަމަށް ޝައިޚްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ހިތާމައާއި ހިތްދަތިކަން އެންމެންނަށްވެސް ކުރިމަތިވާނޭ ކަމަށާއި އެކަން މާޔޫސްބައްޔަށް ބަދަލުވެ ބޮޑު މުޞީބާތަކަށް ބަދަލުވެގެންދަނީ އެކަމުގައި ޢަމަލުކުރެވޭގޮތުންކަމަށް ޝައިޙް ވިދާޅުވިއެވެ. އަދި އަޅުކަންކުރުމުގައި ކަންނެތްނުވެ ﷲ އަށް ވަކީލްކުރުމުގައި ފަހަތައްނުޖެހި ސާބިތުވުމަށް ވެސް ޝައިޚް ނަސޭހަތްތެރި ވެފައިވެއެވެ.

ހިނގާފައި ދަނިކޮށް ވެއްޓުނީމާ ތެދުވަން މަސައްކަތްނުކޮށް އެތަނުގައި އޮތުމެއް ނެތްކަމަށާއި އޮތީ ހިތްވަރުކޮށްފައި ތެދުވެ ކުރިއަށްދާން ހިނގައިގަތުން ކަމަށް ޝައިޚް ވިދާޅުވިއެވެ. އަދި ކުރިއަށްދާން މަސައްކަތްކުރާމީހުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެކަމަށާއި ހިތްވަރުކުރުމާއި އެކު އެކަމަށް ﷲ ތަޢާލާގެ ހަޟުރަތުގައި ދުޢާދެންނެވުމުން އެކަމަށް މަގުދައްކަވާނެކަމަށް ވެސް ޝައިޚްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި ކުރަން އެންމެ މުހިންމު ކަންކަމަކީ ދުޢާކުރުމާއި ޤުރްޢާން ކިޔެވުންކަން މުފްތީ ބަޔާންކުރެއްވެވިއެވެ. ކޮންމެ ދުވަހަކުވެސް ކިތަންމެ ކުޑަ ވަޤުތުކޮޅަކު ނަމަވެސް ޤުރްއާން ކިޔެވުމަށް ބާރުއެޅުއްވެވިއެވެ. ހަމައެއާއިއެކު ﷲ ތަޢާލާގެ ރަޙްމަތްފުޅާއިމެދު މާޔޫސްނުވުމަށް ސައިޚް މެންކް އިލްތިމާސްކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް