ﷲ ގެ ސިފަފުޅުތަކާމެދު އަހުރެމެންގެ ޢަޤީދާ

تفصيل ކޮށް ނުވަތަ إجمال ކޮށް، إثبات ކޮށް ނުވަތަ نفي ކޮށް ދެންމެ މިބަޔާންކުރި ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ސިފަފުޅަތަކާ ބެހޭގޮތުން އަހަރުމެންގެ ޢަޤީދާއަކީ އަހުރެމެންގެ ربގެ ފޮތާއި، އަހުރެމެންގެ ނަބިއްޔާގެ ...

29 Jan 2021 | 09:50

تفصيل ކޮށް ނުވަތަ إجمال ކޮށް، إثبات ކޮށް ނުވަތަ نفي ކޮށް ދެންމެ މިބަޔާންކުރި ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ސިފަފުޅަތަކާ ބެހޭގޮތުން އަހަރުމެންގެ ޢަޤީދާއަކީ އަހުރެމެންގެ ربގެ ފޮތާއި، އަހުރެމެންގެ ނަބިއްޔާގެ ސުންނަތަށް އިޢުތިމާދުކުރުމެވެ. (އެބަހީ މިދެ އަސްލުގައި އައިސްފައިވާގޮތަށް އެއްވެސް ތައުވީލުކުރުމަކާއި ނުލައި އަދި މިސާލުޖެހުމަކާއި ނުލައި ޤަބޫލުކުރުމެވެ.) އަދި އެސިފަފުޅުތަކާ މެދު މިއުއްމަތުގެ ސަލަފުންނާއި އިމާމުން އިޚްތިޔާކުރެއްވި މަގު އިޚްތިޔާކުރުމެވެ.

އަދި އެސިފަފުޅުތަކާއި ބެހޭގޮތުން އައިސްފައިވާ ޤުރުއާނާއި ސުންނަތުގެ نصތައް އޭގެ ظاهر މާނައިގެ މަތީ ބޭއްވުމާއި އަދި އެ نصތައް ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ޒާތުފުޅާ ލާއިޤު އޭގެ ޙަޤީޤަތުގެ މައްޗަށް އުފުލުން ވާޖިބުކަމުގައި އަހުރެމެން ދެކެމުއެވެ.

އަދި އެސިފަފުޅުތަކުން ﷲ އާއި އެކަލާނގެ ރަސޫލާ ޤަސްދުކުރެއްވި މުރާދު ނޫން މުރާދަކަށް އެސިފަފުޅުތަކުގެ މާނަ އަނބުރާލި މުޙައްރިފުންގެ މަގުން އަހުރެމެން ބަރީއަވަމުއެވެ.

އަދި އެސިފަފުޅުތަކުން ﷲ އާއި އެކަލާނގެ ރަސޫލާ ޤަޞްދުކުރެއްވި މާނައިން އެސިފަފުޅުތައް ނަފީކުރި މުޢައްޠިލާއިންގެ މަގުން ވެސް އަހުރެމެން ބަރީއަވަމެވެ.

އަދި އެސިފަފުޅުތަކަށް މިސާލުޖެހި ނުވަތަ އެސިފަފުޅުތަކުގެ މާނައާއި މުރާދަށް ކައިފިއްޔަތު ބަޔާންކުރަން މަސައްކަތްކުރި ﷲގެ ސިފަފުޅުތަކާއި މެދު ބަޙުޘްކުރުމުގައި ޙައްދު ފަހަނައަޅައިފައިވާ މީހުންގެ މަގުންވެސް އަހަރުމެން ބަރީއަވަމެވެ.

އަދި އަހަރުމެންނަށް ޔަޤީން ކަމާއިއެކު އެނގެއެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފޮތާއި ރަސޫލުﷲ صلى الله عليه وسلم  ގެ ސުންނަތުގައި ބަޔާންވެގެންވާ ކޮންމެކަމަކީ ޙައްޤެވެ. އޭގެ އެއްބައި އަނެއްބަޔާއި تعارض އެއް ނުވާނެއެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

أَفَلا يَتَدَبَّرُونَ الْقُرْآَنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا (النساء 82) މާނައީ: "ފަހެ، އެބައި މީހުން (ކާފިރުން) ޤުރުއާނަށް ވިސްނައި ފިކުރުނުކުރަނީ ހެއްޔެވެ؟ އަދި ﷲ ނޫން ފަރާތަކުން އެ ޤުރުއާން ވީނަމަ އެއިން ބައިވަރު އިޚްތިލާފުތަކާއި تعارض ވުންތައް އެބައިމީހުންނަށް ފެނުނީހެވެ." އަދި ހަމައެހެންމެ ޚަބަރުތަކުގައި تعارض ވުން، އޭގެ އެއްބައި އަނެއްބައި ދޮގުކުރުން ލާޒިމްކުރެއެވެ. އަދި އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އާއި އެކަލާނގެ ރަސޫލު صلى الله عليه وسلم  ގެ ޚަބަރުގައި މުސްތަޙީލުކަމެކެވެ.

ފަހެ، ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފޮތާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ސުންނަތުގައި ނުވަތަ އެދެމެދުގައި تعارض އެއް ވާކަމަށް ދަޢުވާ ކޮށްފިމީހާ ދަންނައެވެ. ފަހެ، އެއީ އޭނަގެ ނުބައި ޤަޞްދެއްގެ ސަބަބުންނެވެ. އަދި އޭނާގެ ހިތްނުސީދާވުމުގެ ސަބަބުންނެވެ. ފަހެ، އޭނާ ﷲ ގެ ޙަޟްރަތަށް ތައުބާވާ ހުށިކަމެވެ. އަދި އޭނާގެ ، އެފުރެދުމުން އެއްކިބާވާހުށިކަމެވެ.

އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފޮތާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم  ގެ ސުންނަތުގައި ނުވަތަ އެދެމެދުގައި تعارض އެއް ވާކަމަށް ޝައްކުވާ މީހާ ދަންނައެވެ. ފަހެ، އެއީ އެހެންޏާ އޭނާގެ ޢިލްމުގެ މަދުކަމުންނެވެ. ނުވަތަ އޭނާގެ ވިސްނުން ކޮށިވުމުންނެވެ. ނުވަތަ އޭނާ ވިސްނައި ފިކުރުކުރުމުގައި ފަރުވާ ކުޑަކަމުންނެވެ. ފަހެ، އޭނާ ޢިލްމު ހޯދާ ހުށިކަމެވެ. އަދި ވިސްނައި ފިކުރުކުރުމުގައި ގަދައަޅައި މަސައްކަތްކުރާ ހުށިކަމެވެ. އެއީ އޭނާއަށް ޙައްޤު ބަޔާންވެ، ފާޅުވެއްޖައުމަށް ދާންދެނެވެ. ފަހެ، އޭނައަށް ޙައްޤުފާޅު ނުވެއްޖެނަމަ އެކަމުގެ ޢިލްމުވެރިއަކަށް އެކަން ހުށައަޅާށެވެ. އަދި އޭނާގެ ޝައްކުން އޭނާ އެއްކިބާވާހުށިކަމެވެ. އަދި ޢިލްމުވެރިކަމުގައި ޘާބިތު ހަރުދަނާ މީހުން ބުނާފަދައިން ބުނާހުށިކަމެވެ.

آَمَنَّا بِهِ كُلٌّ مِنْ عِنْدِ رَبِّنَا ( آل عمران 7) "އަހަރެމެން އެއަށް (متشابه އާޔަތްތަކަށް) އީމާންވަމުއެވެ. އެހުރިހާ އެއްޗެއް ( متشابه އާޔަތްތަކާއި محكم އާޔަތްތައް) ވަނީ އަހުރެމެންގެވެރި ރަސްކަލާނގެ ޙަޟްރަތުންނެވެ." އަދި އޭނާ ދަންނައެވެ! ހަމަކަށަވަރުން ޤުރުއާނާއި ސުންނަތުގައި އަދި އެދެމެދުގައި އެއްވެސް تعارض އެއް އަދި އެއްވެސް އިޚްތިލާފެއް ނުވެއެވެ.

މަޝްދަރު: ނޫރުލްއިސްލާމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް