މާއް ﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ވަނީ ދެއްވާފައި ކަމަށާއި އެ ހަށިގނަޑު އެމީހަކު ބޭނުން ގޮތަކަށް ބައްޓަން ކުރެވޭނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާޢީލް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.
މެންކް މިހެން ވިދާޅުވީ އަށްޑޫގައި ކުރިޔަށް ގެންދިޔަ ދީނީ ނަސޭހަތުގައި ފަތިސް ނަމާދަށް އިސްކަން ދިނުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
މެންކް ވިދާޅުވީ މާތްﷲ އިންސާނާއަށް ރިވެތިވެގެންވާ ހަށިގަނޑެއް ދެއްވާފައިވާއިރު އެއީ އެމީހަކު ބޭނުންގޮތަކަށް ބައްޓަންކުރެވޭނެ ހަށިގަނޑެއް ކަމަށާއި އެހެންކަމުން ފަތިސް ނަމާދަށް ހޭ ނުލެވޭނަމަ، ހޭލާން މަސައްކަތްކުރަން ފެށުމުން މާތްﷲގެ ކުޅަދުންވަންތަކަމުން އިންސާނާއަށް އަމިއްލައަށް އެގޮތަކަށް ބައްޓަންވެވޭ ކަމަށެވެ.
މެންކް ވިދާޅުވީ އަބަދުވެސް ނަމާދުތައް އެ ނަމާދެއްގެ ވަގުތުގައި އަދާކުރުމަށް ހިތްވަރާއެކު މަސައްކަތްކުރަން ޖެހޭ ކަމަށާއި ނަމާދަކީ ދުނިޔެ އާއި އާޚިރަތަށްޓަކައި ކޮންމެ މުސްލިމަކުވެސް ކުރަން މާތްﷲ ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށެވެ. އަދި އެކަމުން ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށް ވެސް މެންކް ވިދާޅުވިއެވެ.
އަޅުކަމާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ވަގުތު ހުސްކުރުމުގައި ވިސްނުންތެރިކަމާއިއެކު މަސައްކަތް ކުރުމަށާއި ތިމާއަކީ ނަމާދުކުރުމުގައި ކަންނެތް މީހެއްކަމުގައި ނުވުމަށް މެންކް ނަސޭހަތްތެރިވެފައިވެއެވެ. އެހެނީ ނަމާދުކރުމަށް ކަންނެތްވާނަމަ ގަދައަޅައި މަސައްކަތް ކޮށް އެމީހަކު އަމިއްލަ ނަފްސަށް ހިތްވަރުދީގެން ފަތިސް ނަމާދުން ދުވަސް ފެށުމަށް މެންކް ވަނީ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް