އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމކުން އެކަމުގެ ސަބަބުން ރާއްޖެއަށް ވަނީ ގެއްލުންތޯ ނުވަތަ ފައިދާތޯ އެކަން ނިންމުމުގެ ކުރިން ބަލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެ އެވެ.
އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އަވަހަށް ފާސްކުރުމަށް ބާރު އަޅަން ސަރުކާރަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ގަރާރުގެ ބަހުސްގައި ސައުދުﷲ ވިދާޅުވީ އަރަބި ގައުމުތަކުން ނާޅާ ފިޔަވަޅެއް ރާއްޖެއިން އަޅާއިރު ދިވެހި ރައްޔިތުންނާމެދު ވިސްނަން ޖެހޭ ކަމަށެވެ.
އެގޮތުން އިޒްރޭލްގެ ޕާސްޕޯޓް މަނާކުރީމަ ރާއްޖެއަށް ވާނީ ފައިދާތޯ ގެއްލުންތޯ ވެސް އެކަން ނިންމުމުގެ ކުރިން ވިސްނަންޖެހޭކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެ އޮތީ އެއްވެސް ގައުމަކާ "ޖެހިގަނެގެން" އުޅެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.
އަދި އިޒްރޭލުގައިވެސް މުސްލިމުން އުޅޭ ކަމަށާއި އެ މީހުން ރާއްޖެ އައުން މަނާކުރަންޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވަނީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މަޖިލީހުން ގަރާރެއް ފާސްކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމާމެދު އިތުރަށް ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް އައުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
އެ ބިލްގެ މަސައްކަތް އަވަސްކުރަން ގޮވާލާ ގަރާރެއް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް