ސަލްމާން މިސްކިތުގައި ކުރެވުނު ދަމުނަމާދެއް - ފައިލް ފޮޓޯ: ދުވަސް
އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ
تَعَالَىގެ
ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހޭކަން ހުކުރު ޚުޠުބާގައި ހަނދުމަކޮށްދީފިއެވެ.
މިއަދުގެ ހުކުރު ނަމާދުގެ ހުކުރު
ޚުޠުބާގެ މައުލޫ އަކީ "ނަމާދު އެޅުމުގެ ނުރައްކާތެރިކަން" މި މައުލޫއެވެ.
ޚުޠުބާ ފަށާފައިވަނީ މުސްލިމަކަށްވުމަށް ފަހު އޭނާގެ
އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދުކަން ބުނެދެމުންނެވެ. އަދި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ
ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއްކަން ހަނދުމަކޮށްދެމުންނެވެ.
"ނަމާދަކީ
އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެއް، ކާމިޔާބާއި ނަޞްރު ލިބުމަށް މަގު
ފަހިކޮށްދޭ އަޅުކަމެއް،
ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް، އިޖުތިމާޢީ
ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއް، ނަމާދަކީ
މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް" ޚުޠުބާގައި
ފާހަގަކޮށްފައިވެއެވެ.
ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި
އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި
ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެއްކަން ފާހަގަކުރަމުން ޚުޠުބާގައި ބުނެފައިވަނީ ހަނގުރާމައިގެ
ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމަށާއި ވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެއް ކަމެއް ކަމާއި މުސްލިމެއްގެ
ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ މީހެއްގެ ވެސް އެންމެ ފުރަތަމަ ހިސާބު
ބެއްލެވޭނޭ ކަމަކަށް އަންގަވައިފައިވަނީ ނަމާދާ ބެހޭ ގޮތުންކަން ފާހަގަކޮށްފައިވެއެވެ.
ޚުޠުބާގައި
ފާހަގަކޮށްފައިވާގޮތުގައި އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި
މަޤާމެއް ދީފައިވާ އިރު ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން
ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު
ސަމާލުވާން ޖެހޭނޭ ކަމެކެވެ. ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ
ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައިވަނީ އަންގަވައިފައެވެ.
"އަހަރެމެންގެ
ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ
މީހުން، އަދި އަނެއްބައި
މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުން، އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް
ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި
ނަމާދުތައް ނުކުރާ މީހުން، މިއިން
އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ
ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި
އެއީ ނުހަނު ފާފަވެރިވާނޭ ކަމެއް، ވީއިރު،
ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ
ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހޭ، މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް
އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ" ޚުޠުބާގައި
ބުނެފައިވެއެވެ.
ނަމާދު
އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ
ކަމެއް ކަމާއި އުޒުރަކާ ނުލައި
ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ
އަންނާނެކަމެއްކަން ދަންނާން ޖެހޭކަމާއި އަދި ހަމަ އެހެންމެ
އަހަރެމެންނަކީ
ފާފަކުރެވޭނޭ މީހުން ކަމާއި ނަމާދަކީ އެ އަޅުކަމުގެ
ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެއްކަން ފާހަގަކޮށްފައިވެއެވެ.
ޚުޠުބާ ނިންމާލާފައިވަނީ "ނަމަ"އަކީ
ވަގުތު ފާއިތުވުމަށް ފަހު އަނބުރައި ލިބޭނޭ އެއްޗެއްނޫން ކަމާއި ވަގުތު ފާއިތުވުމުގެ ކުރީން ދަތުރުގެ ކޮއްތު ރަނގަޅަށް
ތައްޔާރުކުރުމަށް ހަނދުމަކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް