ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭ: ޝައިހް ނަސްރުﷲ

ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ. ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވ...

15 Apr 2023 | 07:36

ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީ ވިދާޅުވެއްޖެވެ.

ޝައިޚް ނަސްރުﷲ މިހެން ވިދާޅުވީ 1444 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަކޮށްގެން ބޭއްވި އެންމެ ފަހު އިޙްޔާ ފޯރަމްގައި، ފުވައްމުލައް ސިޓީގައި ތަޤްރީރު ކުރައްވަމުންނެވެ.

"ﷲގެ ނިޔާއަށް ރުހުން" މި މައުޟޫޢަށް މި ފޯރަމްގައި ތަޤްރީރުކުރައްވާފައި ވަނީ އައްޝައިޚް ނަސްރުﷲ ޢަލީގެ އިތުރުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލްއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ނަސްރުﷲ ވިދާޅުވީ ޙަޔާތުގައި މުސީބާތެއް ދިމާވުމުން، ދުޢާކޮށް އެ މުސީބާތުގެ ސަބަބުން ދަރުމަ ދެއްވައި، އަދި އެއަށްވުރެ ހެޔޮގޮތެއް މެދުވެރިކުރައްވާތޯ ދުޢާކުރުން މަތީ ދެމިތިބެން ޖެހޭ ކަމަށެވެ.

ދުނިޔެމަތީ ގައި އަޅުގަނޑުމެންނަށް އެކަމަކީ ރަނގަޅު ކަމެއް ކަމަށް، ތިމާއަށް ފައިދާ ހުރި ކަމެއް ކަމަށް ދެކޭ ކަންކަން އެއީ ތިމާއަށް ހުރި ގެއްލުމަކަށްވެސް ވެދާނެ ކަމަށާއި ހުރިހާ ކަމެއްގެ ހަޤީޤަތް އެންމެ މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ ކަން ފާހަގަ ކުރެއްވި އެވެ.

އަދި ދުނިޔެމަތީގައި ދިމާވާ ކަންކަމަކީ ދެރަކަންކަން ކަމަށް ނުވިސްނުމަށް އިރުޝާދު ދެއްވަމުން ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތަކަށްވެސް ރުހެންޖެހޭކަމަށް ވިދާޅުވިއެވެ.

ކޮންމެ ކަމެއްވެސް ދިމާވާނީ އެކަމެއްގައި ހެވެއް އޮވެގެން ކަމަށާއި މާތްﷲގެ މިންވަރާމެދު ރުހެން ޖެހޭނެ ކަމަށް ޝައިޚް ވިދާޅުވިއެވެ.

ޝައިޚްގެ ވާހަކަފުޅުގައި މާތްﷲ އިންސާނަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެކަން ފާހަގަކުރައްވައި ދިމާވާ ކޮންމެ ކަމަކީވެސް އިމްތިހާނެއްކަން ދެކިގެން ކުރިއަށް ދިޔުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

އެފަދަ ކޮންމެ ކަމެއްގެ ފަހަތުގައި ވެސް ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަން ފާހަގަކުރެއްވިއެވެ. މާތްﷲގެ މިންވަރަށް، ނިޔާއަށް ރުހިގެން ކުރިއަށް ދިޔުމުގެ މުހިންމުކަމަށް ބައްލަވައި ޝައިޚް ވަނީ ދިމާވާ ކަންތައްތަކަށް ކެތްތެރިވެ ދުލުން ބަދުބަސް ނުބުނުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ވިސްނަންވީ ދުނިޔޭގައި ބަޔަކު ކިތަންމެ ބޮޑު ދެރައެއް ދޭން އުޅުނަސް މާތްﷲގެ އިރާދަފުޅާލައިގެން މެނުވީ އެފަދަކަމެއް ނުވާނެކަން ގަބޫލުކޮށް ވަކީލް ކުރުމަށްކަމަށް ވިދާޅުވިއެވެ.

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އަލްއުސްތާޛް މުޙައްމަދު އަނީލް ވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި ހާދިސާތަކަށް ބައްލަވައި މާތްﷲގެ ނިޔާއަށް ރުހެންޖެހޭ ސަބަބުތައް ތަފްސީލްކޮށް ދެއްވާފައެވެ.

މާތްﷲއަށް ފުރިހަމައަށް އީމާންވާ މީހާ އޭނާގެ ޙަޔާތުގައި ދިމާވާ ކަންކަމަށް ކެތްތެރިވެ ދިމާވާ ކަންކަމަކީ ހެޔޮކަމެއްގެ ގޮތުގައި ބަލާނެކަމަށް ވިދާޅުވިއެވެ. ދުނިޔޭގައި ދިމާވާ ހިތްދަތި ކަންކަމަށް ކެތްތެރިވެއްޖެނަމަ އެކަމުގެ އަޖުރު ލިބޭނެކަން ބަޔާންކުރައްވައި ރަސޫލާ ﷺގެ ޙަޔާތްޕުގައި ދިމާވި ހާދިސާތައް ކިޔައިދެއްވި އެވެ.

އެންމެ ބޮޑަށް އިންސާނުންދެކެ ލޯބިވެ ވަޑައިގަންނަވަނީ، އަދި އިންސާނުން ރައްކާތެރިކުރައްވަނީ މާތްﷲކަން ފާހަގަކުރައްވާ ދިމާވާ ހިތާމަތަކާއި މުސީބާތްތަކަށް އަޖުރު ލިބެނީ ކެތްތެރިންނަށް ކަމަށް ވިދާޅުވިއެވެ.

ގާތްތިމާގެ މީހަކު ނިޔާވުމަކީ ލިބޭނެ ވަރަށް ބޮޑު ހިތާމައެއްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވަނީ މިފަދަ ކޮންމެ ކަމެއްގައި ކެތްތެރިވުމުގެ މުހިންމުކަމަށް ބައްލަވާ ލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް