މި އަހަރު ވެސް ކައުބަތުﷲ ގެފުޅުގައި އާ އުރަކޮޅެއް ލައްވައިފިއެވެ.
ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމަކީ ހައްޖުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަ ކަމެވެ. އެގޮތުން ގެފުޅުގެ އުރަކޮޅު ބަދަލުކުރުން އޮންނާނީ ކޮންމެ އަހަރެއްގެ އަރަފާތު ދުވަހުއެވެ.
670 ކިލޯ ހުންނަ ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ބޭކަލުންގެ އޮޅިއަކުންނެވެ. އުރަކޮޅު ފަހާފައި ވަނީ އެންމެ މޮޅު ސިލްކުންނެވެ. އަދި އުރަކޮޅު ޒީނަތްތެރި ކުރުމަށް ލިޔެފައި ހުންނަ ކީރިތި ގުރްއާނުގެ އާޔަތްތަކާއި މާތްﷲ ގެ އިސްމުފުޅުތައް ލިޔެފައިވަނީ ރަނާއި، ރިހީގެ ރޮދިންނެވެ. މިކަމަށް 120 ކިލޯ ރަނާއި، 100 ކިލޯ ރިހި ބޭނުން ކުރެއެވެ.
ގެފުޅުގެ އުރަކޮޅަކީ އެކަމަށް ޚާއްސަ ފެކްޓަރީ އެއްގައި ތައްޔާރު ކުރެވޭ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ރީތި ލިޔުންތައް ހިމެނޭ އަދި އިސްލާމީ ފަންނުވެރިކަން ވަރަށް ފުރިހަމަ އަށް ދައްކުވައިދޭ ގޮތައް ތައްޔާރު ކުރެވިފައި އޮންނަ އުރަކޮޅެކެވެ.
އުރަކޮޅުގެ ދިގު މިނުގައި ހުންނަނީ 14 މީޓަރެވެ. އެއީ ކައުބާގެ އުސްމިނަށް ފެތޭ ގޮތައް ހުންނަ މިނެވެ. އުރަކޮޅުގެ ފުޅާ މިނުގައި ހުންނަނީ 47 މީޓަރެވެ. 47 މީޓަރުގެ ފުޅާ މިނަކީ ކައުބާގެ ހަތަރު ފަރާތް ވަށާ ޖެހޭ ފުޅާ މިނެވެ.
އުރަކޮޅުގެ މަތީބައިގައި ރަނުން ގިރިޓީ ކޮށްފައިވާ ރިހި ރޮދިން ލިޔެ ފަވާފައި އިންނަ ލިޔުމެއް އޮވެއެވެ. އެއީ 95 ސެންޓިމީޓަރު ފުޅާ ބައެކެވެ. މި ލިޔުން ކޮޅުގައިވަނީ ކީރިތި ގުރުއާންގެ ބައެއް އާޔަތްތަކެވެ. މި ލިތުންކޮޅު ހުންނަ ބައިގެ ބަރުދަނުގައި 120 ކިލޯ ހުރެއެވެ. ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 650 ކިލޯ ގްރާމްގެ ގުދުރަތީ ފަށުވި ބޭނުން ކުރެއެވެ. އުރަކޮޅު ތައްޔާރު ކުރަނީ 5 ގަނޑު ފޮއްޗަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް