ގަތަރުގައި މިހާރު ކުރިޔަށްދާ ފިފާ ވޯލްޑް ކަޕްގައި ވާދަކުރާ ގައުމުތަކުގެ ދިދަ އެމެރިކާއިން ބޭނުން ކުރި އިރު އިރާން ދިދައަށް އުނި އިތުރު ގެނައި މައްސަލައެއް ހޫނުވެއްޖެ އެވެ.
އެމެރިކާއިން އުނި އިތުރު ގެނެސްފައިވަނީ އީރާނުގެ ދިދައިގަވާ "ﷲ" ރަމްޒުކޮށްދޭ ނިޝާނަށެވެ. އެ ގައުމުގެ ފުޓުބޯޅާ ފެޑަރޭޝަންގެ އިންސްޓަގްރާމް ޕޭޖުގައި ގައުމުތަކުގެ ދިދަ ހިމަނާފައިވާއިރު އީރާން ދިދައިގަވާ އެ ރަމްޒު ވަނީ އެޑިޓްކޮށް ނުހިމަނައެވެ.
އެކަމާއި ރުޅިއައިސްގެން އީރާންގެ ފުޓުބޯޅަ ފެޑެރޭޝަނުން ފީފާއަށް ފޮނުވި ރަސްމީ އީމެއިލްއެއްގައި ވަނީ "ﷲ" ރަމްޒުކޮށްދޭ ނިޝާން ހިމަނައިގެން އެ ގައުމުގެ ދިދަ އަލުން ޖެހުމަށް އެމެރިކާއަށް އެންގުމަށް ޑިމާންޑުކޮށްފައި އެވެ. މި މައްސަލައިގަ ފީފާއިން އަދި އެއްޗެއް ނުބުނެ އެވެ.
އެކަމަކު އީރާންގެ ޑިމާންޑާއި އެކު އެމެރިކާ ފުޓުބޯޅާ ފެޑަރޭޝަނުން ވަނީ އެ ދިދައިގެ ޕޯސްޓު އިންސްޓަގްރާމުން ރިމޫވްކޮށްލާފައި އެވެ. އެ ފެޑެރޭޝަންގެ ތަރުޖަމާނު ބުނީ އީރާންގެ ހިތްހަމަ ނުޖެހުމާއި އެކު އެ ޕޯސްޓު ޑިލީޓް ކުރި ނަމަވެސް އެމެރިކާ އޮތީ އީރާން އަންހެނުންނާއި އެކު ކަމަށެވެ.
އެމެރިކާއިން އެގޮތަށް އަމަލު ކުރީ އީރާންގައި ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އީރާން އަންހެނުންގެ ދިފާއުގައި އެމީހުންނާއި އެކު ތިބިކަމަށް ދެއްކުމަށް ކަމަށް ބުނެފައިވެ އެވެ. އެމެރިކާއިން ބުނީ އީރާން އަންހެނުން މަސައްކަތް ކުރަމުންދަނީ އަސާސީ ހައްގުތަކުގެ ދިފާއުގައި ކަމަށެވެ.
އީރާންގައި ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރާތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު ފެޝަން ބުރުގާ އަޅައިގެން އީރާންގެ ވެރިރަށް ތެހެރާންގެ މަގުމަތީގައި އުޅުނު އަންހެނަކު ހައްޔަރުކޮށް ފުލުހުން ބަންދުގައި ހުއްޓަ މަރުވި މައްސަލާގައި އެވެ.
މަހްސާ އަމީނީ ކިޔާ22 އަހަރުގެ އެ އަންހެން މީހާ މަރުވީ ހައްޔަރު ކުރިތާ ދެ ގަޑިއިރުވީތަނާ ޝޮކެއްޖެހިގެން ފަރުވާ ދެމުން ދަނިކޮށް ދެ ދުވަސް ފަހުން ނެވެ. އިދިކޮޅުން ބުނަމުންދަނީ މަހްސާ މަރުވީ ފުލުހުން އަނިޔާ ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް