ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި އެންމެ ޓްރެންޑިންކޮށް ދާ އެއް ހަބަރަކީ ޒުވާން ވިޔަފާރިވެރިޔާ އަހްމަދު ޝިޔާމް މުހައްމަދު އޭނާގެ ރިސޯޓަކަށް އަސް ގެންނަވައި އެ އަހުގައި ހުކުރަށް ވަޑައިގަތް ގޮތުގެ ވާހަކައެވެ.
ހުދު ކުލައިގެ އަހެއްގައި ހުދު ދޮންވެލިގަނޑުގައި ހުދު ހެދުމުގައި އެމަނިކުފާނު ހުކުރަށް ވަޑައިގަތް ހަބަރު ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުހީން ޖާގަ ހޯދިއެވެ. އަދި ފަހުން ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޝިޔާމް މިވަނީ މި އަހާއެކު ރާއްޖޭގެ ތާރީހުންވެސް ޖާގަ ހޯއްދަވާފައެވެ.
އެ މަސްދަރުތަކުން ބުނާގޮތުގައި ޝިޔާމް ތާރީހުން ޖާގަ އެ ހޯއްދެވި މަގަކީ، ރާއްޖޭގެ ފަސްގަނޑުގައި އަހެއްގެ މަތީގައި ސަވާރުވެ އިންނަވައި ހުކުރަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ދިވެހި މީހާގެ ޝަރަފު ހޯއްދަވައިގެންނެވެ.
ކޮންމެއަކަސް ހޮނިހިރު ނިމި އާދީއްތަ ދުވަހު ދެން ފެނުނީ އެ އަހާއެކު ޝިޔާމް މޫދަށް ވަޑައިގެން ވަގުތު ހޭދަކުރެއްވި މަންޒަރެވެ. މި މަންޒަރުވެސް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު ފާޑު ކިޔާ މީހުންގެ ވާހަކަތައް ހުރީ ދެތިން ދިމާއަކަށް ބެހިފައެވެ. އެއްބަޔަކު ބުނަނީ އަމިއްލަ މަސައްކަތުން ހޯދި މުއްސަނދިކަމުން އަހެއް ރާއްޖެގެނެސް އުޅުމަކީ އޭގައި މައްސަލައެއް އޮތްކަމެއް ނޫން ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އަހާއެކު ޝިޔާމް އުޅުއްވާގޮތުން ހީވަނީ އަލަށް ކުޅޭ އެއްޗެއް ލިބިގެން އެ އަތުން ދޫކޮށްލަން ނުކެރިގެން އުޅެނީ ކަމުގައެވެ. އަދި އިތުރު ބައެއް ފަރާތްތަކުން ވަނީ މަރްހޫމް ހޮޅުދޫ އަބްދުﷲގެ ލަވަ "އޭ މަގޭ މަގޭ މަގޭ ކުޅޭ އަހޭތީ" މި ލަވަވެސް ޝިޔާމާއި ޝިޔާމްގެ އަހާ ގުޅުވާލާފައެވެ.
https://www.youtube.com/watch?v=6vKOXYpD808
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް