އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއް: ޑރ. އަނާރާ

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ. ޑރ.އަނާރާ މިހެން ވިދާޅުވީ "ހަށިގަނޑާއި ފުރާ...

15 Apr 2022 | 05:51

އިންސާނާގެ ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫންކަމަށާއި އެއީ މާތްﷲ ދެއްވި އަމާނާތެއް އަދި ބޮޑު ނިޢުމަތެއްކަމަށް ޑރ. އަނާރާ ނަޢީމު ވިދާޅުވެއްޖެއެވެ.

ޑރ.އަނާރާ މިހެން ވިދާޅުވީ "ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން" މި މައުޟޫޢަށް ރޭގެ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

އިންސާނާ އުފެދިފައިވަނީ މައިގަނޑު 3 ބަޔަކަށް ކަމަށާއި އެއީ ޖިސްމާއި، ރޫޙާއި، ނަފްސުކަމަށް ވިދާޅުވިއެވެ.

އިންސާނާގެ ނަފްސާ ބެހޭ ގޮތުން ހިއްސާކުރައްވަމުން ވިދާޅުވީ ކޮންމެ ނަފްސަކަށްވެސް ހެޔޮގޮތާއި ނުބައިގޮތް އެނގޭކަމަށާއި ހެޔޮގޮތަށާއި ނުބައި ގޮތަށް އުޅެނީ އެ އިންސާނާ އަމިއްލައަށް އެނގިހުރެކަމަށެވެ.

އިންސާނުންނަށް އޮތީ ނަފްސު ޠާހިރުކުރުންކަމަށާއި އެއީ އެގޮތަށް ކަންކުރުމުން އެ އިންސާނާ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭތީ ކަމަށެވެ.

ނަފްސަށް އަޅާލާ އޯގާތެރިވުން އެއީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެއްކަން ބަޔާންކުރައްވަމުން ޑރ. އަނާރާ ވިދާޅުވީ ނަފްސަށް އަޅާލުމަށާއި ނަފްސަށް އަޅާލުމުގެ މުހިންމުކަމާ ބެހޭ ގޮތުން، ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާއިރު ސުންނަތުންވެސް މިކަން ސާފުކޮށް އެނގެން އެބައޮތްކަމަށެވެ.

އަދި ޢިލްމުވެރިންވެސް އެތައް ފޮތެއް މިކަމާ ގުޅޭގޮތުން ލިޔުއްވާފައިވާކަމަށެވެ. ކޮންމެ މީހަކުވެސް ހިތްހަމަޖެހިގެންވާ ފުރާނައެއްގެ ނަފްސަކަށް ވާންޖެހޭކަމަށާއި ނަފްސު އިޞްލާހުކުރުމުގައިވެސް މިފަދަ ނަފްސެއް ލިބިގަތުމަށް މަސައްކަތް ކުރުން ވަރަށް މުހިންމުކަމަށް  އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ނަފްސުގެ އަހުލުވެރިން ކުރާ ކޮންމެ ކަމެއް ކުރުމުގައިވެސް އެކަމަކީ މާތްﷲ ރުހިވޮޑިގެންވާ ކަމެއްތޯ ބަލާނެކަމަށް ޑރ. އަނާރާ ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ މީހުން ދީނުގައި ލައްވަވާފައިވާ ކަންތައްތައް ކުރުމަށް އިސްކަންދީ އެގޮތަށް ޢަމަލުތައް ބަހައްޓާނެކަމަށްވެސް ވިދާޅުވިއެވެ.

މުސްލިމުންނަށް ފަސްވަގުތު ނަމާދުކުރުމާއި، އަހަރަކު އެއްފަހަރު އަންނަ ރަމަޟާންމަހު ރޯދަ ހިފުމާއި، ޢުމުރުން އެއްފަހަރު ކުޅަދާނަކަން ހުރިނަމަ ޙައްޖުވުންފަދަ އަޅުކަންތައް ހިމެނޭއިރު މި އަޅުކަންތަކުގައި ހުންނަނީ، މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތަކާ އަޅާބަލާނަމަ ވަރަށް މަދު ތަކުލީފުތަކެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ޑރ. އަނާރާ ވިދާޅުވީ އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށެވެ.

ދުނިޔޭގައި ހަދާފައިވާ ދިރާސާތަކަށް ބައްލަވާލައްވަމުން އަނާރާ ވިދާޅުވީ މީހުން މަރުވާ ރޭޓަށް ބަލާއިރު ދުނިޔޭގައި 4 ވަނައަށް އެންމެ ގިނަ ޒުވާނުން މަރުވަނީ އަމިއްލައަށްކަމަށެވެ.

އެއީ ވަރަށް ބޮޑުފާފައެއްކަމަށާއި މާތްﷲ ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތަކަށް ފުރަގަސްދެވެނީކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އަމިއްލައަށް މަރުވުމަކީ ޙަރާމްކަމެއްކަމަށްވެސް ވިދާޅުވިއެވެ.

މި މައުޟޫޢަށް ވާހަކަފުޅުދައްކަވަމުން ޑރ. އަނާރާ ވިދާޅުވީ އިންސާނާގެ ނަފްސު ލައްވާފައިވަނީ ތަފާތު އިޙްސާސްތަކާއިއެކުގައިކަމަށާއި މި އިޙްސާސްތައް ކޮންޓްރޯލްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށެވެ.

އެގޮތުން ނަފްސާނީ ޢިލްމުވެރިންނާއި މިފަދަ ފަރާތްތަކުގެ އެހީތެރިކަން އެފަދަ ޙާލަތްތަކުގައި ހޯދޭނެކަމަށާއި އިސްލާމްދީނުގައި ތިމާގެ ނަފްސު ކޮންޓްރޯލްކުރުމަށް އަންގަވާފައިވާކަމަށް ވިދާޅުވަމުން، ހިތާމައާއި ރުޅިއާއި މިކަންކަމުގައި އިސްލާމްދީނުގައި އަމަލުކުރުމަށް ކަނޑައަޅުއްވާފައިވާ ކަންތަކަށް ބައްލަވާލައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް