ނަމާދަކީ ﷲ ތަޢާލާ ވާޖިބުކުރައްވައި ފަރުޟް ކުރައްވާފައިވާ އަޅުކަމެކެވެ. އެއީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އީމާންވެ ހެކިވުމަށްފަހު، ދެން އިސްލާމްދީނުގައި ދެވަނަ ދަރަޖަ ދެވިފައިވާ އަޅުކަމެވެ. ދީނުގެ ދެވަނަ ރުކުނެވެ.
ނަމާދުގެ ވާޖިބުކަމަށް ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ދަލީލް ލިބޭ އެތައް އާޔަތްތަކަކާއި ޙަދީޘްތަކެއް އައިސްފައިވެއެވެ. އަދި އުއްމަތުގެ ޢިލްމުވެރިންވަނީ ނަމާދުގެ ވާޖިބުކަމާއިމެދު އިޖްމާޢުވެފައެވެ. އަދި އެއްވެސް ޢިލްމުވެރިއެއް ނަމާދަކީ ފަރުޟެއްކަމާއިމެދު ޚިލާފްވެފައެއް ނުވެއެވެ. އަދި މިއީ އިސްލާމްވުމަށްފަހު ދީނުގައި ކޮންމެ މުސްލިމަކަށްވެސް ކޮންމެހެންވެސް އެނގުން ލާޒިމް ކަމެކެވެ. އެއްވެސް މުސްލިމަކަށް ނަމާދަކީ ފަރުޟެއްކަން ނުވަތަ ވާޖިބެއްކަން ނޭންގި އޮތުން މުސްތަޙީލް މިންވަރަށް، މި އަޅުކަމުގެ ހުކުމަކީ އެނގި ބަޔާންވެފައިވާ މަޝްހޫރު ކަމެކެވެ.
އަޙުކާމު ތަކުގެތެރެއިން ނަމާދަކީ اللَّهގެ ނަބިއްޔާ ދުނިޔެ ދޫކުރައްވައި ވަޑައިގަތުމުގެ ކުރިން އުއްމަތަށް ކުރެއްވި އެންމެ ފަހުގެ ވަސިއްޔަތެވެ. رسول الله صلى عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ﴿ الصَّلاَةَ الصَّلاَةَ وَمَا مَلَكَتْ أَيْمَانُكُمْ ﴾ މާނައީ: “ނަމާދަށް ރައްކާތެރިވާށެވެ! ނަމާދަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނަށް ކަމޭ ހިތާށެވެ!
ކަން މިހެން އޮތް ނަމަވެސް ނަމާދަށް ފަރުވާ ކުޑަކޮށް ނަމާދު އަޅާމީހުން ގިނައެވެ. ނަމާދު އަޅާމީހާއާ اللَّه ބަރީއަވެވޮޑިގެންވާކަން މާތް ނަބިއްޔާގެ ނަސްފުޅުން އެނގެއެވެ. رسول الله صلى عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. ﴿ لا تتركِ الصَّلاةَ مُتعمِّدًا، فإنَّ مَن تركَّ الصَّلاةَ مُتعمِّدًا فقد برِئتْ منهُ ذمَّةُ اللهِ ﴾ މާނައީ: “ތިބާ ގަސްތުގައި ނަމާދު ދޫކޮށްނުލާށެވެ. އެހެނީ ގަސްތުގައި ނަމާދު ދޫކޮށްލައިފިމީހާއީ اللَّهގެ ޒިންމާއިންނާއި اللَّهގެ ރަސޫލާގެ ޒިންމާއިން ބަރީއަވެގެންވާ މީހެކެވެ. މުރާދަކީ އެމީހަކަށް އެއްވެސް ޢަހުދެއް އަދި އަމާންކަމެއްނެތެވެ.”
ހަމަ އެގޮތަށް ނަމާދު އަޅާމީހާ ކާފިރުންގެ ސިފައިން رسول الله صلى عليه وسلم ސިފަކުރައްވާފައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. ﴿ العَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ ﴾ މާނައީ: “އެއުރެންނާއި އަހުރެމެންނާ (އެބަހީ: މުނާފިގުންނާއި މުސްލިމުންނާ) ދެމެދުގައި (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، (ނަމާދުގެ ވާޖިބުކަމަށް އިންކާރުކޮށް) ނަމާދުއަޅައިފިމީހާ، (ދަންނާށެވެ.) ހަމަކަށަވަރުން، (އޭނާ) ކާފިރުވެއްޖެއެވެ.” އެހެން ޙަދީޘެއްގައި ވެއެވެ. “އަޅާއާއި ކާފިރުކަމާއި ދެމެދުގައިވާ ފަރަގަކީ ނަމާދު ދޫކޮށްލުމެވެ.”
ލޮބިވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދަކީ ވަޤުތު ކަނޑައެޅިގެންވާ ގޮތުގައި އަދާކުރުމަށް މުއުމިނުތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު އަޅުކަމެކެވެ. އަދި ނަމާދުތަކުގެ ވަޤުތުތައް ސުންނަތުގައިވަނީ ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައެވެ. އަދި ނަމާދު ވަޤުތު ފާއިތުވަންދެން ނުކޮށް ހުރުމަކީ ނުރައްކާތެރިކަން ބޮޑު ފާފައެކެވެ. ނަމާދަށް ރައްކާތެރިވެލައްވާށެވެ!
މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޢިލްމުވެރިންގެ ފަތުވާތަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް