ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމަށް ވ. އާރަށް ކުއްޔަށްދިނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެ މައްސަލައިގާ މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދެއްވަމުން ޢަބްދުﷲ ޒިޔަތު ވިދާޅުވީ އާރަށުގެ މުޢާމަލާތް ކުރިއަށް ގެންދިޔައީ ރައީސް ޔާމީން އަންގަވައިގެންކަމަށެވެ.
މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އާރަށުގެ މުޢާމަލާތް ހިނގައިދިޔަ ގޮތާއި، މިކަމާގުޅޭ ގިނަ ސުވާލުތަކެއް ޒިޔަތަށް ކުރިމަތިކޮށްފައިވާއިރު، ޒިޔަތު ވިދާޅުވީ މިމުޢާމަލާތް ކުރިއަށް ގެންދިއުމަށް އޭނާއަށް އެންގެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބް މެދުވެރިކޮށްކަމަށެވެ.
އޭނާ ވިދާޅުވީ ޔޫސުފް ނައީމްގެ ޖޫޓީ ޕްރައިވެޓް ލިމިޑެޓާއެކު އެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2015ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހުކަމަށާއި ސޮއި ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ މީޓިންގ ރޫމްގައި އަދީބާއި، ޔޫސުފް ނަޢީމާއި، އިޓަލީގެ ވިޔަފާރިވެރިޔާ އާއި ހެކިވެރިއެއްގެ ހާޒިރުގައި ކަމަށެވެ.
ޒިޔަތު ވިދާޅުވީ އާރަށް ކުއްޔަށް ދިނުމަށް ފުރަތަމަ ކުރެވުނު މަޝްވަރާތަކުގައި ނިންމީ ފަސް މިލިޔަން ޑޮރަލަށް ދޭންނަމަވެސް އެއަގު ބޮޑުވުމުން ސީދާ ރައީސް ޔާމީން އަންގަވައިގެން އެއަގު ތިން މިލިޔަން ޑޮލަރަށް ކުޑަކުރިކަމަށެވެ. އެކަމަކު އެއްބަސްވުން ސޮއިކޮށްފައިވަނީ އެއަށްވުރެވެސް ކުޑަކޮށް ދެ މިލިޔަން ޑޮލަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެއްބަސްވުމުގައި ސޮއި ކުރުން ރައީސް ޔާމީން ވަރަށް އުފާވާނެ ކަމަށާއި އެމަނިކުފާނަށް އެއްމިލިޔަން ޑޮލަރު ދެއްވިކަމަށް ޔޫސުފް ނައީމް އޭނާގާތުގައި ދެންނެވިކަމަށް ވެސް ޒިޔަތު ވަނީ މިއަދުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ވިދާޅުވެފައެވެ.
ދައުލަތުގެ އިތުރުން ދިފާއުން ވަނީ ރަށްތައް ކުއްޔަށް ދޫކުރަމުންދިޔަ އުސޫލާއި، ރަށްތަކަށް ދޫކުރި އަގުތަކާގުޅޭގޮތުން ޒިޔަތާ ސުވާލު ކުރިމަތިކޮށްފައެވެ. އެސުވާލުތަކުގެ ޖަވާބުގައި ޒިޔަތު ވިދާޅުވީ ރަށްތައް ކުއްޔަށް ދޭނެ އުސޫލުތަކާއި ފޯމިއުލާތަކެއް ކަނޑައެޅިފައިވާނެކަމަށެވެ.
މިއުސޫލުގެ ތެރެއިން އާރަށް ކުއްޔަށްދޭން ފުރަތަމަ ނިންމި ނަމަވެސް އަގަށް ބަދަލުގެނެސް ނުއަގުގައި ކުއްޔަށް ދިނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ޒިޔަތު ވަނީ ވިދާޅުވެފައެވެ.
ޒިޔަތު ވިދާޅުވީ މިހެކިބަހާ ގުޅިގެން އޭނާއަށް ދައުލަތުން މިހާރު ތަންފީޒު ކުރަމުންދާ ހުކުމަށް އެއްވެސް ލުޔެ ދީފައި ނުވާކަމަށެވެ. މިހާރުވެސް ގެންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ކޮށްފައިވާ ހުކުމް ތަންފީޒު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް