ސުވަރުގޭގެ އަހުލުވެރިންނަށްޓަކައި މާތް ﷲ ތައްޔާރުކުރައްވައިފައިވާ ގަނޑުވަރުތަކަކީ، ފުރިހަމަކަމުގެ އިންތިހާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެވެ.
ސުވަރުގޭގެ މަތިވެރި ނިއުމަތްތަކުގެ މައްޗަށް ޚާއްސަކޮށްފައިވާ ޚުތުބާގައި ބުނީ ސުވަރުގެވަންތަވެރިންގެ ކާބޯތަކެއްޗަކީ ލައްޒަތާއި މީރު ރަހަތަކާއި ހިތްހަމަޖެހުން، އެންމެ މަތީ ދަރަޖައަށް ލައްވާފައިވާ ތަކެތި ކަމަށެވެ. އަދި ސުވަރުގެވަންތަވެރީން ތިބޭނީ ފުރިހަމަ ޒުވާންކަންމަތީގައި ކަމަށެވެ.
އެމީހުންނަށް މުސްކުޅިވުމެއް، ބަލިކަށިކަމެއް، ވަރުބަލިކަމެއް، ބަލިވުމެއް، ހިތްހަމަނުޖެހުމެއް ކުރިމައްޗެއް ނުވާނެ ކަމަށާއި ސުވަރުގޭގައި ގާތްތިމާގެ މީހުންނާއި، ރަޙްމަތެރިންނާއި ބައްދަލުވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ސުވަރުގެވަންތަވެރިން ތަންތަނަށް ޖަމާވެ، އުފަލުގައި ވާހަކަ ދައްކައި އުޅޭނެ ކަމަށާއި އެމީހުންގެ މެދުގައި އޮންނާނީ ލޯތްބާއި، ކަމޭހިތުމާއި، އަޅައިލުން ކަމަށް ވެސް ބުނެފައިވެއެވެ. އަދި ރުޅިވެރިކަމާއި، ހަސަދަވެރިކަން ފަދަ ސިފަތަކުން އެމީހުން ވާނީ ރައްކާތެރި ކުރައްވާފައި ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް