ބަރުލަމާނީ ނިޒާމަށް ތާއިދު ނެތްކަން މާދަމާ ބާއްވާ އެމްޑީޕީގެ ކޮންގްރެސްއިން ހާމަވާނެ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ނިޒާމު ބަދަލު ކުރުމުގެ ގަރާރަކީ މިވަގުތު ގައުމަށް މުހިންމު ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ވޯޓަކަށް ދިއުމަށްވުރެ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.
އަހުމަދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު އޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ދައުލަތުގެ ބަޖެޓުން ބޭކާރުވާ އެތައް މިލިއަން ރުފިޔާއެއް ކަމަށެވެ. އެއީ މިހާރު ކުރަމުންދާ ބަރުލަމާނީ ބަހުސްގެ ތެރެއިން ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ ތާއީދު އެކަމަށް ނެތް ކަން ހާމަވެފައިވާ ކަމަށެވެ.
އަހުމަދު ވިދާޅުވީ އެމްޑީޕީ މެމްބަރުންނަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކޮންމެ ކަމެއްގައިވެސް މަޝްވަރާ ކުރަން ތއްޔާރަށް ތިބި ބައެއް ކަމަށެވެ. އެހެން ކަމުން އެއީ ކޮންމެ ފަދަ މައްސަލައެއް ކަމަށްވިޔަސް އެކަމާއި ގުޅޭގޮތުން ބަހުސްކޮށް ގޮތެއް ނިންމާނެ ކަމަށެވެ.
އޭނާ ދެކެވަޑައިގެންނަވާގޮތުގައި މި ގަރާރު ކޮންގްރެސްއަކުން ފާހެއް ނުވާނެ އެވެ.
އިތުރަށް ވިދާޅުވީ މި ގަރާރަކީ ވެރިކަމުގެ ދަހިވެތިކަމުގައި ނުވަތަ ވަކި މަގުސަތެއް ހާސިލް ކުރަން ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް