އދގެ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ބަޙްރައިނަށް ވަޑައިގެންފި

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ބަޙްރައިން އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ. ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރ...

24 Jan 2022 | 06:26

އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ބަޙްރައިން އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.

ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީ އާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން އދ އާއި ބަޙްރައިންއާ ދެމެދު ގުޅުން ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާ ގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މަނާމާގައި ޤާއިމްވެފައިވާ އދގެ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ މުޙައްމަދު ޒަރްޤާނީ އާއެކު މަޝްވަރާކުރެއްވިއެވެ.

ބަޙްރައިންގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް އަދި ސުޕްރީމް ކައުންސިލް ފޮރ އެންވާރަމަންޓްގެ ޗީފް އެގްޒެކެޓިވް ޑރ. މުޙައްމަދު ބިން މުބާރާކް ބިން ދާއިނާ އާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ކޮޕް 26 ގެ ނިންމުންތަކާއި އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް