ރައީސް ޢަބްދުﷲ ޔާމީންގެ އިސްތިއުނާފުގެ މައްސަލައަކީ ގާނޫނާ ޚިލާފު މައްސަލައެއް ކަމަށް ދައުލަތުން ބުނެފި އެވެ.
އިސްތިއުނާފް ކުރި ފަރާތުން ދެއްކި ވާހަތަކަށް ރައްދު ދިނުން މިއަދު ކުރިއަށް ގެންދާ އިރު، ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުން ފުރަތަމަ ފާހަގަ ކުރެއްވީ ރައީސް ޔާމީން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނާއި ސުޕްރީމް ކޯޓުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ހައި ކޯޓުގައި ހިނގި މައްސަލާގައި ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމެއް ކޮށްފައި އޮތުމުން ކަމަށެވެ. އެހެންނަމަވެސް އެފަދަ ކަމެއް ނެތް ކަމަށް ވަކީލް ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފީ 22 ނުކުތާއެއް ފާހަގަ ކުރައްވާފައި ވެއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ސިވިލް ކޯޓުގައި ވަނީ އެދިފައިވަނީ ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލުހުކުމާއެކު ކޮށްފައިވާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ، ހުކުމާއި އެއްގޮތަށް ދައްކަމުން ނުދާތީ އެފައިސާ އެއްފަހަރާ ދެއްކުމުގެ އަމުރަކަށެވެ.
ރައީސް ޔާމީން މިހާރުވެސް ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒްކުރައްވަމުން ގެންދަވާއިރު، އިތުރު ޝަރީއަތްތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުން ނެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރެއްވުމާއި މަނީލޯންޑަރިންގެ ކުށުގެ ދަޢުވާ ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފަ އެވެ. އެއީ ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް