މި އިނީ މިނިވަން ކަމާއެކު، އެއްވެސް ހުރަހެއް ނެތް: މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ގޮނޑިފުޅުގައި އިންނެވީ މިނިވަން ކަމާއެކުގައި ކަމުގައި އެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލިސް ރައީސް މިހެން ވިދާޅުވީ މިއަދު މަޖިލީހު...

24 Feb 2025 | 09:11

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ ގޮނޑިފުޅުގައި އިންނެވީ މިނިވަން ކަމާއެކުގައި ކަމުގައި އެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ މިއަދު މަޖިލީހުގެ ތަޅުމުގައި ބަހުސް މަރުޙަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާޢީލު އަޙްމަދު ނަސީމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ރިޔާސަތުން ވާހަކަފުޅު ދަންނަވަމުންނެވެ.

"އިއްޒަތްތެރި މެންބަރަކަށް އެނގިވަޑައެއް ނުގަންނަވާނެ އަޅުގަނޑުގެ ޞިއްޙީ ހާލަތެއްވެސް އަދި ދިރިއުޅުމުގެ ހާލަތެއްވެސް އެހެން ހާލަތެއްވެސް، މީނީ މިނިވަންކަމާއެކީގަ، މިގޮނޑިއަށް އަޅުގަނޑު އިންތިޚާބުކޮށްދެއްވީ މި ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުން، އަޅުގަނޑަކަށް އެއްވެސް ހުރަހެއް މިތާނގަ ނެތް" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީކާޢީލުގެ ވާހަކަފުޅުގައި ވެރިކަމުގައިވެސް އިންނެވީ ޑރ. މުޢިއްޒު ކަމަށާއި މަޖިލީހުގެ ރައީސް ކަމުގައިވެސް އިންނެވީ ޑރ. މުޢިއްޒު ކަމުގައި ވިދާޅުވިއެވެ. މީކާޢީލުގެ ވާހަކަފުޅު ހުއްޓުވައި މަޖިލިސް ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އިނީކީ ޑރ. މުހައްމަދު މުއިއްޒެއް ނޫން ކަމަށެވެ.

"މަޖިލީހުގެ ރައީސް ކަމުގައި މި އިނީ އަޅުގަނޑު އަބްދުއްރަހީމް އަބްދުﷲ، މިވަރުގެ އޮޅުވާލުން އޮޅުވާލުމަކީ މަޖިލިސް މެންބަރު ކުރަންޖެހޭ ވަރުގެ ކަމެއް ނޫން" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ހުށަހެޅި ބަހުސް ކުރިއަށްދިޔަ ބިލުގެ ބަދަލުގައި މީކާޢީލުގެ ވާހަކަފުޅު ބޮޑަށް އަމާޒު ކުރެއްވީ މިއަދު މަޖިލީހަށް ހުށަހެޅިގެންދިޔަ، ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ކުރުމުގެ ބިލަށް ކަންބޮޑުވުން ފާޅު ކުރެއްވުމަށެވެ.

އެކަމާއި ގުޅުވައި މަޖިލިސް ރައީސް ވިދާޅުވީ ބިލެއް ހުށަހެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމެއް ނޫން ކަމަށާއި މަޖިލީހަކީ މުތުލަގަށް ގާނޫނު އަސާސީއަށް އިސްލާހު ގެނެސް ގާނޫނުތައް ހެދުމުގެ ބާރު އޮންނަ މަޖިލީހެއް ކަމަށެވެ. މަޖިލީހަށް ބިލެއް ހުށަހެޅުމަކީ މަޖިލިސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނިއްޔޭ ވިދާޅުވުން ބަލައިނުގަނެވޭނެކަމުގައިވެސް މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް